ލަންޑަން (ޑިސެމްބަރު 10) - ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅޭ ނޯވޭގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑް މި ސީޒަނަށް ފަހު ބަދަލުވެދާނެ ހަތަރު ކްލަބެއްގެ ނަން އޭނާގެ އޭޖެންޓް މިނޯ ރައިއޯލާ ހާމަކޮށްފި އެވެ.
އުމުރުން 21 އަހަރުގެ ހާލަންޑްގެ މުސްތަގުބަލާ ބެހޭގޮތުން ރައިއޯލާ ވަނީ ސްޕޯޓްވަން އަށް އިންޓަވިއުއެއް ދީފަ އެވެ. ރައިއޯލާ ބުނީ މި ސީޒަން ނިމުމުން ނޫނީ އަންނަ ސީޒަނަށް ފަހު ޔަގީނުން ވެސް ހާލަންޑް މިހާރު ހުރި ކްލަބް ޑޯޓްމަންޑް ދޫކޮށްލާނެ ކަމަށެވެ.
"ހާލަންޑް އޭނާގެ ކެރިއަރުގެ ދެން އޮތް ހަރުފަތަށް ދާނީ އެހެން ކްލަބަކާ އެކު. ބަޔާން، ރެއާލް، ބާސެލޯނާ، ސިޓީ (މެންޗެސްޓާ). އެއީ ހާލަންޑް ގޮސްފާނެ ފަދަ ބޮޑު ކްލަބްތައް," ރައިއޯލާ ބުންޏެވެ.
"ސިޓީން ވަނީ ލީގު ތަށި ފަސް ވަރަކަށް ފަހަރު މިދިޔަ އަހަރުތަކުގައި ހޯދާފައި. އެއީ އެ މުއްދަތުގައި ޔަގީނުން ވެސް މެންޗެސްޓާ ޔުނައިޓެޑަށް ވުރެ ގިނައިން. އަހަރެމެން ޑޯޓްމަންޑަށް އައިއިރު މީގެ ދެން އަންނާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާ ކުރިން،"
މިދިޔަ އަހަރުގެ ޖެނުއަރީ މަހު ސަލްޒްބާގް ދޫކޮށް ހާލަންޑް ޑޯޓްމަންޑަށް ބަދަލުވީ 22 މިލިއަން ޑޮލަރުގެ ފީ އަކަށެވެ. މި ސީޒަން ފެއްޓުމުގެ ކުރިން ހާލަންޑް ގަންނަން ޓީމުތަކުން ކުރި މަސައްކަތްތައް ހުއްޓުމަކަށް އައީ ޑޯޓްމަންޑުން އޭނާ ވިއްކާލަން ކީ އަގުބޮޑުވުމުންނެވެ. މި ފަހަރު ޑޯޓްމަންޑުން ހާލަންޑް ވިއްކާލަން ކީ 150 މިލިއަން ޑޮލަރަށް ވުރެ ބޮޑުކޮށެވެ.
ރިޕޯޓްތައް ބުނާގޮތުން ހާލަންޑާއި ޑޯޓްމަންޑުން ސޮއިކޮށްފައިވާ ކޮންޓްރެކްޓްގައިވާ މާއްދާ އަކަށް ބަލައި މި ސީޒަނަށް ފަހު ހާލަންޑަށް 70 މިލިއަން ޕައުންޑް (96 މިލިއަން ޑޮލަރު)ގެ އަގަކަށް ޑޯޓްމަންޑް ދޫކޮށްލެވޭނެ އެވެ. އެ ފަދަ މާއްދާއެއް ހާލަންޑްގެ ކޮންޓްރެކްޓްގައި ހިމެނޭތޯ އެހުމުން ރައިއޯލާ ބުނީ ހާލަންޑްގެ އެއްބަސްވުމަކީ އޭނާ އާއި ޑޯޓްމަންޑަށް އޮތް ކަމެއް ކަމަށާއި އޭގެ ހުރި ކަންތައްތަކަށް ދެ ފަރާތުން ވެސް ބޯލަނބާނެ ކަމަށެވެ.
މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި 13 މެޗުން 17 ގޯލު ޖަހައި ހަތަރު ގޯލު ޖަހަން ފުރުސަތު ތަނަވަސްކުރި ހާލަންޑް ހުރީ ވަރަށް ރަނގަޅު ފޯމެއްގަ އެވެ. ހާލަންޑް ހޯދަން ގިނަ ކްލަބްތަކަކުން ޝައުގުވެރިވާ ސަބަބަކީ ދެން އޭނާ ސޮއިކުރާ ކްލަބަކާ އެކު ކެރިއަރުގެ މުހިއްމު އަހަރުތަކެއް ގުނާނެތީ އެވެ. އަދި މި ވަގުތު ހާލަންޑް ހުރި ރަނގަޅު ފޯމުގެ ސަބަބުންނެވެ.












