މޫސުމަށް އަންނަ ބަދަލުތަކަށް ރާއްޖެ ހާނުވައި ތައްޔާރުކުރުމަށްޓަކައި އެމެރިކާގެ އެޖެންސީ ފޯ އިންޓަނޭޝަނަލް ޑެވެލޮޕްމެންޓް (ޔޫއެސްއެއިޑް) އިން 10.5 މިލިއަން ޑޮލަރުގެ ފަސް އަހަރު ދުވަހުގެ ދިގު މަޝްރޫއެއް މިއަދު އިފްތިތާހުކޮށްފި އެވެ.
އެމެރިކާގެ ކޮންސަލްޓިން އަދި އިންޖިނިއަރިން ކުންފުންޏެއްކަމުގައިވާ ޓެޓްރަޓެކުން މެނޭޖްކޮށްގެން ރާއްޖޭގައި ކުރިޔަށްގެންދާ އެ މަޝްރޫއު އިފްތިތާހުކުރީ މިއަދު އެކަމަށްޓަކައި އޮތް ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
އެ މަޝްރޫއުގެ ދަށުން މޫސުމަށް އަންނަ ބަދަލުތަކަށް ރާއްޖެ އަހުލުވެރިކުރުވައި އެ ބަދަލުތަކަށް ހާނުވަން މަސައްކަތް ކުރާނެ އެވެ. އެ މަޝްރޫއުގެ މައިގަނޑު އަމާޒު ހުރީ ރާއްޖޭގެ ތިން ސިނާއަތަކަށެވެ. އެއީ ފަތުރުވެރިކަން، މަސްވެރިކަން އަދި ދަނޑުވެރިކަމުގެ ސިނާއަތްތަކަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔޫއެސްއެއިޑްގެ ރާއްޖޭގެ މިޝަން ޑިރެކްޓަރު ރީޑް އެޝްލިމަން ވިދާޅުވީ އެ މަޝްރޫއުގެ ތެރެއިން މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ރާއްޖޭގައި އެކި ދާއިރާތަކުން ގިނަ ފަރާތްތަކެއް ހިމެނޭހެން މާކެޓަށް ބިނާވެފައިވާ ގޮތަކަށް މަސައްކަތްކުރަން ޔޫއެސްއެއިޑުން އަމާޒުކުރާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓްގެ ތެރެއިން، ރާއްޖޭގެ ސަރުކާރާއި، ސަރުކާރުގެ އިސްވެރިންނާއި، މި ދާއިރާއިން މަސައްކަތްކުރާ ފަރާތްތައް ހިމެނޭހެން، އަދި ޕްރައިވެޓް ސެކްޓާއާއި އާންމު މުޖުތަމައު ހިމެނޭހެން، އިތުރަށް ދެމެހެއްޓެނިވި ގޮތްތަކެއްގައި، މާކެޓް ބޭސްޑް ގޮތަކަށް ކްލައިމެޓް ޗޭންޖަށް ހާނުވަން މަސައްކަތް ކުރަން އަމާޒުކުރާނަން،" ރީޑް ވިދާޅުވި އެވެ.

އޭނާ ވަނީ 1991 ވަނަ އަހަރުން ފެށިގެން ޔޫއެސްއިއިޑުން ރާއްޖޭގައި 50 މިލިއަން ޑޮލަރު އިންވެސްޓުކުރިއިރު، އެ އިންވެސްޓްމެންޓްތައް ސުނާމީ ފަދަ ގުދުރަތީ ހާދިސާތަކަށާއި އިގްތިސޯދީ ކަންކަން އަދި ކޮވިޑް ވެކްސިން ހޯދުން ފަދަ ކަންކަމަށް ވެސް ބޭނުންކުރިކަމަށް ފާހަގަކުރައްވާފަ އެވެ.

ޔޫއެސްއެއިޑުގެ ރާއްޖޭގެ މިޝަން ޑިރެކްޓަރު ރީޑް އެޝްލިމަން. އޭނާ ވިދާޅުވީ މިއަދު އިފްތިތާހުކުރި އެ މަޝްރޫއަކީ ރާއްޖޭގައި ބަދަލެއް ގެނުވައިދޭނެ މަޝްރޫއެއް ކަމަށް. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
އެފަދަ މަސައްކަތްތަކުގެ ތެރެއިން ރާއްޖެއާއި ޔޫއެސްއެއިޑާ ދެމެދު މިދިޔަ 20 އަހަރު ތެރޭ ބިނާކުރަނިވި ގާތް ގުޅުމެއް ގާއިމުކުރެވިފައިވާ ކަމަށާއި އަދި އެއީ ވަރަށް މުހިންމުކަމެއް ކަމުގައި ރީޑް ވިދާޅުވި އެވެ.
ރީޑް ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން ރާއްޖެއާއި ޔޫއެސްއެއިޑާ ދެމެދުގައި މިހާރު ވެސް އޮތް ރަނގަޅު ގުޅުން އަދިވެސް އިތުރަށް ފައިދާހުރި ގޮތުގައި ކުރިއަރައިދާނެކަން ޔަގީންކުރައްވާ ކަމަށެވެ. އަދި ކުރީގެ ކާމިޔާބު މަސައްކަތްތަކަށް ބަލައި، މި މަޝްރޫއުން ރާއްޖޭގައި ބަދަލެއް ގެނުވައިދެވިދާނޭކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރަން މި ޕްރޮޖެކްޓުން ތަފާތެއް ދައްކުވައިދޭނެކަމަށް. ރާއްޖޭގެ ރައްޔިތުން މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުވުމުގައި،" ރީޑް ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވަރަންމެންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވީ ރާއްޖެ މިހާރު އޮތީ މޫސުމާއި ގުޅޭ އެކި އެކި ދިރާސާތަކުން ދައްކުވައިދޭ ކަންކަން ތަންފީޒުކުރަން ފަށަންޖެހޭ ހިސާބުގައި ކަމަށެވެ.
"އަޅުގަނޑަށް ހީވާގޮތުގައި ރާއްޖެ މިހާރު މިވަނީ ކަންކަން ތަންފީޒުކުރަން ޖެހޭ ހިސާބަށް ދެވިފަ. ރިޕޯޓުތައް ތައްޔަރުކުރުމަށްފަހު މަތިމައްޗަށް ޖެހުމަށް ވުރެ،" ޝައުނާ ވިދާޅުވި އެވެ.
ޝައުނާގެ ވާހަކަފުޅުގައި ވަނީ ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށްޓަކައި ރާއްޖެއަށް ގިނަގުނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
އެގޮތުން ވަސީލަތްތައް ނެތުމާއި ގުދުރަތީ ބައެއް ސަރަހައްދުތައް ރައްކާތެރިކޮށް ހިމާޔަތްކުރުމުގައި މެނެޖްމެންޓް ޕްލޭނެއް ނެތުންފަދަ ކަންކަން ފާހަގަކުރެއްވި އެވެ.
"ނަމަވެސް ހުރި ގޮންޖެހުންތަކާއެކުގައި ވެސް އަޅުގަނޑުމެން ބޭނުމެއް ނުވޭ އަބަދަކު ކަންކަމުގެ ވިކްޓިމްސްގެ ގޮތުގައި ތިބޭކަށް. އަޅުގަނޑުމެން ބޭނުންވަނީ ލީޑަރުންނަށް ވުމަށް (މޫސުމުގެ ކަންކަމުގަ)،" އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި އެ ހުރި ގޮންޖެހުންތަކާއެކުގައި ވެސް ސަރުކާރުން ގިނަ ގުނަ މަސައްކަތްތަކެއް މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން އަންނަނީ ކުރަމުންނެވެ.
އެގޮތުން ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުނި ނައްތާލުމަށް ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫއުތައް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޝައުނާ ވާހަކަދައްކަވަނީ. މިނިސްޓަރު ޝައުނާ ވަނީ ރާއްޖެއިން މިހާރު ކުރަންވީ ކަމަކީ ދިރާސާތަކުން ދަސްވާ ކަންކަން ތަންފީޒުކުރަން ފެށުންކަމަށް މިއަދު ވިދާޅުވެފަ. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
ޝައުނާ ވިދާޅުވީ އެފަދަ މަސައްކަތްތަކުގައި ބައިނަލްއަގްވާމީ އެކި ޖަމިއްޔާތަކުގެ ކިބައިން ލިބޭ އެހީތެރިކަން ސަރުކާރުން އަގުވަޒަންކުރާ ކަމަށާއި އަދި އެ އެހީތެރިކަމަށްޓަކައި ޝުކުރު ވެސް އަދާކުރާ ކަމަށެވެ.
މިނިސްޓަރު ވަނީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުވުމަކީ އެކަމުގެ ސަބަބުން ވިޔަފާރީގެ މާބޮޑު ފައިދާއެއް ނެތްކަމަށް ހީވެފައި އޮންނަ އޮތުމަކީ ރަނގަޅު ވިސްނުމެއް ނޫންކަމަށް މިއަދު ވިދާޅުވެފަ އެވެ. އަދި އެގޮތަށް އިންވެސްޓުނުކުރުމުގެ ސަބަބުން ދެން ނުކުންނަ ނަތިޖާއަކީ މުޅި ގައުމެއްގެ ރައްޔިތުން އެހެން ސަރަހައްދަކަށް ބަދަލުކުރަން ޖެހުން ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މިހާރު އެބަ އިނގޭ، ރެފިއުޖީންގެ ކަންކަމުގައި ހުރި ދަތި އުނދަގޫ ކަންކަން. އެހެންވީމާ މިއީއެއް ނޫން އަޅުގަނޑުމެން ދާން ބޭނުންވާ ދިމާލަކީ،" ޝައުނާ ވިދާޅުވި އެވެ.
މިއަދު އިފްތިތާހުކުރި މަޝްރޫއުގެ ދަށުން މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުވުމުގައި ރާއްޖޭގެ އެކި ސިނާއަތްތަކާއި ދާއިރާތަކުގެ މެދުގައި ހުރި ހުސްކަންކަން ފުރިހަމަކޮށް، މޫސުމީ ކަންކަމަށް ރައްޖެ އިތުރަށް ވިލުންތެރިކުރުވައިދޭނެކަމަށް ޔޫއެސްއެއިޑުން ބުނެ އެވެ.












