މިއުނިކް (ޖުލައި 17) - ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ނޯވޭގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑް، މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ވިއްކާލުމާ މެދު ޑޯޓްމަންޑް ދެކަފިވެފައިވާ ކަމަށް ޖަރުމަނުގެ ނޫސްތަކުން ރިޕޯޓްކޮށްފި އެވެ.
ޑޯޓްމަންޑް ޓީމުގެ މުހިއްމު ކުޅުންތެރިއެއް ކަމަށްވާ ޖޭޑަން ސަންޗޯ ވަނީ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވާން ނިންމައިފަ އެވެ. އަދި ސަންޗޯ ގެއްލިފައިވަނިކޮށް ޑޯޓްމަންޑްގެ އަނެއް މުހިއްމު ކުޅުންތެރިޔާ ހާލަންޑް ވެސް މި ފަހަރު ޓްރާންސްފާ މާކެޓް ތެރޭ ދޫކޮށްލަން ޑޯޓްމަންޑްގެ ވެރިން ބޭނުމެއް ނުވެ އެވެ.
ހާލަންޑް މަޑުކުރުވަން ޑޯޓްމަންޑްގެ އާ ކޯޗު މާކޯ ރޯސް ވެސް ވަރަށް ބޮޑަށް ބާރުއަޅަ އެވެ. އެކަމަކު، ކޮންޓްރެކްޓްގައިވާ ވަކި މާއްދާއެއްގެ ސަބަބުން މި ފަހަރު ހާލަންޑް ބަހައްޓައިގެން އަންނަ ސީޒަނުގައި އޭނާ ޑޯޓްމަންޑް ދޫކޮށްލާނަމަ މާލީ ގޮތުން ޑޯޓްމަންޑަށް ގެއްލުމެއް ކުރިމަތިވާނެ އެވެ.
އެއީ އަންނަ އަހަރު ހާލަންޑް ގަންނަނަމަ 70 މިލިއަން ޕައުންޑް (96 މިލިއަން ޑޮލަރު) އަށް އެ ޑީލް ނިންމައިލެވޭނެ އެވެ. އެކަމަކު، މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އުމުރުން 20 އަހަރުގެ ހާލަންޑް މަދުވެގެން 170 މިލިއަން ޑޮލަރުގެ ޑީލެއްގެ ތެރެއިން ވިއްކާލެވޭނެ އެވެ.
ހާލަންޑް ގަންނަން މި ވަގުތު އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަނީ ޔޫރަޕްގެ ޗެމްޕިއަން ޗެލްސީންނެވެ. މެންޗެސްޓާ ސިޓީން ވަނީ ހާލަންޑް ވިއްކާލަން ޑޯޓްމަންޑުން ކިޔާ އަގުބޮޑުވުމުން އެ ޑީލްގެ ހިޔާލު ދޫކޮށްލައިފަ އެވެ.
ޗެލްސީން އަންނަނީ ކުޅުންތެރިންތަކެއް ވިއްކައިގެން ހާލަންޑް ގަންނަން ފައިސާ އެއްކުރަމުންނެވެ. ޗެލްސީން ވިއްކާލާ ކުޅުންތެރިންގެ ތެރޭގައި ޓެމީ އަބްރަަހަމް، މިޝީ ބަޓްޝުއާޔީ އަދި ރޮސް ބާކްލީ ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން ހާލަންޑް ގަންނަން ޗެލްސީން ހުށަހަޅާނީ 100 މިލިއަން ޑޮލަރުގެ އިތުރުން ދެ ކުޅުންތެރިންނެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓް ނިމުމުގެ ކުރިން ހާލަންޑްގެ ސޮއި ހޯދާ ކްލަބެއްގެ އަތުން އޭނާގެ އޭޖެންޓް މިނޯ ރައިއޯލާ މަދުވެގެން 20 މިލިއަން ޑޮލަރުގެ ފީއެއް ނަގާނެ ކަމަށް ސްޕެއިނުގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެެވެ. މަޝްހޫރު ކްލަބްތަކުން ހާލަންޑްގެ ޑީލަށް މި ފަހަރު ނޫނެކޭ ބުނީ ވެސް އެ ސަބަބާ ހުރެ އެވެ. ރައިއޯލާ ވަނީ ހާލަންޑްގެ ޑީލްގެ މަޝްވަރާތަކެއް ރެއާލާއި ބާސެލޯނާއާ އެކު ކުރިއަށް ގެންގޮސްފަ އެވެ.












