މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހާޒިރުުވުމަށް އަންގައިފި އެވެ.
މިއަދު މާލެ ސިޓީ ކައުންސިލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މިއަދު އޭސީސީއަށް ހާޒިރުވާން އަންގާފައިވާ ކަމަށެވެ. ނަމަވެސް ހާޒިރު ކުރަނީ ކޮން މައްސައެއްގައި ކަމެއް ސާފު ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއަދު 2:00އަށް އޭސީސީއަށް ދާން އެބަ އޮތް އަންގާފަ. ވެދާނެ އެއީ މިހަކަލަ ކަމެއްގަ މަސައްކަތް ކުރާތީ ކަމަށް. އަޅުގަނޑުމެން އެކަމާ ކަންބޮޑެއް ނުވޭ،" ހުޅުމާލޭގެ އިހުތިސޯސްއާމެދު އުފެދިފައިވާ ހަމަނުޖެހުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ހާޒިރުކުރަނީ ކޮން މައްސަލައަކާ ގުޅޭ ގޮތުންކަން ސާފުކުރުމަށް އޭސީސީއަށް ގުޅުމުން ޖަވާބެއް ނުދެ އެވެ.
އޭސީސީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން މުއިއްޒު ވިދާޅުވީ އޭސީސީއަކީ ގާނޫނީ ގޮތުން މިނިވިން މުއައްސަސާއަކަށްވީ ނަމަވެސް މިނިވަންކަމާ އެކު ހިނގާ އިދާރާއެއް ނޫން ކަމަށެވެ.

މީގެކުރިން ވެސް އެކި މައްސަލަތަކުގައި މުއިއްޒު އޭސީސީއަށް ހާޒިރުކޮށްފައިވެ އެވެ.
ނޫމަޑި މައްސަލާގައި ދޮގު ބަޔާން ދިން ކަމުގެ ދައުވާ ވެސް މުއިއްޒުގެ މައްޗަށްކޮށް ކުރިމިނަލް ކޯޓުގައި ޝަރީއަތް ހިންގަ އެވެ.












