ރާއްޖޭއަށް އެތެރެކޮށް ވިއްކާ ބޭހުގެ އަގު ކޮންޓްރޯލްކުރާނެ ތާރީހެއް މި މަސްތެރޭ އިއުލާންކުރުމަށް ހެލްތު މިނިސްޓްރީން ދަނީ ތައްޔާރުވަމުންނެވެ.
އެ މަސައްކަތާ ގުޅޭ މައުލޫމާތު ދަންނަ ހެލްތު މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ، ރާއްޖެއަށް މިހާރު އެތެރެ ކުރަމުންދާ ބޭހުގެ އަގު ކޮންޓްރޯލްކުރަން ސަރުކާރުން އަމާޒުހިފާނޭ ތާރީހް މި މަސްތެރޭ އިއުލާންކުރާނޭއިރު، އެންމެ ފުރަތަމަ ކޮންޓްރޯލްކުރާނީ އަގުހެޔޮކޮށް ވިއްކެން ހުންނަ އެންމެ އަސާސީ ބޭސްކަމަށެވެ.
"އެގޮތުން އެންމެ އާދައިގެ ބޭހޭ މި ދަންނަވަނީ ޕެރެސެޓަމޯލް ކަހަލަ ބޭސްތައް. މިހާރު ވިއްކާ އަގަށް ވުރެ ކުޑަކޮށް އަސްލު ހަގީގަތުގަ ވިއްކެން ހުންނަ ބޭސް. ބޭހުގެ އަގު ކޮންޓްރޯލް ކުރުމަށް ކަނޑައަޅާ ތާރީހު ނިންމުމުގެ މަސައްކަތް ހަމަ މިހާރު ވެސް ދަނީ ކުރެވެމުން. މި މަސް ތެރޭ އިއުލާންކުރާނެ،" އެ އޮފިޝަލް ވިދާޅުވި އެވެ.
އެ އޮފިޝަލް ވިދާޅުވީ، ބޭހުގެ އަގު ކޮންޓްރޯލް ކުރުމުން، އެ އަގުތަކާ އެއްގޮތަށް ހުރިހާ އިމްޕޯޓަރުން ވެސް އަމަލުކުރަން ޖެހޭނެ ކަމަށެވެ. އެހެންނަމަވެސް، ސަރުކާރުން އެފަރާތްތަކާ ވެސް މަޝްވަރާކޮށް އެ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތައް ވެސް އަޑުއަހާނެ ކަމަށް ވިދާޅުވި އެވެ.
"ހަމަ ހުރެފަ، އަގެއް ކަނޑައަޅާފަ އެކަން ކުރާށޭ އެއް ނޫން މި ބުނަނީ. އެކަމަކު އެ އަގުތައް ކަނޑައަޅާފަ ތާރީހު ވެސް ކަނޑައަޅާފަ ހަމަ ވަގުތު ވެސް ދޭނަން އެ ފަރާތްތަކަށް އެކަންކަން ތަންފީޒުކުރަން، އެކަމާ ގުޅިގެން އެ ފަރާތްތަކުގެ ކަންބޮޑުވުން ވެސް އަޑުއަހާނަން،" އެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ބޭހުގެ އަގު ކަނޑައަޅާއިރު ފިނޭންސް މިނިސްޓްރީ އަދި އިކޮނޮމިކް ކައުންސިލް ފަދަ ކަމާ ގުޅުން ހުރި އިދާރާތަކާއެކު ވެސް މަޝްވަރާ ކުރާނެކަމަށެވެ.
"މިއީ ހަމަ ޕްރައިސް ކޮންޓްރޯލް އެއް. މެކްސިމަމް ރީޓެއިލް ޕްރައިސްއޭ މިކިޔަނީ. އެއީ އަގުބޮޑުކޮށް ބޭސް ވިއްކާ މައްސަލަ ވެސް ފާހަގަވޭ، ސަރުކާރުން ބޭހަށް ކުރާ ހަރަދު ވެސް ކުޑަވެގެންދާނެ މިއާއެކު. އާންމު ފަރާތްތަކަށް ވެސް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ،" އެ އޮފިޝަލް ވިދާޅުވި އެވެ.
ރާއްޖެއަށް ތައާރަފްކުރަން ތައްޔާރުވަމުންދާ މެކްސިމަމް ޕްރައިސް ކޮންޓްރޯލަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ކުރަމުންދާ ކަމެއްކަމަށް އެ އޮފިޝަލް ފާހަގަކުރެއްވި އެވެ. އަދި ރާއްޖެއަށް އެކަން އެއީ އާ ކަމަކަށް ވިޔަސް، އެއީ ކޮންމެހެން ވެސް ކުރަން ޖެހޭ މުހިންމު ކަމެއް ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.












