މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަން ހައްލު ކުރުމަށް ކުރާ މަސައްކަތްތަކާ ގުޅޭގޮތުން ސަރުކާރުން އެއްވެސް ވަރަކަށް މާލޭ ސިޓީ ކައުންސިލާ މަޝްވަރާ ނުކުރާ ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
"އަދަދު" އަށް މިދިޔަ ބުދަ ދުވަހު ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ ހިޔާ މަޝްރޫގެ އަގު ދަށް ކުރަން އެދުމުން އެކަން ސަރުކާރުން ނުކުރިއިރު، ފަހި ކޯޕަރޭޝަނުން މާލޭގައި ހިންގަން އުޅޭ ބޯހިޔާވަހިކަމުގެ މަޝްރޫތަކުގެ މައުލޫމާތު ހޯދަން އެދުމުން އެކަން ވެސް ނުކޮށްދިން ކަމަށެވެ.
"ގެދޮރުގެ މައްސަލާގައި ރައީސް އޮފީހަކުން ވެސް، މިނިސްޓްރީއަކުން ވެސް ކުންފުންޏަކުން ވެސް. މާލޭ ރައްޔިތުންގެ ގެދޮރުގެ މައްސަލައިގައި ސިޓީ ކައުންސިލާ އެއްވެސް މައުލޫމާތެއް. އެއްވެސް މަޝްވަރާއެއް، ކުރިއެރުމެއް ނުލިބޭ،" މުއިއްޒު ވިދާޅުވި އެވެ.

މާލޭގެ މޭޔާ ޑރ. މުހައްމަދު މުއިއްޒު "އަދަދު" އަށް އިންޓަވިއު ދެއްވަނީ: ބޯހިޔާވަހިކަމަށް ވަކި ކުންފުންޏެއް އުފައްދަން ވަނީ ނިންމަވާފައި-- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު
ލާމަރުކަޒީ ގާނޫނު ބުނާގޮތުން ކައުންސިލެއްގެ އިހުތިސޯސް ތެރޭގައި ހިމަނާފައި އޮންނަ ސަރަހައްދުގައި އެއްވެސް މަޝްރޫއެއް ކުރިއަށް ގެންދަން ވާނީ އެ ކައުންސިލެއްގެ މަޝްވަރާ ހޯދައިގެންނެވެ. އެއީ އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ރައްޔިތުންގެ ހިޔާލު ހޯދައިގެން އެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށެވެ.

މުއިއްޒު ވިދާޅުވީ ހުޅުމާލޭގައި އެއްވެސް މަޝްރޫއެއް ކުރިއަށް ގެންދާނަމަ މާލޭ ސިޓީ ކައުންސިލާ މަޝްވަރާ ކުރަން ޖެހޭ ކަމަށާއި އެކަމަކު އެޗްޑީސީން އެކަން ނުކުރާ ކަމަށެވެ.
"އެންމެ ކުޑަކުޑަ ކަމެއްގައި ވެސް މަޝްވަރާއެއް ނުކުރޭ. އެ ތަނުގައި ހުންނަ އަޅުގަނޑުމެންގެ ކައުންސިލަރު ގޮސް ދައްކާ ވާހަކައެއް މިދެކެވެނީ. ކައުންސިލާ އެކުރައްވާ މަސައްކަތަކުން މަޖުބޫރުވެގެން ކަންނޭނގެ އެ ދެއްވާ މައުލޫމާތެއް އެކަނި ލިބެނީ،" މުއިއްޒު ވިދާޅުވި އެވެ.
ބޯހިޔާވަހިކަމުގެ ސަރުކާރުން އެއްބާރުލުން ނުދޭ ކަމަށް މުއިއްޒު ވިދާޅުވެފައިވާއިރު ހައުސިން މަޝްރޫތައް ހިންގުމަށް ވަކި ކުންފުންޏެއް އުފައްދަން ސިޓީ ކައުންސިލުން ވަނީ ނިންމައިފަ އެވެ. އެ ކުންފުންޏަކީ އަމިއްލައަށް ފައިނޭންސް ހޯދައިގެން މަޝްރޫތައް ހިންގާ ކުންފުންޏަކަށް ހަދާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ގެދޮރުގެ މައްސަލަ ނޫން އެހެން ކަންކަމުގައި ސަރުކާރުން މަޝްވަރާކޮށް އެއްބާރުލުން ދޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ.












