ފްރާންސްގެ ޕެރިހުގައި 2024 ވަނަ އަހަރު ޕެރިހުގައި ބާއްވާ އޮލިމްޕިކްސް އަށް ކޮލިފައިވުމަށް އެހީވުމުގެ ގޮތުން ކުރިއަށްގެންދާ އޮލިމްޕިކް ސްކޮލާޝިޕްގެ ފުރުސަތު ދިވެހިރާއްޖޭގެ ޓީޓީ ތަރި ފާތިމަތު ދީމާ އަލީ އަށް ލިބިއްޖެ އެވެ.
އޮލިމްޕިކް ސްކޮލާޝިޕަކީ ދުނިޔޭގެ އެކި ގައުމުތަކުގެ އެތުލީޓުންގެ ތެރެއިން ހުނަރާއި ހޯދާފައިވާ ކާމިޔާބީތަކަށް ބަލައި އޮލިމްޕިކްސް އަށް ކޮލިފައިވުމުގެ ފުރުސަތު އޮންނަ އެތްލީޓުންނަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ)އިން ދޭ މާލީ އަދި ފަންނީ އެހީތެރިކަމެކެވެ.
އައިއޯސީން ދީމާއަށް ސްކޮލަޝިޕް ދޭން ނިންމާފައިވަނީ ފާއިތުވި އަހަރުތަކުގައި އޭނާ ހޯދާފައިވާ ކާމިޔާބީތަކާއި ކުރިއެރުމަށް ބަލައިފަ އެވެ. އަދި ސްކޮލަޝީޕާ އެކު 2024 ގެ އޮގަސްޓް މަހުގެ ނިޔަލަށް އައިއޯސީ އެޕްރޫވްޑް ތަމްރީން ސެންޓަރުތަކުގެ ތެރެއިން ދީމާ ތަމްރީން ހަދަން ބޭނުންވާ ސެންޓަރެއްގައި އޭނާގެ ތަމްރީންތައް ކުރިއަށް ގެންދިޔުމުގެ ފުރުސަތު އައިއޯސީން ފަހިކޮށްދޭނެ އެވެ.
ދީމާއަށް މި ފަހިވި ބޮޑު ފުރުސަތާ ބެހޭ ގޮތުން ރާއްޖޭގެ ޓޭބަލް ޓެނިސް އެސޯސިއޭޝަން (ޓީޓީއޭއެމް)ގެ ރައީސް އަލީ ރަޝީދު (އައްޔަ)، މިއަދު "އަދަދު" އަށް ވިދާޅުވީ މިއީ ރާއްޖޭގެ ކުޅިވަރަށާއި ޓީޓީއަށް ވެސް ލިބުނު ބޮޑު ކުރިއަރުމަކާއި ކާމިޔާބެއް ކަމަށެވެ. އަދި މިދިޔަ ހަތަރު ވަރަކަށް އަހަރު ދީމާގެ އާއިލާ އާއި ޔޫތު މިނިސްޓްރީ އަދި ޓީޓީ އެސޯސިއޭޝަންގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގުޅިގެން ގިނަ ހަރަދުތަކެއް ދީމާގެ ތަމްރީންތަކަށް ކޮށްފައިވާ ކަމަށް އައްޔަ ވިދާޅުވި އެވެ.
ދީމާ އަށް މި ލިބުނު ސްކޮލަޝިޕްގެ ސަބަބުން ވަރަށް ބޮޑު ލުޔެއް ލިބޭނެކަމަށް ވެސް އައްޔަ ފާހަގަކުރެއްވި އެވެ.
މި ފުރުސަތު ދީމާ އަށް ލިބުމާ އެކު ރާއްޖޭގައި ތިބި ޒުވާން ޓީޓީ ކުޅުންތެރިންނަށް އާ ހިތްވަރެއްވެސް ލިބޭނެ ކަމަށް އައްޔަ ގަބޫލުކުރައްވަ އެވެ. ނަމޫނާއެއްގެ ގޮތުގައި ދީމާއަށް ބަލައިގެން އެ ކުޅުންތެރިން ކުރިއަށްދާން އާ އުއްމީދެސްވެސް ލިބޭނެކަމަށެވެ.
އިންޑިވިޖުއަލް ކުޅިވަރުތަކަށް ބަލާއިރު، އެންމެ ޅަ އުމުރުގައި ރާއްޖެ އަށް އެންމެ ގިނަ ކާމިޔާބީ ހޯދައިދިން ކުޅުންތެރިޔާ އަކީ ދީމާ އެވެ. ވަކިވަކި އެތުލީޓުންނަށް ބަލާއިރު އިންޓަނޭޝަނަލް ލެވަލްގައި ދީމާ އަކީ ރާއްޖޭގެ އެންމެ މަތީ ހަރުފަތުގައި މިހާރު ވެސް ގުނޭނެ ތަރި އެކެވެ.
މި ވަގުތު ދީމާގެ ތަމްރީންތައް ކުރިއަށްދަނީ ތައިލެންޑްގެ ވެރިރަށް ބެންކޮކްގަ އެވެ. ޔޫތު މިނިސްޓްރީން ފަހިކޮށްދިން ފުރުސަތެއްގައި ތައިލެންޑްގައި ދީމާ ތަމްރީން ހަދަމުން އަންނަތާ މިހާރު ތިން މަސްވެފައި ވާއިރު، އަންނަ މަހު މާލޭގައި އޮންނަ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޓޭޓް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް އެ މުބާރާތުގެ 10 ދުވަސް ކުރިން ދީމާ މާލެ އަންނާނެ އެވެ.
"އަސްލު ވަރަށް ބޮޑު ފުރުސަތެއް މި ލިބުނީ. މި ވޭތުވެދިޔަ އަހަރުތަކުގައި ދިމާގެ އާއިލާ، ސަރުކާރުން އަދި އެމްއޯސީން ވެސް ވަރަށް ގިނަ ހަރަދުތަކެއް ކޮށްފި. މިހާރު ދެން އައިއޯސީން ގިނަ ހަރަދުތައް ކުރާނީ. އެހެންވީމަ ވަރަށް ބޮޑު ލުޔެއް މި ލިބުނީ." އައްޔަ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޮލިމްޕިކް ސްކޮލާޝިޕްގެ ދަށުން ދީމާ ތަމްރީން ހަދާނެ އާ ޓްރެއިނިން ސެންޓަރު ހަމަޖެއްސުމުގެ މަސައްކަތް ދިމާގެ ބެލެނިވެެރިންނާއި ގުޅިގެން ކުރިއަށްދާ ކަމަށެވެ. އާ ތަމްރީން ސެންޓަރު ހަމަޖެއްސުމުގައި އެންމެ ބޮޑަށް ބަލަނީ ދީމާގެ ކިޔެވުމުގެ ކަންކަމަށް އުނދަގޫ ނުވާނެ ކަހަލަ ގޮތަކަށް ކަންކަން ހަމަޖެއްސުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަސްލު މީގަ އެންމެ މުހިންމު އެއް ކަމަކީ ދީމާގެ ކިޔެވުން. ކިޔެވުމުގެ ކަންކަން ހަމަޖެހޭނެ ކަހަލަ ސެންޓަރެއް ހޯދުން މި އުނދަގޫވަނީ. އެބަ މަސައްކަތްކުރަން އެހެން ބަޔަކާ ގުޅިގެންވެސް މިކަން ކުރެވޭތޯ. ހުރިހާ ގޮތަކަށްވެސް ބަލާފައި ދީމާގެ ބެލެނިވެރިންގެ މަޝްވާރާއާއިވެސް އެކު ތަމްރީން ސެންޓަރު ފައިނަލް ކުރާނީ،" ދެ ވަނަ ދައުރަކަށް ރާއްޖޭގެ ޓީޓީގެ މަސައްކަތް ކުރައްވަމުން އަންނަ އައްޔަ ވިދާޅުވި އެވެ.
ދުނިޔޭގެ ޖޫނިއާ ރޭންކިންގެ އަށް ވަނަ އަށް ވެސް މީގެ ކުރިން ޖެހިލި ޖެހިލި އުމުރުން 14 އަހަރުގެ ދީމާ އަކީ ޒުވާން އުމުރުގައި ރާއްޖޭގައި އެންމެ ކާމިޔާބު އެތުލީޓެވެ. ދީމާ އަންނަނީ ބައިނަލްއަގުވާމީ މައިދާނުގައި ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ރަނގަޅަށް ހިފައި ތާރީހީ ކާމިޔާބީތަކެއް ހާސިލްކުރަމުންނެވެ.
ގައުމީ ފެންވަރުގައި ކުޅެން ފެށިތާ ތިން އަހަރުގެ ތެރޭގައި ދީމާ ވަނީ ރާއްޖެ އަށް 2019 ވަނަ އަހަރު ރީޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ތިން ރަން މެޑަލް ގެނެސްދީފަ އެވެ. މިއީ ރާއްޖޭގެ ޓީޓީގައި ލިޔެވިގެންދިޔަ އާ ސޮފުހާ އެކެވެ. އޭގެ އިތުރުން ދީމާ ވަނީ ސައުތު އޭޝިއާ ހޯޕްސް މުބާރާތުން ރަން މެޑަލް ހޯދައި އަދި އޭޝިއާ ހޯޕްސް މުބާރާތުން ރިހި މެޑަލް ހޯދައި، ވޯލްޑް ހޯޕްސް މުބާރާތަށް ކޮލިފައިވެފަ އެވެ.













