އޮމާންގެ މަސްކަޓްގައި މިހާރު ކުރިއަށްދާ ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ކޮންޓެންޑާ މުބާރާތުގައި ވާދަކޮށް ރާއްޖޭގެ އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ރަނގަޅު ތަޖުރިބާތަކެއް ކޮށްފި އެވެ.
ދީމާ، 13، ވަނީ އޮމާންގައި ކުރިއަށްދާ ކޮންޓެންޑާ މުބާރާތުގެ ދެ އުމުރުފުރައެއްގައި ވާދަކޮށްފަ އެވެ. އެއީ 15 އަހަރުން ދަށާއި 17 އަހަރުން ދަށުގެ ބައިގަ އެވެ.
ފަނަރަ އަހަރުން ދަށުގެ ބައިން ދީމާ ވަނީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ. ދީމާ ކުއާޓާ ފައިނަލުން ފުރުސަތު ހޯދީ އުޒްބެކިސްތާންގެ ދިޔޯރާ ޓޮޝްޕުލާޓޯ އާއި ޕާކިސްތާންގެ ހޫރު ފަވާދު ބަލިކޮށްފަ އެވެ. ފުރަތަމަ މެޗުގައި ހޫރުގެ މައްޗަށް ދީމާ ކުރިހޯދީ 11-08، 11-04 އަދި 11-09 އިންނެވެ. އަދި ދެ ވަނަ މެޗުގައި ދިޔޯރާ އަތުން ދިމާ މޮޅުވީ 12-10، 11-08 އަދި 11-05 އިންނެވެ.
ކުއާޓާގައި އީރާންގެ ޔެކްތާ އަބީދިއާންއާ ވާދަކޮށް ދީމާ ބަލިވީ 3-1 ސެޓުންނެވެ. ފުރަތަމަ ދެ ސެޓު ޔެކްތާ ގެންދިޔައީ 11-08، 11-07 އިންނެވެ. ތިން ވަނަ ސެޓުގައި ފޯރިގަދަ ކުޅުމަކަށް ފަހު ދީމާ ވަނީ 11-13 އިން ސެޓު ގެންގޮސްފަ އެވެ. އެކަމަކު، ދެން ކުޅުނު ސެޓުން ޔެކްތާ 11-04 އިން ކުރިހޯދައި، މެޗުން މޮޅުވީ އެވެ.
ދީމާ ފުރަތަމަ ވާދަކުރި 17 އަހަރުން ދަށުގެ ބައިގައި ތިން މެޗުން ބަލިވީ ވެސް ވާދަވެރި ކުޅުމަކަށް ފަހު އެވެ. މި ކެޓަގަރީގައި ވެސް ޔެކްތާއާ ވާދަކުރިއިރު، ބަލިވީ 3-2 ސެޓުންނެވެ. ޔެކްތާ ފުރަތަަމަ ސެޓު 07-11 އިން ގެންގޮސްފައިވަނިކޮށް، ދީމާ ވަނީ ދެން ކުޅުނު ދެ ސެޓު 12-10، 11-08 އިން ކާމިޔާބުކޮށްފަ އެވެ. ޔެކްތާ މޮޅުވީ ދެން ކުޅުނު ދެ ސެޓު 09-11 އަދި 04-11 އިން ގެންގޮސްގެންނެވެ.
އިންޑިއާގެ އަނަރްޔަގަޔާ މަންޖުނަތު އަތުން ދީމާ ބަލިވީ ވެސް 3-2 ސެޓުންނެވެ. ފުރަތަމަ ދެ ސެޓު އަނަރްޔަގަޔާ 11-03، 11-07 އިން ގެންދިޔަ ނަމަވެސް ދީމާ ވަނީ ހިތްވަރުކޮށް ދެން ކުޅުނު ދެ ސެޓު 05-11، 10-12 އިން ގެންގޮސްފަ އެވެ. އެކަމަކު، ފަހު ސެޓު 11-09 އިން ގެންގޮސް އަނަރްގަޔާ މޮޅުވީ އެވެ.
ސަތާރަ އަހަރުން ދަށުގެ ކެޓަގަރީގެ ފަހު މެޗުގައި ދީމާ ވާދަކުރީ އިންޑިއާގެ ސަޔާލީ ރާޖޭޝް ވާނީއާ އެވެ. ސަޔާލީ މޮޅުވީ 3-1 ސެޓުންނެވެ. ފުރަތަމަ ދެ ސެޓު 09-11، 04-11 އިން ގެންދިޔައީ ސަޔާލީ އެވެ. ތިން ވަނަ ސެޓު 11-07 އިން ދީމާ ގެންދިޔަ ނަމަވެސް ހަތަރު ވަނަ ސެޓު 05-11 އިން ކާމިޔާބުކޮށް ސަޔާލީ މެޗުން މޮޅުވީ އެވެ.
މި މުބާރާތުން ދީމާ އަށް ލިބޭ ރޭންކިން ޕޮއިންޓްތަކަށް ބަލާއިރު، ދީމާ އަށް ދުނިޔޭގެ ރޭންކިންގެ ކުރިއަށް ޖެހިލެވޭނެ އެވެ. ދީމާ މި ވަގުތު ދުނިޔޭގެ ރޭންކިންގައި އޮތީ 15 އަހަރުން ދަށުގެ ބައިން 20 ވަނައިގަ އެވެ. އޭޕްރީލް މަހު އެ ކެޓަގަރީގެ އަށް ވަނައިގައި ވެސް ދީމާ އޮތެވެ. ސަތާރަ އަހަރުން ދަށުގެ ކެޓަގަރީން ދީމާ އޮތީ 77 ވަނައިގަ އެވެ. މީގެ ކުރިން ދީމާ ވަނީ އެ އުމުރުފުރާގެ ރޭންކިންގެ 41 ވަނަ މަގާމުގައި އޮވެފަ އެވެ.
ދީމާ އަކީ އިންޑިވިޖުއަލް ކުޅިވަރުތަކަށް ބަލާއިރު، އެންމެ ޅަ އުމުރުގައި ރާއްޖެ އަށް އެންމެ ގިނަ ކާމިޔާބީ ހޯދައިދިން ކުޅުންތެރިޔާ އެވެ.












