އާކިޓެކްޗާ އާއި ޓެކްނޮލޮޖީގެ ފަހުގެ ވަސީލަތްތައް ތައާރަފްކުރުމާއި ދައްކާލުމުގެ ގޮތުން ދުބާއީގައި ބާއްވާ އެކްސްޕޯ 2020ގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފް ޓޭބަލް ޓެނިސް ތަރި ފާތިމަތު ދީމާ އަލީ އަށް ލިބިއްޖެ އެވެ.
މިއީ ބައިނަލްއަގުވާމީ ބޮޑު އިވެންޓެއްގައި ދީމާ ރާއްޖޭގެ ދިދަ އުފުލާ ދެ ވަނަ ފަހަރެވެ. މީގެ ކުރިން އޭނާ ވަނީ 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖޭގެ ދިދަ އުފުލައިފަ އެވެ. އެކްސްޕޯ އަކީ ކުޅިވަރުގެ އިވެންޓެއް ނޫން ކަމުގައި ވިޔަސް ދީމާ އަށް މި ފުރުސަތު ލިބިގެންދިޔައީ ކުޅިވަރުގައި އޭނާ ހޯދަމުން އަންނަ ކުރިއެރުންތަކުގެ ސަބަބުންނެވެ.
މިއީ ޔޫތު މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ދީމާ އަށް ލިބިގެންދިޔަ ފުރުސަތެކެވެ. ޔޫތު މިނިސްޓްރީން ފަސް އަންހެން އެތުލީޓެއްގެ ނަން ފޮނުވިއިރު، ދިދަ އުފުލާނެ ކުޅުންތެރިއެއްގެ ގޮތުގައި ދީމާ ކަނޑައެޅީ އިންޓަވިއު އެއްވެސް ކުރުމަށް ފަހު އެވެ.
ދާދި ފަހުން ނެރުނު ދުނިޔޭގެ ޖޫނިއާ ރޭންކިންގެ އަށް ވަނަ އަށް ވެސް ޖެހިލި އުމުރުން 13 އަހަރުގެ ދީމާ އަކީ ޒުވާން އުމުރުގައި ރާއްޖޭގައި އެންމެ ކާމިޔާބު އެތުލީޓެވެ. އޮލިމްޕިކްސްގައި ވާދަކުރާނެ ކުޅުންތެރިން އުފައްދަން އައިޓީޓީއެފް އިން ކުރިއަށްގެންދާ ޕްރޮގާމުގައި ދީމާ ހިމެނެ އެވެ. މިއީ ރާއްޖޭގެ ޓީޓީގެ ކުރިމަގުން އުޖާލާކަމުގެ ހެއްކެކެވެ. ދީމާ އަންނަނީ ބައިނަލްއަގުވާމީ މައިދާނުގައި ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ރަނގަޅަށް ހިފައި ތާރީހީ ކާމިޔާބީތަކެއް ހާސިލްކުރަމުންނެވެ.
ގައުމީ ފެންވަރުގައި ކުޅެން ފެށިތާ ތިން އަހަރުގެ ތެރޭގައި ދީމާ ވަނީ ރާއްޖެ އަށް 2019 ވަނަ އަހަރު ރީޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ތިން ރަން މެޑަލް ގެނެސްދީފަ އެވެ. މިއީ ރާއްޖޭގެ ޓީޓީގައި ލިޔެވިގެންދިޔަ އާ ސޮފުހާ އެކެވެ.
އޭގެ އިތުރުން ދީމާ ވަނީ ސައުތު އޭޝިއާ ހޯޕްސް މުބާރާތުން ރަން މެޑަލް ހޯދައި އަދި އޭޝިއާ ހޯޕްސް މުބާރާތުން ރިހި މެޑަލް ހޯދައި، ވޯލްޑް ހޯޕްސް މުބާރާތަށް ކޮލިފައިވެފަ އެވެ.
މިދިޔަ އަހަރު އެންމެ ފުރަަތަމަ ބާއްވަން ތާވަލުކުރި ދުބާއީގެ "އެކްސްޕޯ 2020" މިހާރު ކުރިއަށް ގެންދާނީ އޮކްޓޫބަރު އެކަކުން ފެށިގެން އަންނަ އަހަރު މާޗް މަހުގެ ނިޔަލަށެވެ. ގާތްގަނޑަކަށް ހައެއްކަ މަހަށް ދިގުދެމިގެންދާ މި އެކްސްޕޯ އަށް 25 މިލިއަން މީހުން ޒިޔާރާތް ކުރާނެ ކަމަށް އެކްސްޕޯ އިންތިޒާމްކުރާ ފަރާތްތަކުން ވަނީ މީޑިއާ އަށް މައުލޫމާތު ދީފަ އެވެ.
ސަތޭކަ ނުވަދިހަޔަށް ވުރެ ގިނަ ގައުމުން ބައިވެރިވާ މި އެކްސްޕޯގެ ޒަރިއްޔާ އިން ދުބާއީގެ އިކޮނޮމީ (އިގްތިސާދަށް) 33 ބިލިއަން ޑޮލަރުގެ ފައިދާއެއް ކުރާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. މީގެ އިތުރުން މި އެކްސްޕޯ ބޭއްވިގެންދިއުމާ އެކު 300،000 އެއްހާ ވަޒީފާގެ ފުރުސަތު އުފެއްދޭނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.












