ރާއްޖެ އަތުން ސީރިއާ އަށް ބޮޑު މޮޅެއް

ސީރިއާ ކުޅުންތެރިއަކު އަތުން ބޯޅަ ހޯދަން ރާއްޖޭގެ އުމެއިރު (މ) މަސައްކަތްކުރަނީ -- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ސީރިއާ ކުޅުންތެރިއަކު އަތުން ބޯޅަ ހޯދަން ރާއްޖޭގެ އުމެއިރު (މ) މަސައްކަތްކުރަނީ -- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ފީފާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި މިރޭ ކުޅުނު މެޗުން ރާއްޖެ އަތުން 4-0 އިން މޮޅުވެ ސީރިއާ ގްރޫޕްގެ އެއް ވަނަ ކަށަވަރުކުރުމާ ގާތަށް ޖެހިލައިފި އެވެ.

ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ސީރިއާ އެއް ވަނައިގައި އޮތީ ހަ މެޗުން 18 ޕޮއިންޓަކާ އެކު އެވެ. ދެ ވަނައިގައި އޮތް ޗައިނާ އަށް ފަސް މެޗުން ވަނީ 10 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތީ ފިލިޕީންސް އެވެ. އެ ޓީމަށް ފަސް މެޗުން ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި ރާއްޖެ އޮތީ ހަ މެޗުން ހަ ޕޮއިންޓާ އެކު އެވެ. އެންމެ ފުލުގައި އޮތް ގުއާމަށް ހަ މެޗު ކުޅުނުއިރު ޕޮއިންޓެއް ލިބިފައިނުވެ އެވެ.

ރާއްޖޭގެ އަމާޒަކީ 2023 ވަނަ އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައިވުމެވެ. މި ގްރޫޕްގެ އެއް ވަނަ އޭޝިއަން ކަޕުން ފުރުސަތު ލިބޭނެ އެވެ. ގަދަ ތިން ޓީމުގެ ތެރޭގައި ހިމެނިގެން އޭޝިއަން ކަޕްގެ ކޮލިފައިން ރަނގަޅު ހިސާބެއްގައި އޮތުމުގެ ފުރުސަތު ރާއްޖެ އަށް އޮންނާނެ އެވެ. އެކަމަކު މިރޭ ބަލިވުމުން އެ ފުރުސަތު ވަނީ ހަނިވެފަ އެވެ. ގްރޫޕްގެ ފަހު ދެ ޖާގައިގެ ތެރެއިން މަގާމެއްގައި ރާއްޖެ ނިންމައިފިނަމަ ފުރުސަތު ބޮޑީ އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖަށް ވަންނަން ޕްލޭއޮފް ބުރުގައި ކުޅެން ޖެހުމުގެ އެވެ.

ދުބާއީގައި މިރޭ ކުޅުނު މެޗަށް ރާއްޖޭން ނެރުނު ފުރަތަމަ އެގާރައިގައި ޑިފެންސް ލައިނުގެ ދެ ފަޅިން ކުޅެމުންދިޔައީ އާންމު ގޮތެއްގައި އެ މަގާމަށް ކުޅޭ ދެ ކުޅުންތެރިންނެއް ނޫނެވެ. ކާޑު ހަމަވުމުގެ ސަބަބުން ގައުމީ ޓީމުގެ ވާތު ބެކަށް ގިނަ މެޗުތަކުގައި ފަހަކަށް އައިސް ކުޅުނު ހައިޝަމް ހަސަން (ބިޑި) ހުރީ ސަސްޕެންޝަނުގަ އެވެ. ކަނާތު ބެކަށް މިރޭގެ މެޗުގައި ކުޅުނު އަހުމަދު ނޫމާން (ހެލްމެޓް) އަކީ ސެންޓްރަލް ޑިފެންޑަރެކެވެ. އަދި ވާތު ބެކުން މިރޭ ފެށި އިބްރާހިމް އައިސަމް އަކީ މިޑްފީލްޑަރަކަށް އާންމުކޮށް ކުޅޭ ކުޅުންތެރިއެކެވެ.

މެޗު ފަށައިގެން ފުރަތަމަ 10 ވަރަކަށް މިނިޓް ތެރޭގައި ސީރިއާ އިން ފޮނުވާލި ދެތިން ހަމަލާއެއް ރާއްޖޭގެ ގޯލްކީޕަރު މުހައްމަދު ފައިސަލް މަތަކުރި އެވެ.

ސީރިއާ ކުޅުންތެރިއަކު ކައިރިން ރާއްޖޭގެ ހަމްޕު ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ފުރަތަމަ ހާފުގައި ރާއްޖެ އަށް އެޓޭކެއް ކުރަން ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބުނީ މެޗުގެ 18 ވަނަ މިނިޓްގަ އެވެ. ސީރިއާ ކުޅުންތެރިން އަތުން ގެއްލުނު ބޯޅައެއް ހޯދައި ރާއްޖޭގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ފަޅި ބަދަލުކޮށްލާފައި ބޯޅަ ދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އަށެވެ. ހަމްޕު ޖައްސާލި ބޯޅަ ހިފައިގެން ވަދެ މުހައްމަދު އުމެއިރު ފޮނުވާލި ބޯޅަ އަމާޒުވީ އަރިމަތީ ދާގަނޑަށެވެ. އެ ބޯޅަ ރަނގަޅަށް ހުރަސްކޮށްލެވުނު ނަމަ ގޯލު ކުރިމަތީގައި ހުރި ރާއްޖޭގެ ފޯވާޑް އަސަދުﷲ އަބްދުﷲ (އަސަކޮ) އަށް ގޯލަށް ފޮނުވާލެވޭނެ ފުރުސަތު އޮތެވެ.

ސީރިއާ އިން މެޗުގެ 24 ވަނަ މިނިޓްގައި ލީޑުނެގުމާ ގާތަށް ޖެހިލި އެވެ. މަހުމޫދު އަލްމަވާސް އޭރިއާތެރެއިން ކީޕަރު ފައިސަލް ނައްޓާފައި ފޮނުވާލި ބޯޅަ ގޯލު ރޮނގުމަތިން ސަލާމަތްކުރީ ރާއްޖޭގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) އެވެ. އެކަމަކު އޭގެ ހަތަރު މިނިޓް ފަހުން އަލްމަވާސް ވަނީ އޭރިއާތެރެއިން ލިބުނު ބޯޅައެއް ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ރާއްޖެ ކޮޅަށް ފުރަތަމަ ގޯލު ވަން ފަހުން ފަހަތުން ހެދޭ ގޯސްތައް އިތުރުވެ، ސީރިއާ އަށް އިތުރު ފުރުސަތުތައް ލިބެން ފެށި އެވެ. ސީރިއާ އިން ދެ ވަނަ ގޯލު ޖެހީ މެޗުގެ 32 ވަނަ މިނިޓް އެވެ. ޕެނަލްޓީ އަކުން މި ގޯލު ޖެހީ އައިއަސް އޮސްމަން އެވެ. މިއީ އަކޫ އޭރިއާތެރެއިން އަލާ އަދިން އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. އޭގެ ފަހުން ތިން ވަނަ ލަނޑެއް ޖަހަން އަލާ ބޮލުން ފޮނުވާލި ބޯޅަ ކީޕަރު ފައިސަލް ވަނީ މަތަކޮށްފަ އެވެ.

މި މެޗަށް ތައްޔާރުވަމުން ދިޔައިރު ކޮވިޑް އަށް ޕޮޒިޓިވްވެފައިވާތީ ގައުމީ ޓީމުގެ ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) މި މެޗުގައި ނުކުޅެ އެވެ. ދަގަނޑޭ މިހާރު ކޮވިޑުން ރަނގަޅުވެފައި ވާއިރު، މާދަމާ އޭނާ ޓީމުގެ ފަރިތަކުރުންތަކާ ގުޅޭނެ އެވެ. ދަގަނޑޭގެ ބަދަލުގައި ކުރިއަށް ކުޅެމުންދިޔަ އަސަކޮ އަށް ފުރަތަމަ ހާފުގައި މާގިނަ ބޯޅަތަކެއް ނުލިބެ އެވެ.

ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ޕެނަލްޓީ އަކުން އަމްލަމަވާސް ވަނީ ސީރިއާގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. މިއީ އޭރިއާތެރެއިން ރާއްޖޭގެ ސަމޫހު އަލީ (ސަމުއްޓެ) އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ދެ މިނިޓް ތެރޭ ލަނޑެއް ޖަހަން ރާއްޖެ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރެއިން ހަމްޕު ފޮނުވާލި ބޯޅަ ސީރިއާގެ ކީޕަރު އަދި ކެޕްޓަން އިބްރާހިމް އަލްމާ ވަނީ މަތަކޮށްފަ އެވެ.

ލަނޑު ޖެހުމަށް ފަހު ސީރިއާ ކުޅުންތެރިން އުފާފާޅުކުރަނީ.

ސީރިއާ އަށް ހަތަރު ވަނަ ލަނޑެއް ޖަހައިދޭން މެޗުގެ 60 ވަނަ މިނިޓްގައި ޔޫސުފް މުހައްމަދު ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑި އަށެވެ. ޔޫސުފް ކުޅެން އެރީ ދެ ވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

ރާއްޖޭން ގެނައި ފުރަތަމަ ބަދަަލަކީ މެޗުގެ ފަހު 30 މިނިޓަށް ހަމްޕުގެ ބަދަލުގައި އަލީ ޝަމާލް އަބްދުﷲ (ޝަންމު) ކުޅެން އެރުވުމެވެ. ޝަންމު އަކީ މި ފަހަރު ގައުމީ ސްކޮޑުގައި މުޅިން އަލަށް ހިމެނުނު ކުޅުންތެރިއެކެވެ. އޭނާ ޓީމާ ގުޅުނީ ވެސް ފަހުންނެވެ. އެއީ ފުރަތަމަ ސްކޮޑަށް ނެގި ކުޅުންތެރިންތަކަކަށް އެކި ސަބަބުތަކާ ހުރެ ޓީމާ އެކު ދެވެން ނެތުމުންނެވެ.

ސީރިއާ އިން ވެސް މި މެޗު ކުޅުނީ އަނިޔާގެ ސަބަބުން އެ ޓީމުގެ އެއް ވަނަ ފޯވާޑް އޮމާރް އަލް ސޯމާ ނުލަ އެވެ. އެކަމަކު އޭނާ ނެތްތަން ފޫބެއްދުމުގައި އަލްމަވާސް ދިޔައީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.

އަލްމަވާސް ވަނީ މެޗުގެ 71 ވަނަ މިނިޓްގައި ސީރިއާގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ. ސީރިއާ އިން މި މެޗުގައި ޖެހި ތިން ވަނަ ޕެނަލްޓީ ކާމިޔާބުކޮށް އަލްމަވާސް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެެވެ. މިިއީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ރާއްޖޭގެ ޑިފެންޑަރު މުހައްމަަދު ސައިފް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

ސީރިއާ އިން މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ 85 ވަނަ މިނިޓްގައި ސީރިއާގެ މުހައްމަދު އަޖާނަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ. އޭނާ އަށް ފުރަތަމަ ރީނދޫ ކާޑު ދެއްކީ ބޯޅަ ލަސްކުރަން އުޅުމުންނެވެ. އަދި ދެ ވަނަ ރީނދޫ ކާޑު ދެއްކީ ޕެނަލްޓީ ހޯދަން ޑައިވްކުރުމުންނެވެ.

ސީރިއާއާ ދެކޮޅަށް މިރޭ ކުޅުނީ ރާއްޖޭގެ ހޯމް މެޗެކެވެ. އެކަމަކު ކޮވިޑް-19ގެ ސަބަބުން ދަތުރުފަތުރު ކޮށްގެން މެޗުތައް ކުޅެވޭނެ ގޮތެއް ނެތުމުން އޭއެފްސީން ފުރަތަމަ ނިންމީ ހުރިހާ މެޗެއް ސެންޓްރަލައިޒްކޮށް ޗައިނާގައި ކުޅޭށެވެ. އެކަމަކު ރާއްޖެ އާއި ސީރިއާ އަދި ފިލިޕީންސަށް ޗައިނާ އަށް އެތެރެވެވޭ ގޮތްނުވުމުން މެޗުތައް އެންމެ ފަހުން ދުބާއީގައި ކުޅޭގޮތަށް ނިންމީ އެވެ.

މިރޭގެ މެޗަކީ ގައުމީ ޓީމުގެ ކޯޗުކަމާ މިދިޔަ އަހަރު ޖެނުއަރީ މަހު ހަވާލުވި ނެދަލެންޑްސްގެ ކޯޗު މާޓިން ކޫޕްމަންގެ އިރުޝާދުގެ ދަށުން ޓީމު ކުޅުނު ފުރަތަމަ މެޗެވެ. މި މެޗުގެ ކުރިން ގައުމީ ޓީމު އެންމެ ފަހުން މެޗެއް ކުޅުނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ.

ގައުމީ ޓީމަށް މި ފަހަރުގެ ކޮލިފައިން މެޗުތަކަށް ތައްޔާރުވާން ލިބުނީ މިދިޔަ މަހު 22 ވަނަ ދުވަހު ދުބާއީ އަށް ދިޔަ ފަހުން ލިބުނު ދުވަސްތަކެވެ. މާލޭގައި ހަފްތާއެއްހާ ދުވަހު ހޮޓެލް ޖެންގައި ކޭމްޕްކޮށްގެން ތިބިއިރު، ޕްރެކްޓިސް ކުރަން ޖެހުނީ އެ ހޮޓެލްގެ ބޯލް ރޫމްގަ އެވެ.

މި ފަހަރުގެ ކޮލިފައިންގައި ރާއްޖެ އަށް ދެން ބާކީ އޮތީ ދެ މެޗެވެ. އެއީ އަންނަ ހުކުރު ދުވަހުގެރޭ ޗައިނާއާ ކުޅޭ މެޗާއި މި މަހު 15 ވަނަ ދުވަހުގެރޭ ފިލިޕީންސާ ބައްދަލުކުރާ މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox