ފަތިސް ނަމާދުން ފައިބައިގެން ކަސްރަތަށް ހިނގުމީ އަހަރެން ކޮންމެ ދުވަހަކު ކުރާކަމެކެވެ. މިއަދަކީ ހިތަ ނަކަތުގެ މޫސުމީ ވިއްސާރައިގެ ދުވަހަކެވެ. އިއްޔެ ވެސް ކަނޑުމަތީގެ އެތައް ހާދިސާއެއް ހިނގައި، ބައެއް މީހުންގެ ފުރާނަ ގެއްލުނެވެ. އާންމުކޮށް އަހަރެންދާ މިސްކިތުގައި މިއަދުގެ ފަތިސް ވަގުތުގައި މީހުން ވަރަށް މަދެވެ. ނަމާދު ނިމުމާއެކު ގިނަ މީހުން މިސްކިތުން ފައިބައިފި އެވެ. ވައި ނުލާހިކު ގަދަ އެވެ. އަހަރެން މިސްކިތަށް އައި އިރުވެސް ހިޔާލު ކޮށްގެން ހުރީ މަސް މާރުކޭޓަށް ގޮސް މަހެއް ގަނެލައިގެން ގެއަށް ދިއުމެވެ. މެންދުރަށް ރަތް މަހެއް ލިބޭނެ ނަމައޭ ރޭންސުރެ ހިތަށް އަރަމުން ދިޔަ އެވެ. ކަޅު ރަތްކުލައިގެ މަސް ހަރުވެފަ މީރު ކަމެއް ހުރެ އެވެ. އެ ކަހަލަ ރަތް މަހެއް މާލޭ މަސްމާރު ކޭޓުން ލިބެނީ މަދު ފަހަރަކު އެވެ. މޫސުން ގޯސް ވުމުން މަހެއް ލިބިދާނެ ކަމާމެދު ހުރެވުނީ ދެ ފިކުރެއްގަ އެވެ.
މިސްކިތުން ފައިބައިގެން މަގު މައްޗަށް ނުކުތް އިރު އާންމުކޮށް މިސްކިތަށް އައިސް އުޅޭ ކުޑަދޮން އަލީ މިސްކިތުގެ އަސްކަނި ދޮށުގައި ހުއްޓެވެ. އޭނާ އަކީ އިސްކޮޅާ އެއްވަރަށް ރޫފަ ހުރި މީހެކެވެ. މެދު އުމުރު ފަހަނަ އަޅައި ގޮސް ބޮލުގެ އިސްތަށިކޮޅު ވެސް ހުރީ ވަރަށް ކަމީނާ ވެފަ އެވެ. އޭނަ ހުރީ ކޮންމެ ވެސް މީހެއްގެ އިންތިޒާރުގައި ހެން ހީވެ އެވެ. އަލީ އަކީ ކޮންމެ ދުވަހަކު މަސްވެރިކަން ކޮށް އުޅޭ މީހެކެވެ. ނަމަވެސް ގިނައިން މަސްވެރިކަން ކުރަނީ މާލޭގެ އެކި ސަރަހައްދުތަކުންނެވެ. އެއްގަމުގައި ހުރެގެންނެވެ.
އަބަދުވެސް ސަމާސަ ވާހަކަ ދައްކާތީ އަހަރެން ބުނެލީމެވެ. ކުޑަ އަލީ މިއަދު ތިޔަ ހުރީ އެއްގަމު ކެޔޮޅު ކަން ކުރާން ހެއްޔެވެ؟ އޭނާ ގާތަށް ވަރަށް ހިނިއަ އެވެ. އަދި ބުނެލި އެވެ. ކުޑަ ދުވަހު އުޅުނު ގޮތް މިހާރަކު ނޫޅެވޭނެ އެވެ. މިހާރު މަސްވެރިކަން ކުރަނީ ކަނޑުންނެވެ. އެކަމަކު އެއްގަމުގައި ހުރެގެންނެވެ. ސަލާން ކޮށްލުމަށް ފަހު އަވަހަށް ވިއްސާރައިގައި ނުޖެހި ގެއަށް ވަދެވޭތޯ ދަމާހޭ ބުނުމުން ހީނލާފައި ބުނެލި އެވެ. އަދި ދެވޭކަށް ނެތެވެ. މަސްވެރިކަން ކުރަން ބޭނުން ވެގެން އުޅޭ ކުރިނބީ މުހައްމަދުގެ ކާފަ ދަރިފުޅު އެބަ އާދެ އެވެ. އޭނާއާ އެކުގައި ނޫނީ މިއަދު ހިރިލެވޭކަށް ނެތެވެ.
މިހާ ވައިގަދައިރު މަސްބާނަން ދަނީ ހެއްޔެވެ؟ ވިއްސާރަ ވެސް އަލި ކުރާކަށް ނޫޅޭ ނޫން ހެއްޔެވެ؟ އަދި ތިޔަ ބުނާ ސޮރު ވެސް މިހާރު އޮންނަނީ ނިދާފަ އެވެ. ފިނި ވުމުން ޒުވާނުން މުސްކުޅިންނަށް ވުރެ ހިޔަށް ބަލިވާނެ އެވެ.
ކުޑަ އަލީ އިހުނަށް ވުރެ ބޮޑަށް ހީނލި އެވެ. ތިޔައީ ހަގީގަތެވެ. ނަމަވެސް ބައެއް ޒުވާނުން ތިޔަ ގޮތް ގަބޫލެއް ނުކުރާނެ އެވެ. އެ މީހުންގެ ޒުވާންކަން އަހަރެމެންގެ ހިތްވަރަށް ވުރެ މިހާރު ގަދަ ކަމަށް ދައުވާ ކުރެ އެވެ. އަކަމު އެއީ ޒަމާނީ އާލަތްތަކާއެކުގަ އެވެ.

އަހަރެން އާނ އެކޭ ބުނެފައި ހިނގައި ގަތީމެވެ. ހަމަ އެވަގުތު އަލީ ބުނެލި އެވެ. މިއީ ކާމިލާ ދިމާވާ އެންމެ ފަހު ފަހަރަށް ވެސް ވެދާނެ އެވެ. އިސްލާމީ ސަލާމުން ދެ އަތް ޖޯޑްކޮށް ސަލާން ކޮށްލަން ވާނެ އެވެ. އަހަރެން ފުންނޭވާއެއް ލީމެވެ. ފިނީގެ އަސަރު ހަށިގަނޑުގައި ހުއްޓަސް ހޫނު ވައެއް ނޯށުން ނުކުތެވެ. އަދި ކުޑަ އިރުކޮޅަކަށް ހުއްޓުން އެރި އެވެ. މަރު އެއީ އެންމެ ގާތުގަވާ ކަންތައްކަން އަބަދުވެސް ހަނދާން ކުރުމަށް އަހަރެންގެ ކާފަ ދިން ނަސޭހަތް ހިތުގައި ހިނގައި ގަތެވެ. މިއަދު އެކާފަ ދުނިޔެއަކު ނެތެވެ. ދޭތެރެ ދޭތެރެއިން މިހާރު ވެސް އަހަރެންނަށް ހުވަފެނުން ކާފަ ފެނެ އެވެ.
މަރު މަތިން ހަނދާންވާ ކޮންމެ ފަހަރަކު އަހަރެން ގައިން ހީބިހި ނަގަ އެވެ. އެއީ ވަރަށް ގާތް މީހުން ވެސް ކުއްލި އަކަށް ދިމާވާ ކަންކަމުން މި ދުނިޔެއާ ވަކިވެގެން ދާތީ އެވެ. އަދި އިއްޔެ ދިމާވާ މީހުން މިއަދު މިދުނިޔެއާ ވަކިވެގެން ދާތީ އެވެ. މަރުގެ ސަކަރާތުގައި ހުރި ވޭނާއި ކެކުޅުން ފެނިފައިވާތީ އެވެ. ދުވަސްވީ މީހުން ހަސްފަތާލުތަކުގެ އެނދުތައް މަތީގައި ތިބޭއިރު އަޅާ ވޭނުން ރޯ ރުއިން ފެނިފައިވާތީ އެވެ.
ކުޑަ އަލީ ވެސް އަހަރެންގެ ފަހަތުން ހިނގައި ގެންފި އެވެ. އަހަރެން އިސްވެ ބުނީމެވެ. ކޮބާ! އެންމެ ފަހުން ތިޔަ ދަނީ ހިއްޔެވެ؟
މިތާނގަ ފައި ވާޅުވާންދެން ނުހުރެވޭނެ އެވެ. ވަގުތު ގެއްލިދާނެ އެވެ. ވަގުތަކީ އަނބުރާ ލިބޭނެ އެއްޗެއް ނޫނެވެ. އެސޮރު ގޮވައިގެން އެހެން ދުވަހަކުން ދާން ހިތް ބުނަނީ އެވެ. އެހެން ބުނުމާއެކު ހަރުކޮށް ހިނގާފައި އޭނާ ހިނގައިގެންފި އެވެ. ކުޑަ އަލީގެ ހިނގުމުގައި ހުންނަ އަވަސް ކަމާއި ހަރަކާތް ތެރިކަން ބަލާން ހުރެވުނީ ހިޔާލެއް ފިކުރެއް ނެތެވެ. ރެޔަކާލީ މާބާރަކަށް ދުއްވާފައި އައި ސައިކަލެއްގެ ދުން ހޮޅިން ބަޑިއެއް ކަހަލަ އަޑެއް އިވުނީމެވެ. ފަތިހުގެ ހިމޭން ކަމުގައި ބައެއް ޒުވާނުން މިޖަހާ ސަކަރާތެއް ވެސް މިއީ ކުޑަ ކަމެއް ނޫނެވެ. ގޭގޭގައި ނިދާފައި ތިބޭ ތުއްތު ކުދިންނާއި އެނދުމަތި ވެފައި ތިބޭ މުސްކުޅިންނަށް މިކަމުން ވާ އުނދަގޫ އެ މީހުނަށް ނުވިސްނެނީ އެވެ. ނުވަތަ ވިސްނަން ބޭނުން ނުވަނީ އެވެ. ޒަމާނުގެ ފަސޭހައާއެކު ކުރީގެ ހިމޭންކަން މިވަނީ ގެއްލިފައެވެ. އެ މީހަކާ އެ މީހެކެވެ.
އަހަރެންގެ ރަހުމަތްތެރި ޝާހިދު މިއަދު މިސްކިތަކަށް ނާދެއެވެ. އޭނާގެ ހަބަރު ބަލައިލަން އޭނާ އުޅޭ ގެއަށް ދިއުމަށް ހިތް ބުނެއެވެ.
"އައްސަލާމް އަލައިކުމް،" ދެތިން ފަހަރު ގޮވާލީމާ ވެސް ގޭތެރެއިން ހަބަރެއް ނުވިއެވެ.
ކުޑަ އިރުކޮޅަކު މަޑުކޮށްލާފައި އަނެއްކާ ޝާހިދުގެ ނަމުން ގޮވާލީމެވެ. ތިޔަހާ ވަރަށް ތިޔަ ގޮވަނީ ތަނެއްގައި ރޯ ވީހެއްޔޭ ބުނެ އަހަރެން ސިއްސާލި އެވެ. އޭނާ އަކީ އަބަދު ވެސް ސަމާސާ ވާހަކަ ދައްކާ މިސާލު ބަހުގެ އެދުރެކެވެ. ދިވެހި ބަހަށް ލޯބި ކުރާ ބަސްވާރެކެވެ. ލަވަޔާ ޅެން ހެދުމުގެ އެދުރެކެވެ. ހަގީގަތަށް ލޯބި ކުރާ ތެދުވެރި ރަހުމަތް ތެރިއެކެވެ. އިސްކޮޅާ ރޫފަވެސް ހެޔޮ ވަރަށް ހުންނަނީ ބަރާ ބަރަށް ކަސްރަތު ކުރުމާއި ހަށިގަނޑަށް ފައިދާހުރި ކާނާ ކާތީއެވެ.
"ހެނދުގެ ކޮފީގައި ބައިވެރިވެލާތޯ އަހާލަން މިއައީ. ބޮޑާ ނަހާކާ ފޫ ނުކަހާ ތަރުވާޒު ދިގުނުކޮށް ހަމަ މިހާރު ހިނގާ" އަހަރެން ބުނެލީ އަމުރުވެރި ރާގަކަށެވެ. ބަހެއް ނުބުނެ ހުރެފައި ދެން މިއަދު ދާނިއްޔޭ ކިޔާފައި ހިނގައިގެންފި އެވެ. އާންމުކޮށް އޭނާ މާ ހެނދުނު އެއްޗެއް ކައި ބޮއި ނަހަދާނެ އެވެ.
ކާޖާ ކެފޭގެ ދޮރު މައްޗަށް އެރުމާއެކު މާ މީރު ވަހެއް ދުވައި ގަތެވެ. ކުޅު ދިޔާވެގެން ދިޔަ އެވެ. ހިންދުރުވާލެވުނެވެ. ހީވަނީ ފޮނިކާއެއްޗެއްގެ ވަހެއް ހެންނެވެ. އަހަރެންގެ މޫނަށް ވަރަށް ފުންކޮށް ޝާހިދު ބަލައިލިއެވެ.
"ކާމިލު ކިޔަނީ ކިޔަން ވެގެން، ކެއުމަށް ދެވި ހިފާފައި ހުންނަވަރުން، ނަންދިން މީހަކަށް އެހާ ކުރިން ވެސް އެނގެނީހެން ހީވަނީ،" ވަހެއް ދުވާއިރަށް ތިޔަހެރީ ވާވަރޭ ބުނުމާއެކު އޭނާގެ ރަސްމީ ހިނިގަނޑު ޖަހާލިއެވެ. ހީވީ މުޅި ސަރަހައްދުގެ މީހުން އެއްކޮށްފާނެ ހެންނެވެ. ނަސީބަކުން މަގުމަތީގައި މީހަކު ފެންނާކަށް ނެތެވެ. ވަގުތު ނަގާ ނުލާ ހޮޓަލަށް ވަންނަން ހިނގާށޭ ބުނެފައި އަހަރެންގެ ބުރަކަށީގައި އަތް އަޅާ ކޮށްޕާލި އެވެ.
އަހަރެންނަށް ގެންނާނީ ބައި ކަޅު ކޮފީއޭ ބުނިތަނުން ޝާހިދު ވޭޓަރާ ސުވާލު ކޮށްލި އެވެ. މާ މީރުވަސް މި ދުވަނީ ކޮންއެއްޗެއް ތައްޔާރު ކުރާތީތޯ އެވެ. ވޭޓަރު ހީނލަމުން ބުނެލި އެވެ. އެއީ ރޯސްޕާނުގެ ވަހެވެ. މި ހޮޓަލުގައި ހެދުނުގެ ސަޔަށް އެންމެ ހިނގާ އެއް ހެދިކާއޭ ވެސް ބުނެލިއެވެ. ވޭޓަރުގެ ވާހަކަ ނުނިމެނީސް އަހަރެން ބުނެލީމެވެ. އެހެން ވީއިރު ތިން ފޮތި ރޯސްޕާން ވެސް ގެންނާށެވެ. ޝާހިދު އޯޑަ ދިނީ މަސާލާ ސައި ތަށްޓަކަށާއި ހަތަރު ފޮތި ރޯސްޕާނަށެވެ. އެކަމު ޝަރުތަކަށް ވަނީ ސައިތަށީގެ ފޮނި މަޑު ކުރުމެވެ.
"ރޯސްޕާން ވެއްޖިއްޔާ ފޮނި މަޑު ކުރާކަށް ނުޖެހޭތަ؟" ދެން ޖެހޭނީ ބަދިގެއަށް ވަންނަން އެހެންނޫނީ އޭގެ ފޮނި މަޑެއް ނުކުރެވޭނެއޭ ބުނެ އެއްކަލަ ހިނިގަނޑު އަނެއްކާ ވެސް ޖަހާލި އެވެ. އަހަރެން ވެސް ހިނިފަޅައިގެން ދިޔައީ އޭނާގެ އެ ހުންނަ މަޖާ ގޮތުންނެވެ. އެއްޗެއް ކާލަން ބޯލަން ބޭނުން ނުވާ ޝާހިދަށް މިއަދު ވެފައި މިހިރީ ކިހިނެއްބާވައޭ އަހަރެން ހިތަށް އެރިއެވެ. ރޭގައި މާބުރަކޮށް ނުނިދާ ހޭލާ އުޅުނީ ކަމަށް ވެދާނެ އެވެ. ފިނިކަން ވެސް މީން ދުވަހަކު ނުހުންނަ ވަރަށް ރޭގައި ހުއްޓެވެ. މެދުނުކެނޑި މުޅި ރޭ ވާރޭ ވެހުމުންނެވެ.
ކޮބާ، އަދަބީ ފޮތުގެ މަސައްކަތް މިހާރު ނިމުނީ ހެއްޔެވެ؟
"ނޫން އަދި އެކަމެއް ނުވޭ މިއުޅެނީ އަންނަ އަހަރު އިސްކޫލް ހުޅުވެން ވާއިރަށް ނެރެވޭތޯ"
އަހަރެން ނަސޭހަތުގެ ރާގެއްގައި ބުނެލީމެވެ. ދޭހަ އެއީ ކުދިންނަށް އެންމެ މުހިންމު ބައި ދިވެހި ކިޔަވާ ކުދިންނަށް ފަސޭހައިން ދޭހަ ވާގޮތަށް ތިޔަ ދޭހަ ފޮތް ލިޔާތި އެހެން ނޫނީ ކުދިން ވާނީ އިތުރަށް ފޫހިކަން ޝާހިދު ރަނގަޅަށް ހަދާން ބަހައްޓަން ވާނެއެވެ.
ރޯސްޕާން އަޅާފައި ހުރި ތަށި ގެނެސް މޭޒުގައި ބަހައްޓާލައިފި އެވެ. ކުއްލިއަކަށް އޭގެން ފޮއްޗެއް ނަގަން އުޅުމުން އަހަރެން އޭނާގެ އަތުގައި ހިފެހެއްޓީމެވެ. އަދި ބުނީމެވެ. އަބަދު އެގޮވަނީ އަތް ދޮވުމަށެވެ. ޝާހިދު ފަދަ އަބަދު ފަރުދީ ޒިންމާގެ ވާހަކަ ދައްކާ މީހުން ނަމޫނާ މީހުންނަށް ވާންޖެހޭނެވެ. އަތް ދޮވެގެން ނޫނީ ކާން ނުފަށާށެވެ.
"ދެންމެ ގޭން މިނުކުތީ ނަމާދު ނިމިގެން ކީއްވެ ނުތާހިރު ވާނީ ކާމިލްމެން ވިސްނާ ގޮތް ތަފާތީ"
އަހަރެން ބުނެލީމެވެ. މިހޮޓަލަށް ވަންނަމުން ދޮރުފަތުގައި ހިފީ ޝާހިދެވެ. ގޮނޑި ދަމާ ކައިރިކުރީ ޝާހިދެވެ. ވީއިރު ޖަރާސީމު ނެތި ދާނެ ހެއްޔެވެ؟
މިހެން ބުނުމުން އަވަހަށް ތެދުވެގެން ގޮސް އަތް ދޮވެލައިފި އެވެ. ވަރަށް ހަމަޖެހިލައިގެން އިނދެ ކާން ފަށައިފި އެވެ. ތިޔަހާ ވަރަށް ހައިވެފައި ތިޔަހުރީ ރޭގައި މާބުރަކޮށް އުޅުނީމަހޭ ހީލަމުން އަހަރެން ބުނީމެވެ. އޭނާގެ ޖަވާބު އެހާ އަވަހެވެ.
"މި އުމުރުގައި މާބޮޑު ވަރުތަކެއް ނޭރުވޭނެ،"
އެކަމު ފިނިވީމާ ވާގޮތެއް ވާނެއޭ ބުނެ ރޯސްޕާން ފޮތި އެއްކޮށް އަގަނގަޔަށް ލިއެވެ.
ވަރުތަކެއް ނާރުވާކަން އެބަ އެނގޭތާ އެވެ. އެހެންނާ ސައި ތަށްޓެއް ބޯލަން އަޔަސް ނޫޅޭ ގޮތަކަށް، މިއަދު ތިޔަ އުޅެނީ ކޮންމެ ވެސް ކަމެއް ވެގެންނެވެ. އޭނާ ބަހެއް ނުބުނެ ހިނިތުންވެ އިނދެ ކަމުން ގެންދިޔަ އެވެ. ވަރަށް ހަމަ ޖެހިލައިގެން އިނދެ ދެމީހުން ސައިބޮއި ނިންމާލީމެވެ.
އަހަރެން މާރުކޭޓަށް މަހެއް ގަނެލަންދާ ވާހަކަ ބުނުމުން ޝާހިދު ވެސް ދާން ބޭނުން ކަމަށް ބުންޏެވެ. އެކަމަކު އޭނާ ދަނީ މަސް ގަންނާކަށް ނޫނެވެ. ކާށިކޮޅެއް ގަނެލުމުގެ ބޭނުމުގަ އެވެ.
ދެ މީހުން ވެސް އެއް ބަސްވީ ވީހާ ދުރު މަގަކުން ހިނގާފައި މާރުކޭޓަށް ދިޔުމަށެވެ. އެއީ ހެނދުނުގެ ކަސްރަތު މިއަދު ނުކުރެވޭތީ އެވެ. މި އުމުރުގައި ހިނގުމަށް ވުރެ މޮޅު ކަސްރަތެއް އަހަރެން ތަޖުރިބާ ނުކުރަމެވެ. އަހަރެންގެ އެކުވެރި ޝާހިދު ވެސް އަހަރެންނަށް ހިތްވަރު ދެނީ ކޮންމެ ދުވަހަކު މަދުވެގެން 30 މިނެޓް ބާރަށް ހިނގުމަށެވެ. އަހަރެމެން އުމުރު ފުރައިގެ ވަރަށް ގިނަ މީހުން އެކަން މިހާރު ކުރެ އެވެ. އެކަމުގެ ފޯރި ހިފީ ރޭޑިއޯއިން ފޮނުވާ އެންމެ ދުވަސްވީ އެއް ޕްރޮގްރާމް، ބާއްޖަވެރި ހެނދުނުގައި ކޮންމެދުވަހަކު ހެނދުގެ ކަސްރަތަށް ދިން އިރުޝާދެވެ. ބަދުރާ، ސަމަރޭ އަށް ހިތުގެ ޝުކުރިއްޔާ އެވެ.
އަމީނީ މަގުން އިރަށް ގޮސް ތާރުއެޅި މަގަށް އެޅުނު އިރު އަދި ހަޔެއް ނުޖަހައެވެ. އުޑުމަތި އުޅެނީ ބަނަކޮށެވެ. ދެންމެ ދެންމެ ވިއްސާރަ އަތުވެދާނެހެން ހީވެއެވެ. ސައިތަށި ބޯލުމުން ހީފިލާގޮތް ވިއަސް ތެއްފިނި ވައިގެ އަސަރުން ފިނިކަމެއް ހަށިގަނޑުގައި ބީހެ އެވެ. ދުވާލުގެ އަލިކަން ފެތުރެން ފެށިއަސް އިރުގެ އަލިކަން ހަމަ ލޮލަށް ފެންނަ ވަރަށް ވުރެ ވިލާ މާބޮލެވެ. މިހާރު ވައިޖެހޭލެއް ވެސް ގަދަވާން ފަށައިފި އެވެ. ހިނގުން ވެސް ބާރު ކޮށްލީމެވެ. ތާރު އެޅިމަގުން ގޮސް ސަލްމާން މިސްކިތާ އަރާ ހަމަވި ތަނާ ކެރި ކޮޅެއް އަތުވެއްޖެއެވެ. ވަޔާއެކު ކެރި އައިލެއްވެސް ބާރެވެ. އިސާހިތަކު ކެރިމުޅިން ތުނިކޮށްލައިފި އެވެ. މިއީ ދެމޫސުން ބެދޭ ވިއްސާރަ އެވެ. ކޮންމެވެސް ހިޔަލެއްގައި މަޑުކޮށްލުމަށް ފަހު އަނެއްކާ މާރުކޭޓާ ވީ ކޮޅަށް ހިނގައިގަތީމެވެ.
އުތުރު ފަރާތުން ޖުމްހޫރީ މައިދާނާ އަރާ ހަމަ ވިއިރު ކުއްލިއަކަށް ވަޔާ އެކު ވަރުގަދަ ކޮޅިގަނޑެއް އަތުވެއްޖެ އެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް ހިޔަލަކަށް ވަދެވުނީ ރަސްމީ ބޮޑު ފާލަމަށެވެ. ގަދަ ވަޔާއެކު އައި ވިއްސާރާއިގައި އެތަނުގައި ތިބެވެނީ އަކީ ނޫނެވެ. ފައި ކަހާލާހެން ވެސް ހީވެއެވެ. ހުޅުލޭގެ އިރުން ވަރުގަދަ ނަގޫރޯޅިއެއް ވެސް ފައިބާފައި ހުއްޓެވެ.
އެއަށް ވުރެ ބޮޑަށް ސިހުން ގެނުވީ ފުނަދުއާއި މާލެއާއި ދޭތެރެއިން ކަނޑުގެ ލޮނުގަނޑު ކައްކާލިތަން ފެނުނީމަ އެވެ. ޝާހިދު ބުނެލި އެވެ. އެއީ ނަގޫރޯޅިއެކެވެ. އެރޯޅި ކަނޑު ކައްކަމުން މާލޭގެ އުތުރު ހާބަރާ ދިމާއަށް މިސްރާބު ޖެހި އެވެ. ނަމަވެސް ރަށު ތެރެއަށް އެރުމަށް ވުރެ ބޮޑަށް ހުރީ ކަނޑު ތެރޭގަ އެވެ. މާލެއާ ފެޔަށް ޖެހެމުން ބާރު ކެނޑެމުން އޮވެ ދެއެވެ.
ކިޔުނުހާ ހެޔޮ އެއްޗެއް ވެސް ކިޔާލީމެވެ. އެވަގުތު ހިތުގައި ހިނގައި ގަތީ ބޭރުގެ ފިލްމްތަކާއި ޓީވީ ޗެނަލްތަކުން ފެންނަ ފަދަ ރޯޅިތަކުގައި ގައުމުތައް އެފުށް މިފުށަށް ޖެހިގެންދާ ވިއްސާރަ އެވެ. ނަގޫރޯޅި އަރައިގެން އަވަށްތަކާއި ރަށްތަކަށް ލިބޭ ބޮޑެތި ގެއްލުން ތަކެވެ. އެތައް ބަޔެއްގެ ފުރާނަ ގެއްލިގެންދާ ދިއުމެވެ. ފެން ބޮޑުވެ މީހުން ހާލުގައި ޖެހި ގެދޮރު ނެތިދާ ގޮތެވެ. އަހަރެންމެންގެ ކުޑަ ކުޑަ ދިވެހި ރާއްޖެއަށް އެފަދަ ތޫފާންތައް ނާންނަ ކަމީ މާތްﷲގެ ކުޅަދުންވަންތަކަމާއި ހެޔޮ ރަޙުމަތެވެ.
ރާއްޖެ އަކީ މިފަދަ މުސީބާތްތައް ވަރަށް މަދުން ދިމާވާ ރާއްޖެއެކޭ ބުނުމީ ދޮގަކަށް ނުވާނެ އެވެ. ތާރީހު ފޮތްތަކުން ފެންނަ ކޭލަކުނު ތަޅާލި ވިއްސާރަ އާއި ބޮޑު ވިއްސާރަ އެވެ. ސުނާމީގެ ބިޔަ ރާޅުތަކެވެ. މިފަދަ މަދު ހާދިސާ ތަކެކެވެ. ކޮޅިގަނޑަށް ފަހު ދެވެރިން މާރުކޭޓަށް ދާން ހުޅަނގު ކޮޅަށް ހިނގައި ގަތީމެވެ.
އަހަރެންނަށް ބުނެވުނެވެ. މިއޮތް ވިއްސާރައިގައި ވެސް ތަންތަނަށް ފުރާ މީހުން ބިރެއް ނެތި ފުރަނީއެވެ. އިއްޔެވެސް ކަނޑުމަތީގެ އެތައް ހާދިސާއެއް ހިނގައިފި އެވެ. ދެތިން ފުރާނެ ގެއްލިއްޖެ އެވެ. ބައެއް މީހުން ކަނޑަށް ގަރަގުވީ އެވެ. މީހުންގެ އަގުބޮޑު އުޅަނދުފަހަރު ހަލާކު ވެއްޖެ އެވެ. ސަލާމަތީ އެއްވެސް އާލާތެއް ބޭނުމެއް ނުކުރެއެވެ.
ކާމިލު ވަރަށް ނުރުހިފައި ބުންޏެވެ. އަހަރެމެންނަށް ދެއްވާފައިވާ ސިކުނޑިއާއި ވިސްނުން ޖަނަވާރާއި ދޫނި ސޫފާ ސޫއްޕަށް ވުރެ ދެރަ އެވެ. ވިއްސާރަވެ މޫސުން ގޯސް ވުމުން އެސޮރުމެން ހާލިން ނުނިކުމެ ކުދި ދަރިން ބެލެހެއްޓުމުގައި ތިބެ އެވެ. އަދި ގަސްތަކާއި އިމާރާތްތަކުގެ ހިޔާވަހިކަން ހޯދަ އެވެ. ބަނޑަށް ތިބެން ޖެހުނަސް އެސޮރުމެން ކާނާ ހޯދާކަށް ނުނިކުމެ އެވެ. އަހަރެމެން ކައިބޮއި ބަނޑު ފުރައިގެން ތިބެވެސް ހަދަނީ ގޯހެވެ. ކުރަނީ ކޮސް ކަންތަކެވެ. ފުރާނައަށް ބިރެއް ނުގަނެ އެވެ. މިއޮތީ ބިރު ފަހަނަޅާ ދިއުމަށް ގޮވާ ޒަމާނެ އެވެ.
މަސް މާރުކޭޓަށް ވަންއިރު އަދި މަހެއް ނާރުވަ އެވެ. ބޭރު ތޮށީގައި މީހުން ބޮނޑިވެގެން އުޅޭތީ ފެނެ އެވެ. އަޑުވެސް ގަދަ އެވެ. ވީގޮތެއް ބަލާލަން ދާން ކާމިލު ހިޔާލު ދިނެވެ. ދެވެރިން ފަޔަށް ބާރުލާފައި ހިނގައި ގަތީމެވެ. އެހިސާބަށް ދެވުނު އިރު ކޮންމެވެސް މީހަކު މޫދުން ނަގަނީ އެވެ. އެންމެން ބޮޑިވެ ގަތެވެ. އަވަހަށް އެމްބިއުލާންސް ގެންނަން ގޮވަން ފަށައިފި އެވެ. ކޮންމެވެސް މީހަކު ބުނާ އަޑު އިވުނެވެ. ފުލުހަށް ވެސް އަދި އެމްބިއުލާންސް އަށް ވެސް ގުޅައި ފީމެވެ. އިސާހިތަކު އެމްބިއުލާންސްގެ ބަރުގޮނުގެ އަޑު އިވެން ފަށައިފި އެވެ.
މޫދުން ނެގީ ކާކުތޯ ބަލަން އެއްވެފައި ތިބި މީހުންގެ ތެރެއިން ފުރޭނިގެން އަހަރެން ވެސް އެތެރެއަށް ދެމިގަތީމެވެ. އެމީހެއްގެ މޫނުގައި އޮތީ ލެއެވެ. އަހަރެންގެ ޖީބުން އައިނު ނަގާ އަޅާލީމެވެ. ލިބުނީ ސިހުމެކެވެ. އެއީ ކުޑަ އަލީ އެވެ. ހަރަކާތެއް ނެތެވެ. ވިންދު ހުރިހެން ހީވެ އެވެ. މުޅި މީހާ އޮތީ ތެމި ފޯވެފަ އެވެ. އަހަރެން އޭނާ އާއި ގާތްވީމެވެ. އަދި ބުނީމެވެ. އެމްބިއުލާންސް އަންނަން ވާއިރަށް މަގަށް ނެރެވޭތޯ ބަލަމާ ހެއްޔެވެ؟ އޭރުން އަވަސް ވާނެ އެވެ. އަހަރެން ހިފީ ބޯކޮޅުގަ އެވެ. ދެން ތިބި މީހުން އެ މީހަކަށް ހިފުނު ތަނެއްގައި ހިފައިގެން އުފުލާލައިފި އެވެ. ނިތްކުރިމަތިން ފަޅައިގެން ގޮއްސަ ހުރި ތަނުން ލޭއައުން ގިނަވާން ފަށައިފި އެވެ. މުޅި މީހާ ތެމިފަ އެވެ. ލޮނުގަނޑުގެ ފިނިކަމާއި ޖެހޭ ރޯޅިން މީހާގެ ހަށިގަނޑު ވަރަށް ފިނިކަން އަހަރެން ހިފަހައްޓާފައި ހުރި ތަނުން ވެސް ފާހަގަވެ އެވެ. އަހަރެން ގޮވާލީމެވެ. އަވަހަށް ފޮތިގަނޑެއް ގެންނާށެވެ. އިސާހިތަކު ފޮތިގަނޑެއް ގެނެސްފި އެވެ. ކައިރީގަހުރި މީހާ ލައްވާ، ކުޑަ އަލީގެ ނިއްކުރި މަތިން ފަޅައިގެން ގޮއްސައި ހުރި ތަނުގައި ބާރަށް އައްސާލީމެވެ. އެންމެންވެސް ބާރު ހިނގުމެއްގައި އަލީ އުފުލައިލައިގެން ގެންގޮސް އެމްބިއުލާންސްއިން ގެނައި އަށިގަނޑަށް ލައިފި އެވެ. އަހަރެން ބަލަން ނުހުރެ އެ ސަވާރީ އަށް އެރީމެވެ. ކާމިލް ވެސް އަހަރެންގެ ފަހަތުން އެރި އެވެ.
އަލީއަށް ވީގޮތް ކިޔައި ދިނީ އަހަރެމެންނާއެކު ސަވާރީއަށް އެރި މީހެކެވެ. އެއީ ދަންނަ މޫނެކެވެ. ނަމަވެސް ކާކު ކަމެއް ނޭނގެ އެވެ. އޭނާ ބުނި ގޮތުގައި އަލީ މަސްބާނަން ހުއްޓާ ދެންމެ އައި ކޮޅިގަނޑުގައި ފައިބައިގެން ދިޔަ ނަނގޫ ރޯޅީގެ ވައިގައި މޫދަށް ވެއްޓުނީ އެވެ. އެ މަންޒަރު އޭނާ އަށް ފެނުނީ މާރުކޭޓް ހޮޓާ މަތީގައި ހުއްޓަ އެވެ. ފެނުމާއެކު ދުވެފައި ގޮސް އިތުރު މީހުންނާއެކު އަލީ މޫދުން ނެނގީ ކަމަށެވެ.
އެމްބިއުލާންސްގައި އަވަސް ފަރުވާ ދޭނެ މީހަކު ނެތެވެ. އަލީއަށް އަހަރެން ގޮވާމުން ގެންދިޔައީ މެވެ. ނަމަވެސް ހިލަމެއްނެތެވެ. ވިންދު ހުރިތޯ ބެލީމެވެ. ބައެއް ފަހަރަށް ވިންދުޖަހާ ހެން ހީވެ އެވެ. ނަމަވެސް ނޭވާލާ ކަމުގެ ނިޝާނެއް ނެތެވެ. އަހަރެންނަށް ކުރި އަސަރެއް ބުނެދޭކަށް ނޭނގެ އެވެ. ހޯސްލާފައި ކަރުނަތައް ފައިބަން ފަށައިފި އެވެ. ގިސްލާ ރޮވެން ފެށި އެވެ. ކުއްލިއަކަށް ހަށިގަނޑު ތެޅި ގަތެވެ. އަލީ ނޭވާއެއް ލީހެން ހީވި އެވެ. ނަމަވެސް އެއީ ހަމަ ހީއެކެވެ. މިހާރު ވިންދެއް ވެސް ނެތެވެ.
ހަސްފަތާލުގެ އަވަސް ފަރުވާދޭ ކޮޓަރިއަށް ފުލުހުން ވެސް ވަނެވެ. އަހަރެންނާ ސުވާލުކުރަން ފެށި އެވެ. އެއީކާކުތޯ އެވެ. އަހަރެންނަށް އެނގޭ ވަރަށް އަލީގެ ވަނަވަރު ކިޔާދިނީމެވެ. ގޭގެ ނަން ވެސް ބުނެދިނީމެވެ. ގިނަ އިރުތަކެއް ނުވެ އަލީގެ އާއިލާގެ މީހުން އަތުވެއްޖެ އެވެ. އެންމެންގެ މޫނުމަތިން ވެސް ފެންނަނީ ހާސްކަމާއި ކަންބޮޑުމެވެ. އާއިލާގެ މީހުން އަހަރެންނާ ސުވާލުކުރަން ފަށައިފި އެވެ. ކޮށްފައިވާ އަސަރުން އެމަންޒަރު ފެނުނު މީހާގާތުން ސުވާލު ކުރަން އެދުނީމެވެ. އަހަރެންނަށް ބަހެއް ނުބުނެވެ އެވެ. ހީވަނީ ގާތް ތިމާގެ މީހަކު ނިޔާވެގެން އުޅޭ ހެންނެވެ. އަވަސް ފަރުވާދޭ ކޮޓަރިން ނުކުތީމެވެ. ހަސްފަތާލުން ވެސް ނުކުތީމެވެ. އަހަރެންގެ ހެޔަށް ގޮތްވާހެން ހީވާން ފެށިއެވެ. ކާމިލު އަހަރެންގެ ގައިގާ ހިފެހެއްޓެވެ.
ހޭ އެރި އިރު އަހަރެން އޮތީ ހަސްފަތާލުގައި އެނދުމަތި ކޮށްފަ އެވެ. އަހަރެންނަށް ފެންނަމުން ދިޔަ މަންޒަރަކީ ފަތިސްނަމާދުން ފޭބިތަނުން އަލީ އަހަރެންނާ ދެއްކި ވާހަކަތަކެވެ. ފިލްމެއް ހެން ސިފަވަމުން ދިޔަ އެވެ. އެންމެ ފަހު ފަހަރުކަމަށް ބުނެ އަހަރެންނާ އަތާ އަތް ޖޯޑްކޮށް ކުރި ސަލާމެވެ. ވިއްސާރައިގެ ގަދަ ކޮޅިގަނޑުގައި ފެނުނު ނަނގޫރޯޅި އެވެ. ނަނގޫރޯޅި މާލެއަށް ނޭރިއަސް އަހަރެންގެ އެކުވެރި ކުޑަ އަލީ އަބަދުގެ އަބަދަށް ވަކީވީ އެވެ. މަރަކީ އެންމެ ގާތުގައިވާ ކަންތަކެވެ. ކާފަގެ ހަނދާން އާވާން ފެށިއެވެ.
ކުޑަ ވަގުތު ކޮޅަކުން މީހެއްގެ ފުރާނަ ވެސް ނަގޫރޯޅިއެއް ފަދައިން އަރާ ފައިބައިގެން ދެއެވެ. ދުނިޔެ އަކީ އަދި ދިރިއުޅުމަކީ އެފަދަ ކަމެކެވެ. (ނިމުނީ)










