ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބާއްވަން ނިންމި "ކޮތަރު ކޮށި" ޖަލްސާ މާލޭ އުސްފަސްގަނޑު ސަރަހައްދުގައި ބާއްވަން އިދިކޮޅު ކޯލިޝަނުން ނިންމައިފި އެެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާ އިދިކޮޅުގެ ބޮޑު ޖަލްސާ އެންމެ ފުރަތަމަ ބޭއްވުމަށް ނިންމީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުގަ އެވެ.
ނަމަވެސް ހުއްދަ ނުނަގައި އެ ޖަލްސާ ހުޅުމާލޭގައި ނުބޭއްވޭނެ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ. އަދި އެ ސަރަހައްދުގައި ރެއިން ފެށިގެން ފުލުހުން ދަނީ ފޯރިމަރަމުންނެވެ.
މިއަދު ހަވީރު އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ޖަލްސާ އުސްފަސްގަނޑު ސަރަހައްދަށް ބަދަލުކުރަން ނިންމައިފައިވާ ކަމަށެވެ.

ޖަލްސާ އޮންނާނީ މާދަމާ ރޭ 08:30ގަ އެވެ. ޕީޕީއެމް އާއި ރާއްޖޭގެ މިނިވަންކަމަށް ލޯބިކުރާ އެންމެހާ ރައްޔިތުންނަށް ޖަލްސާގައި ބައިވެރިވުމަށް އެ ޕާޓީން ދައުވަތު ދީފައިވެ އެވެ.
އިިދިކޮޅުން މިދިޔަ ހުކުރު ދުވަހުގެ ރޭ ވެސް ވަނީ ކާނިވާ ސަރަހައްދުގައި ބޮޑު ޖަލްސާއެއް ބާއްވާފަ އެވެ. އެއީ ޔާމީން ޖަލުން މިނިވަންވުމަށްފަހު ޕީޕީއެމުން ބޭއްވި ފުރަތަމަ ބޮޑު ޖަލްސާ ކަމަށްވާއިރު ޖަލްސާގައި ގިނަ ބަޔަކު ބައިވެރިވި އެވެ.












