ރާއްޖޭގެ ހަތް ރަށެއްގައި ސަރުކާރުން އަޅަން އިއުލާނުކޮށްފައިވާ ހޮސްޕިޓަލްތަކަށް ބޭނުންވާ ފައިސާ ހުރީ ހަމަޖެހިފައި ކަމަށާއި އެ ހޮސްޕިޓަލްތަކުގެ އަމަލީ މަސައްކަތްތައް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ، ކ. ތުލުސްދޫ، އދ. މާމިގިލި، ވ. ފެލިދޫގެ އިތުރުން ތ. ވިލުފުށީގައި ހޮސްޕިޓަލް އަޅަން ސަރުކާރުން އިއުލާނުކުރީ އެޕްރީލް 5، ގަ އެވެ.
"އަދަދު"އަށް މިއަދު ދެއްވި ހާއްސަ އިންޓަވިއުއެއްގައި ނަސީމް ވަނީ އެ މަޝްރޫއު އާ ގުޅޭ ބައެއް މައުލޫމާތުތައް ހިއްސާކުރައްވާފަ އެވެ.
"މިއަހަރުގެ ތެރޭގައި އަޅުގަނޑުމެން ހުރިހާ ހޮސްޕިޓަލެއްގެ މަސައްކަތް ވެސް ފަށާނަން. އަޅުގަނޑުމެނަށް ފައިނޭންސް އާއި ހުރިހާ ކަމެއް ވެސް ހަމަޖެހިފައި ހުރީ،" ނަސީމް ވިދާޅުވި އެވެ.
އަމަލީ މަސައްކަތް ފަށާތާ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ހޮސްޕިޓަލްތަކުގެ މަސައްކަތް ނިންމޭނެ ކަމަށް ނަސީމް ވިދާޅުވި އެވެ. އަދި، އާ ހޮސްޕިޓަލްތައް ތަރައްގީ ކުރަމުންދާއިރު މިހާރު އެ ރަށްރަށުގައި ހުރި ސިއްހީ ހިދުމަތްދޭ ތަންތަން ވެސް ރަނގަޅު ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެބަ ޖެހޭ ޕެރަލަލްކޮށް [އެކުއެކީ] ހޮސްޕިޓަލް ހަދާއިރު އެތަންތަނުން ދޭން ޖެހޭ ހިދުމަތްތައް ރަނގަޅު ކުރަން. ދެ އަހަރު ވަންދެން ހިދުމަތް ރަނގަޅުކޮށް ވެސް ނުތިބެވޭނެ. އެކަން އަޅުގަނޑުމެން ކުރަމުން މިދަނީ،" ނަސީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ހޮސްޕިޓަލްތަކަކީ ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތަކެއް ނޫނެވެ. އަދި، އާންމު ހޮސްޕިޓަލަކުން ލިބޭ ހިދުމަތްތައް ލިބޭނެ ކަމަށް ނަސީމް ފާހަގަކުރެއްވި އެވެ.
"އޭގެ ތެރޭގައި 30 ބެޑުގެ ހޮސްޕިޓަލާއި 50 ބެޑުގެ ހޮސްޕިޓަލް އުޅޭނެ. ބޮޑެތި ތަންތަނުގައި 50 ބެޑުގެ ހޮސްޕިޓަލް އަދި އެއަށްވުރެ ކުދި ތަންތަނުގައި 30 ބެޑުގެ ހޮސްޕިޓަލް. މި ދެ ކެޓަގަރީ އަޅުގަނޑުމެން މި ގެންގުޅެނީ،" ނަސީމް ވިދާޅުވި އެވެ.
ހޮސްޕިޓަލްތައް ޑިޒައިން ކުރުމަށް ހަވާލުކުރި މީހުންގެ މަސައްކަތް ވަރަށް ބޮޑަށް ލަސްވެގެންދިޔަ ކަމަށް ނަސީމް ވިދާޅުވި އެވެ. ވަކިން ހާއްސަކޮށް ހދ. ކުޅުދުއްފުއްޓާއި ގދ. ތިނަދޫގައި ގާއިމުކުރާ 100 އެނދުގެ ހޮސްޕިޓަލްތައް އޭނާ ފާހަގަކުރެއްވި އެވެ.
"ވަރަށް ބޮޑަށް ލަސްވި އެކަންތައްތައް [ޑިޒައިން މަރުހަލާ]. 40 ދުވަސް ތެރޭގައި ސަބްމިޓު ކުރާ ގޮތަށް އޮތީ."
ހަތް ހޮސްޕިޓަލު އަޅާނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައި އޮތީ އެ މަސައްކަތަށް ޝަރުތުހަމަވާ ބަޔަކު ބަލާނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގް (އައިސީބީ) އުސޫލުގެ މަތިން ކަމަށެވެ. އަންނަ މަހުގެ ހަޔެއްގެ ނިޔަލަށް ބިޑުތައް ބަލައިގަންނާނެ އެވެ.













