ސަރުކާރުގެ އަމާޒަކީ އަންހެނުންގެ ތަރައްގީ އާއި އަންހެނުން ބާރުވެރިކުރުމަށް ކުރިމަތިވާ ހުރަސްތައް ނައްތާލައި، ހައްގު މަގާމު އަންހެނުންނަށް ހޯދައިދިނުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އަންހެނުންގެ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ސަރުކާރުންދޭ ރެހެދިން އެވޯޑުގެ މިދިޔަ އަހަރާއި މި އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކަންކަން ނިންމާ ފެންވަރުގައި ގޮތް ކިޔައި ބަސްބުނުމުގައި އަންހެނުންނަށް ހުރި ގޮންޖެހުންތަކަކީ މުޅި ދުނިޔޭގައިވެސް ހުރި ގޮންޖެހުންތަކެއް ކަމަށެވެ.
އެއީ މުޖްތަމައުގައި އަންހެނުންނާއި ފިރިހެނުން އަދާކުރަންޖެހޭ ޒިންމާތަކާ މެދު، ޒަމާނުއްސުރެ މުޖުތަމައުގައި ހުރި ވިސްނުންތަކާއި ގަބޫލުކުރުންތަކުގެ ސަބަބުން ހުރި ގޮންޖެހުންތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ތާރީހަށް ބަލާއިރު، ފާހަގަކޮށްލެވޭ އެތައް އަންހެނުންނެއްގެ އިހުލާސްތެރި ހިދުމަތްތަކެއް ގައުމަށް ލިބިފައި އެބަހުރި ކަމަށާއި ކެރޭ، ކުޅަދާނަ، ހީވާގި، މުރާލި ހުނަރުވެރި ކިތަންމެ އަންހެނުންނެއް ފާހަގަވެ ފެންނަން އެބަތިބި ކަމަށެވެ. އަދި މިއަދުގެ ހާލަތަށް ބަލާއިރު ވަޒީފާގެ މައިދާނުގައި އަދި އާމްދަނީ ހޯދުމުގެ ދާއިރާގައި ދެ ޖިންސުގެ ދެމެދުގައި ތަފާތުކުރުމެއް ނެތޭ ދެންނެވިދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެހެން ނަމަވެސް އަންހެނުން ބާރުވެރިކުރުމުގަޔާއި، ކަންކަމުގައި އަންހެނުން ބައިވެރިވުމުގައި، އަދިވެސް ދަތިތަކެއް ނުވަތަ ހުރަސްތަކެއް އެބަހުރިކަން ގަބޫލުކުރަންޖެހޭ. އޭގެ ނަތީޖާއަކަށް ވެފައި މިއޮންނަނީ، ގައުމީ ތަރައްގީގެ މުހިންމު ކަންކަމުގައި، އަދިވެސް އެކަށީގެންވާ މިންވަރަށް، އަންހެނުންނަށް ފުރުސަތު ނުލިބުން،" ރައީސް ވިދާޅުވި އެވެ.

އެގޮތުން ސިޔާސީ ދާއިރާއިންވެސް އަދި އިޖްތިމާއީ ދާއިރާއިންވެސް، އެ ހުސްކަން ފެންނަ ކަމަށާއި މިއަދު މިކުރަމުން އަންނަ ކަމަކީ، އެ ހުސްކަން ފޫބެއްދުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން ކަމަށް ރައީސް ވިދާޅުވި އެވެ. ސިޔާސީ މައިދާނުން އަންހެނުންނަށް ފުރުސަތު ހޯދައިދިނުމަށް ކުރެވުނު އެންމެ މުހިންމު އެއް ކަމަކީ، ގާނޫނުގެ އަތުން އަންހެނުންގެ އަތުގައި ހިފައިގެން، މަގާމުތަކަށް ގެންގޮސްދިނުން ކަމަށް ވިދާޅުވެ ލާމަރުކަޒީ ގާނޫނަށް މި ސަރުކާރުން ގެނައި މުހިއްމު ބަދަލަށް ރައީސް އަލިއަޅުވާލެއްވެވި އެވެ.
"އެ ބަދަލުގެ ނަތީޖާއަކަށްވީ، އެއްވެސް ރަށެއް އެއްވެސް ސިޓީއެއް އިސްތިސްނާ ނުވެ، ކޮންމެ ކައުންސިލެއްގައި ވެސް މެންބަރުންގެ 33 އިންސައްތައަކީ، އަންހެނުން ކަމުގައި ވެގެން ދިއުން. މިދެންނެވި ބަދަލާއެކު، ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމްލަ 39.5 އިންސައްތަ ގޮނޑި އަންހެނުން ކާމިޔާބު ކޮށްފައިވޭ،" ރައީސް ވިދާޅުވި އެވެ.
ގާނޫނީ ހައިސިއްޔަތު ލިބިގެން، އަދި މެންބަރުންނަށް ދައުލަތުގެ ބަޖެޓުން އުޖޫރަ ކަނޑައަޅައިގެން، ރާއްޖޭގައި އިންތިހާބުކުރި ފުރަތަމަ އަންހެނުންގެ ކޮމިޓީތައް ވެސް އުފެދިގެން އެދިޔައީ މިއަހަރުގެ ތެރޭގައިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މި ބަދަލުތަކުގެ ސަބަބުން، ތަރައްގީގެ ސިޔާސަތުތައް ކަނޑައެޅުމުގައި އަދި ކަންކަން ނިންމުމުގައި، އަންހެނުންގެ ބައިވެރިވުން އަމަލީ ގޮތުން އިތުރުވެއްޖެ ކަމަށެވެ.
"މިދުވަސްވަރު ރަށްރަށާއި ސިޓީތަކުގައި ކުރަމުން އެއަންނަނީ ތަރައްގީގެ ޕްލޭންތައް އެކުލަވައިލުމުގެ މަސައްކަތް. ކައުންސިލްތަކުން މިދެންނެވި ޕްލޭންތައް ނިންމަމުން އެއަންނަނީ، ވަރަށް ފުޅާ ދާއިރާއެއްގައި، ބަސް ބުނުމުގެ ފުރުސަތު އަންހެނުންނަށް ލިބިގެން، އެ ފުރުސަތުގެ ބޭނުން ހިފައިގެން، އަދި އަންހެނުންގެ ހިޔާލާއި މަޝްވަރާ ހޯދައިގެން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި، ކައުންސިލްތަކުގެ ޖާގަތަކެއް ގާނޫނުގެ ޒަރީއާއިން އަންހެނުންނަށް ކަށަވަރުކޮށްދިނުމަކީ، ސިޔާސީ ދާއިރާއަށް އަންހެނުން ނުކުތުމަށް އެޅުނު ވަރަށް ބޮޑު ބާރެއް ކަމަށެވެ.
އެކަމަކު ގައުމު ބިނާކުރުމުގައި، މިހާރުވެސް އެންމެ މުހިންމު ދައުރެއް އަދާކުރާ ބަޔަކީ ދިވެހި އަންހެނުން ކަމަށްވީ ނަމަވެސް ރައީސް ވިދާޅުވީ ކަންކަން ނިންމާ ފެންވަރުގައި ގޮތް ކިޔައި ބަސްބުނުމުގައި، އަންހެނުންނަށް އަދިވެސް ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.
"އެހެން ނަމަވެސް، ގާނޫނީ އޮނިގަނޑުގެ ތެރެއިން ލިބިދޭ އިތުރު ފުރުސަތުތަކުގެ އެހީގައި، އަންހެނުންގެ ބައިވެރިވުން އިތުރުވަމުން އަންނަ ވަރަކަށް، މުޖްތަމައުގައި ހުރި އެފަދަ ވިސްނުންތަކާއި ގަބޫލުކުރުންތައް ބަދަލުވަމުން ދާނެ. އޭރުން ގައުމު ބިނާ ކުރުމުގައި އަންހެނުންގެ ހިއްސާ އިތުރުވެ، ދެޖިންސުގެ ބައިވެރިވުން އެއް ހަމައެއްގައި ލިބެން ފަށާނެ،" ރައީސް ވިދާޅުވި އެވެ.
މިއަދު ސަރުކާރުގެ އަމާޒަކީ، އަންހެނުންގެ ތަރައްގީ އާއި އަންހެނުން ބާރުވެރިކުރުމަށް ކުރިމަތިވާ ހުރަސްތައް ނައްތާލައި ހައްގު މަގާމުު އަންހެނުންނަށް ހޯދައިދިނުން ކަމަށާއި ސަރުކާރު އަބަދުވެސް އޮންނާނީ ދިވެހި އަންހެނުންނަށް ތަރައްގީގެ ފުރުސަތުތައް ފަހިކޮށްދީ، ދިވެހި އަންހެނުން ބާރުވެރިކުރުމުގައި އެހީތެރިވެދޭންކަމުގެ ޔަގީންކަން ރައީސް މިރޭ ދެއްވެވި އެވެ.
"އަޅުގަނޑު އުންމީދުކުރަނީ، އިގްތިސާދީ ގޮތުން އަންހެނުން ބާރުވެރިކުރުވައި، ވަޒީފާގެ މާހައުލަށް އަންހެނުން ނުކުތުމަށް ބާރުއެޅުމަށް މިކުރާ މަސައްކަތަށް، ހުރިހާ ބޭފުޅުން ވެސް އެއްބާރުލުން ދެއްވައި، މިހާރު ފަހިވެފައި ހުރި ފުރުސަތުތަކުގެ ބޭނުން ހިއްޕަވަން ފައްޓަވާނެ ކަމަށް. ތިޔަ ބޭފުޅުންގެ ހިތްވަރަކީ ގައުމުގެ ކުރިއެރުންކަމުގައި ގަބޫލުކުރައްވައި، ކުރިޔަށް ފިޔަވަޅު އަޅުއްންވީ ވަގުތު މިއޮތީ ޖެހިފައި،" ރައީސް ވިދާޅުވި އެވެ.
ޖެންޑާ މިނިސްޓްރީން ރާވައިގެންދޭ ރެހެދިން އެވޯޑަކީ އަންހެނުން ކުރާ މަސައްކަތްތަކާއި ހާސިލުކޮށްފައިވާ ކާމިޔާބީތަކުގެ އަގުވަޒަންކޮށް، ގައުމީ ތަރައްގީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމެވެ. އަދި މިންތީ ތަފާތުތައް ނައްތާލައި ދެޖިންސުގެ ދެމެދުގައި ހަމަހަމަކަން ގާއިމު ކުރުމަށް މަސައްކަތްކުރާ، ވަކިވަކި ފަރުދުންނާއި އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތަކުގެ މަސައްކަތްތައް ބަލައިގަނެ، ގައުމީ ފެންވަރެއްގައި އަގު ވަޒަން ކުރުމަކީ ވެސް، ރެހެންދި އެވޯޑް ދިނުމުގެ ބޭނުމެއް ކަމަށް އެ ފަރާތުން ބުނެ އެވެ.











