އަންނަ ފެބްރުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ސަޕޯޓު ހޯދުމަށް އެންޓި-ކެމްޕެއިން ނުކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސިޔާސީ ޕާޓީތަކަށް މިއަދު ނަސޭހަތް ދީފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރަން ސިޔާސީ ތިން ޕާޓީއަކުން ކުރަމުން އަންނަަ މަސައްކަތުގައި އެއް ބަޔަކު އަނެއް ބަޔަކަށް އެންޓި ކެމްޕޭން ކުރާ ކަމުގެ ޝަކުވާ ޕާޓީތަކުން ކުރިން ވަނީ އުފުލައިފަ އެވެ. އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ޕާޓީތަކުގެ ވެރިންނާ މިއަދު ބައްދަލުކުރީ އެހެންނަމަވެސް ސީދާ އެކަމާ ގުޅިގެނެއް ނޫނެވެ.
އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ކޮމިޝަނުން ޕާޓީތަކުގެ ވެރިންނާ ބައްދަލުކުރީ ޕާޓީތަކާ ގުޅޭ ގިނަ ކަންތައްތަކާ ބެހޭ ގޮތުން ޖުމްލަ ގޮތެއްގައި މަޝްވަރާ ކުރަން ކަމަށެވެ. ޕާޓީތަކަށް އަލަށް ވަންނަ މެމްބަރުންގެ ފޯމްތައް ޕްރޮސެސް ކުރުމުގެ މަސައްކަތް ހިނގަމުން އަންނަ ގޮތުގެ މައުލޫމާތު ދިނުމާއި އެކަމާ ބެހޭ ގޮތުން ހުރި ސުވާލުތަކަށް ޖަވާބު ދިނުން ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށް ހަބީބު ވިދާޅުވި އެވެ.
"ކެމްޕެއިން ކުރާ ގޮތުގެ ޝަކުވާ [އެންޓި-ކެމްޕެއިން ކުރާކަމުގެ ޝަކުވާ] ކުރިން ލިބިފައިވާތީ، އެކަމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެވުނު. އެގޮތަށް ކަންތައް ނުކުރަން އީސީން ނަސޭހަތްތެރިވި،" ހަބީބު ވިދާޅުވި އެވެ.
ސިޔާސީ ޕާޓިތަކާ އެކު އީސީން ބޭއްވި ބައްދަލުވުމުގައި އޮތް އަނެއް ކަމަކީ އިންތިހާބުތަކުގައި ވޯޓްލާން ރަޖިސްޓްރީކުރުމުގެ މަރުހަލާ އޮންލައިންކޮށް ވެސް ކުރިއަށް ގެންދިއުމަށް ޓަކައި އީސީން ތައާރަފްކުރާ ޕޯޓަލްގެ މައުލޫމާތު ދީ، އެ ޕޯޓަލަށް ޕާޓީތައް އަހުލުވެރިކުރުވުމެވެ. ހަބީބް ވިދާޅުވި ގޮތުގައި އެ ޕޯޓަލް ވަރަށް އަވަަހަށް ބޭނުން ކުރަން ފަށާނެ އެވެ.

ފެބްރުއަރީ 15، ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި ވާދަ ކުރައްވަނީ ވެރިކަން ހިންގާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދާއި އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމް އާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީގެ) ކެންޑިޑޭޓް އަބްދުލް ހަންނާން އިދުރީސް އެވެ.












