ހެލްތް މިނިސްޓްރީގައި ސިނގިރޭޓް ބުއިމަށް ހާއްސަ ލައުންޖެއް ހަދާފައިވާ މައްސަލަ ފެންމަތިވުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން އެ މިނިސްޓްރީއަށް އަމާޒު ވެއްޖެ އެވެ.
ހެލްތު މިނިސްޓްރީ ހިންގާ ރޯޝަނީ ބިލްޑިންގުގެ ޓެރަހުގައި، ހިޔާކޮށް ހަދާފައިވާ އެތަނުގައި ބެންޗުޖަހައި މޭޒެއް ބަހައްޓާފައި ހުރެ އެވެ. އެތަން ބޭނުންކުރަނީ އ މިނިސްޓްރީގެ އެކި ފަންތީގެ މުވައްޒަފުންގެ "ސްމޯކިން އޭރިއާ" އެއްގެ ގޮތުގަ އެވެ.
ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނުން، ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ތަންތަނުގެ ގޮތުގައި ސަރުކާރުގެ އެންމެހައި އިދާރާތައް ހިންގާ އިމާރާތްތައް ހިމެނެ އެވެ. އެފަދަ ތަނެއްގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ޖޫރިމަނާ ކުރެވޭނެ ކުށެކެވެ.
މިކަން "އަދަދު" އިން ގެނެސް ދިނުމުން ކުރެއްވި ޓްވީޓެއްގައި އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓާ އަހުމަދު އައްފާލް ވިދާޅުވީ މިނިސްޓްރީއެއްގެ ތާރީހުގައި ވެސް މިފަދަ ދަށު އަމަލެއް ހިންގާފައި ނުވާ ކަމަށެވެ.
"މިތަން ނަގަން ޖެހޭ. އަދި ރަނގަޅު ފިޔަވަޅެއް އަޅަން ޖެހޭ،" ދުންފަތާ ދެކޮޅަށް މަސައްކަތް ކުރައްވާ އަފްއާލް ވިދާޅުވި އެވެ.

ރާއްޖޭގެ 81 ޕަސެންޓް މީހުން މަރުވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ޖެހޭ ބަލިތަކުގަ އެވެ. ފާޑު ކިޔާ މީހުންނަށް އެހާ ބޮޑު ޖޯކަކަށް އެކަންވީ ހެލްތު މިނިސްޓްރީން ސިއްހަތާ ދެކޮޅު ކަމެއް ގާނޫނާ ހިލާފަށް ކުރާތީ އެވެ.
ފާޑުކީ ބައެއް މީހުން ވަނީ މިފަދަ ދަށު އަމަލެއް ކޮށްފައިވާތީ އެކަން ބަލައި ފިޔަވަޅު އެޅުމަށް ގޮވައިލައިފަ އެވެ. އަދި ސިނގިރޭޓް ބޯ މީހުން ހެލްތް މިނިސްޓްރީގައި މަސައްކަތް ކުރާތީ ވެސް ކަންބޮޑުވުން ފާޅު ކުރި އެވެ.
ސިއްހީ ކަންކަން ބަލަހައްޓާ އެންމެ އިސް އިދާރާގައި ދުންފަތުގެ އިސްތިއުމާލު ކުރަން ހާއްސަ ތަނެއް ހުރުމާ ގުޅޭގޮތުން އެ އޮފީހުގެ މީޑިއާ އޮފިޝަލާ ސުވާލު ކުރުމުން ވިދާޅުވީ އެކަން ބަލަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވި އެވެ.













