މެޑްރިޑް (ފެބްރުއަރީ 19) - ޕީއެސްޖީގެ ކީލިއަން އެމްބާޕޭ އާއި ބޮރޫޝިއާ ޑޯޓްމުންޑްގެ އާލިން ބްރައުޓް ހާލަންޑް ރެއާލް މެޑްރިޑަށް ސޮއިކުރާނެކަމުގެ ޔަގީންކަމުގެ އެބައޮތްކަމަށް ލަލީގެ ރައީސް ހާވިއޭ ޓެބާސް ވިދާޅުވެއްޖެ އެވެ.
ރެއާލްގެ ކުރީގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެ ކުލަބް ދޫކޮށްލި ފަހުން ރައީސް ފްލޮރެންޓީނޯ ޕެރޭޒް އެންމެ ބޮޑަށް އެ ކުލަބަށް ގެންނަށް ބޭނުންވާ ދެ ކުޅުންތެރިއަކީ އެމްބާޕޭ އާއި ހާލަންޑް އެވެ.
މި ދެ ކުޅުންތެރިންގެ ތެރެއިން އެމްބާޕޭ ހުރީ ރެެއާލަށް ބަދަލުވާން ތައްޔާރަށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. މި ސީޒަނުގެ ނިޔަލަށް ޕީއެސްޖީގެ ކޮންޓްރެކްޓްގައި ހުރި އެމްބާޕޭ އެ ޓީމުގައި މަޑުކުރުވަން މުސާރަ ބޮޑުކޮށް، ކޮންޓްރެކްޓެއް ހުށަހަޅާފައި އޮތް ނަމަވެސް އޭނާގެ ވިސްނުން ހުރީ އެ އޮފާ އަށް ނޫނެކޭ ބުނެ، އާ ޗެލެންޖެއް ނެގުމަށް ކްލަބް ބަދަލުކުރަން ކަމަށް ފްރާންސްގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
ދާދި ފަހުން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެމުން އެމްބާޕޭ ބުނީ އޭނާގެ މުސްތަގުބަލާ ބެހޭގޮތުން ވާހަކަދައްކަން މިވަގުތު ބޭނުންނުވާކަމަށެވެ.
ޓެބާސް ގަބޫލުކުރައްވާ ގޮތުގައި އެމްބާޕޭ އާއި ހާލަންޑް ގަތުމުގެ މާލީ ގާބިލުކަން މި ވަގުތު ހުރީ ރެއާލްގައި އެކަންޏެވެ. އޭނާ ވިދާޅުވީ ބޮޑެތި ކުލަބުތައް މާލީ ގޮތުން މިވަގުތު އޮތް ހާލަތަށް ބަލާއިރު، ދެ ކުޅުންތެރިން އެއްކޮށް ގަނެވޭ ފެންވަރު ހުރި ކުލަބަކީ ރެއާލް އެވެ.
"އެމްބާޕޭ އާއި ހާލަންޑް ގަންނަން ބޮޑެތި ހުރިހާ ކުލަބަކުން ވެސް ބޭނުންވާނެ. އެކަމަކު، ރެއާލްގައި ހުރި މާލީ ގާބިލުކަމެއް މިހާރު އެހެން ކުލަބުތަކުގައި ނެތް. ހުރިހާ ގޮތަކަށް ބަލާއިރު ވެސް މި ދެ ކުޅުންތެރިން ފެންނާނެކަމަށް ގަބޫލުކުރަނީ ރެއާލުން،" ޓެބާސް ވިދާޅުވި އެވެ.
"ރެއާލާ ވާދަކުރަން އޮތް ދެ ކުލަބަކީ ބާސެލޯނާ އާއި ޔުވެންޓަސް. ދެ ކުލަބުގެ މާލީ ހާލަތު އޮތީ ވަރަށް ގޯސްކޮށް އެހެންވީމަ ރެއާލަށް ހުރިހާ ގޮތަކުން ފުރުސަތު އެބައޮތް،"
ރައީސް ޓެބާސް ވިދާޅުވީ ދުނިޔޭގައި މި ވަގުތު ތިބި އެންމެ ވަރުގަދަ ޒުވާން ދެ ތަރިން ލަލީގާ އަށް އައުމަކީ މުޅި ލީގަށް އާރޯކަން އަންނާނެ ކަމެއް ކަމަށެވެ. މެސީ އާއި ރޮނާލްޑޯ ލަލީގާ ދޫކޮށްލުމަށްފަހު ލީގުގެ ކުރިއެރުމަށް އަންނާނެ އެންމެ ބޮޑު ފުރުސަތަކަށް ވާނީ އެމްބާޕޭ އާއި ހާލަންޑް އެ ލީގާ ގުޅުން ކަމަށް ޓެބާސް ވަނީ ވިދާޅުވެފަ އެވެ.












