ޅ. ހިންނަވަރުގައި ސަރުކާރުން ތަރައްގީ ކުރަން ނިންމާފައިވާ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތް އަންނަ މަހު ބަޔަކާ ހަވާލުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އިއްޔެ ވިދާޅުވެއްޖެ އެވެ.
މި ސަރުކާރުގެ ފުރަތަމަ އަހަރު ހަތަރު ރަށެެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލު ކުރުމަށް ނިންމާފައިވެ އެވެ. އެގޮތުން އެ އަހަރުގެ ބަޖެޓުގައި ހިމަނާފައި އޮތީ ނ. ވެލިދޫ ސިއްހީމަރުކަޒާއި ޅ. ހިންނަވަރު، އދ. މާމިގިލި އަދި ގދ. ގައްދޫ ސިއްހީ މަރުކަޒު، ހޮސްޕިޓަލުތަކަށް ބަދަލު ކުރުމަށެވެ.
ރައީސް ޅ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ފަތުރުފުޅުގައި ހިންނަވަރުގައި ރޭ ބޭއްވި ޖަޒީރާ ހޮޅުއަށި ޕްރޮގްރާމުގެ ތެރެއިން ހިންނަވަރު ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ހިންނަވަރުގައި ތަރައްގީކުރުމަށް ސަރުކާރުން ނިންމާފައިވާ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާކަމަށެވެ.
ހިންނަވަރުގައި ހަދަން ނިންމާފައި ވަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އަމާޒަކީ ވީހާ ވެސް ކުރު މުއްދަތެއްގެ ތެރޭގައި ހޮސްޕިޓަލް ނިންމުމެވެ.
"ހޮސްޕިޓަލް ނިންމަން އަޅުގަނޑަށް އޮތީ ދެއަހަރު ލިބިފައި. އެކަމަކު އަޅުގަނޑަށް ދިގު އެވަރުގެ ހޮސްޕިޓަލެއް ނިންމަން އޮތް މުއްދަތު. މިދައްކަނީ 30 އެނދުގެ ވާހަކަ. އެވަރުގެ ހޮސްޕިޓަލެއް ނިންމަން ދިގު މުއްދަތެއް ކަމަށް ގަބޫލުކުރެވެނީ. ޕްލޭނިން މިނިސްޓަރާ ވާހަކަ ދައްކާފައިވާނެ މަޝްރޫއު އަވަސްކުރަން. އެކަމަށް ހައްލު ލިބޭނެ،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ 60 ރަށެއްގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް ޒަމާނީ ފެންވަރަށް ހަދަން މި އަހަރުގެ ބަޖެޓްގައި 448 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.













