މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ ރައީސްކަމަށް މެމްބަރަކު އިންތިހާބުކުރަން ކޮމިޓީގެ މެމްބަރުންގެ މެދުގައި މިއަދު ނެގި ވޯޓްގައި އެ މަގާމަށް އަދާލަތު ޕާޓީގެ މެމްބަރު މަރިޔަމް ޝިމާޒާ އިންތިހާބުކޮށްފި އެވެ.
މާލޭގެ ޑަބްލިއުޑީސީގެ ރައީސަކު ހޮވަން ޖެހުނީ އެ މަގާމުގައި ކުރިން ހުންނެވި އެމްޑީޕީގެ މެމްބަރު ފާތިމަތު ޝިފާ މިދިޔަ މަހުގެ 15 ގައި އިސްތިއުފާ ދެއްވާފައިވާތީ އެވެ. ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ އެ ކޮމިޓީގެ ރައީސްކަމަށް އެމްޑީޕީގެ ފަރާތުން ވާދަ ކުރެއްވީ ރަޝީދާ ރަޝާދެވެ. އޭނާ އިންތިހާބު ކުރަން އެމްޑީޕީން އޮތީ ތްރީލައިން ވިޕެއް ވެސް ނެރެފަ އެވެ.
އެކަމަކު މިއަދުގެ އިންތިހާބު އަދާލަތުގެ މެމްބަރު ކާމިޔާބުކުރެއްވީ ތިން ވޯޓުގެ ތަފާތަކުންނެވެ. އެމްޑީޕީގެ މެމްބަރު ރަޝީދާއަށް ހަ ވޯޓް ލިބިވަޑައިގެންނެވި އިރު އަދާލަތުގެ ޝިމާޒާއަށް ނުވަ ވޯޓް ލިބިވަޑައިގެންނެވި އެވެ. ބާތިލުވީ އެއް ވޯޓެވެ.
މާލޭގެ ޑަބްލިއުޑީސީގައި ތިއްބަވަނީ އެމްޑީޕީގެ 12 މެމްބަރުންނާއި އަދާލަތުގެ މެމްބަރަކާއި ޕީޕީއެމްގެ މެމްބަރަކާއި އެމްއާރްއެމްގެ މެމްބަރެއް އަދި އަމިއްލަ ދެ މެމްބަރުންނެވެ.











