އެކާވީސް ވަނަ ގަރުނުގެ މިނިވަންކަމާއި ތަހުޒީބާއެކު އަމިއްލަ އަށް ފުދިގެން އުޅެން ދިވެހިން އަދިވެސް ނުދަނެއޭ ބުނުމުގެ ކުރިން ހުއްޓިލައިފައި، ގއ. ގެމަނަފުއްޓަށް ތައުރީފެއް ދޭހައި ބޮޑަށް މި ރަށުގެ މީހުން "ދެމިލައިފި" އޭ ބުނެގެން ފޮންޏަކަށް ނުވާނެ އެވެ. އެރަށަށް ތިޔާގީ މަސްވެރިކަން އެކަންޏެއް ނޫނެވެ. އެކުވެރިކަމާއި، އަބުރުވެރި ކަމާއި، މެހުމާންދާރީގެ ހިތްހެޔޮ ކަމާއި، ތަރައްގީ އާއި މިނިވަން ވިސްނުން އެ ރަށަށް ތިޔާއްގެވެ. ރަށު ވަންތަ ލޯބީގެ މީރު ވަހާއި ގަދަރުވެރި ދިރިއުޅުމެއްގެ ހުރިހާ ރަހައެއް ހެޔޮވަރު ވެގެން ފޯދެމުން އަންނަ މި ރަށުން ބަލައިގެން، އަހައިގެން އެންމެ ހެޔޮވަރު ފިލާވަޅެއް ދަސްކުރަން ލިބިދާނެ އެވެ.
މި ހިމަނާލަނީ ގެމަނަފުށީ މީހުން ތަފާތަށް ކުރާ ކަންތައްތަކާއި ދުޅަހެޔޮ މުޖުތަމައެއް ބިނާކުރަން އެރަށުން ނެގިދާނެ ދެތިން ޓިޕުހެވެ.
"އެތަނެއްގެ ޒުވާނުން އެތަނަކަށް ލޯބި ދޭން ފަށައިފި ނަމަ ތަން މިލައިގެން ނުދާނެ. ގެމަނަފުށި ދިރުވަނީ ގެމަނަފުށީ ޒުވާނުން،" ރަށު ކައުންސިލުގެ ރައީސް، އިބްރާހިމް ނާޝިދު ވިދާޅުވި އެވެ.
ގެމަނަފުށީގެ ރީތި ތަންތަން
1. ބަނދަރު ގިޑިގެ އާއި "ކްލޮކް ޓަވަރު"

ގެމަނަފުޑީ ބަނދަރުމަތީގައި ހަދާފައިވާ ބޮޑު ގިޑިގެ
ގެމަނަފުއްޓަށް ލަފާއިރު އެންމެ ފުރަތަމަ ފެންނާނެ އެއް ހިތްގައިމު މަންޒަރަކީ އެރަށުގެ ބަނދަރުމަތީގައި ރަށުތެރެއަށް ވަދެގެން ދާ މައި ގޭޓުގެ ގޮތުގައި ހަދާފައިވާ ބޮޑު ގިޑިގެ އެވެ. ގިޑިގޭގެ މަތީގައި ދިވެހި ދޯންޏެއް ބަހައްޓާފައި ހުރެ އެވެ. މި ގިޑިގެއިން ތަފާތު ތޮއްޓަކާއެކު ފަރުމާކޮށްފައިވާ ގެމަނަފުށީގެ ދިގު ބަނދަރުގެ ހައިބަތު އިތުރަށް ބޮޑުކޮށްދެ އެވެ.


ގެމަނަފުށީ ކްލޮކް ޓަވަރު: މިއީ އެރަށުގެ އެންމެ ހާއްސަ ލޭންޑްމާކް
ބަނދަރުން އަރައިގެން އަންނަ އިރު ދެވަނައަށް އެންމެ ހާއްސަ ތަނަކަށް ފެންނާނީ މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ރަށުގެ ޒުވާނުން އަމިއްލަ އަށް ފައިސާ އެއްކޮށްގެން ހަދާފައިވާ ކްލޮކް ޓަވަރެވެ. ޓަވަރުގެ މަތީގައި ހަރުކޮށްފައިވާ މާސިންގާ ގަޑިއާއެކު، މިއީ ރަށުގެ އެންމެ ހާއްސަ ލޭންޑް މާކެވެ.
2. ޕެރަޑައިސް ބީޗް، ޒީރޯ ބީޗް، މާރެހާ ވިއު ބީޗް، ސަންރައިޒް ބީޗް،
ރަށުގެ ބަނދަރުން އަރައިގެން ހުރި ސީދަލަށް ގޮސް ބޮޑު މަގު ނިމޭތާ ކޮޅުން ގޮނޑުދޮށަށް ފައިބާއިރު ވަދެވޭނީ އެރަށު ޕެރަޑައިސް ބީޗަށެވެ. އެއީ މިހާރު ތަރައްގީކުރަމުން އަންނަ ބީޗެވެ. މި ބީޗަކީ މޫދަށް ދިގު ފާލަމަކާއި ހަޓް އެއް އިންނަ ގޮތަށް ރިސޯޓެއްގެ ބީޗު މަތި ސިފަވާ ގޮތަށް ތައްޔާރުކުރާ ބީޗެކެވެ.
ހުރަހަށް އޮންނަ ބޮޑު މަގުގެ އެއް ކޮޅުގައި މާރެހާ ބީޗް ވިއު، އަނެއް ކޮޅުގައި ޒީރޯ ބީޗް އޮވެ އެވެ. މިއީ ގާތްގަނޑަކަށް 200 އެއްހާ މީހުންނަށް އުޅެލެވޭ ގޮތަށް ހަދާފައިވާ ދެ ބީޗެވެ.
ޒީރޯ ބީޗުގައި މޫދަށް ހަޓެއް އަޅާފައި އޮވެ އެވެ. މޫދަށް އެރިލާ ހަދާލަން އެންމެ ހިތްގައިމު އެއް ބީޗަކީ ވެސް މިއީ އެވެ.
މާރެހާ ބީޗުގައި ވަރަށް ބޮޑު ދޮންވެލިގަނޑެއް އޮވެ އެވެ. ކައިރީގައި ރީތި ފަޅުރަށެއް އޮންނާތީ އެއީ ރީތި ވިއު އެކެވެ.

ގެމަނަފުށީ ޒީރޯ ބީޗްގައި މޫދަށް ފާލަމަކާއެކު އަޅާފައިވާ ހަޓް
ރަށުގެ އެންމެ ކޮޅާ ކޮޅުގައި އޮންނަނީ ސަންރައިޒް ބީޗް އެވެ. މި ހުރިހާ ބީޗެއް ވެސް ހަދާފައިވަނީ ފިނި މައިޒާންތަކާއި ޖޯލިތަކާއި ލޭންޑްމާކް ތަކަކާ އެކު އެވެ. ކުނި އަޅަން ޑަސްބިންތައް ބަހައްޓާފައި ހުރެ އެވެ.

ސަންރައިޒް ބީޗް: މިއީ މާސިންގާ ދޮންވެލިގަނޑަކާ އެކު އޮންނަ ރަށުގެ އެންމެ ހިތްގައިމު އެއް ތަން
މި ހަތަރު ބީޗު ވެސް ތަރައްގީކޮށްފައިވަނީ ރަށުގެ ޒުވާނުންނާއި ރައްޔިތުންގެ އަމިއްލަ ހަރަދުގަ އެވެ. މިއީ ރަށަށް ދާ މެހެމާނުންނާއި އާންމުން ފޮޓޯ ނަގާލައި ހިތްހަމަ ޖައްސާލަން މިހާރު އެންމެ ގިނައިން ދާ މައިދާން ތެކެކެވެ.

މާރެހާ ބީޗް ވިއުގައި ހަދާފައިވާ ލޭންޑްމާކް ތަކުގެ ތެރެއިން "ވެންބޮޅެ މާލަން"

ރަށް ކައިރީގައި ހުރި ފަޅު ރަށްތަކުގެ މެދުން ހެދިފައިވާ ލޮނު ފެނުގެ ކޯރެއް ކަހަލަ ތަނެއް؛ މިތަނަށް ރަށުގައި ކިޔައި އުޅެނީ "ރެހާ ފަޅެތެރާ"

މާރެހާ ބީޗް ވިއުގެ މައި ދޮރާށި ބޭރުން ސަރަހައްދު ފެންނަ ގޮތް: އެ ތަނުގައި ޓީވީ ބަހައްޓާފައި އުނދޯލި ގެތަކާއި ފިނި މައިޒާންތަކާއި ފޮޓޯ ނެގޭނެ ގޮތަށް ރީތި ލޭންޑްމާކްތަކެއް ހަދާފައިވޭ
މި ތަންތަނުގެ ކުނި ނެގުމާއި ބެލެހެއްޓުން މެނޭޖުކުރަނީ ވެސް ރައްޔިތުންނެވެ.
ގެމަނަފުށި ކޮރަލް ގާޑަން
ރަށުގެ ތުނޑީކޮޅުން ފަށައިގެން 200 ވަރަކަށް ފޫޓު ދުރުގައި އެރަށު "މެދު ހުއްޓާ" ފަރުގައި ވަރަށް ފަހުން އެރަށު ޒުވާނުން ހެދި "ކޮރަލް ގާޑަން" އަކީ މިހާތަނަށް ރަށެއްގެ ޒުވާނުން ތަކެއް އިސް ނަގައިގެން ހެދި އެންމެ ތަފާތު އެއް ތަނަށް ވާނެ އެވެ.

ގާތްގަނޑަކަށް ހަތަރު މީޓަރު އަޑީގައި ހަދާފައިވާ ކޮރަލް ގާޑެން ގައި ލޭންޑްމާކް އުނދޯއްޔެއް ބަހައްޓާފައިވެ އެވެ. އަދި ރަށުގެ ނަން ބޮޑު އަކުރުން ބަހައްޓާފައިވެ އެވެ.
މީގެ އިތުރުން ރަށާ ކައިރޫގައި އޮންނަ "މާރެހާ" އާއި "ކޮޑަފެހެލާ" ތަރައްގީކޮށް އެ ދެ ރަށަކީ ޕިކްނިކް ދާ މީހުންނަށް އުޅެން ފަސޭހަ، ފާހަނާ ކުރުމާއި ނަމާދުކުރުމުގެ ކަންކަން ފަސޭހައިން ކުރެވޭ ދެ ރަށުގެ ގޮތުގައި ޒުވާނުން ގުޅިގެން ވަނީ ތަރައްހީކޮށްފަ އެވެ.
ގޭމުގެ ކުރީގައި ގެމަނަފުށި އޮތީ ކީއްވެ؟
ކައުންސިލަރު ނާޝިދުގެ ބަހުން، އެރަށުގެ ރައްޔިތުންނަކީ ރާއްޖޭގެ އެހެން ރަށަކުން ނުފެންނަ ވަރުގެ ރަށް ދެކެ ލޯބިވާ، ފަހުރުވެރި ބައެކެވެ. އޭގެ ނަތީޖާ އަކީ، ޒުވާނަކަސް، ހަރު ފުރައިގެ މީހަކަސް، ރަށަށް ތަރައްގީ ލިބޭ ކަހަލަ ހިޔާލެއް ހުށަހަޅައިފި ނަމަ އެކަމަށް އިޖާބަދޭ ކައުންސިލަކާއި ރައްޔިތެއް އުފެދިގެން ދިއުމެވެ.
"ދެން އޮތް އެންމެ ބޮޑު ކަމަކީ، މިރަށުގެ ޒުވާނުން މަސްވެރިކަމަށް ނިކުމެ، މަސްވެރިކަން ޒަމާނީ ކުރި ހިސާބުން މަސްތުވާތަކެއްޗާ ޒުވާނުން ދުރުވެ، ދުޅަހެޔޮ ޒުވާން ޖީލެއް އައީ. އެހާ ހިސާބުން ޒުވާނުންގެ އަތް މަތި ތަނަވަސްވީ. ޒުވާނުން ތަނަވަސް ވުމުގެ ފައިދާ ހަގީގަތުގައި މި ފެންނަނީ،" ނާޝިދު ވިދާޅުވި އެވެ.
ގެމަނަފުށިން ފެންނަ، އެހެން ރަށްރަށުން މަދުން ނޫނޫ ނުފެންނަ ކަންކަން
- ވަކި މީހަކަށް ބެލުމެއް ނެތި، އޮއްޓަރު ހުރި ކޮންމެ ހިޔާލެއް ކައުންސިލް ފެންވަރުގައި ބަލައިގަނެ އެއަށް މަޝްވަރާ ކުރުން
- ރަށުގެ ތަރައްގީ އަށް ކަމެއް އިއުލާން ކޮށްފި ނަމަ، އަމިއްލަ އަށް ފެނިގެން އެކަމަކަށް ފައިސާ ހަދިޔާ ކުރުން
- ބީޗު ހެދުން ފަދަ ކަންތައްތަކުގައި ވެސް ރަސްމީ އެންގުމެއް ނެތި އަންހެނުންނާއި ފިރިހެނުން އަމިއްލަ އަށް މަސައްކަތުގައި ބައިވެރިވުން
- ރަށުގެ ފިނި މައިޒާންތަކާއި، މަގުތަކުގެ އެތެރޭގައި ބަހައްޓާފައި ހުންނަ ޓީވީ ތަކާއި ތަންތަނަށް ގެއްލުން ނުދީ އެންމެންގެ ޒިންމާއެއްގެ ގޮތުގައި އެތަންތަން ބެލެހެއްޓުން
- ޕްލާސްޓިކް ބޭނުންކުރުން ހުއްޓަން، ރަށު ޒުވާނުންގެ އިސް ނެގުމަކަށް ހުރިހާ މަސްދޯނި ތަކުން އެއްބާރުލުންދީ، ޕެކްޓެއް ހަދައި، ކަނޑަށް ކުނި އެޅުން މުޅިން ހުއްޓާލުން
- ހާމައަށް ހުންނަ މުދާތަކަށް ގެއްލުން ނުދިނުމާއި، ވައްކަން ކުރުން ފަދަ ކަންކަން ނުކުރުން
ގެމަނަފުށިން ނެގިދާނެ މިކަހަލަ ކިތަންމެ ފިލާވަޅެއް އެބަ ހުއްޓެވެ.
"އަޅުގަނޑުމެން ރަށު މީހުން ބޭނުންވަނީ މި ރަށަކީ ރާއްޖެއިން ތަފާތުކޮށްލެވޭ ރަށަކަށް ހަދަން، އެކަން އިރާދަކުރެއްވިއްޔާ ވާނެ،" ނާޝިދު ވިދާޅުވި އެވެ.
ނޯޓް: މި އާޓިކަލް އަށް ފޮޓޯ ނަގާފައިވަނީ "ގެމަނަފުށި" ފޭސްބުކް ޕޭޖުންނެވެ.







