ހަނދާންތަކުން: ރޯދަ އަށް ތައްޔާރުވުމާއި، ގޭތެރެ ސާފުތާހިރު ކުރުން

ހަނދާންތަކުން: ރޯދަ އަށް ތައްޔާރުވުމާއި، ގޭތެރެ ސާފުތާހިރު ކުރުން

އަހަރެންގެ ކާފަ އަކީ ކަންކަން ވަރަށް ތަރުތީބުން ކުރާ މީހެކެވެ. ހާއްސަކޮށް ކަލަންޑަރުގެ ދުވަސްތައް ބަލާ ކުރިއަށް ތައްޔާރު ވަމުން ދާނެ އެވެ. އީދު ރޯދަ ފަދަ ދުވަސް ތަކަށް ދުރާލާ ތައްޔާރު ވާނެ އެވެ.

އެއީ 1970ގެ އަހަރު ތަކެވެ. މާލިމީ މުހައްމަދު ހަސަން މަނިކު ތައްޔާރު ކުރައްވާ ދިވެހި ކަލަންޑަރު ނެރުއްވަނީ އަހަރަކު ދެ ފަހަރު އެވެ. އެއްވެސް ފޮޓޯއެއް ނެތި އޭ ފައިވް ސައިޒްގެ ގަނޑެއްގައި ހުރަހަށް ވާގޮތަށް ޗާޕް ކޮށްލާފައިވާ ވަރަށް ސާދާ ކަލަންޑަރެކެވެ. ހިޖުރީ މަހާއި މީލާދީ މަހެވެ. ނަކަތްތަކެވެ. އިރު ހިނގާ ބުރުޖު ތަކެވެ. ޖޫން މަސް ހުސްވުމުގެ ކުރިން، ފަހު ހަމަސް ދުވަހުގެ ކަލަންޑަރު ނުކުންނާނެވެ.

ޑިސެންބަރު ހުސްވުމުގެ ކުރިން އާ އަހަރުގެ ކަލަންޑަރު ގަނެގެން ގެއަށް ގެނެއްސިއެވެ. އެކަލަންޑަރު އަޅުވަން ހަމަޖެހިފައި ހުންނަ ތަނުގައި އަޅުވަންދެން ކަލަންޑަރު އޮންނާނީ ކާފަ ނިދާ އެނދުގެ ބޯލާ ކޮޅުގައި ބާއްވާލާފަ އެވެ.

އެއް ދުވަހު އަހަރެންނަން ގޮވާލުމަށްފަހު ބުންޏެވެ. ރަޖަބު ހަތަރެއް ވަނީ ހަފްތާއިން ކޮން ދުވަހެއްތޯ ބަލައިލާށެވެ. ކަލަންޑަރުގެ ގަނޑުތައް އުކާލުމަށް ފަހު ރަޖަބު ހަތަރެއް ވާ ދުވަސް ބުނެލީމެވެ.

ކާފަގެ މޫނު މައްޗަށް ހިނިތުން ވުން ވެރިވި އެވެ. އަދި ބުނެލި އެވެ. މިފަހަރު މުލަ ރޯދަ ވާނީ ހުކުރަކަށެވެ. އަބަދު ވެސް ހަނދު ފެނުން އޮންނަނީ އެގޮތާ ދިމާވެފަ އެވެ. އެނޫން ގޮތަކަށް ދިމާވުން ވަރަށް ނާދިރު ވާނެ އެވެ. މިކަން ހަނދާން ބަހައްޓާށެވެ.

ރޯދަ މަހަށް ހަނދު ބެލުމުގެ ހަފުތާއެއް ކުރިން ގޭގެ އެކި ތަންތަނުގައި ހުރި މަކުނުވާތައް ފޮޅަންޖެހެވެ. ބަދިގެ އާއި ކާގެ ވެސް ދޮވެ ސާފުކުރަން ޖެހެވެ. ކާ މޭޒާއި ގޮނޑިތައް އޯމޯ އާއި ވެލި ލައިގެން ދޮންނާން ޖެހެވެ. ބަދިގޭގައި ބޭނުންކުރާ ހިފައި ގެންގުޅޭ ސާމާނު ވެސް ދޮވެ ސާފު ކުރަންޖެހެ އެވެ. ދަރުގެ ރަމަތަ ކުރާންޖެހެ އެވެ. ގޭގެ ތަޅުމުގައި ހަލާކުވެ ސިމެންތި ނެއްޓިފައި ހުންނަ ތަންތަނަށް ސިމެންތި އަޅާ ބައްދަންޖެހެ އެވެ. ގޭތެރޭގެ ފާރުތަކުގައި ޖަހާފައި ހުންނަ އުވަގަނޑު ހަޑިވެފައިވާނަމަ އުވަ، ފެނަށް ގިރުވައި ފުރާނާ އޭގެ އޮލަ ބައި ނަގައި، ފެންފޮދެއްގައި ގިރައިގެން ފާރުތަކުގައި ލަނީ އެވެ. އެއީ ވެސް ކުޑަ މަސައްކަތެއް ނޫނެވެ.

ދޮރާއި ދޮރުފަތްތަކާއި ކިޑިކީ ދޮރުތަކުގައި ވަރުނީސް ލާންޖެހެ އެވެ.

ރޯދަ އައުމުގެ ދެ ދުވަސް ކުރިން، ގޭގެ ގޯތީގައި ހުސްކޮށް އޮންނަ ތަނުން ކަޅުވެލިތައް ކަހައި އެއްވަރު ކުރުމުގެ މަސައްކަތް، ކާފަގެ އިރުޝާދުގެ މަތިން ކުރާން ޖެހެ އެވެ. މި މަސައްކަތުގައި ގޭގައި އެ ވަގުތު ތިބި ހުރިހާ ފިރިހެން ކުދިން ބައިވެރި ވާނެ އެވެ.

ބިންމަތީގައި ހަރުވެފައި އޮންނަ ވެލިގަނޑު، އުދަލިން ކަހައި އެއްވަރު ކުރަމެވެ. މަސައްކަތް ކުރެވޭ ގޮތް ކާފައަށް ކަމުނުދިޔަނަމަ، މަށަންދަތި ހިފައިގެން ނުކުމެ، ވެލިގަނޑުގައި ހުންނަ އަޑިގުޑަން ތަންތަން އަލުން ރަނގަޅު ކުރާނެ ގޮތް ދައްކައިދެ އެވެ. އަދި ކުރީ އަހަރު ލީ ކަށިވެލީގެ ދޮންކަން ފެންނަވަރަށް ކަހަށް ބުނެ އެވެ. ދޭތެރެ ދޭތެރެއިން އަހަރެމެން އަތުން މަށަން ދަތި އަތުލައި ކާފަ ބިންގަނޑު އެއްވަރު ކުރެ އެވެ. އޭރު އަހަރެންގެ އުމުރުން ދިހަ އަހަރެއް ނުވެ އެވެ. މި މަސައްކަތުގައި ބޭބެމެން ވެސް އުޅޭނެ އެވެ. ކަހާފައި ނެގޭ ވެލިތައް ގެންގޮސް އަޅަން ޖެހެނީ މަގުމަތީގައި ހުންނަ އަޑިގަނޑު ތަކަށެވެ. ވާރޭ ވެހުމުން ގޭދޮށުގައި ފެން ބޮޑުވާތީ އެވެ. އަދި ބައެއް ވެލި ގޭގެ ގިފިލި ތެރެއަށް ވެސް އަޅަމެވެ.

މި މަސައްކަތް ކާފަ ހިތްހަމަޖެހޭ ވަރަށް ކޮށްނިމޭއިރު އަހަރެމެން ތިބޭނީ ވަރުބަލިވެފަ އެވެ. ދެފައިކޮޅު ކިލާވެ މުޅި ގައިން އޮއްދާ ހިއްލައި މާނޭވައިލެވިފަ އެވެ. ހުރިހައި ކުދިން ވެސް ތިބޭނީ ހުސްގަޔާ އެވެ.

ރޯދައަށް ހަނދު ބަލަން އޮންނަ ދުވަހުގެ ހަވީރު ކަށިވެލި ގެންނާނެ އެވެ. ވެލި ނަގާ އުޅޭ ކޮންމެ ވެސް ބަޔަކަށް އޯޑަރު ދީގެންނެވެ. ބައެއް ފަހަރު ދަމާ ގާޑިޔަލުގައި ވެސް ވެލި ގެނެ އެވެ. ހިކި ވެލިވެސް އަދި ލޮނާއެކު ތެއްކޮށް ހުންނަ ތެއް ވެލިވެސް ބައެއް ފަހަރު ގެނެ އެވެ.

ގޭ ގިފިލީ ވަޅު ދިޔަ ހިއްކަ އެވެ. އަދި ވަޅާއި ވަޅު ގާމަތީގެ ތަޅުންގަނޑު މަރާމާތުކުރެ އެވެ. އެކަން ކުރާނީ ކާފަގެ ސީދާ ބެލުމުގެ ދަށުންނެވެ. ކާފައަކީ ރާނާ އުވަޖެހުމުގެ ހުނަރު ހުރި މީހެކެވެ. ގިފިލީގައި ހެދިފައި ހުންނަ ކެޔޮ ގަސްތައް ކޮށާ ސާފުކުރެ އެވެ. ހަނޑަސް ބުރީގައި ދަމާފައި ހުންނަ އެއްޗިއްސާއި، ހިއްކަން އަޅާ ރޯނުތައް އާ ކުރެއެވެ. ގިފިލީ ފުޅައްޔާއި ނަމާދު ގެ ވެސް އާކުރެ އެވެ. ނަމާދު ގޭ ތެރެއަށް ވެސް ކަށިވެލިލަ އެވެ.

މުލަ ރޯދަ ވިލޭރޭ ހަނދު ފެނުމާއެކު ބަޑިޖަހަ އެވެ. އެއާއެކު، އަވަހަށް ވެލިލާން ކާފަ އަންގަ އެވެ. އަލި ގަދަ ބޮތްކެއް ގޯތި ތެރޭގައި ދިއްލާލައި، ކާފަގެ އިރުޝާދުގެ ދަށުން ވެލިލާން ފަށަ އެވެ. އެއީ ވަރަށް އުފާވެރި ރެއެކެވެ. ބައެއް ކުދިން ފަޓާސް ވެސް ޖަހައި ހަދަ އެވެ. ގޭގޭގައި ހާރު ކެއްކުމުގެ ކާރޫ ބާރޫގެ އަޑުފައްގަނޑު ގަދަވެގަންނާނެ އެވެ. މަސް ފިހުމެވެ. ހަވާދު ތެޅުމެވެ. ބަދިގެތަކުގެ ދުންހޮޅިތަކުން ދުން އަރަން ފަށާނެ އެވެ. މަގުމަތީގައި ބައިސްކަލުގައި ބުރުޖަހަން ނުކުމެ އުޅޭ ޒުވާން ކުދިން ވެސް ފެނެ އެވެ. އަދި ހިރި ކުޅޭ ކުދިންނާއި މަޔާ ކުޅޭ ކުދިން ވެސް އުޅެ އެވެ. އަހަރެންނަށް އެފަދަ ކުޅިވަރު ކުޅުން ކާފަ އޮންނަނީ މަނާ ކޮށްފަ އެވެ.

އެ ރޭ ނިދާނީ ހާރު ކައިގެންނެވެ. މުލަ ރޯދަ ވިލޭރޭ ހާރު ކެއުމަށް، އަހަރެމެން ގޭގައި އާއްމުކޮށް ހުންނަނީ ގަރު ދިޔަ އާއި ފިހުނު މަހެވެ. އަދި ކިރާއި ހަކުރުގެ އިތުރުން، ދެވައް ދޮންކެޔޮ ލިބޭނެ އެވެ.

މުލަ ރޯދަ ދުވަހު ހެނދުނު އިރު އަރައިގެން އަންނައިރު ލިބޭ އެންމެ ބޮޑު އުފަލަކީ ގޭގެ ދޮރު މަތީގައި ލާފައި އޮންނަ ކަށިވެލީގެ އުފަލެވެ.

ލޮނުވެލީގެ ފަރު ވަހެވެ. އަދި އެ ވެލިތަކަށް އަވިދިނުމުން، ލޯ ދިލުވައި ލާން ވެސް އުނދަގޫވާފަދަ އަލިކަމެއް، މުޅި ގޯތިތެރެއާއި ގޭގެ ބޭރު ފެންޑާއަށް އެޅިފައި އޮވެ އެވެ.

ކަށިވެލި ނުލާނަމަ ރޯދަމަސް އައި ކަމުގެ އިހުސާސެއް ނުކުރެވެ އެވެ. މުޅި ގޭގައި ހުންނާނީ ބާ ވަސް ކެނޑި އާ ވަސް ހިފާލާފަ އެވެ. މުޅި ގެ ދޮވެވި އާ ގެއަކަށް ބަދަލު ވެފަ އެވެ. ގިފިލީގެ ވަޅުގެ ރީތި ސާފު ފެން ގަނޑުގައި ދުވެލަ ދުވެލަ ތިބޭ ބޭންގް މަސްތަކަށް ވެސް ރޯދަ އައީ ހެން ހީވެ އެވެ. ރޯދަ މަހު ފުރަތަމަ ދުވަހު ވާ ވަރު ބަލިން ދޭތެރެދޭތެރެއިން ގިފިއްޔަށް ވަދެ ފެން ވަރާލެވެ އެވެ. ހަށިގަނޑަށް ލިބޭ ފިނިކަމާއި އަރާމު އިހުސާސްވެ އެވެ.

ފުރަތަމަ ދުވަހު އަހަރެމެންގޭގައި ހުންނާނީ ކުކުޅު ރިހަ އާއި ފެން ފޮޅި އެވެ. އަދި ފުއް ކިރެވެ. އެއީ އަހަރެން ހަނދާން ހުންނަން ފެށީންސުރެ މިއަދާ ހަމައަށް ވެސް ބަދަލު ނުވާ ސަގާފަތެކެވެ. މިކަމުގެ ސިއްރަކީ ބޮޑު ތަކުރުފާނުގެ އަހަރުމަތިފުޅު ފާހަގަ ކުރުމެވެ. ތަކުރުފާނު އަވަހާރަވީ ރޯދަ މަހެއްގެ ފުރަތަމަ ދުވަހު އެވެ. އެތަކުރުފާނަށް އެންމެ މީރު ފަރިއްކޮޅަކީ ފެން ފޮޅިއާ ހިކި ރިހަ އާއި ފުށްކިރާ ކަމުގައި ވާތީ އެވެ. ކުކުޅު ކަތިލާ ރިހަ ކައްކަނީ އެކަމާއި ގުޅުވައިގެންނެވެ.

އެ ދުވަސްވަރު ކާފަ ގަވާއިދުން ކުރާ ކަމަކީ ރޯދަ މަހުގެ ފުރަތަމަ ދުވަހުގެ ރޭ އަހަރެމެންގޭގައި ސޮލަވާތް ފާތިހާ ކިޔެވުމެވެ. އެއީ ބޮޑުތަކުރުފާނަށް ހެޔޮ ރަހުމަތް ލައްވާތޯ އެވެ. ނަމާދުގެ ފަހުން ފަސްމީހުން ނޫނީ ތިން މީހުންގެ ޖަމާއަތެއް ގެނެސްގެން އެކަން ކުރެ އެވެ. އެ މީހުން ރޯދަ ވީއްލާނީ ވެސް އަހަރެމެންގެ ގެއިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފާޑުކިޔުންތަކާއެކު ވެސް "ދެވި" ޖާދޫގައި ބެލުންތެރިން ޖެހިއްޖެ

މަރްޔަމް އައްޒަގެ ޕްރޮޑަކްޝަނުން ނެރުނު ބިރުވެރި ފިލްމު "ދެވި" އަށް އެކި ފާޑުކިޔުންތައް އަމާޒުވި ނަމަވެސް، ބެލުންތެރިންގެ ބޮޑު ތަރުހީބަކާއެކު ފިލްމުގެ ޓިކެޓްތައް ދަނީ ހަލުވިކަމާއެކު ވިކެމުންނެވެ. އައްޒަގެ ޑަބަލް ރޯލާއި ފިލްމުގެ ފަންނީ ފުރިހަމަކަން ފާހަގަކޮށްލެވޭ މި އުފެއްދުމަކީ، ދިވެހި ސިނަމާގައި މިހާރު އެންމެ މަގުބޫލު އެއް ފިލްމެވެ.

އޮސްޓްރޭލިއާގެ އެންމެ މަގްބޫލު ރޮކްބޭންޑު އެނބުރި އަންނަނީ

އޮސްޓްރޭލިއާގެ މަގުބޫލު ރޮކް ބޭންޑް "ޕައުޑާފިންގާ" ރޫޅާލިތާ 17 އަހަރު ފަހުން، އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު އަލުން އެނބުރި އައުމަށް ބާއްވާ ޓުއާގެ ތަފުސީލުތައް ހާމަކޮށްފިއެވެ. މި ޓުއާގައި އޮސްޓްރޭލިއާގެ އެކި ސިޓީތަކުގައި ޖުމްލަ 18 ޝޯއެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިއީ ގިނަ ދުވަސްތަކަކަށްފަހު ބޭންޑުގެ ސަޕޯޓަރުންނަށް ލިބިގެންދާނެ ވަރަށް އުފާވެރި ޚަބަރެކެވެ.

އެމީލިއާ ދުއްވި ބޯޓުގެ ބައިތައް ހޯދަން މިޝަނެއް

މަޝްހޫރު އޭވިއޭޓަރު އެމީލިއާ އިއާހާޓް ގެއްލުނު ހާދިސާގެ ހަގީގަތް ހޯދުމަށް، އޭނާ ދަތުރުކުރި ބޯޓުގެ ބައިތައް ފެނިފައިވާ ކަމަށް ބެލެވޭ ނިކުމަރޯރޯ ރަށަށް އެމެރިކާގެ މެރިން އާކިއޮލޮޖިސްޓުންގެ ޓީމަކުން ދަތުރެއް ފަށައިފިއެވެ. މި މިޝަންގެ މަގްސަދަކީ ސެޓެލައިޓް ފޮޓޯތަކުން ފެނުނު ބައިތަކަކީ އިއާހާޓްގެ ބޯޓުގެ ބައިތައްކަން ކަށަވަރުކޮށް، 20 ވަނަ ގަރުނުގެ އެންމެ ބޮޑު އެއް ސިއްރު ހައްލުކުރުމެވެ.

"އެވެޓާ"ގެ އާ ސީރީޒް އިއުލާންކޮށްފި

މަގުބޫލު "އެވެޓާ" ފްރެންޗައިޒްގެ އާ އެނިމޭޓެޑް ސީރީޒް "އެވެޓާ ކުރުކް: ވޭވް އޮފް ކޭއޯސް" ނިއުޔޯކް ކޮމިކް ކޮންގައި ވަނީ އިއުލާންކޮށްފަ އެވެ. ޕެރަމައުންޓް ޕްލަސް އިން ދެއްކުމަށް ހަމަޖެހިފައިވާ މި ސީރީޒްގައި ފެންނާނީ ގުދުރަތީ ބާރުތައް ކޮންޓްރޯލްކުރާ ނުކިޔަމަންތެރި ފުރާވަރުގެ އެވެޓާއެއްގެ ވާހަކައެވެ.

ވައިލެޓްގެ ލޯބީގެ ވާހަކަ ގެނެސްދޭން "ބްރިޖަޓަން"ގެ ސީރީޒެއް

މަޝްހޫރު "ބްރިޖަޓަން" ސީރީޒްގެ ވައިލެޓް ބްރިޖަޓަންގެ ޒުވާން ދުވަސްވަރާއި އޭނާގެ ލޯބީގެ ވާހަކައަށް ބިނާކޮށް އާ ސްޕިން-އޮފް ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް ނެޓްފްލިކްސް އިން ވަނީ ފަށާފައެވެ. ޝޮންޑާ ރައިމްސް ޕްރޮޑިއުސްކުރާ މި ލިމިޓެޑް ސީރީޒްގައި ފެނިގެންދާނީ ވައިލެޓް އާއި އެޑްމަންޑް ބްރިޖަޓަންގެ ގުޅުމުގެ ވާހަކަތަކެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކަކޮޅުން ފެންނަނީ އިވާން އާއި މައިރާ ބެލްކަނީގައި ތިބެގެން ލީން އާއި ނަދާލްގެ ވާހަކަ ދައްކާ މަންޒަރެވެ. އިވާންގެ މަޑުމައިތިރިކަމާއި ގާތްކަމުގެ ސަބަބުން މައިރާއަށް އުފާވެރި އިހުސާސްތަކެއް ކުރެވުނުއިރު، އެމީހުންގެ މެދުގައި ބަދަލުކުރެވުނީ ރަހުމަތްތެރިކަމުގެ އާދައިގެ ވާހަކަތަކެކެވެ.

194 އަހަރުވީ "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރު ހޯދައިފި

ދުނިޔޭގެ އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރަކީ އޭގެ ޖެނެޓިކް ސިފަތަކާއި ސެލްތައް ޒުވާންކަންމަތީ ދެމެހެއްޓުމުގެ ގާބިލުކަން ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ. ދިރާސާތަކުން ދައްކާގޮތުގައި 194 އަހަރުވީ މި ކަހަނބުގެ ޑީއެންއޭ މަރާމާތުކުރުމާއި ހަށިގަނޑުގެ މުހިންމު ނިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަކީ އޭތި އާދަޔާ ހިލާފަށް ގިނަ ދުވަހު ދިރިހުރުމަށް އެހީތެރިވާ މައިގަނޑު ސަބަބުތަކެވެ.

Newsletter

Get the latest news delivered straight to your inbox