ހަނދާންތަކުން: ޒާހިރު ނަސީރު ދެއްވި ކެރަމް ބޯޑާއި، ގަޑިއަށް ފަރުވާތެރިވުމުގެ ފިލާވަޅު!

ހަނދާންތަކުން: ޒާހިރު ނަސީރު ދެއްވި ކެރަމް ބޯޑާއި، ގަޑިއަށް ފަރުވާތެރިވުމުގެ ފިލާވަޅު!

ކުރިން މާލޭގެ ބައެއް ގޭގޭގައި، ވަރަށް ގިނައިން ކެރަމް ކުޅެ އުޅުނެވެ. ގެއެއްގައި ހިތާނުކުރިޔަސް ކެރަމް ބޯޑެއް ބަހައްޓާނެ އެވެ. ރޯދަމަހު ވެސް ކެރަމް، ރާޒުވާ އަދި ތާސް ފަދަ ކުޅިވަރުތައް ކުޅެހަދަ އެވެ. ގޭގޭގެ ގޯތިތެރޭގަ އާއި މަގުމައްޗަށް ހިޔާވާ ގޮތަށް އޮންނަ ގަސްތަކުގެ ދަށުގަ އެވެ. ކެރަމް ކުޅުމުގެ ފޯރި ކެނޑެން ފެށީ ބޯތަށިތަކުގެ އެހީގައި ބޭނުން އިރަކު ބޭނުން އެއްޗެއް ޓީވީން ބަލައިލުމުގެ ފުރަސަތު ފަހިވާން ފެށީމަ އެވެ. އަދި ކޭބަލް ޓީވީގެ ހިދުމަތް ތައާރަފު ވުމުން މުޅިން ހެން އެ ކަހަލަ ކުޅިވަރު ގޭގޭގައި ކުޅުން ހުއްޓުނު ކަހަލަ އެވެ.

ރޯދަމަސް ގާތްވެފައި ވަނިކޮށް، އަޅުގަނޑުގެ އަންހެނުންގެ ގޭގެ ފަހަރިންނާއި ޅިޔަނުން ބޭނުންވީ، ރޯދަމަހު ހަވީރު މުނިފޫހި ފިލުވައިލުމަށް ކެރަމް މުބާރާތެއް ބޭއްވުމަށެވެ. ގޭގައި ހުރި ބޯޑަކީ ވަރަށް ކުރީގެ ބާ ބޯޑަކަށް ވުމާއެކު ރަނގަޅު، މޮޅު ބޯޑެއް ހޯދުމަށް ނިންމި އެވެ. ނަމަވެސް ގަންނަން ބަލާއިރު، މުބާރާތް ކުޅޭ ކަހަލަ މޮޅު ބޯޑެއްގެ އަގު ތަންކޮޅެއް ބޮޑެވެ.

އަޅުގަނޑާ ހަވާލުވި ކަމަކީ ކޮންމެވެސް ތާކުން ބޯޑެއް ހޯދުމެވެ. ގައުމީ ފެންވަރުގައި ކެރަމް ކުޅޭ ކުޅުންތެރިއަކަށް ގުޅައިލައިފީމެވެ. އޭނާ ބުނީ، ޒާހިރު ނަސީރު އަތްޕުޅުގައި އެންއެސްއޭގެ ކެރަމް ބޯޑު ހުންނާނެކަމަށެވެ. އަދި ތިޔަ ކަހަލަ ކަމަކަށް ވަގުތީ ގޮތުން ބޯޑެއް ދެއްވަ ފާނެކަމުގަ އެވެ.

އަލްމަރުހޫމް ޒާހިރު ނަސީރަކީ، 1980 ވަނަ އަހަރު ޒުވާނުންގެ މަރުކަޒު އުފެދުނީއްސުރެ، އެތަނުގައި އުޅުނު ކުދިންނާ ހާއްސަ ރަހުމަތްތެރި ކަމެއް ބާއްވަމުން އަންނަ ބޭފުޅެކެވެ. އެކި ފަހަރުމަތިން އެކި ކަހަލަ ހަރަކާތްތަކުން އަހަރެންނާ ވެސް ބައްދަލުވެ ރަހުމަތްތެރިކަމެއް ވަނީ އުފެދިފަ އެވެ. އަދި ޒާހިރު މަސައްކަތް ކުރައްވާ އޮފީހަށް ވެސް ދޭތެރެ ދޭތެރެއިން ގޮސް ހަދަމެވެ.

ޒާހިރު ނަސީރާ ބައްދަލުކޮށްލުމަށްޓަކައި އެބޭފުޅާ މަސައްކަތް ކުރައްވާ ތަނަށް ހިނގައްޖައިމެވެ. އެ ތަން ހުންނަނީ ވެލާނާގޭގެ ފުރަގަހުގަ އެވެ. އެއީ ދެ ފަންގިފިލާއަށް ހަދާފައި ހުންނަ އޮފީސް އިމާރާތެކެވެ. އެ ތަން އިމާރަތްކުރީ ރައީސް އިބްރާހީމް ނާސިރުގެ ދައުރުގަ އެވެ. މާ ބޮޑު ތަނެއް ވެސް ނޫނެވެ. ކުޑަ އިމާރާތެކެވެ. ދާދި ފަހަކާ ޖެހެންދެން ވެސް އެ ތަން ހުއްޓެވެ. އެންމެ ފުރަތަމަ އޮލިމްޕިކް ކޮމެޓީ ހިންގީ ވެސް އިމާރާތުގަ އެވެ. އިމާރާތުގެ ބޭރުގައި ވަރަށް ގިނަ ނަންފިލާގަނޑު ހުރެއެވެ. އެޑްވައިޒަރު އޮން ޔޫތު ވެލްފެއާ އެންޑް ރިކްރިއޭޝަން، މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ، އެންއެސްއޭ، މި ފަދައިން ލިޔެފައިވާ ބޯޑުތަކެވެ. ޒާހިރުގެ މަގާމަކީ ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރު ކަމެވެ. އެ މަގާމުގެ ބޯޑު ވެސް އިމާރާތުގެ ބޭރުގައި ހުރެ އެވެ.

އެއީ ގިނަ މުވައްޒަފުން އުޅޭ އޮފީހެއް ވެސް ނޫނެވެ. ޒާހިރުގެ އިތުރުން ދެން އުޅޭނީ އާދަމް ޒާހިރުއޭ ކިޔާ ކުއްޖެކެވެ. ޒާހިރު ނަސީރު އޭނާއަށް ދެއްވާފައި އޮންނަ ނަމަކީ އެޑަމް އެވެ. އޭނާއަކީ ހުރިހައި ކަމެއްގެ ހަވާލުދާރެވެ. ދެން އުޅޭނީ އެންއެސްއޭގެ ހަރަކާތްތަކުގައި އުޅޭ ވޮލަންޓިއަރުންނެވެ. އޭގެތެރެއިން، މިހާރުވެސް ހަނދާނަށް އަންނަ ނަންތަކަކީ ބިއުޓީނައިޓް އަޙްމަދު މުހައްމަދު (ދޮނާ) ދަކަނދާމާގޭ އަބްދުލްހަކީމް، އަސަރީއާގޭ މޫސާ ސަމީރެވެ.

އެ މީހުނަށް ގޮނޑި މޭޒެއް ނުހުންނާނެ އެވެ. އެ ވަގުތަކު ޖެހުނު ކަމެއް އެތަނަށް ވަދެ ކޮށްލާނީ އެވެ. ތަންތަނަށް ގެންދަން ޖެހޭ ލިޔެކިޔުންތައް ގެންދިއުމާއި މީހުންނަށް ލިސްޓަށް ކިއުމެވެ. އޭރު ހުރިހައި ގެއެއްގައި ފޯނެއް ނުހުރެ އެވެ. އަދި މޯބައިލް ވެސް ތައާރަފެއް ނުވެ އެވެ. ޕޭޖަރު ކިޔާ އެއްޗެއް ގެންގުޅެ އެވެ. އެ ވެސް ގެންގުޅެނީ ސިފައިން ނުވަތަ ސަރުކާރުގެ އިސް މީހުންނާއި ބައެއް ވިޔަފާރިވެރިންނެވެ. އަދި އޮފީސްތަކުގެ މުހިންމު މުވައްޒަފުން އަތުގައިވެސް ޕޭޖަރު އޮވެ އެވެ. އެއަށް ލިބޭނީ، ގުޅައިލަން ބޭނުންވާކަމުގެ މެސެޖެއްގެ ފޯނު ނަންބަރެކެވެ. އެ ނަންބަރު ލިބުމާއެކު އެންމެ އަވަހަށް ފޯނެއް ހުރި ތަނަކުން އެ މީހަކު އެ ނަންބަރަށް ގުޅައިލާނީ އެވެ. ގުޅެން ނެތްނަމަ، އޮފީހުން ހޯދާކަން އެނގުނީ އެވެ.

ޒާހިރު ނަސީރު އިންނަވާ އޮފީހަށް ވަދެވޭނީ މެދުޒިޔާރަތް މަގުންނެވެ. ރޭގަނޑު އިޝާ ނަމާދުން ފައިބައިގެން ބައިސްކަލުގައި އެ ތަނަށް ހިނގައްޖައީމެވެ. އެއީ 1990 ގެ މެދުތެރޭގެ އަހަރުތަކުން ރެއެކެވެ. ރޯދަ އަންނަން އޭރު އޮތީ ދެ ދުވަހެކެވެ. ދޮރުގައި ޓަކިޖަހައިލުމުން ދޮރު ހުޅުވައިލެއްވީ ޒާހިރު ނަސީރެވެ.

ޒާހިރުގެ އާންމު ބަހުން ވިދާޅުވި އެވެ. “އަނހާ، އަވަހަށް ވަދޭ ވަދޭ.. ހާދަ ދުވަހެއް ކޮށްލާފައި ތިޔަ ފެނުނީ! ކޮންތާކު ތިޔަ އުޅެނީ! ހަބަރެއް ދަބަރެއް ނުވެ… އިށީނދޭ… ކުޑަ ވަގުތުކޮޅެއް ވާނެ … ޖެހޭނީ މަޑު ކޮށްލަން… މިކަން ހަމަ މިހާރު އެބަޖެހޭ ނިންމަން... އެންއެސްއޭ ވޮލީ މުބާރާތުގެ ގުރުއަތުލުން ވެސް މާދަން އޮންނާނެ….”

މި ހުރިހައި ވާހަކައެއް ދައްކަމުން ދިޔައިރުވެސް ގެންގުޅުއްވާ މޮނީޓަރު ފޮތުގައި ދިޔައީ ލިޔުއްވަމުންނެވެ. ތާނަ އަކުރުންނެވެ. ސާފުކޮށް ކިޔަން އެނގޭނޭހެން ބޮޑެތިކޮށެވެ. އެ ފޮތަކީ އެކި ފަހަރުމަތިން އަޅުގަނޑަށް ފެނިފައިވާ ފޮތެކެވެ. އެއް ފޮތް ފުރުމުން އަނެއް ފޮތެވެ. އެ ދުވަހަކު ޒާހިރު ހިންގެވި ހަރަކާތްތަކުގެ ޔައުމިއްޔާ ލިޔާ ފޮތެވެ. އަދި ހަބަރު ލިޔާ ފޮތެއް ވެސް ގެންގުޅުއްވައެވެ.

ޒާހިރުގެ މިޒާޖު ހުންނަ ގޮތް، ކޮންމެވެސް ވަރަކަށް ދަސްވެފައި ވާތީ، ކުރަން ބޭނުންވާ ކަންތައް ނުވަތަ ހޯދަން ބޭނުންވާ އެއްޗެއްގެ ވާހަކަ ކުއްލިއަކަށް ބުނުން ރަނގަޅު ނުވާނެކަން އެނގެ އެވެ. އެއްގޮތަކަށް ވެސް އެއްޗެއް ވިދާޅުނުވެ، ހަމަ ލިޔުއްވަނީ އެވެ. ދޭތެރެއަކުން ފޯނު ކޯލެއް ވެސް އާދެ އެވެ. ދެތިން ބަހެއް ވިދާޅުވެފައި އަތްގަނޑު ބާއްވަވަނީ އެވެ. އެގޮތަށް 45 މިނެޓެއް ހާއިރު ވީ ފަހުން ފޮތް ލައްޕާލައްވާފައި ވިދާޅުވިއެވެ.

“ކިހިނެއް ކިހިނެއް؟ ކޮންކަމަކުތަ ތިޔަ އައީ…؟ ކޮންތާކުގައިތަ ތިޔަ އުޅެނީ؟ ހަސަން މަނިކު ކޮބައިތަ؟” ދެން ވަޒީފާގެ ވާހަކައާއި ހަސަން މަނިކުގެ ވާހަކައާއި ޒުވާނުންގެ މަރުކަޒުގެ ވާހަކަ އާއި މިކަހަލަ ވަރަށް ގިނަ ވާހަކަތައް ދެކެވިއްޖެ އެވެ. ހަސަން މަނިކަކީ، ޒުވާނުންގެ މަރުކަޒުގެ ހަރަކާތްތަކުގައި ވަރަށް އިސްކޮށް އުޅުނު މީހެކެވެ. އަޅުނގަޑާއެކު ޒާހިރު އަރިހަށް ގޮސް އުޅުނެވެ.

ދެން އަޅުގަނޑު އައި ބޭނުމުގެ ވާހަކަ ދެންނެވީމެވެ.

"ބޯޑެއް ދޯ... މިހާރު ބޯޑު ދޫނުކުރާގޮތަށް މި އޮންނަނީ... ސަބަބަކީ ގެންދާ ބޯޑު ބަލައި އަހަރެމެން މި ޖެހެނީ ދާން... ވަރަށް ރީތިކޮށް ވާހަކަ ދައްކާފައި ބޯޑު ގެންދަނީ... އަހަރެމެން މުބާރާތް ބާއްވަން ބޭނުން ވާއިރު ބޯޑެއް ނުލިބޭ…" ޒާހިރު ވިދާޅުވި އެވެ.

އަހަރެން ބުނީމެވެ. ތިޔަހެނެއް ނަހަދާނަމެވެ. ހަމަ ވިދާޅުވާ ދުވަހަކަށް، ބޯޑު ރައްދުކޮށްދޭނަމެވެ. ދެން އިރުކޮޅަކު ވިސްނަން އިންނަވާފައި ވިދާޅުވެއްޖެ އެވެ.

"އެއް ފުރުސަތު ދެވިދާނެ... އެކަމަކު ޖެހޭނީ އަހަރެމެން ކަނޑަ އަޅާ ޝަރުތުތަކަށް ރުހި ގަބޫލުވާން... އެކަން ފޮތުގައި އޮންނާނެ... ސޮއި ކުރުމަށް ފަހު، ބޯޑު ލިބޭނީ... އެކަމަކު މިރޭ، މި ވަގުތަކު ބޯޑެއް ނުލިބޭނެ... ބޯޑު ބަލާ އަލުން ޖެހޭނީ އަންނަން.... އެހާ ފަސޭހައިން ކަންކަން ވާތީ މީހުން ފަރުވާކުޑަ ކުރަނީ..."

ދެވަނަ ފަހަރަށް ބުނީމަ ވެސް ވިދާޅުވި އެވެ. "އަހަރެން މި ކަނޑައެޅި ތާރީހުގައި އާދޭ... އެއީ މާދަމާ ނޫން އަނެއް ދުވަހުގެ މެންދުރު އެއްގަޑި ވިހި މިނެޓް..."

އަހަރެން ބުނީމެވެ. އެއީ ހުކުރު ދުވަސް ނޫންތޯ އެވެ. ވިދާޅުވީ އެހެންވިޔަސް ބޯޑު ލިބޭނީ، އެ ދުވަހުގެ އެ ގަޑިއަށް އައުމުން ކަމަށެވެ.  

އެ ދުވަހު، ހުކުރުން ފައިބައިގެން ގެއަށް އައިސް، ޒާހިރު އަރިހަށް ހިނގައްޖައީމެވެ. ދެވުނީ އެއްގަޑި ފަންސަވީސް ވެސް ހިނގި ފަހުންނެވެ. ގައިމުވެސް ބައެއް ނުވެ އެވެ. ނަމަވެސް ބުނުއްވި ގަޑި ޖެހިއްޖެ އެވެ.

އިމާރާތުގެ ދޮރުގައި ޓަކި ދިނުމުން ދޮރު ހުޅުވައިލުމާއެކު ފެނުނީ ދުއްވަން ގެންގުޅުއްވާ ބައިސްކަލު ހިއްޕަވައިގެން ނުކުންނަވާ ތަނެވެ. ނުކުންނަވާފައި ވިދާޅުވީ، މިހާރު ޝިޔާމަށް ދީފައިވާ ގަޑި ހަމަވެގެން އޮފީސް ބަންދު ކުރަނީކަމަށެވެ. ވީމާ ދެން މި ވަގުތު ބޯޑު ނުލިބޭނެ ކަމަށެވެ. ތިޔަކަމާ ވާހަކަ ދައްކަން އަލުން ޖެހޭނީ އަންނާން ކަމަށެވެ.

ދެން ހަމަ އެހެން ގޮތެއް ނޯންނާނެ ތޯއެވެ؟ އަހާލީމާ، ވިދާޅުވި އެވެ. ގަޑި އެއީ ގަޑި އެވެ. ޝިޔާމުމެން ތީ ޒުވާނުންގެ ކްރީމް ކޮޅެވެ. އެހެންވީއިރު ގަޑިއަށް ފަރުވާ ބަހައްޓަން ވާނެ އެވެ. އަޅުގަނޑު ކުށް ގަބޫލުކޮށް، ކުރުނުކޮށް ވާހަކަ ދެއްކީމެވެ. ގޭ ކުދިން މިކަމާ ވަރަށް ދެރަވާނެކަމަށެވެ. ބޯޑު ލިބޭނެކަމުގެ ޔަގީންކަން ދިނުމުން އަލިކުރަން ބޮކި ވެސް ހޯދައިފިކަމަށެވެ. ވަރަށް އާދޭސްކުރުމުން ވިދާޅުވި އެވެ. މިރޭ އަށްގަޑި ފަނަރަ އަށް އަންނާށެވެ.

އެ ރޭ 8 ޖެހިއިރު އަޅުގަނޑު ހުރީ އެ ތާނގެ ދޮރުމަތީގަ އެވެ. ދޮރުގައި ޓަކި ޖަހައިލައިފީމެވެ. ހަބަރެއް ނުވެ އެވެ. ފަސް މިނިޓު ފަހުން އަނެއްކާ ޖަހައިލައިފީމެވެ. ހަބަރެއް ނުވި އެވެ. އަށްގަޑި 14 ގައި ކުއްލިއަކަށް ދޮރު ހުޅުވައިލައްވަވައިފި އެވެ. އަދި ވިދާޅުވި އެވެ. ވަންނާށެވެ. ވަނުމުން ކޮންމެވެސް ނޫހެއް ދެއްވައިފި އެވެ. ވިދާޅުވީ ތިޔަ ނޫހުގައި އޮތް ކުޅިވަރު ހަބަރު ކިޔައިލާށެވެ.

ގިނައިރުވެ ފޫހިވާހެން ހީވީމާ ވިދާޅުވި އެވެ. އަދި މަޑު ކޮށްލާށެވެ. ކުއްލިއަކަށް، ކުރީ ދުވަހެއްގެ ބަށިބޯޅައިގެ ހަބަރު ވީޑިއޯ ޓީވީއަށް ފޮނުވަން ޖެހިގެން އެޑަމް (އާދަމް ޒާހިރު) ވަނީ އެތަނަށް ގޮހެވެ.

އޮފީސްތެރޭގައި ހުރި ކަޅު ބޯޑަކަށް ވެސް އޮތީ އަޅުގަނޑުގެ ނަން އަރުވާފައެވެ. ކުޑައިރު ކޮޅަކުން އާދަމް ޒާހިރު އަތުވެއްޖެ އެވެ. ދެން ކެރަމް ބޯޑު ހަވާލުކޮށްފި އެވެ.  ފޮތުގައި ލިޔެ ސޮއި ކުރުވީ ވަޅު އީދު ދުވަހު ގެންނަ ގޮތަށެވެ. އަދި އަނބުރާ ކެރަމް ބޯޑު ރައްދުކުރަން ޖެހޭ ތާރީހާއި ގަޑިވެސް ޖަހާފައި އޮތެވެ.

ހަމަ އެ ވަގުތު، އެއްކަލަ ކަޅު ބޯޑުގައި، ފޮތުގައި އޮތް ހުރިހާ މައުލޫމާތު، އާދަމް ޒާހިރު ލިޔެލައިފި އެވެ.

ވަގުތަށް ކަމޭހިތަށް އެންމެ ބޮޑަށް އަޅުގަނޑަށް ދަސްވީ ޒާހިރު ނަސީރު އަރިއަހުންނެވެ.

މިވާހަކަ ކޮޅު ލިޔެމުންދާއިރު، މިއަދު ޒާހިރު ނަސީރު ދުނިޔޭގައި ހުންނެވި ނަމައޭ ހިތަށް އަރައެވެ. ޒާހިރަކީ އަބަދު ވެސް ހެޔޮ ނަސޭހަތް ދެއްވާ އަގުހުރި ބައްޕައެއް ފަދަ ބޭފުޅެކެވެ. ދިވެހި ކުޅިވަރުގެ އެންމެ މަތީ ލަގަބުގެ ހައްގު ވެރިޔާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފާޑުކިޔުންތަކާއެކު ވެސް "ދެވި" ޖާދޫގައި ބެލުންތެރިން ޖެހިއްޖެ

މަރްޔަމް އައްޒަގެ ޕްރޮޑަކްޝަނުން ނެރުނު ބިރުވެރި ފިލްމު "ދެވި" އަށް އެކި ފާޑުކިޔުންތައް އަމާޒުވި ނަމަވެސް، ބެލުންތެރިންގެ ބޮޑު ތަރުހީބަކާއެކު ފިލްމުގެ ޓިކެޓްތައް ދަނީ ހަލުވިކަމާއެކު ވިކެމުންނެވެ. އައްޒަގެ ޑަބަލް ރޯލާއި ފިލްމުގެ ފަންނީ ފުރިހަމަކަން ފާހަގަކޮށްލެވޭ މި އުފެއްދުމަކީ، ދިވެހި ސިނަމާގައި މިހާރު އެންމެ މަގުބޫލު އެއް ފިލްމެވެ.

އޮސްޓްރޭލިއާގެ އެންމެ މަގްބޫލު ރޮކްބޭންޑު އެނބުރި އަންނަނީ

އޮސްޓްރޭލިއާގެ މަގުބޫލު ރޮކް ބޭންޑް "ޕައުޑާފިންގާ" ރޫޅާލިތާ 17 އަހަރު ފަހުން، އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު އަލުން އެނބުރި އައުމަށް ބާއްވާ ޓުއާގެ ތަފުސީލުތައް ހާމަކޮށްފިއެވެ. މި ޓުއާގައި އޮސްޓްރޭލިއާގެ އެކި ސިޓީތަކުގައި ޖުމްލަ 18 ޝޯއެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިއީ ގިނަ ދުވަސްތަކަކަށްފަހު ބޭންޑުގެ ސަޕޯޓަރުންނަށް ލިބިގެންދާނެ ވަރަށް އުފާވެރި ޚަބަރެކެވެ.

އެމީލިއާ ދުއްވި ބޯޓުގެ ބައިތައް ހޯދަން މިޝަނެއް

މަޝްހޫރު އޭވިއޭޓަރު އެމީލިއާ އިއާހާޓް ގެއްލުނު ހާދިސާގެ ހަގީގަތް ހޯދުމަށް، އޭނާ ދަތުރުކުރި ބޯޓުގެ ބައިތައް ފެނިފައިވާ ކަމަށް ބެލެވޭ ނިކުމަރޯރޯ ރަށަށް އެމެރިކާގެ މެރިން އާކިއޮލޮޖިސްޓުންގެ ޓީމަކުން ދަތުރެއް ފަށައިފިއެވެ. މި މިޝަންގެ މަގްސަދަކީ ސެޓެލައިޓް ފޮޓޯތަކުން ފެނުނު ބައިތަކަކީ އިއާހާޓްގެ ބޯޓުގެ ބައިތައްކަން ކަށަވަރުކޮށް، 20 ވަނަ ގަރުނުގެ އެންމެ ބޮޑު އެއް ސިއްރު ހައްލުކުރުމެވެ.

"އެވެޓާ"ގެ އާ ސީރީޒް އިއުލާންކޮށްފި

މަގުބޫލު "އެވެޓާ" ފްރެންޗައިޒްގެ އާ އެނިމޭޓެޑް ސީރީޒް "އެވެޓާ ކުރުކް: ވޭވް އޮފް ކޭއޯސް" ނިއުޔޯކް ކޮމިކް ކޮންގައި ވަނީ އިއުލާންކޮށްފަ އެވެ. ޕެރަމައުންޓް ޕްލަސް އިން ދެއްކުމަށް ހަމަޖެހިފައިވާ މި ސީރީޒްގައި ފެންނާނީ ގުދުރަތީ ބާރުތައް ކޮންޓްރޯލްކުރާ ނުކިޔަމަންތެރި ފުރާވަރުގެ އެވެޓާއެއްގެ ވާހަކައެވެ.

ވައިލެޓްގެ ލޯބީގެ ވާހަކަ ގެނެސްދޭން "ބްރިޖަޓަން"ގެ ސީރީޒެއް

މަޝްހޫރު "ބްރިޖަޓަން" ސީރީޒްގެ ވައިލެޓް ބްރިޖަޓަންގެ ޒުވާން ދުވަސްވަރާއި އޭނާގެ ލޯބީގެ ވާހަކައަށް ބިނާކޮށް އާ ސްޕިން-އޮފް ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް ނެޓްފްލިކްސް އިން ވަނީ ފަށާފައެވެ. ޝޮންޑާ ރައިމްސް ޕްރޮޑިއުސްކުރާ މި ލިމިޓެޑް ސީރީޒްގައި ފެނިގެންދާނީ ވައިލެޓް އާއި އެޑްމަންޑް ބްރިޖަޓަންގެ ގުޅުމުގެ ވާހަކަތަކެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކަކޮޅުން ފެންނަނީ އިވާން އާއި މައިރާ ބެލްކަނީގައި ތިބެގެން ލީން އާއި ނަދާލްގެ ވާހަކަ ދައްކާ މަންޒަރެވެ. އިވާންގެ މަޑުމައިތިރިކަމާއި ގާތްކަމުގެ ސަބަބުން މައިރާއަށް އުފާވެރި އިހުސާސްތަކެއް ކުރެވުނުއިރު، އެމީހުންގެ މެދުގައި ބަދަލުކުރެވުނީ ރަހުމަތްތެރިކަމުގެ އާދައިގެ ވާހަކަތަކެކެވެ.

194 އަހަރުވީ "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރު ހޯދައިފި

ދުނިޔޭގެ އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރަކީ އޭގެ ޖެނެޓިކް ސިފަތަކާއި ސެލްތައް ޒުވާންކަންމަތީ ދެމެހެއްޓުމުގެ ގާބިލުކަން ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ. ދިރާސާތަކުން ދައްކާގޮތުގައި 194 އަހަރުވީ މި ކަހަނބުގެ ޑީއެންއޭ މަރާމާތުކުރުމާއި ހަށިގަނޑުގެ މުހިންމު ނިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަކީ އޭތި އާދަޔާ ހިލާފަށް ގިނަ ދުވަހު ދިރިހުރުމަށް އެހީތެރިވާ މައިގަނޑު ސަބަބުތަކެވެ.

Newsletter

Get the latest news delivered straight to your inbox