ހުޅުމާލޭގައި ބައިސްކަލު ކުއްޔަށް ދޫކުރަން ސިޓީ ބައިކް ޕްރޮޖެކްޓެއް ފަށަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ދެމެދު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.
މިއީ ދުނިޔޭގެ ތަރައްގީ ގިނަ ސިޓީތަކެއްގައި ތިމާވެއްޓާ ރައްޓެހި އެއްގަމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންކުރަން އާންމުންނަށް ބާރުއެޅުމަށް މިފަދަ ސިޓީ ބައިކް ހިދުމަތްތައް ދެ އެވެ. އެގޮތުން ހުޅަނގު ޔޫރަޕާއި ސްކެންޑެނޭވިއާގެ ގިނަ ގައުމުތަކުގެ ބައިބޯ އަވަށްތަކުގައި ސިޓީ ބައިކް ހިދުމަތްތައް އަންނަނީ ދެމުންނެވެ.
މިއަދު ސޮއިކުރެވުނު މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ކުޑަ އަގެއް ދީގެން ވަގުތު ކޮޅަކަށް ކުއްޔަށް ނެގޭ 300 ބައިސްކަލް އެކި ސަރަހައްދުތަކުގައި ބެހެއްޓޭނެ އެވެ. އަދި، ހާއްސަކުރެވޭ ސަރަހައްދުތަކެއްގައި ޑޮކިން ސްޓޭޝަންތައް ގާއިމްކޮށް ބައިސްކަލް ޕާކުކުރާނެ ޖާގަ ހަދާނެ އެވެ.
ޑިޖިޓަލް ބޭންކިން ވަސީލަތްތައް ބޭނުންކޮށްގެން ފައިސާ ދެއްކޭ މި ބައިސްކަލުތައް ހުޅުމާލެ ތެރޭގެ ހުރިހާ ސަރަހައްދެއްގައި ދުއްވޭނެ އެވެ.
މި ޕްރޮޖެކްޓާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ ޓިމް ސޯޔާ ވިދާޅުވީ ބައިސްކަލަކީ ތިމާވެއްޓާ ރައްޓެހި އަދި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެހީ ވެދޭނެ ވަސީލަތެއް ކަމަށެވެ. އަދި މިއީ ހުޅުމާލޭގެ ރައްޔިތުންނާއި ހުޅުމާލެއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ހުޅުމާލޭގެ ރައްޔިތުންނާއި ހުޅުމާލެއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް އަމާޒުކޮށް މުޅިން އަލަށް ތައާރަފް ކުރެވޭ މިފަދަ ޕްރޮގްރާމެއް ހިންގުމަށް އަޅުގަނޑުމެން މިދަނީ މަސައްކަތްކުރަމުން. ބައިސްކަލަކީ ތިމާވެއްޓާއި ރައްޓެހި ދަތުރުފަތުރުގެ ވަސީލަތެއްގެ އިތުރުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްވެސް އެހީތެރިވެދޭ ވަސީލަތެއް،" ސޯޔާ ވިދާޅުވި އެވެ.
މި ޕްރޮޖެކްޓާ ބެހޭ މައުލޫމާތު އާންމު ކުރެވިގެން މިދަނީ މިއަހަރުގެ 'ވޯލްޑް ބައިސިކަލް ޑޭ' އާ ގުޅުވައިގެންކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ހުޅުމާލެ ސިޓީ ބައިކް ޕްރޮޖެކްޓަކީ ބީއެމްއެލްއިން ފަންޑުކޮށްގެން އެޗްޑީސީއާ ގުޅިގެން ހިންގާ ޕްރޮޖެކްޓެކެވެ.
އަދި ބީއެމްއެލްއިން އަންނަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.











