ސެޕްޓެމްބަރު މަހު ބާއްވަން ނިންމާފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނުދިނުމަށް ނިންމާފައިވާ ނިންމުމަކީ ސައްހަ ނިންމުމެއް ނޫން ކަމަށާއި، އެ ނިންމުން މުރާޖައާކޮށް ވާދަކުރުމުގެ ފުރުސަތު ދިނުމަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު އެދިވަޑައިގެންފި އެވެ.
އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބަށް މިދިޔަ އެޕްރީލް 24 ގައި ހުޅުވާލުމުން ކުރިމަތިލީ ކެންޑިޑޭޓުންގެ ތެރެއިން ގައުމީ ހިންގާ ކޮމިޓީގެ ނިންމުމާ އެއްގޮތަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓު ރޭ އާންމުކުރީ އަކްރަމްގެ ނަން އުނިކޮށްފަ އެވެ.
އިންތިހާބުގައި މާލެ ދާއިރާގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވާ އަކްރަމްގެ ނަން ކެންޑިޑޭޓުންގެ ލިސްޓުން އުނިކުރިއިރު، ބޮޑެތި ކުށްތަކުގައި ތުހުމަތުވާ މީހުންނަށް، އެތެރޭގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީން އޮތީ ފާސްކޮށްފަ އެވެ.
އޭގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވާލައްވާފައިވާ ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނާއި މަރު ކޮމިޝަނުން ނެރެފައިވާ ރިޕޯޓެއްގައި ކުށެއް ކުރުމުގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކަށް ވެސް އިންތިހާބުގައި ބައިވެރިއެއް ނުވެވޭނެ އެވެ.
އިންތިހާބުގައި ވާދަނުކުރެވޭނެ ކަަމަށް ނިންމައި އަކްރަމަށް އެމްޑީޕީން ފޮނުވި ސިޓީގައި ބުނެފައި ވަނީ ގައުމީ ހިންގާ ކޮމިޓީގެ ނިންމުމާ އެއްގޮތަށް އޭނާގެ ޝަރުތު ހަމަނުވާ ކަމަށެވެ. އެއީ، ކަމާގުޅުން ހުރި މުއައްސަސާތަކުން ހޯދި މައުލޫމާތުގައި، އަކްރަމްގެ މައްސަލައެއް އޭސީސީން ބަލާ ކަމަށް އަންގާފައިވާތީ ކަމަށް ވެސް ސިޓީގައި އޮތެވެ.

އެކަމާ ގުޅިގެން އަކްރަމް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް ފޮނުއްވި ސިޓީގެ ކޮޕީއެއް ލިބިފައިވާއިރު، އެ ސިޓީގައި އޭނާ ވަނީ ގިނަ ނުކުތާތަކެއް ފާހަގަކުރައްވައިފަ އެވެ.
އެގޮތުން، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން 2018 ވަނަ އަހަރު އޭސީސީން ނެރުނު ލިސްޓެއްގައި އޭނާގެ ނަން އޮތް ނަމަވެސް، އެކަމާ ގުޅިގެން މައުލޫމާތު ސާފުކުރުމުން އޭނާއާ ގުޅޭ ހިޔާނާތުގެ އެއްވެސް މައްސަލައެއް ބަލަމުންނުދާ ކަމަށް އެ ކޮމިޝަނުން އަންގާފައިވާކަމަށް އަކްރަމް ފާހަގަކުރެއްވި އެވެ.
އޭގެ އިތުރުން އެ ސިޓީގައި އަކްރަމް ވިދާޅުވި ގޮތުގައި ޕާޓީގެ އިންތިހާބުގައި ވާދަކުރާ ފަރާތްތަކުގެ ޝަރުތުތައް އިންތިހާބާ ދިމާކޮށް ބަދަލުކުރުމަކީ ޑިމޮކްރެޓިކް މުޖުތަމައުތަކުގައި އަމަލުކުރާ އުސޫލެއް ނޫން ކަމަށެވެ.
"އަދި ޕާޓީގެ އަސާސީ ގަވައިދުގައި ނުހިމެނޭ ޝަރުތުތަކެއް ޕާޓީގެ ހިންގާ ކޮމިޓީގެ ބައްދަލުވުމަކުން ނިންމާ ނިންމުމަކުން އިތުރުކުރެވޭނެކަމަކަށް ވެސް ނުދެކެން،" އެކަން ކުރެވޭނީ އަސާސީ ގަވައިދު ބަދަލުކޮށްގެން ކަން ފާހަގަކުރައްވަމުން އަކްރަމް ވިދާޅުވި އެވެ.
އަކްރަމް އިތުރަށް ވިދާޅުވީ އުސޫލާ ހިލާފަށް ވިޔަސް ހިންގާ ކޮމިޓީން ކަނޑައެޅި ޝަރުތުތަކުގެ ތެރެއަށް ވެސް އޭނާއަށް ވާދަކުރުމުގެ ފުރުސަތު ގެއްލުވާލުން ނުފެތޭ ކަމަށެވެ.
ސަބަބެއްގެ ގޮތުން ވިދާޅުވީ އޭސީސީގެ ރިޕޯޓެއްގައި އޭނާގެ މައްޗަށް ފިޔަވަޅެއް އަޅައި ދިނުމަށް އެދިފައިނުވާއިރު، އަދި ތަހުގީގެއްގައި ސުވާލެއްވެސް ކޮށްފައިނުވާއިރު، އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ފުރިހަމަނުވާކަމަށް ނިންމުމަކީ ސައްހަ ނިންމުމެއް ނޫން ކަމަށެވެ.
އެހެންކަމުން، އުސޫލުތަކާ ހިލާފަށް ނިންމާފައިވާ ނިންމުން އަލުން މުރާޖައާކޮށް، އެމްޑީޕީގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހަމަޖައްސައި ދިނުމަށް އަކްރަމް އެ ސިޓީގައި ވަނީ އެދިވަޑައިގެންފަ އެވެ.
އަކްރަމް ވާދަކުރައްވަނީ ކުރީގެ މޭޔަރު ޝިފާ މުހައްމަދާ ކަމަށްވާއިރު، ވާދަކުރުމުގެ ފުރުސަތު ބަންދުކުރީ މާލެ ދާއިރާ ރައީސްކަން ޝިފާއަށް ތަބަބަކަށް ލާފައި ދިނުމަށްކަމަށް އޭނާ މީގެ ކުރިން ވަނީ ތުހުމަތުކުރައްވައިފަ އެވެ.
"ހަމަ ޓާގެޓްކޮށްގެން ގަރާރު ފާސްކޮށްފައި އޮތީ ޝިފާ ހޮވަންވެގެން،" އަކްރަމް ވިދާޅުވެފައި ވެ އެވެ.
އަކްރަމްގެ އިތުރުން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފަށް ވެސް ވަނީ އިންތިހާބުގައި ވާދަނުކުރެވޭނެކަން އަންގައިފަ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ވަޒީރުކަމުން މިހާރު ވެސް ސަސްޕެންޑުކޮށްފައި ހުންނެވި މަހްލޫފް ވާދަކުރައްވަނީ ކ، އއ. އދ. ވ ހިމެނޭ މެދު އުތުރު ޕްރޮވިންސަށެވެ.
މަހްލޫފް ވެސް ވަނީ އެއީ ސައްހަ ނޫން ނިންމުމެއް ކަމަށް ވިދާޅުވެ ނިންމުމާ ދެކޮޅަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފަ އެވެ.
އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީން ފާސްކޮށްފައިވާ ގަރާރުގައިވާ ފަދަ ތުހުމަތެއް ކުރެވޭކަން ޕާޓީއަށް ނޭނގި ވަނިކޮށް، ގައުމީ މަޖިލީހަށް އެ މީހަކު އިންތިހާބު ފަހުން އެކަން އެނގޭ ހިސާބުން ވެސް އެ މެމްބަރަކު ވަކިކުރަން އޮތީ ނިންމައިފަ އެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ސަރުކާރު ކުންފުނިތަކުގެ ބައެއް އިސް ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ވާދަ ކުރައްވަ އެވެ. ރައީސް ސޯލިހާއި ޕާޓީގެ ރައީސް ނަޝީދާއި ދެމެދު ހިޔާލު ތަފާތުވުން އުފެދި އެކަން ބޮޑުވެފައިވާތީ މި އިންތިހާބުގެ ވާދަވެރިކަން ބޮޑުވާނެ ކަަމަށް ލަފާކުރެވެ އެވެ.
މި އިންތިހާބުގައި ދާއިރާތަކާއި ޕްރޮވިންސްތަކާއި ސިޓީތަކުގެ ރައީސާއި ނައިބު ރައީސުންނާ އެކު ޖުމްލަ 455 މެމްބަރުން ހޮވާނެ އެވެ.













