ސުޕްރީމް ކޯޓުގައި މިއަދު ހެނދުނު ފެށި ޝަރީއަތުގެ މަޖިލިސް ތިން ގަޑިއިރަށް ވުރެ ގިނަ އިރަށް ދިގު ދެމިގެންދިޔަ އިރު ކޯޓު ރޫމްގައި އިންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އާންމު އުސޫލުން ހިތްޕުޅުގައި އެނބުރެމުންދިޔަ ޝުއޫރެއް މޫނު މަތިން ހާމައެއް ނުވެ އެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ދަމަހައްޓާފައި ވާއިރު، އެ ކުށުގައި ޔާމީން ގައިދުވެފައި ހުންނަވާތާ 732 ދުވަސް ވެއްޖެ އެވެ.
އެމަނިކުފާނުގެ މިނިވަންކަމުގެ އިތުރުން ސިޔާސީ ކުރި މަގާ ގުޅިފައި އޮތް ވަގުތުކޮޅުގައި އެއްވެސް ޖަޒުބާތެއް ނުދައްކަވަ އެވެ.
އިސްތިއުނާފުގެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ރައުޔު އިއްވަމުން ގެންދެވިއިރު، ދަށު ކޯޓުތަކުން ހުކުމް އިއްވަން ރިޔާއަތްކުރި މުހިންމު ނުކުތާތަކާ މެދު ސުވާލު އުފެއްދެވި އެވެ.

އެ ގާނޫނީ ސުވާލުތަކާއެކު ހުކުމް ކުރައްވާނެ ގޮތުގެ މަލަމަތި ހާމަވާން ފެށުމުން ވެސް ޔާމީން ގިނަ ވަގުތު އިންނެވީ އިސް ޖައްސަވައިގެންނެވެ.
ޔާމީންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުންނާއި ހައި ކޯޓުން ނިންމި ނިންމުން ބާތިލުކުރަންޖެހޭ ކަމަށް ފެންނަ ކަމަށް ފަނޑިޔާރު މަހާޒްގެ ރައުޔުއަށް ފަނޑިޔާރު އަޒްމިރަލްދާގެ އިތުރުން ފަނޑިޔާރު އިބްރާހިމް މުހައްމަދު ތާއީދުކުރެއްވުމާއެކު ދިފާއީ ވަކީލުން ހަމްދު ކުރި މަންޒަރު ފެނުނެވެ.
ޖަލު އަދަބުން ސަލާމަތްވެ، މިނިވަނަކަށް ވި ހުކުމް އިއްވުމާއެކު ވެސް ޔާމީންގެ މޫނު މަތިން އެއްވެސް ޖަޒުބާތެއް ނުފެނުނެވެ.
ސިޔާސީ ކުރިމަގު ކުރަހާނެ ހުކުމެއް
ޔާމީން ޖަލުގައި ހުންނެވި ދުވަސްކޮޅު އިދިކޮޅުގެ ރޫހު އޮތީ ގެއްލިފަ އެވެ. ހުކުމް ދެމިއޮތްހާ ދުވަހަކު ލީޑަރުގެ ގޮނޑި ހޯދަން އެތެރޭގެ ކޯޅުން ބޮޑުކަމުގެ އަޑުތައް އިވުނެވެ. އިދިކޮޅުގެ ހަރަކާތްތަކަށް ކޮންމެވެސް ދިރުމެއް އައީ ޔާމީން ގޭބަންދަށް ބަދަލުކުރުމުންނެވެ.
މިހާރު މިނިވަނެއްގެ އިތުރުން އިދިކޮޅު ލީޑަރުގެ ގޮތުގައި ޔާމީން ގެއަށް ވަޑައިގަންނަވާއިރު، އިދިކޮޅު ސަޕޯޓަރުންނަށް ލިބޭނެ ހިތްވަރާއި ޖޯޝާއެކު މި ހުކުމުގެ ނަތީޖާގެ އަސަރު 2023 ގެ ރިޔާސީ އިންތިހާބަށް ފޯރުމުގެ ފުރުސަތު ބޮޑެވެ.
އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން އެމަނިކުފާނަށް ބަންދުވެފައި އޮތް ދޮރު މިހާރު ވަނީ ހުޅުވާއިރު, ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމުގެ އަރައިރުމުގެ ތެރެއިން މިހާރު ވެރިކަމުގައި އޮތް އެމްޑީޕީގެ ތެރޭގައި ފެކްޝަން ބޮޑެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ނުކުންނަވަން އެ ޕާޓީގެ އެންމެ އިސް ދެ ލީޑަރުން ފައި ވިއްދަވައިގެން ތިއްބެވިއިރު، އެ ކޯޅުމުން ފޭދިގެން އަންނާނެ އެއްވެސް ބަލިކަށި ކަމެއްގެ ފައިދާ ލިބޭނީ އިދިކޮޅަށެވެ.
އިދިކޮޅުގެ ހުންގާނުގައި ޔާމީން އަލުން ހިއްޕެވުމާއެކު އެ ކޯލިޝަނުގެ މިސްރާބު ވަރަށް ސީދާކޮށް އެމްޑީޕީގެ އެ ރެނދާ ދިމާއަށް އަނބުރާލާނެ ކަމަށް ބެލެވެ އެވެ.
ޔާމީންގެ މައްޗަށް ޖިނާއީ އެހެން ދައުވާތަކެއް އުފުލާފައިވީ ނަމަވެސް، ރިޔާސީ އިންތިހާބަށް ބާކީ އޮތް ގާތްގަނޑަކަށް ދެ އަހަރުގެ މުއްދަތުގައި އިތުރު ހުކުމަކާ ހަމައަށް ދެވިދާނެ ކަމާމެދު އޮތް ސުވާލު ބޮޑެވެ. އިންތިހާބާ މާ ގާތްކޮށް އިންސާފުން ވިޔަސް އަދި ނޫން ވިޔަސް، ޔާމީންގެ މައްޗަށް އިތުރު ހުކުމެއް އިއްވުން ސިފަ ވެގެންދާނީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ އަމަލެއްގެ ގޮތުގަ އެވެ.
އެމްޑީޕީ އިސްވެ އޮތް ސަރުކާރާމެދު ގިނަ ހިތްހަމަނުޖެހުންތައް ހުރިއިރު، ރިޔާސީ ރޭހަށް ޔާމީން ނުކުންނެވުން ވެގެންދާނީ ވެރިކަން ކުރާ ކޯލިޝަނަށް ވަރުގަދަ ޗެލެންޖަކަށެވެ.
ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމުގެ "ހިރަފުސްގަނޑު" ރަނގަޅަށް އޮބިގެން ނުދެ އެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ނަތީޖާ ސާފުވާން ފަށާނެ އެވެ.
އެކަމަކު މިހާރު ހާލަތު އޮތް ގޮތުން، ރާއްޖޭގެ ސިޔާސީ ކުރިމަގު އަލުން މި ވަނީ ކުރެހިފަ އެވެ.
ޔާމީން މިނިވަން ކުރަން އެންމެ މަތީ ކޯޓުން ޖެހި މުގުރުގެ އަޑު، 2023 އާ ހަމައަށް ގުގުމާނެ ކަމުގެ ފުރުސަތާއެކު އެވެ.












