ޕޯޗުގަލްގައި މިހާރު ކުރިއަށްދާ ޓޭބަލް ޓެނިސްގެ ޖޫނިއާ ވޯލްޑް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހުނަރުވެރި ތަރި ފާތިމަތު ދީމާ އަލީ، މިއަދު މިކްސް ޑަބަލްސްގައި ކުޅުނު މެޗުން މޮޅުވެއްޖެ އެެވެ.
ދީމާގެ މިކްސް ޑަބަލްސް ޕާޓްނަރަކީ ޗެކް ރިޕަބްލިކްގެ މާޓިސް ސިޕް އެވެ. ދީމާ އާއި ސިޕްގެ ޕެއާ ވަނީ އޮސްޓްރޭލިއާގެ ނިއީ ޝުލޮން އާއި ސިހޯއިއޯސް ކޮންސްޓަންޓީނާގެ ޕެއާ 3-1 ސެޓުން ބަލިކޮށްފަ އެވެ. ފުރަތަަމަ ދެ ސެޓު ދީމާ އާއި ސިޕްގެ ޕެއާ އިން 4-11، 7-11 އިން ގެންގޮސްފައިވަނިކޮށް ނިއީ އާއި ކޮންސްޓަންޓީނާގެ ޕެއާ ތިން ވަނަ ސެޓު ގެންދިޔައީ 11-09 އިންނެވެ. އެކަމަކު، ދެން ކުޅުނު ސެޓު 07-11 އިން ގެންގޮސް ދީމާ އާއި ސިޕްގެ ޕެއާ މެޗުން މޮޅުވީ އެވެ.

ދީމާ (ވ.2) އާއި ސިޕް (ކ.2) ދެ ކުޅުންތެރިންގެ ކޯޗުންނާ އެކު.-- ފޮޓޯ: ޓީޓީ އެސޯސިއޭޝަން
މިކްސް ޑަބަލްސްގައި މިރޭ ދީމާ އާއި ސިޕްގެ ޕެއާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ރުމޭނިއާގެ ޕެއާ އެއް ކަމަށްވާ ޗިރިޓާ ލުލިއަން އާއި ރޯސޫ ބިއާންކާގެ ޕެއާއާ އެވެ.
އަންހެން ޑަބަލްސް އިވެންޓްގައި ދީމާގެ ޕާޓްނަރަކީ ނައިޖީރިއާގެ ސުކުރާތު އަޔުލްބިގަން އެވެ. އަންހެން ޑަބަލްސްގައި މިއަދު ދީމާގެ މެޗު އޮންނާނެ އެވެ. ދީމާ އާއި ސުކުރުުތާގެ ޕެއާ ބައްދަލުކުރާނީ ޗައިނީސް ޓައިޕޭގެ ޝެން ޕޫ ސުޔާން އާއި އިންޑޮނީޝިއާގެ ލިން ޝިއާންގެ ޕެއާއާ ދެކޮޅަށެވެ.
ދީމާގެ ނަން ވަނީ ދުނިޔޭގެ މުބާރާތުގެ 15 އަހަރުން ދަށުގެ އަންހެން ސިންގްލަސް ކެޓަގަރީގެ މެއިން ޑްރޯ އަށް ކޮލިފައިވި 24 ކުޅުންތެރިންގެ އެންޓްރީ ލިސްޓުގައި ވެސް ހިމަނައިފަ އެވެ. ސިންގަލްސްގައި ދީމާގެ ފުރަތަމަ މެޗުގައި މާދަމާ ކުޅޭނީ ސްލޮވާކިއާގެ ވިލިޝްކޯވާ ޑޮމިނިކާއާ އެވެ.
ގައުމީ ފެންވަރުގައި ކުޅެން ފެށިތާ ތިން އަހަރުގެ ތެރޭގައި ދީމާ ވަނީ ރާއްޖެ އަށް 2019 ވަނަ އަހަރު މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ އެކި އިވެންޓްތަކުގައި ވާދަކޮށް ތިން ރަން މެޑަލް ގެނެސްދީފަ އެވެ. އޭގެ އިތުރުން ދީމާ ވަނީ ސައުތު އޭޝިއާ ހޯޕްސް މުބާރާތުން ރަން މެޑަލް ހޯދައި އަދި އޭޝިއާ ހޯޕްސް މުބާރާތުން ރިހި މެޑަލް ހޯދައި، ވޯލްޑް ހޯޕްސް މުބާރާތަށް ކޮލިފައިވެފަ އެވެ.
އިންޑިވިޖުއަލް ކުޅިވަރުތަކަށް ބަލާއިރު، އެންމެ ހަގު އުމުރުގައި ރާއްޖެ އަށް އެންމެ ބޮޑެތި ކާމިޔާބީތަކެއް ހޯދައިދިން އެތުލީޓަކީ ދީމާ އެވެ.












