ވެންޓިލޭޓަރުގެ އެހީގައި ނޭވާލަމުން ދާ އެތައް ބަޔަކު އެބަތިއްބެވެ. ޑޮކްޓަރުންނާއި ނަރުހުން ހާސްކަންމަތީ ކޮޅު ކޮޅު މައްޗަށް ބާރު ބާރަށް ދަނީ ހަރަކާތްތެރި ވަމުންނެވެ. ހަސްފަތާލުގެ ބޭރުން އަންނަ އަޑަކީ އެންބިއުލާންސްގެ އިންޒާރުގެ ބަރުގޮނުގެ އަޑެވެ.
މިހާރު ސްޓްރެޗަރުގައި އެވައްދާ މީހާގެ ވަށައިގެން އެތިބީ ޑޮކްޓަރުންނާއި ނަރުހުންނެވެ. އެމީހަކު އުޅެނީ ނޭވާލާން ދަތިވެ ކޮށި އެރުމެއްގަ އެވެ. މަޑުން އެންމެ ހިނދު ކޮޅަކުވެސް ނޯވެއެވެ. ކައިރީގައި އޭނާގެ އެއްވެސް ތިމާގެ މީހަކު ނެތެވެ. ހަމައެކަނި ތިބި ބަޔަކީ ސިއްހީ އެހީތެރިންނެވެ. އެކަން އެނގެނީ އެ މީހުން ލައިގެން ތިބި ހާއްސަ ހެދުމުންނެވެ.
އަލަށް އިމާރާތް ކުރި ދަރުމަވަންތަ ހަސްފަތާލަށް ވެސް ވަނީ ހިމޭންކަން ވެރިވެފަ އެވެ. އާންމު ބަލިތަކަށް ދައްކާ މީހުންނަށް ނުވަދެވޭ ގޮތަށް ހަސްފަތާލު ވަނީ ބަންދު ކޮށްފަ އެވެ. އެތަން ފެންނަނީ ބޮޑު ކަމަކަށް ތައްޔާރު ވެފައިވާ ގޮތަކަށެވެ. ތަނުގެ މުވައްޒަފުން ފިޔަވައި އިތުރު ބަޔަކު ނުފެނެ އެވެ. ދެން ފެންނަނީ އަވަސް ފަރުވާދޭ ކޮޓަރިއަށް އިރުއިރުކޮޅުން މީހުން ގެނެސް ވައްދާ ތަނެވެ. އެޓެންޑެންޓުންއިން ފެށިގެން ޑަކްޓަރުނާއި ފުލުހުންނައި ސިފައިންގެ މީހުން ވެސް ހަސްފަތާލުގައި ހަރަކާތްތެރިވަމުން ދަނީ ހާސްކަން މަތީ ތިތިބެެ އެވެ. މޫނުމަތީގެ ކުލަވަރުން ފެންނަނީ ގޮތް ހުސްވެފައިވާ މަންޒަރެވެ.
އެންމެންހެން ތިބީ ހާއްސަ ހެދުމެއްގަ އެވެ. ތުނި ރަބަރުން ހަދާފައިވާ ނޫކުލައިގެ ކޯޓެއް ލާފަ އެވެ. އަތަށް އަންގި ލައްވާފަ އެވެ. އަނގަޔާއި ނޭފަތް ފޮރުވޭ ގޮތަށް ފޮތި މާސްކު ވަނީ އަޅާފަ އެވެ. އަދި ބޮލުގައި މޫނުމަތި ފޮރުވޭ ގޮތަށް ޕްލާސްޓިކް ހެލްމެޓެއް ވެސް ވަނީ އަޅާފަ އެވެ. އަރާފައިވާ ބޫޓުގެ ބޭރުން އިތުރު އުރައެއް ލައްވާފައި ހުއްޓެވެ.
ދެންމެ ވެއްދި މީހަކީ މުޅި ރާއްޖެއަށް މަޝަހޫރު އަހުމަދު ސޭޓެވެ. މުގު ބޮނޑިބަތް އަހުމަދު ސަލީމެވެ. އިސްކޮޅުން ބިޔަ ބޮޑު މީހެކެވެ. ގައިގެ ކުލަ އެންމެ ވައްތަރީ އޮފު އަރުވާފައި ހުންނަ ކަޅު އެންދެރީގެ ކުލައާ އެވެ. ބޮޑާކަމާއި ފޮނި ކަމެއް ހުންނައިރު އޭނާގެ ބަސްމަގު ވެސް އެހާ ރީއްޗެއް ނޫނެވެ. އޭނާގެ ކުރިމަތީގައި ނުވާނެ ކަމެއް އޮވެގެން ނުވާނެ އެވެ. ކޮންމެ ކަމެއް ވެސް ވާންޖެހޭނެ އެވެ. އެއްގޮތުން ނުވިއްޔާ އަނެއް ގޮތަކުން ވެސް އޭނާ ބޭނުން ވާނީ އެކަމެއް ހާސިލު ކުރުމެވެ. މާލެއިންނާއި ހުޅުމާލެއިން ބިންގަނެ އިމާރާތްތައް ހަދާފައި ހުރެއެވެ. މިހާރު މީނާގެ މަގާމަކީ އައު ސަރުކާރުގެ އެންމެ ވަރުގަދަ ވުޒާރާގެ ވަޒީރު ކަމެވެ.

ކުރިން ދުވަހަކުވެސް ސަރުކާރުގެ މަގާމެއްގައި އުޅެފައި ނެތަސް ކެމްޕޭނުގައި ޕާޓީއަށް ޖާނާއި މާލުން ގުރުބާންވީ ވަރުގަދަ ފަހުލަވާނެކެވެ. ދަރިންނާއި އަނބިންނަށް ވުރެ ވެސް އޭނާ ޕާޓީ ދެކެ ލޯބިވެ އެވެ.
ފަންސަވީސް ފަންގިފާލާގެ އައު ހަސްފަތާލާ ދިމާއަށް ބަލަހައްޓައިގެން މާލޭ ހުޅަނޑު ފަރާތު ތޮށިގަނޑުމަތީގައި އިށީނދެލައިގެން އިން އަންހެން މީހާ ވަނީ ފިކުރުތަކަކަށް ގެއްލިފަ އެވެ. ދަތްދޮޅީގައި އަތް ވިދެލައިގެން އޭނާގެ ކުރިމަތިން ފެންނަން ހުރި އިމާރާތުގެ ތިރިން ފެށިގެން މައްޗަށް ދަނީ ބަލަމުންނެވެ. ދެބައި އުމުރަށް ވުރެ މައްޗަށް ގޮސްފައިވާ އެ އަންހެން މީހާގެ ލޮލުން ކަރުނަ ހިލި ހިލި ހުއްޓެވެ. މޫނުމަތީގެ ކުލަވަރުން ތަފާތު އެތައް ވާހަކައެއް ބުނެދެ އެވެ. އޭނާގެ މާޒީގެ ސަފުހާތަކުގެ ގަނޑުތައް ނިއުޅެމުންދެ އެވެ. ރަތްދަކަ އަވީގެ ހޫނުން އަސަރެއް ކުރާވަރަށް ވުރެ އޭނާ ވަނީ މާޔޫސްވެފަ އެވެ. އޭނާއަށް މިއަދު އެ ހޫނު ވަނީ ފިންޏަށް ވެފައެވެ. މުޅި ހަށިގަނޑުގައި ނޭނގޭ ފިނިކަމެއް ދަނީ އިހުސާސް ކުރެވެމުންނެވެ. މިކަހަލަ އިހުސާސެއް އޭނާ އަށް ކުރި މިއީ ދެ ވަނަ ފަހަރެވެ. ފުރަތަމަ އެކަން ދިމާވީ މީގެ 30 އަހަރު ކުރިންނެވެ.
ހާލިދާ އިބްރާހީމް އަވަދި ނެތި އުޅެނީ އޭނާގެ ފިރިމީހާ މުހައްމަދުފުޅު މެންދުރު ދަނޑުން އަންނަން ވާއިރަށް ބަތް ތަވާ ހިންދޭތޯ އެވެ. އުނދުނުގައި ޖައްސާފައި ހުރި ދަރުތަކުގައި ރަނގަޅަށް ރޯނުވާތީ އަބަދު ޖެހެނީ ފުމޭށެވެ. އިއްޔެ ކޮށައިގެން ގެނައި ދަރުކޮޅު ރޭ ވެހުނު ވާރޭގައި ތެމުނީ އެވެ. އަރާ ދުމުން ލޯ ދިލުވާލެވޭ ވަރެއް ނޫނެވެ. ފަސްބައިގައި ހިފައިގެން ރޯން ހުރި ދަރި ވެސް މަތަ ނުވެ އެވެ. އެކުޑަ ދަރިފުޅު ވެސް ރޮނީ ބަނޑުހައި ވެގެންނެވެ. ކިރު ޖެއްސޭނީ ވެސް ބަތް ތަވާ ކެކި ގަތީމަ އެވެ.
ހާލިދާ މަޑު މަޑުން ވަރަށް އޯގާތެރި ކަމާއެކު ބުނެ އެވެ. މަގޭ ދަރިފުޅާ ނުރޯށެވެ. ބަތް ތަވާ ކެކި ގަތީމާ މަންމަ ބުއްދޭން އުޅޭނަމެވެ. އެއް އަތުން ދަރިފުޅު ގަޔާލައި ބޮނޑި ކޮށްލަމުން ރޮވޭ ގޮތްވި އެވެ.
ބަދިގޭގެ ދޮރު މައްޗަށް އައިސް އެ ހުއްޓުނީ ރަށުގެ ބޮޑު ކަތީބު ސައީދު އަލިފުޅެވެ. ވަރަށް ހާސްވެފައި ހުރެ ބުންޏެވެ.
"އަހަރެން މިއައީ ވަރަށް ބޮޑު ވާހަކައެއް ބުނެލަން ވެގެން. މިކަން އަދި ސިއްރެއްގެ ގޮތުގައި ބާއްވާ ދޭތި. އިހަށް ރޭ މިރަށު އޮފީސް ފަޅާލި ވައްކަމުގައި މުހައްމަދު ފުޅުގެ އަތެއް ވާކަމަށް ތަހުގީގަށް މީހަކު ބަޔާން ދީފި. އަހަރެންނަށް ޖެހޭނީ ރަށު އޮފިހަށް ގެންގޮސް މުހައްމަދު ފުޅާ މިކަމާ ގުޅޭ ގޮތުން ސުވާލުކޮށް ބަޔާން ނަގަން. ތިޔައީ އަހަރެންގެ އެއްބަނޑު މީހެއް. ފަހަރުގައި އޭނާ މާލެ ފޮނުވަން ވެސް ޖެހިދާނެ،"
ހާލިދާއަށް ރޮވޭ ގޮތް ވެއްޖެއެވެ. އަދި ބުންޏެވެ. "ބޭބެއަށް އޭނާ ސަލާމަތް ކޮށްދެވޭނެ ގޮތެއް ނޯންނާނެތަ؟"
ސައީދު އަލިފުޅު އިސްދަށަށް ޖަހައިގެން ކުޑަ އިރުކޮޅަކު ހުރެފައި ބުންޏެވެ. "އަހަރެން ނަށް މިފަހަރު ކޮށް ދެވޭނެ ކަމެއް ނެތް. ކުރީފަހަރު ވެސް ކޮއްކޮ ކުރި އާދޭހަށްޓަކައި އޭނަ ދޫކޮށްލީ. އެކަމާ ރަށުގެ ކިތައް މީހުން ބޭބެއަށް މަލާމަތްކޮށް ބަސް ބުނެ ހެދިތަ؟ އެފަހަރު ވެސް މުހައްމަދުފުޅަށް ކިހާ ނަސޭހަތެއް އަހަރެން ދިނިންތަ؟ އޭނާގެ މިކަހަލަ ކިތައް ކަންތައް ކޮއްކޮއަށް ނޭނގި އަހަރެމެން ހިންދާލައިފިންތަ؟ ވަގަކަށް ހާސް ދުވަސް ވެސް ލިބިދާނެ. އެކަމަކު ވެރިއަކަށް ލިބޭނީ އެންމެ ދުވަހެއް. މިފަހަރު މީ އެދުވަސް."
އެރޭ ފަތިހު ފުރި އޮޑިއަކުން މުހައްމަދު ފުޅު މާލެ ފޮނުވައިފި އެވެ.
ދުވަސް ކޮޅަކުން ލިބުނީ އޭނާއަށް ފުލުސް ކޯޓުން ފަސް އަހަރަށް ކުރި ހުކުމެއްގައި ދެކުނުގެ ރަށަކަށް އަރުވާލި ހަބަރެވެ.
ހާލިދާ އަށް ރަށުގައި އިނދެގެން އާމުދަނީ ލިބޭނެ މަސައްކަތެއް ކުރެވޭކަށް ނެތެވެ. ދަރިފުޅު އެހާ ކުޑަ އެވެ. މާލޭގައި އިންނަ އޭނާ އާއި އެއްބަފާ މީހެއްގެ ގެއެއްގައި ހުރުމުގެ ފުރުސަތު ލިބިއްޖެ އެވެ.
ލިބުނު ފުރުސަތު ނަގާނުލާ މާލެ ފޭބި އެވެ. އެ ގޭގެ އެންމެނަށް ކައްކާ ކާންދިނުމާއި ގޯތިތެރެ ކުނިކަހާ ސާފުކުރުމުގެ އިތުރުން ޖެހުނު ކޮންމެ ކަމެއް ދިޔައީ ކުރަމުންނެވެ. ދަރިފުޅު އަހުމަދު ސަލީމް ކިޔަވާ އުމުރަށް އެޅުމުން މާލޭގެ މަދަރުސާ އަކަށް ވެއްދި އެވެ. މަދަރުސާގެ ހުރިހާ ހަރަދެއް ކުރަމުން އައީ ހާލިދާ ފޯއް ކޮށައި އެ ފޯއް ހޮޓާ ތަކަށް ވިއްކައިގެންނެވެ. ރޭގަނޑު އެކެއް، ދޭއް ޖަހަންދެން ވެސް އެމަސައްކަތުގައި އޭނާ އިނދެ އެވެ. އަދި އަނެއްކޮޅުން ފަތިހު ތެދުވެ ގޭ މީހުން ވަޒީފާ އަށް ދާންވާ އިރަށް ހެނދުނުގެ ނާސްތާ ތައްޔާރު ކުރެ އެވެ.
މުހައްމަދުފުޅު ބަންދުން މިނިވަން ވެގެން އައިސް މާލޭގެ ފިހާރަ އަކުން ވަޒީފާ ހޯދި އެވެ. އެ ވަޒީފާ ވެސް ލިބުނީ ހާލިދާ ކުރި މަސައްކަތުންނެވެ. ރ. އަތޮޅު ފިހާރަ ހިންގާ ދެތަނޑި އަހުމަދު ރަޝާދަކީ ހާލިދާގެ ބޮޑު ދައިތައެއްގެ ފިރިމީހާ އެވެ. ފިހާރައިގެ މަސައްކަތު މީހެއްގެ ވަޒީފާ ލިބުމުން ފުރަތަމަ ދުވަސް ކޮޅު މުހައްމަދުފުޅު އެހާ ގަޔާވާ ކަމަކަށް ނުވި އެވެ. ނަމަވެސް ސޭޓަކަށް ވެވޭނީ ރަނގަޅަށް ހިސާބު ކިތާބު ބެލެހެއްޓޭ މީހަކަށްތާ އެވެ. މުހައްމަދު ފުޅު ރޭގަނޑު ހިސާބު ކިޔަވާދޭ ކިލާހަކަށް ގޮސްގެން ކާތިބެއްގެ ފެންވަރަށް ހިސާބު ދަސްކޮށް ޓެސްޓްގައި ބައިވެރިވެ ފާސްވެއްޖެއެވެ.
އަހުމަދު ރަޝާދަށް މިކަން އެނގިގެން، ތެދުވެރިކަމާ އެކު މަސައްކަތް ކުރުމަށް ހިތްވަރު ދިނެވެ. އަދި ނަސޭހަތް ދިނުމަށް ފަހު ފިހާރައިގެ ސޭޓަކަށް މުހައްމަދު ފުޅު ބައިންދަން ފަށައިފި އެވެ. އަދި ފަހުން އަހުމަދު ރަޝާދު ބަލިވެގެން އުތުރު ކަރަޔަށް ބޭސް ފަރުވާއަކަށް ދާން ވެގެން ފިހާރައިގެ ބޮޑު ސޭޓުކަން ހަވާލު ކޮށްފި އެވެ. އަދި ހަވާލުވި ކަންތަކުގެ ބޮޑު ކަމާއި އޭނާ އެނބުރި އަންނަންދެން ފިހާރަ ރަނގަޅަށް ބަލަހައްޓައި ދިނުމަށް އެދުނެވެ.
ރ. އަތޮޅު ފިހާރައަކީ ވަރަށް ގިނަ ބާވަތުގެ މުދާ ވިއްކަމުން ދިޔަ ފިހާރައެކެވެ. ބޭރުން މުދާ އެތެރެވެސް ކުރެ އެވެ. މައިގަނޑު ބާވަތް ތަކަކީ ހަވާދުގެ ސާމާނެވެ. ދެން ދޮންނަ ކުނޑިޔާ ކައްކާ ތެލެވެ. އަދި ތެލި ތަށި ވެސް ލިބެން ހުރެ އެވެ. މިފިހާރައިން ގިނަ އިން ވިޔަފާރި ކުރަނީ އޮޑި ފަހަރުގެ މީހުންނެވެ.
ބޮޑު ސޭޓުކަމާ ހަވާލުވިތާ މާގިނަ ދުވަހެއް ނުވެ މާލޭގެ ގެއަކުން ކުޑަ ކޮޓަރިއެއް ކުއްޔަށް ހިފައި އޭނާގެ އަންހެނުންނާއި ކުޑަ ދަރިފުޅުގެ ދިރިއުޅުން އެތަނަށް ބަދަލުކުރި އެވެ.
އަމިއްލަ ދިރިއުޅުމަކަށް ބަދަލު ވިއަސް ހާލިދާގެ ހަޔާތުގައި މިހާރު ދަނީ ރެނދު އަޅަމުންނެވެ. ސަބަބަކީ މުހައްމަދުފުޅުގެ ވިޔާނުދާ އަމަލުތައް އޭނާގެ ލޯމައްޗަށް ފެންނަމުން ދާތީ އެވެ. މާލޭގެ ކޮންމެވެސް މީހަކާ ހިތާވެގެން އުޅޭކަމުގެ ހަބަރުތައް ލިބޭތީ އެވެ. ރަށު މީހުން މާލެ އަންނަ ދަތުރުގައި ވެސް ހާލިދާއާ ބައްދަލު ވާއިރު ދެކެވޭ ވާހަކައަކީ މުހައްމަދުފުޅު ރަށުން ވެސް ކޮށްފައިވާ ވައްކަންތަކުގެ ވާހަކަ އެވެ. ބީރު ކަންފަތެއް ދިނަސް ހިތުގައި ވަނީ އެތައް ކޫރުން ތަކެއް ލެވިފަ އެވެ. އެކަނިވާ ވަގުތު އަބަދު ވިސްނެނީ އެކަމާ އެވެ. ދަރިފުޅުގެ މުސްތަގުބަލަށް ވާނެ ގޮތެކެވެ. ބަންދުން ވީއްލިގެން އައުމުން ވެސް ހާލިދާ ހުރީ މުހައްމަދުފުޅާ އެކުގައި އުޅޭކަށް ނޫނެވެ. އަރުވާލާފައި ހުރި އިރުވެސް ދެފަހަރެއްގެ މަތިން ވަރިޔަށް އެދި ސިޓީ ފޮނުވި އެވެ. ނަމަވެސް މުހައްމަދުފުޅު ތައުބާވެއްޖެ ކަމަށް ބުނެ ކުރި އާދޭހާއެކު ދަރިފުޅުގެ ހައްގުގައި އޭނާގެ މުސްތަގުބަލު ބަނަ ވެދާނެކަމުގެ ކަންބޮޑުވުން އޮތަތީ ކެތްކޮށްގެން އިނީ އެވެ.
މާލެ އައިސް ކުރި އާދޭހާ އެކުގައި މުހައްމަދުފުޅާ އެކު ދިރި އުޅެން ނިންމީ އިތުރު ގޮތެއް ފެންނަން ނެތީމަ އެވެ. އެނބުރި ރަށަށް ގޮސް ކައިވެނި ކުރާނެ މީހަކު ނުލިބިއްޖެ ނަމަ ދެންޖެހޭނެ ގިލަން ވެރިކަން އަދި މާބޮޑު ވާނެ ކަމަށް ފެންނާތީ އެވެ. ހަޔާތުގެ އެންމެ ޒުވާން އަދި ފޮނި ދުވަސްތައް ގުނަން ޖެހިފައި މިވަނީ ވޭނާ ކެކުޅުމުގަ އެވެ. އުފާވެރި ދިރިއުޅުމެއް އުޅޭ މީހުން ފެނި ކުރާ އަސަރުން ލޮލުން ފައިބަނީ ކަރުނަ އެވެ. ކައިވެންޏަކީ އުފާވެރި ދިރިއުޅުމަކަށް ކުރެވޭ ކަމަކަށް ވިޔަސް ކޮށްޓެއްގައި ބަންދުވިފައި އިން ދޫންޏެކޭ ހާލިދާގެ ދިރިއުޅުމާ ތަފާތެއް ނެތެވެ. އެކުގައި ހިނގާލަން، ވައިޖައްސާލަން ދިޔަ ހަނދާނެއް ނެތެވެ. ހިނިތުން ވުމާ އެކު ވާހަކަ ދައްކާލި ހަނދާނެއް ނެތެވެ. ހީ ސަމާސާ ކޮށްލާ، ލޯބިން އެކު އެޅުނު ރެއެއް މިހާރަކު ހަނދާނަކު ނެތެވެ.
ކައިވެނީގެ ފޮނި މީރުކަމާއި ލޯބި އެއީ ދުރުހިލޭ މީހަކާއި އެކު އުޅުން ކަހަލަ އެވެ. އާ ހެދުމެއް ލައިގެން އާތަނަކަށް ދިޔުމެއް ނެތެވެ. މީހާގެ ރީތި ހަށިގަނޑު ވެސް މިހާރު ދަނީ އަނަރޫފަ ވަމުންނެވެ. މޫނުގެ ކުލަވަރު ވެސް ދަނީ އުމުރަށް ވުރެ ދޮށިވަމުންނެވެ. ބައްޔަކަށް ބޭސް ކުރަން ޖެހުނަސް މުހައްމަދުފުޅުގެ އަޅާލުމެއް މިހާރަކު ނެތެވެ. މުޅި ދުވަހު ގޭގެ މަސައްކަތުގަ އެވެ. މުހައްމަދުފުޅަށް މީރު ކާތަކެތި ތައްޔާރު ކުރިއަސް ގެއިން ކަނީ މަދު ފަހަރަކު އެވެ. ލިބޭ މުސާރަ އޭނާގެ ކުޅިސަމާސާގައި ތަޅާ ބުރުއްސަނީ އެވެ. ހޮޓާތަކުން ކެއުމާއި ސައިބުއިމުގަ އެވެ. ހެސްކިޔާފައި ސިނގިރޭޓް ވެސް ބޮނީ އެވެ. ދަރިފުޅުގެ ކިޔެވުމުގެ ހުރިހާ ޒިންމާއެއް އުފުލަނީ ހާލިދާ އެވެ. އިތުރު އާންމު ދަނީ ހޯދުމަށް މިހާރުވެސް ފޯއް ކޮށުން ހާލިދާ ހުއްޓައެއް ނުލައެވެ.
މުހައްމަދުފުޅާ ހިތާވެގެން އުޅުނު ދުވަސްކޮޅު މަންމައަށް ސިއްރުން ތުނޑި މަތިންނާއި ވަލުން އެކި ފަހަރު އެކި ވަގުތު ބައްދަލުވި ހަނދާން އާވުމުން އުފަލެއް ނުވެ އެވެ. މޫނު މައްޗަށް ހިނިތުންވުން ގެނޭވޭ ވަރެއް ވެސް ނުވެ އެވެ. ހިތުގެ ވިންދު އަވަސްވެ ލޭ ހިނގާވަރު އަވަސް ވުން ފިޔަވައި ދެން ވާގޮތެއް ނޭނގެ އެވެ.
ފަސް އަހަރު ތެދުވެރިކަމާއެކު ނުނިދައި ހޭލާ ކުރި ބުރަ މަސައްކަތުގެ މަތިން ހަނދާންވެ ބައެއް ފަހަރު އަމިއްލައަށް ހިތްހަމަ ޖެހުމެއް ލިބުނަސް އެއީ ވަގުތީ ކަމެކެވެ. މުހައްމަދުފުޅު ފެނުމުން ލޯތްބާ ހަމްދަރުދީގެ ބެލުމަކުން މިހާރަކު ހާލިދާ އަކަށް އޭނާއާ ދިމާއަށް ބަލައެއް ނުލެވެ އެވެ.
މުހައްމަދުފުޅު އުޅުނު ފިހާރައަށް ދިއުން އޭނާ ހުއްޓާލައިފި އެވެ. ސަބަބެއް ހާލިދާ އަކަށް ނޭނގެ އެވެ. ސުވާލު ކުރުމުން މުހައްމަދުފުޅު ދޭ ޖަވާބަކީ ވިޔަފާރިއެއް ފެށުމަށް ވަކިވީ ކަމުގަ އެވެ.
ދުވަސް ކޮޅަކުން މުހައްމަދުފުޅު ކުޑަ ފިހާރައެއް ހުޅުވައިފި އެވެ. މިކަމާ ހާލިދާ ކުރި ސުވާލުތަކަށް އޭނާ ދިނީ ވަރަށް ފިނި ޖަވާބެކެވެ. ޖަލުގައި އޭނާ ހޭދަ ކުރި ދުވަސްވަރު ކޮންމެ ވެސް ސިޔާސީ މައްސަލައެއްގައި ޖަލަށް ލާފައި ހުރި މާލޭގެ މުއްސަންޖަކު ފަށައިދިން ވިޔަފާރިއެއް ކަމަށް ބުނަމުންނެވެ.
އެއި ކާކުކަމެއް ބުނެއެއް ނުދެ އެވެ. އެކަމާ ސުވާލު ކުރުމުން ދެން އަންނަނީ ރުޅި އެވެ. ބައެއް ފަހަރަށް އަތް ވެސް އިސްކުރަން ފަށައި ފިއެވެ.
ކުޑަ ފިހާރަ ބޮޑު ފިހާރައަކަށް ބަދަލު ވެއްޖެ އެވެ. އެއްކަލަ ކޮޓަރިން ބޮޑު ދެ ކޮޓަރި ލީ ގެއަކަށް ބަދަލު ވެއްޖެއެވެ. މިހާރު މުހައްމަދުފުޅުގެ އުޅުމާއި ގުޅުން ވެސް ދިޔައީ ބަދަލު ވަމުންނެވެ. ލާ އަންނައުނު ވެސް ދިޔައީ ބަދަލު ވަމުންނެވެ. އަގުބޮޑު ގަމީހާއި ފަޓުލޫނެވެ.
ގެންގުޅޭ ބައިސިކަލު ރެލީ އިސްޕީޑް ހަބްލީ ބައިސްކަލަކަށް ބަދަލުވެއްޖެ އެވެ. ދުވަސްކޮޅަކުން ސައިކަލެއް ގަނެފި އެވެ. އިތުރު ފިހާރައެއް ވެސް ހުޅުވައިފި އެވެ. ހާލިދާ އަކީ ދީނަށް ލޯބި ކުރާ އަހުލާގު ރަނގަޅު ގެވެހި އަންބަކަށް ވިޔަސް މުހައްމަދުފުޅުގެ އުޅުން ހުރީ އެގޮތަކަށް ނޫނެވެ. ދަރިފުޅުގެ އުމުރުން މިހާރު 15 އަހަރު ފުރިއްޖެ އެވެ. އަގުބޮޑު ސާމާނު ދިޔައީ އޭނަ އަށް ހޯދައި ދެމުންނެވެ. ކިޔެވުމަށް މޮޅު ކުއްޖަކަށް ވިޔަސް ދީނީ ކަންކަމަށް މާބޮޑަށް ލޯބިކުރާ ތަނެއް ނުފެނެ އެވެ. އެ ވާހަކަތައް ހާލިދާ ދެއްކިއަސް ހުރަހަކަށް ވަނީ މުހައްމަދުފުޅެވެ. އަހުމަދު ސަލީމްގެ ދިފާއުގައި ތެދުވެ އެވެ. މިސްކިތަށް ދިޔުމީ މުހިންމު ކަމެއް ނޫންކަން މުހައްމަދުފުޅު އައީ ވިސްނައި ދެމުންނެވެ.
ކުޑަ ދުވަހުގައި ވެސް އޭނާގެ ބައްޕަ އޭނާ ގޮވައިގެން މިސްކިތަށް ގޮސް ނޫޅެއެވެ. ގުރުއާނުގެ އަކުރެއް ކިޔާކަން ނުބުނެ އެވެ. ރޯދަ މަހު ރޯދަ ހިފުން ފިޔަވައި މުހައްމަދު ފުޅު ކުރާ އަޅު ކަމެއް ހާލިދާ އަކަށް ނުފެ އެވެ.
އެތައް ރެއަކު ރޮއި އާދޭސް ކޮށްފައި ދީނުގެ ކަންކަމަށް ފަރުވާ ކުޑަ ނުކުރުމަށް ހާލިދާ ދޭ ނަސޭހަތް ވަނީ މުހައްމަދުފުޅަށް ހޫނު ޒުވާބަކަށެވެ.
މުހައްމަދުފުޅު އަތް އިސްކުރުމުގެ ސަބަބުން ލިބޭ އަނިޔާތައް ދިޔައީ ބޮޑު ވަމުންނެވެ. އޭނާ ކުރާ ވިޔަފާރިތައް ވެސް ތެދުވެރި ނޫންކަން ހާލިދާއަށް ދިޔައީ ކޮންމެ ވެސް ވަރަކަށް އެނގެމުންނެވެ. އެކަމު މިއަދު ހާލިދާ އަކީ އަގެއް ނެތް ކަންނޭލެކެވެ. ކެޔޮގަނޑު ކަނޑާލީމާ ގަހުގެ ބޭނުންނެތޭ ފަދައިން ބޭނުމެއް ނުހިފޭ މީހަކަށް ވަނީ ވެފަ އެވެ.
ކިތަންމެ ފަހަރަކު މުހައްމަދު ފުޅު ބުނެ އެވެ. މިހާރު ތީ މުސްކުޅި އެކެވެ. ބޭނުމެއް ނުހިފޭ ބާ ރަޖާ ގަނޑެކެވެ. އުފަލެއް އަރާމެއް ވެސް ކަލޭ ފަރާތުން ނުލިބެ އެވެ. ކަލެއާއެކު ދިރިއުޅުން ވާނީ އަހަރެން ކަހަލަ ފައިސާ ވެރިއަކަށް ލަދު ކަމަކަށެވެ.
ނުކުމެގެން ގޮސް ވަންނާނެ ތަނެއް ނެތީމާ މުހައްމަދުފުޅު ހިފާފައި ހުރި ގޭގައި ހާލިދާ އުޅެނީ އެވެ. އަބަދުގެ ދުއާ އަކީވެސް ދަރިފުޅަށް ރަނގަޅު ތައުލީމެއް ލިބުމެވެ. ހެޔޮ ލަފާ ކުއްޖަކަށް ވުމެވެ.
އަހުމަދު ސަލީމް، ރަސްމީ ތައުލީމްގެ ބައި ކިޔަވާ ނިމުމުން އޭނަގެ ބައްޕަ ބޭނުންވީ މެލޭޝިޔާ އަށް ފޮނުވައިގެން ކިޔާވާ ދޭށެވެ. އެކަމަށްޓަކައި މެލޭޝިޔާއިން ގެއެއް ކުއްޔަށް ހިފައި އެތަނުގައި އޭނާ ބެހެއްޓިއެވެ.
ކިޔަވާ ނިމިގެން އަހުމަދު ސަލީމް މާލެ އައިސް އުޅުނީ ކުޅިވަރު ކުޅުމުގަ އެވެ. ވަޒީފާއެއް އަދާކުރުމުގެ ވިސްނުމެއް ނެތެވެ. އަދި މުހައްމަދު ފުޅު ވެސް ބޭނުންވީ ފައިސާ ހުރީތީ އެގޮތުގައި އޭނާ ބެހެއްޓުމެވެ.
މިހާރު ސަލީމަކީ ބޮޑު ޕާޓީ އެއްގެ ޒުވާނުންގެ ގޮފީގެ ރައީސް އެވެ. ޕާޓީ ފޯރީގައި އަހުމަދު ސަލީމް އޭނާގެ މަންމަ އާއި ވާހަކަ ނުދައްކާތާ މިހާރު ފަސް އަހަރުވީ އެވެ.
ހާލިދާ، އަހުމަދު ސަލީމު ބަލާ ބޮޑުކުރީ އެތައް ދަލެއް އޮހޮރުވައި ގެންނެވެ. ސަލީމުގެ ބައްޕަ އަރުވާލާފައި ހުރި އިރު ހިންދަމާނުލައި ބުރަ މަސައްކަތްކުރި އެވެ. ވަރަށް ނިކަމެތި ހާލުގަ އެވެ. އެ ހުރިހާ ވާހަކައެއް ހާލިދާގެ ދެލޯ ނޭދޭ ދަރިފުޅަށް ވަނީ ކުރިން ކިޔައި ދީފަ އެވެ. ނަމަވެސް މިއަދު އޭނާގެ މަންމަ ފޯނު ކުރިއަސް ޖަވާބެއް ނުދެ އެވެ. މަންމަ އަކީ ކުރީ ސަރުކާރަށް ތާއީދު ކުރާ އެ ޕާޓީގެ ސަޕޯޓަރަކަށް ވުމުން އުފެދުނު ދެބަސް ވުމުގަ އެވެ. އެއްދުވަހު މަންމައާ ދިމާއަށް ވަރަށް ހަޑިކޮށް އެއްޗެތި ކިއުމަށް ފަހު ގެއިން ނުކުމެގެން ދިޔަ ގޮތަށް އެނބުރި އޭނާ އެގެއަކަށް ނާދެ އެވެ. މިކަމާ ފިކުރު ބޮޑުވެ ދެފަހަރެއްގެ މަތިން ހާލިދާ ހަސްފަތާލުގައި އެނދުމަތި ވެސް ކުރިއެވެ.
ދަރިފުޅު ނުރައްކާތެރި ކޮރޯނާ ވައިރަސްއަށް ފައްސިވެ ހާލު ބޮޑުވުމުން ދަރުމަވަންތަ ހަސްފަތާލުގައި އެނދުމަތި ކުރީއެވެ. ބާރު ހުރި ނުފޫޒު ގަދަ ސަރުކާރުގެ ބޮޑުންނަށް އެ ހަސްފަތާލު ދޮރުތައް ހުރީ ހުޅުވިފަ އެވެ. ނިކަމެތިންނާއި އާދައިގެ މީހުންނަށް ހުޅުމާލޭ ކަރަންޓީން ފެސިލިޓީޒް އެވެ.
މާލެ ފުރަ ބަންދު ވެފައި އޮތުމުން ބޭރަށް ނުކުމެ އުޅުން އޮތީ މަނާ ކުރެވިފަ އެވެ. ނަމަވެސް ޒަރޫރީ ބޭނުމެއްގައި ކަމުގައި ބުނެ އޭނާގެ މަންމަ ހަސްފަތާލަށް އައީ ބޭހެއް ހޯދުމުގެ ނަމުގަ އެވެ. ހަމަ އެކަނި ބޭނުމަކަށް ވެފައި އޮތީ ދަރިފުޅަށް ވާގޮތެއް ބެލުމެވެ. ހަސްފަތާލުގައި މަސައްކަތް ކުރާ ހާލިދާގެ ތިމާގެ ކުއްޖަކާ ގުޅައިގެން ވެސް މާބޮޑު މައުލޫމާތެއް ނުލިބުނެވެ. ލިބުނު ހާވެސް މައުލޫމާތަކީ ވެންޓިލޭޓަރުގެ އެހީގައި އޮތް ކަމެވެ.
މުޅިމާލެ ފުރަބަންދު ވުމުން ގޭގޭގައި މީހުން ވަނީ ތާށިވެފައެވެ. ކާބޯތަކެތި ވިއްކާ ފިހާރަތަކާއި ހޮޓާތައް ވަނީ ބަންދު ކޮށްފަ އެވެ. ރާއްޖޭގެ ތާރީހުގައި ވެސް މިފަދަ ދުވަހެއް ދެކެފައި ނެތެވެ. ދުނިޔޭގެ ހުރިހާ ގައުމެއްގައި ހެން މިބަލި ވަނީ ފެތުރިފަ އެވެ. ބައެއް ބޮޑެތި ގައުމުތަކުން ދުވާލަކު އެތައް ސަތޭކަ ބަޔަކު ދަނީ މަރުވަމުންނެވެ. ތިން މަސް ފާއިތުވި އިރު ވެސް މިބައްޔަށް ބޭހެއް ހޯދިފައެއް ނުވެ އެވެ. ރާއްޖެއިން މިބައްޔަށް ފައްސިވި މީހުންގެ އަދަދު ވެސް އެތައް ހާހަކަށް އަރައިގެން ދިޔަ އެވެ. ކަރަންޓީނު ކުރެވިފައިވާ ތަންތާގައި އެތައް ސަތޭކަ ބަޔަކު ވަނީ ބައިތިއްބާފަ އެވެ.
އަހުމަދު ސަލީމް އަށް މިބަލި ޖެހެން މެދުވެރިވީ އޭނާގެ ދަރިންނާއި އަނބިންގެ ފަރާތުންނެވެ. އެމީހުން ލަންޑަންގައި ތިބެފައި ރާއްޖެ އައިތަނުން ކަރަންޓީނު ކުރަން ނުގެންގޮސް މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ގޭގައި ބޭތިއްބުމަށް ގެނައުމުން ނުކުތް ހިތި ނަތީޖާ އެވެ. ސަލީމް ހަސްފަތާލަށް ގެނައުމުގެ ކުރިން އޭނަގެ ދެ ދަރިންނާއި އަންހެނުން މީގެ ދެދުވަސް ކުރިން ވަނީ އެނދުމަތި ކޮށްފައެވެ.
ރާއްޖޭގައި ހަބަރު ފަތުރާ ވަސީލަތް ތަކަށް އަހުމަދު ސަލީމްގެ މި އަމަލު ފަޅާ އެރީ އެ މީހުން ހަސްފަތާލުގައި އެނދުމަތި ކުރިފަހުންނެވެ. އެކަމުގައި އޭނާ ވަނީ ހޫނު ފެނަށް ވެއްޓިފަ އެވެ. ނަމަވެސް ގޮތް ދޫކުރުމެއް ނެތި ހަސްފަތާލުގައި އެނދުމަތި ކުރަންދެން އޭނާ ދިޔައީ ޓުއީޓް ކުރަމުންނެވެ. އޭނާގެ އެ އަމަލު ދިފާއު ކުރަމުންނެވެ. އަދި މިކަން ފަޅާއަރުވާލި ނޫސް ވެރިންނަށް ބިރު ދައްކަމުންނެވެ. ނަމަވެސް މިއަދު އަހުމަދު ސަލީމް ވަނީ ބަލި އެނދުގައި އޮށޯވެ އޮންނާން ޖެހިފަ އެވެ. އަމިއްލަ ބާރު ކެނޑި ޖަވާބު ދެވޭނެ ގޮތް ބަންދުވެފަ އެވެ. މަރު ބަލީގެ ނަމުން މަޝްހޫރު ކޮވިޑް ބައްޔާ ހަނގުރާމަ ކުރަމުންނެވެ.
މިއަދު އޭނާ ހަސްފަތާލުގައި އެނދު މަތިކޮށްފައިވާއިރު ސަރުކާރުގެ ބޮޑުންނާއި ވިޔަފާރި އެކުވެރިންގެ އަޑެއް ނީވެ އެވެ. އެމީހުން ވެސް ތިބީ ބަލީގެ ނުރައްކާތެރި ކަމުން ގެތަކާއި "ހޮރު ހޮރަށް" ވަދެ ފިލާފަ އެވެ. މަރު ވެދާނެ ކަމަށް ގަންނަ ބިރަކުން ނަފްސާނީ ބަލި މަޑުކަމެއްގައި ޖެހި ފިތި ބާރު ވެފަ އެވެ. އެ މީހުންގެ ތެރެއިން ގިނަ މީހުންނަށް ހަމަ ނިދި ނުލިބެ އެވެ. ގޭގައި ތިބެގެން ޓޮއިލެޓް ރޯލުން ބޯޅަ ކުޅުމާއި އަތުން ފައިން ގޯސް ހެދުމުގަ އެވެ. އަހުމަދު ސަލީމްގެ ހާލު ބަލައިލާނެ މީހަކު ނެތެވެ. ފޯނުން ކުރި ޓުއިޓްތައް މިއަދު ވަނީ ހުއްޓިފަ އެވެ. ގަދަބަސް ބުނެ މޭފުއްޕުން ތަކެއް މިއަދަކު ނުފުއްޕެ އެވެ. އޭނާގެ މޭ މިއަދުވަނީ މެޝިންގެ އެހީގައި ފުއްޕަން ޖެހިފަ އެވެ. ނޭވާލާ ނިޒާމުގައި ވަނީ ގެދަބުޅި ޖަހާފަ އެވެ. ސިނގިރޭޓް ބުއިމާއި މަސްތުވާ ދިޔާ އެއްޗެތީގެ އަޅަކަށް ވެފައި ވާތީ އެވެ. ދުލުން ހެޔޮ އެއްޗެއް ކިޔޭވަރެއް ނުވެ އެވެ. ދޫ ވަނީ ބަންދުވެފަ އެވެ. ލޮލުން ކަރުނަ ފޭބިއަސް އަމިއްލައަށް ވެސް ފޮހެލެވޭ ކަށް ނެތެވެ.
އޭނާގެ މަންމައާއި ބައްޕަގެ މަތިން ކިތަންމެ ހަނދާން ވިއަސް މިހާރު ވަނީ އެކަން މާޒީއާ އެކުވެފަ އެވެ. އެ މަންމަ އޭނާ ކުޑައިރު ގެންގުޅުނު ދަތި ހާލު ކަޅާ ހުދުގެ ބައިސްކޯފު ފިލްމެއް ހެން އޭނާއަށް ތަމްސީލް ވަމުން ދިއަޔަސް ކުރެވޭނެ ކަމެއް ނެތެވެ. އަޑެއް ބޭރެއް ނުވެ އެވެ. މުޅި އަރުތެރެވަނީ ބެދިފަ އެވެ. މޫނުގައި އަޅުވާފައިވާ މާސްކު ފުސްވެފައިވަނީ އޭނާގެ ނޭވާގެ ހޫނު ވައިންނެވެ.
ސިޔާސީ ނުފޫޒުގެ އަޅަކަށްވެ މަގާމުގެ ދަހިވެތި ކަމުގައި އޭނާ ކޮށްފައި ނުކުރާނެ ކަމެއް އޭރަކު ނެތެވެ. ގަދަ ބަސްތައް ބުނެ ސްޓޭޖްތަކުގައި ވާހަކަ ދައްކަމުން ދިޔައެވެ. އެތައް ދުވަހެއް ވަންދެން އޭނާ ކުރި ޓްވީޓުތަކުން މާލާމާތުގެ ބަސްތައް ރައްދު ކުރަމުން ދިޔަ ހަސްފަތާލުން އޭނާގެ ދިރި ހުރުމާއި މަރާ ހަނގަރާމަ ކުރަން މިއަދު ވަނީ ޖެހިފަ އެވެ. އެ ދުވަހު ގަދަބަސް ބުނެ ދުވަހަކު އެ ހަސްފަތާލަށް ނުވަންނަން ކުރި ހުވާގެ ބާރެއް މިއަދަކު ނެތެވެ. އަމިއްލަ ބާރު ކެނޑި މިއަދު އެއޮތް ބޮޑު މީހާ ވަނީ ގޮތް ހުސްވެފަ އެވެ. ދަރިންނާއި އަނބިން ވެސް ނުފެނެ އެވެ. ހަމަ އެކަނި ފެންނަނީ ހަސްފަތާލުގެ ޑޮކްޓަރުންނާއި ނަރުހުންނެވެ. އެ މީހުންގެ މޫނު ވެސް ސާފު ވާވަރެއް ނުވެ އެވެ. ހުމުގެ ގަދަކަމާއި ރޯގާގެ ކެއްސުމުގެ ގަދަ ފަދަކަމުން ހިމޭނުން އަދި މަޑުން އޮވެލަން ނުލިބެ އެވެ.
އަހުމަދު ސަލީމުގެ ބައްޕަ އޭނާގެ މަންމަ ވަރިކުރުމަށް ފަހު ޒުވާން ކުއްޖަކާ ކައިވެނިކޮށްގެން ދިރި އުޅެނީ ލ. އަތޮޅުގަ އެވެ. ބައްޕަ ކައިވެނި ކުރީ ކުރިން އަހުމަދު ސަލީމު ހިތާވެގެން އަންބެތްހެން ގެންގުޅުނު ކުއްޖަކާ އެވެ. މި ކަމުގެ ރުޅީގައި ދެބަފައިންގެ ގުޅުން ވަނީ ކެނޑިފަ އެވެ.
އަހުމަދު ސަލީމް މަޖިލީހުގެ މެންބަރުކަން ކުރިގޮތާއި އޭނާގެ ދިރިއުޅުން ކުއްލިއަކަށް މުއްސަނދިވީ ގޮތް އެއީ އަޖައިބެއް ފަދަ ކަމެކެވެ. އެކަމުގައި އޭރު އެތައް ތުހުމަތު ތަކެއް ދިޔައީ ކުރަމުންނެވެ. ނަމަވެސް އެ ހުރިހާ ތުހުމަތުތަކުން އޭނާ ބަރީއަވީ ނޫސްވެރިން ލައްވާ އޭނާގެ މޮޅު ވާހަކަތައް ނޫސްތަކުގެ ފަލަ ސުރުހީ އަށް އަރުވައިގެންނެވެ. މޮޅު ޓުއިޓްތަކުން ހަބަރު ހައްދައިގެންނެވެ. ސިޔާސީ އުކުޅު ބޭނުން ކޮށްގެންނެވެ. ސިޔާސީ އެކްޓިވިސްޓުންނަށް ރިޝްވަތު ދީގެން އޭނާގެ ނަޒާހަތްތެރިކަން އާންމުންނަށް އިސްތިހާރު ކޮށްގެންނެވެ. ހަގީގަތް އެނގޭ މީހުންގެ ދޫ އެ ވާހަކަތައް ދެއްކުމަށް ނުކުޅަދޭ ވަރު ކޮށްގެންނެވެ. އެކަމު ވިސްނޭ މީހުން އެވާހަކަ ދައްކާކަށް ބޭނުމެއް ނުވެ އެވެ. ވަކި ފިކުރަކަށް ތަބާވެއްޖެ ކަމުގެ ބަދުނާމަށް ޓަކައެވެ. ނޭނގި ހުއްޓާ އެ ކުޑައިގެ ދަށަށް ވައްދަފާނެ ކަމުގެ ބިރު އޮތުމުންނެވެ.
ދުވަހަކަށް ވުރެ ދުވަހެއް އަހުމަދު ސަލީމްގެ ހާލު ދިޔައީ ބޮޑުވަމުންނެވެ. ޑޮކްޓަރުން އުންމީދު ކަނޑާލިއެވެ. ނޫސްތަކުގެ ފަލަ ސުރުހީ އަށް މި ހަބަރު އެރީ ބަސް ބުނި ހިނދުންނެވެ. މަދު ވަގުތު ކޮޅެއްގެ ތެރޭގައި އަވަސް ހަބަރެއްގެ ގޮތުގައި ފެތުރިގެން ދިޔައީ ސަރުކާރުގެ އެންމެ ބާރު ގަދަ ވަޒީރު ކޮވިޑް ބަލީގައި މަރުވި ކަމުގެ ހަބަރެވެ. މުޅި ރާއްޖެއަށް ކުއްލި ސިހުމެއް ގެނުވި އެވެ. އެކި މީހުން އެކި ވާހަކަ ދެއްކި އެވެ. އޭނާގެ ފަރާތުން މަދަދާއި އެހީ ލިބުނު މީހުން ރޮއި ހިތާމަ ކުރި އެވެ. އޭނާގެ ނުފޫޒާއި ބާރުން ބޮނޑި ލިބިފައި ތިބި އެތައް ބަޔަކަށް އެކަން ވީ އުފަލަކަށެވެ.
އަހުމަދު ސަލީމް ނިޔާވި ހަބަރު، ހާލިދާއަށް ލިބުނީ ގޭގައި ޓީވީ ބަލަން އިންދަ އެވެ. ވަގުތުން ހަބަރު ހުސްވެގެން އޭނާ ވެއްޓުނެވެ. އަހުމަދު ސަލީމް ވަޅުލީ އޭނާގެ މަންމަ އަށް މޫނު ވެސް ނުފެނި އެވެ. ހަމަ ޖެހިފައިވާ އުސޫލުން އޭނާގެ މޫނު ދައްކަން ލިބުނު ވަގުތުގައި ދަރިއަކަށް އަދި ތިމާގެ މީހަކަށް ވެސް އެފުރުސަތެއް ނުލިބުނެވެ. އޭނާގެ ޖަނާޒާގައި ބައިވެރިވީ މަދު މީހެކެވެ. އެއީ އޭނާގެ އެކުވެރިންނެއް ނޫނެވެ. އަދި ރަހުމަތް ތެރިންނެއް ވެސް ނޫނެވެ. ޖަމާއަތްތެރިން ނެވެ.
އަހުމަދު ސަލީމް ވެސް ވަނީ އޭނާގެ ބައްޕަ ފަދައިން ކަޅު ފައިސާ އާއި މުދަލުގެ އަޅަކަށް ވެފަ އެވެ. އެ ހުރިހާ މުދަލަކާއި ފައިސާއެއްގެ އަސަރެއް މިއަދަކު އޭނާ ފުރާނަ ސަލާމަތް ކުރާކަށް އެހީއެއް ނުވި އެވެ. ގަދަ ބަސްތަކެއް އޭނާގެ ބާރު ގަދަ ކުރަން ބޭނުން ކުރި ހަތިޔާރަކަށް މިއަދަކު ނުވިއެވެ. އޭނާގެ ލޭގައި ރަތް ކަލު ހުއްޓަސް އެ ލޭ މިއަދު ވަނީ ކަޅު ކުލަ ޖަހާ ހިކި ދަގަނހަށް ވެފައެވެ. އަބަދުގެ އަބަދަށް މި ދުނިޔެއާ އަލްވަދާއު ކިޔާފަ އެވެ.










