އަންނަ އަހަރަށް ސަރުކާރުން ލަފާކޮށްފައިވާ ބަޖެޓުގައި ތިން ރަށެއްގައި މުޅިން އަލަށް ހޮސްޕިޓަލް އެޅުމަށް ނިންމައި އެ މަޝްރޫތަކަށްޓަކައި 175 މިލިއަން ރުފިޔާ ހަރަދުކުރަން ހިމަނައިފި އެވެ.
އެ މަޝްރޫތަކުގެ އިތުރުން ވެސް ސަރުކާރުން ވަނީ ގިނަ ރަށްތަކެއްގައި ހޮސްޕިޓަލްތަކުގެ އާ އިމާރާތް އެޅުމަށް ވެސް ހިމަނާފަ އެވެ. އަލަށް އަޅާ ހޮސްޕިޓަލްތަކުގެ ބަޖެޓު ހިމަނާފައިވަނީ ސަރުކާރުގެ އޮފީސްތަކުގެ ޑޮމެސްޓިކް ބަޖެޓުން ހިންގާ ޕީއެސްއައިޕީ މަޝްރޫތަކުގެ ތެރެއިންނެވެ.
ސަރުކާރުން އަލަށް ހޮސްޕިޓަލް އަޅަން ނިންމާފައިވާ ރަށްތަކަކީ:
- ހއ. އިހަވަންދޫ
- ނ. ކެނދިކުޅުދޫ
- ޅ. ހިންނަވަރު
އިހަވަންދޫގައި ސަރުކާރުން އަޅާ ހޮސްޕިޓަލަށް ޖުމްލަ 71،114،130 މިލިއަން ރުފިޔާ ކުރިޔަށް އޮތް ތިން އަހަރު ތެރޭ ހޭދަވާނޭ ކަމަށް ލަފާކޮށްފައިވާއިރު، އަންނަ އަހަރަށް އެ މަޝްރޫއަށް ހަރަދުކުރުމަށް ވަނީ 17،567235 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފަ އެވެ. އަދި 2023 ވަނަ އަހަރަށް އެ މަޝްރޫއަށް 27،300،424 މިލިއަން ރުފިޔާ ހަރަދުވާނޭ ކަމަށް ލަފާކޮށްފައިވާއިރު، 2024 ވަނަ އަހަރަށް ވަނީ 26،246،471 މިލިއަން ރުފިޔާ ހަރަދުވާނޭ ކަމަށް ލަފާކޮށްފަ އެވެ.
ކެނދިކުޅުދޫގައި އަޅާ ހޮސްޕިޓަލަށް ޖުމްލަ 52،113،132 މިލިއަން ރުފިޔާ ކުރިޔަށް އޮތް ތިން އަހަރު ތެރޭ ހަރަދުވާނޭ ކަމަށް ވަނީ ކޮށްފަ އެވެ. އެ މަޝްރޫއަށް އަންނަ އަހަރު 17،567235 މިލިއަން ރުފިޔާ ހަރަދުވާނޭ ކަމަށް ލަފާކޮށްފައިވާއިރު، 2023 ވަނަ އަހަރު ހޭދަވާނޭ ކަމަށް ލަފާކޮށްފައިވަނީ 27،300،424 މިލިއަން ރުފިޔާ އެވެ. އޭގެ ޖެހިގެން އަންނަ އަހަރު އެ މަޝްރޫއަށް ހަރަދުވާނޭ ކަމަށް ލަފާކޮށްފައިވަނީ 7،245،473 މިލިއަން ރުފިޔާ އެވެ.

ހިންނަވަރުގައި އަޅަން ހުށަހަޅާފައިވާ ހޮސްޕިޓަލަށް ކުރިޔަށް އޮތް ތިން އަހަރު ދުވަހު ހަރަދުވާނޭ ކަމަށް ލަފާކޮށްފައިވަނީ 52،113،132 މިލިއަން ރުފިޔާ އެވެ. އެ މަޝްރޫއުއަށް ވެސް އަންނަ އަހަރު 17،567235 މިލިއަން ރުފިޔާ ހަރަދުވާނޭ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި ޖެހިގެން އަންނަ 2023 ވަނަ އަހަރު ހޭދަވާނޭ ކަމަށް ލަފާކޮށްފައިވަނީ 27،300،424 މިލިއަން ރުފިޔާ އެވެ. އޭގެ ޖެހިގެން އަންނަ 2024 ވަނަ އަހަރު އެ މަޝްރޫއަށް ހަރަދުވާނޭ ކަމަށް ލަފާކޮށްފައިވަނީ ކެނދުކުޅުދޫގައި އަޅާ ހޮސްޕިޓަލެކޭ އެއްވަރަށް 7،245،473 މިލިއަން ރުފިޔާ އެވެ.

ޅ. ހިންނަވަރު-- ފޮޓޯ: ހިންނަވަރު ފޭސްބުކް ޕޭޖު
އެ ތިން މަޝްރޫއަށް ޖުމްލަ 175،340،394 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.
މި ރަށްތަކުގެ އާބާދީއަށް ބަލާލާއިރު، އެންމެ އާބާދީ ބޮޑު ރަށަކީ 5،000 އެއްހާ މީހުން ދިރިއުޅޭ ޅ. ހިންނަވަރެެވެ. އިހަވަންދޫގައި 3،000-3،500 އާ ދެމެދުގެ އާބާދީއެއް އޮންނަ އިރު ކެނދުކުޅުދޫގައި 1،500-2،000 މީހުންގެ އާބާދީއެއް އޮވެ އެވެ.
މި ރަށްތަކުގެ ތެރެއިން އިހަވަންދޫއަކީ އުލިގަން، ހޯރަފުށި، ތުރާކުނު އަދި މޮޅަދޫ ހިމެނޭހެން ހއ. އަތޮޅާ ގުދުރަތީގޮތުން ވަކިން އޮންނަ އިހަވަންދިއްޕޮޅުގެ ރަށެކެވެ.
ސަރުކާރުން އިހަވަންދޫގައި ހޮސްޕިޓަލެއް އަޅަން ނިންމާފައިވާއިރު އިހަވަންދިއްޕޮޅަށް ނިސްބަތްވާ ގިނަ ރައްޔިތުންތަކެއްގެ ޝަކުވާ އަބަދު ވެސް ސިއްހީ ފަރުވާ ހޯދުމަށްތަކައި އަތޮޅުން ނިކުމެގެން ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ކުރަން ޖެހޭ ދިގު ރާސްތާ ކަނޑުދަތުރާ ހެދި އޮވެ އެވެ.
އިހަވަންދޫގައި އަޅާ ހޮސްޕިޓަލުގެ ފައިދާ އިހަވަންދިއްޕޮޅުގެ ފަސް ރަށުގައި ދިރިއުޅޭ ގާތްގަނޑަކަށް 5،000-6،000 އެއްހާ މީހުންނަށް ކުރާނެ ކަމަށް ބެލެވެ އެވެ.
ކެނދިކުޅުދޫގައި އަޅާ ހޮސްޕިޓަލާއެކުގައި ވެސް އެރަށާއި ކައިރީގައި ދެން ހުރި ރަށްތައް ކަމުގައިވާ ހެނބަދޫ، މާޅެންދޫ، ކުޑަފަރީ އަދި ލަންދޫގައި ދިރިއުޅޭ 4،900 އެއްހާ މީހުންނަށް ފައިދާކުރާނޭ ކަމަށް ބެލެވެ އެވެ.
އެ މަޝްރޫތަކުގެ އިތުރުން ވެސް އެހެން ގިނަ ރަށްތަކެއްގައި ހޮސްޕިޓަލަށް އަޕްގްރޭޑްކުރުމުގެ މަޝްރޫތަކެއް ބަޖެޓުގައި ވަނީ ހިމަނާފަ އެވެ. އެގޮތުން ށ. މިލަންދޫގައި އަޅާނެކަމަށ ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރައްވާފައިވާ މިނީ ހޮސްޕިޓަލްގެ އިތުރުން ހދ. ހަނިމާދޫގައި 30 އެނދުގެ ހޮސްޕިޓަލަކާއި، ރ. އަލިފުށީގައި މި އަހަރު ފަހުކޮޅު މަސައްކަތް ފަށަން ހަމަޖެހިފައިވާ ހޮސްޕިޓަލް އިމާރާތުގެ އިތުރުން ގދ. ގައްދޫގައި އަޅާ ހޮސްޕިޓަލް އަދި ގދ. ތިނަދޫގެ ޓާޝަރީ ހޮސްޕިޓަލްގެ އިމާރާތުގެ މަޝްރޫތައް ވެސް ބަޖެޓުގައި ވަނީ ހިމަނާފަ އެވެ.













