އިންޖީނުލީ އުޅަނދު ދުއްވުން މަނާ ވިލިމާލޭގައި ވަކި މިންވަރަކަށް ޓެކްސީ އިތުރުކުރުމުގެ ހުއްދައަކަށް އެދި ވިލިމާލެ ދާއިރާގެ ސިޓީ ކައުންސިލަރު ނަހުލާ އަލީ ކައުންސިލަށް ހުށަހެޅި ސިޓީއަކަށް ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުން ދެކޮޅު ހަދައިފި އެވެ.
މާލެ ސިޓީ މޭޔަރު މުހައްމަދު މުއިއްޒު އަށް އެޑްރެސްކޮށް ނަހުލާ މިއަދު ފޮނުއްވި ސިޓީގައި ވަނީ މާދަމާ ބާއްވަން ހަމަޖެހިފައިވާ ސިޓީ ކައުންސިލުގެ ބައްދަލުވުމެއްގައި ދެ ކަމެއް ހިމަނައިދިނުމަށް އެދިފަ އެވެ.
އޭގެ ތެރެއިން ފުރަތަމަ ކަމަކީ ވިލިމާލޭގައި އެއްގަމު ދަތުރުފަތުރުކުރުމަށް ހުރި ދަތިތަކަށް ހައްލެއް ގެނައުމަށްޓަކައި އުސޫލެއްގެ ތެރެއިން ކަނޑައެޅޭ ވަކި އަދަދަކަށް ވިލިމާލޭގައި ޓެކްސީ ހިދުމަތް އިތުރަށް ދިނުމަށް ހުއްދަ ދިނުމާ މެދު ގޮތެއް ނިންމުމެވެ.
ނަހުލާގެ މި އެދުމަށް ވިލިމާލޭ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ފާޑުކިޔަމުންނެވެ.
ގާތްގަނޑަކަށް 31 ހެކްޓަރުގެ ވިލިމާލޭގައި 2،000 އެއްހާ މީހުންގެ އާބާދީއެއް އުޅެ އެވެ. އެ ރަށުގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުމުގެ ހުއްދަ އޮންނަނީ ހަމައެކަނި ފުލުހުންނާއި އެމްބިއުލާންސް ފަދަ އުޅަނދުތަކަށާއި، ޓެކްސީ ކުރާ ދެ ވޭނަކާއި ދެ ތިން ޕިކަޕަކަށެވެ.

އާންމު ދަތުރުފަތުރުކުރުމަށް ގިނަ މީހުން ބޭނުންކުރަނީ ބަގީގެ ހިދުމަތެވެ. އެހެންނަމަވެސް ބަގީގެ ހިދުމަތް ދިނުމުގައި ބަގީ ނުލިބުމުގެ މައްސަލައިގެ ޝަކުވާތަކެއް މީގެ ކުރިން އާއްމުންގެ ފަރާތުން ވަނީ އިވިފަ އެވެ. އަދި މިހާރު އެއްވެސް ގޮތަކަށް ބަގީއެއް ނުލިބޭކަމުގެ ޝަކުވާ ވެސް ދަނީ ފެންމަތިވަމުންނެވެ.
އެހެންނަމަވެސް ވިލިމާލެ ކައުންސިލަރުގެ ޓެކްސީ ދުއްވުމުގެ ހުއްދައަށް ވިލިމާލެ ރައްޔިތުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. ރައްޔިތުން އެދެނީ އެ ހިދުމަތް ނުދީ ކުރިން ދިން ބަގީގެ ހިދުމަތް އިތުރަށް ފުޅާކޮށް ތަރައްގީ ކުރުމަށެވެ.
"ބަގީގެ ހިދުމަތް ރަނގަޅަށް ދިން އިރު، ވަރަށް ރަނގަޅަށް ދިން. އަނެއްކޮޅުން އަގުވެސް ހެޔޮ، އެންމެ ގިނަ ވެގެން ވެސް އަރާނީ ފަސް ރުފިޔާ، އެހެންވީމަ ބަގީގެ ހިދުމަތް ދޭންވީ އަނެއްކާ ވެސް،" ވިލިމާލޭގައި ދިރިއުޅޭ ރައްޔިތަކު ބުންޏެވެ.
މޮނިޓާ ނުކުރެވޭ ހާލަތުގައި އިތުރު ވެހިކަލްތައް ވިލިމާލެއަށް ގެނައުމަކީ ހައްލެއް ނޫންކަމަށާއި ބަގީ ހިދުމަތް ވެސް އެމްޓީސީސީ ކަހަލަ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިޔަށް ގެންދިޔުމުން ހައްލެއް ލިބިދާނެކަމަށް ބައެއް އާއްމުން ދަނީ ބުނަމުންނެވެ.
އަދި ޓެކްސީ ފަދަ ހިދުމަތެއް އިތުރު ކުރުމުން ވިލިމާލޭގެ އަމާންވެށި ހަލަބޮލިވެގެންދާނޭކަމުގެ ބިރު އެބަ އޮތްކަމަށް ވެސް ބައެއް ރައްޔިތުން ދަނީ ބުނަމުންނެވެ.
ވިލިމާލޭގައި ޅަ އުމުރުއްސުރެ ދިރިއުޅެމުން އަންނަ ރައްޔިތަކު ޓެކްސީ އިތުރުކުރުމާ ގުޅޭ ގޮތުން "އަދަދު" އަށް ބުނީ މިހާރު ވިލިމާލޭގައި ބަގީ ހިދުމަތް އެއްގޮތަކަށް ވެސް ނުލިބޭ ކަމަށެވެ. އެހެންނަމަވެސް އިތުރު ޓެކްސީތަކެއް ވިލިމާލެއަށް ގެނައުމަކީ އެކަމަށް އޮތް ހަލެއް ނޫން ކަމަށް އޭނާ ވެސް ދެކޭ ކަމަށެވެ.
"އޭގެ ބަދަލުގަ އެ ބަގީ ހިދުމަތް ފުޅާ ކޮށް ތަރައްގީ ކުރުން އެއީ އޮތް ގޮތަކީ އެންމެ ރަނގަޅު. ކުޑަ ކުޑަ ރަށެއް، ދެން ޓެކްސީތަކެއް ބޭނުމެއް ނުވާނެދޯ. އަސްލު ބުނަންޏާ މިހާރު ބެޓަރީ ސައިކަލް ވެސް މާ ގިނަ ވެއްޖެ މިކޮޅުގަ. ގައިމު ވެސް ޓެކްސީ އިތުރުކުރަން އަހަރެން ދެކޮޅު،" އެ މީހާ ބުންޏެވެ.












