ބުޅިކެ: ގައުމީ ވޮލީ ޓީމުގެ ސެޓަރު، ރަށު ކައުންސިލް މެމްބަރު!

ގައުމީ ވޮލީ ޓީމުގެ ސެޓަރު ވިޝާމް (ބުޅިކެ): އޭނާ އަކީ ވ. ފެލިދޫ ކައުންސިލް މެމްބަރެއް:-- އަދަދު ގްރެފިކްސް: އަހުމަދު އިހުސާން (އަރަކަ)

ގައުމީ ވޮލީ ޓީމުގެ ސެޓަރު ވިޝާމް (ބުޅިކެ): އޭނާ އަކީ ވ. ފެލިދޫ ކައުންސިލް މެމްބަރެއް:-- އަދަދު ގްރެފިކްސް: އަހުމަދު އިހުސާން (އަރަކަ)

މުޅި ދުނިޔޭގެ އެކި ގައުމުތަކަށް ބެލިކަމުގައި ވިޔަސް މަގުބޫލު އެކި ކުޅިވަރު ތަރިން ވަނީ ސިޔާސީ މަގާމުތައް ފުރައިފަ އެވެ. ގައުމީ ޓީމަށް ކުޅެމުން ނޫނީ ރިޓަޔާކުރުމަށް ފަހު އެވެ. ރާއްޖޭގައި ވެސް އެ ހަގީގަތް އޮތީ ފެންނާށެވެ. ސިޔާސީ މަގާމުތަކުގައި ގައުމީ ޓީމުތަކަށް ގިނަ އަހަރުތަކެއް ވަންދެން ކުޅުނު ކުޅުންތެރިން އެބަތިއްބެވެ.

މިދިޔަ އޭޕްރީލް މަހު ކުރިއަށް ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކޮށް ގައުމީ ފިިރިހެން ވޮލީބޯޅަ ޓީމުގެ ސެޓަރު ހުސެއިން ވިޝާމް (ބުޅިކެ) ވަނީ ވ. އަތޮޅު ފެލިދޫ ކައުންސިލް މެމްބަރުކަމަށް އިންތިހާބުވެފަ އެވެ. އޭނާ އަކީ މި ވަގުތު ގައުމީ ޓީމެއްގައި ހުރެ އެ ފަދަ މަގާމަކަށް އިންތިހާބުވި ފުރަތަމަ ކުޅުންތެރިޔާ އެވެ.

ޕީޕީއެމް ޓިކެޓުގައި ކައުންސިލަށް ހޮވުނު ބުޅިކެ "އަދަދު" އަށް ބުނީ ހަގީގަތުގައި މިއީ ރަށަށް ހިދުމަތެއް ކޮށްދިނުމުގެ ވިސްނުމުގައި އިސްނައިގެން ކުރި ކަމެއް ކަމަށާއި ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

"އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ (މި ރަށަށް) ރަނގަޅު ކަންތައްތަކެއް ކުރެވޭނެ. މުހިއްމީ ވީހާ ވެސް ގިނަ ބައެއްގެ ބައިވެރިވުން މީގެ. މި މަގާމުގައި ހުރެ ރަށަށް ހިދުމަތްތަކެއް ކޮށްދެން ބޭނުން،" އުމުރުން 27 އަހަރުގެ ބުޅިކެ ބުންޏެވެ.

އިންޓަ ސްކޫލް/ ކޮލެޖް މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް ބުޅިކެ (ވ) ޓްރޮފީ ހަވާލުކުރަނީ.-- ފޮޓޯ: ވޮލީބޯލް އެސޯސިއޭޝަން

ފެލިދޫ ކައުންސިލް މެމްބަރުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބުނީ ބުޅިކެ އަށެވެ. ސަރުކާރުގެ ސިޔާސަތުތަކާ ގުޅިގެން ބުޅިކެ އަށް ރަށަށް ގިނަ ކަންތައްތަކެއް ކޮށްދެވިދާނެ ކަމަށް އޭނާ ގަބޫލުކުރެ އެވެ. އެއީ ގުޅިގެން ކަންކަން ކުރުމަކީ ކުޅިވަރުގެ ތެރެއިން ވެސް އޭނާ އަށް ދަސްވެފައި ހުރި އާދައެކެވެ. ބައިނަލްއަގުވާމީ މައިދާނުގައި ގައުމު ތަމްސީލްކުރަން ދެއްކި ހިތްވަރު، ރަށުގެ ތަރައްގީގެ ކަންކަމުގައި ވެސް ދެއްކުމަށް ބުޅިކެ ބޭނުންވެ އެވެ.

ދާދި ފަހުން ޔޫތު މިނިސްޓްރީން ސަރުކާރުގެ ހަރަދުގައި ވޮލީބޯޅަ ކޯޓުތައް ހަދަން އިއުލާނުކުރި 25 ރަށުގެ ތެރޭގައި ފެލިދޫ ހިމެނެ އެވެ.

ގައުމީ ވޮލީ ޓީމާ ހަމައަށް ވެސް ބުޅިކެ ދަތުރު ފެށީ ރަށު ލެވަލުން ފެށިގެންނެވެ. ކުޑަ އިރުއްސުރެން ވެސް ވޮލީ އަށް ޝައުގުވެރިކަން ހުންނަ ބުޅިކެ ރަށު ސްކޫލްގައި ވެސް ވޮލީ ކުޅުނެވެ. އޭނާ ވޮލީގައި ކުރިއަށްދާން މަގު ކޮށުނީ ވެސް ސްކޫލް ޓީމަށް ކުޅެނިކޮށެވެ. މިނިސްޓްރީން އަޅައިދޭން ނިންމާފައިވާ ކޯޓަކީ ފެލިދޫ އިން ބުޅިކެ މެން ފަދަ އިތުރު ކުޅުންތެރިން އުފައްދަން ލިބޭނެ ފުރުސަތެކެވެ.

ބުޅިކެ އާއި އޭނާގެ ބޭބެ އަލީ ހުޒާމް (ހުޒަންޓެ) އެންމެ ފުރަތަމަ މާލެ އައީ 2009 އާއި 2010 ވަނަ އަހަރުގެ އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތަށެވެ. އެ މުބާރާތުން އެ ދެ ކުޅުންތެރިން ފާހަގަވެގެން ޓީމުތަކުގެ ލޯ އަމާޒުވި އެވެ. ފަހުން ފަހިވެގެން ދިޔަ ފުރުސަތެއްގައި ދެ އަހަރެއްހާ ދުވަސް ތެރޭ ދެ ކުޅުންތެރިން ގައުމީ ޓީމުން ފުރުސަތު ހޯދި އެވެ. މިހާރު ހުޒަންޓެ އާއި ބުޅިކެގެ ކޮއްކޮ ހަސަން ނިލާމް (ޕާޓޭ) ވެސް އަންނަނީ ގައުމީ ޓީމަށް ކުޅެމުންނެވެ. ތިން ބެއިން އެކުގައި ގައުމީ ޓީމަށް ގިނަ މެޗުތަކެއް ކުޅެފައިވެ އެވެ.

ގައުމީ ވޮލީ ޓީމުގައި އެއް އަތޮޅަކަށް ނިސްބަތްވާ ކުޅުންތެރިންނަށް ބަލާއިރު، އެންމެ ގިނައީ އާބާދީ ގޮތުން ކުޑަ ނަމަވެސް ވޮލީގެ ހުނަރު ބޮޑު ވ އަތޮޅުގެ ކުޅުންތެރިންނެވެ. ބުޅިކެ ގައުމީ ޓީމުގެ ދެ ވަަނަ ސެޓަރަކަށް ހުރެ ވެސް ގިނަ މުބާރާތްތަކަށް ދިޔަ އެވެ. ގައުމީ ޓީމުގެ ކެޕްޓަން ވ. ތިނަދޫ އަށް އުފަން ގައުމީ ޓީމުގެ ކުރީގެ ސެޓަރު އިޝާން މުހައްމަދު (ބަޓިސް)، 2016 ވަނަ އަހަރު ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުން މިދިޔަ ތިން އަހަރެއްހާ ދުވަހު ގައުމީ ޓީމުގެ ސެޓަރަކީ ބުޅިކެ އެވެ.

ބުޅިކެ ވަނީ ގައުމީ ޓީމުގެ އެއް ވަަނަ ސެޓަރަކަށްވީ ފަހުން ވެސް ގިނަ މުބާރާތްތަކެއްގައި ކުޅެފަ އެވެ.

ގައުމީ ޓީމުން 2019 ވަނަ އަހަރު މާލޭގައި ސްރީލަންކާއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން: ބުޅިކެ (ތިރިން ކ.3 ވަނަ އަށް).-- ފޮޓޯ: މިހާރު

ރާއްޖޭގެ ވޮލީބޯޅަ ސީޒަން އޮންނަ ގޮތުން މުބާރާތްތައް ބެހިފައި އޮންނަނީ މުޅި އަހަރަށް އެއްކޮށް މުބާރާތްތައް ކުރިއަށްދާ ގޮތަކަށް ނޫނެވެ. ގައުމީ ލެވަލްގެ މުބާރާތްތައް އަހަރު ފަހު ކޮޅު ސޯޝަލް ސެންޓަރު ލިބޭ ވަގުތުތަކަށް ބަލާފައި ތިން މަހެއްހާ ދުވަސް ތެރޭ އެއްކޮށް ކުޅެ އެވެ.

އެ ގޮތަށް ބަލާއިރު ބުޅިކެ އަށް ވޮލީ ކެރިއަރު ކުރިއަށް ގެންދިއުމުގައި މާ ބޮޑު އުނދަގޫ ކަމެއް ނުހުންނާނެ އެވެ. މީގެ ކުރިން ވެސް ވ. އަތޮޅުގެ ގިނަ ކުޅުންތެރިން މުބާރާތް ކުޅެން އަންނަނީ އަމިއްލަ ރަށުގައި ހުރެފައި މުބާރާތަށް ކައިރިކޮށް މާލެ އައިސްގައި ކަމަށް ވާއިރު، މިއީ ވެސް ވޮލީ ކެރިއަރު ކުރިއަށްގެންދަން ބުޅިކެ އަށް އޮންނާނެ ފަސޭހައެއް ކަމަށް ބެލެވެ އެެވެ. ވޮލީ ކެރިއަރު ކުރިއަށް ގެންދިއުމަކީ ބުޅިކެގެ އަޒުމެކެވެ. އެއީ ގައުމަށް ކޮށްދޭ ހިދުމަތެއް ކަމަށްވާތީ އެވެ.

މި ފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކޮށް ކުރިން އެހެން ކުޅިވަރުތަކުގެ ގައުމީ ޓީމަށް ކުޅެފައިވާ ކުޅުންތެރިން ވެސް ވަނީ މަގާމުތަކަށް އިންތިހާބުވެފަ އެވެ. އޭގެ ތެރޭގައި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު އަބްދުﷲ އިބްރާހިމް (ހުރާ އަބުޅޯ) ހިމެނެ އެވެ. އޭނާ ވަނީ ކ. ހުރާގެ ރަށު ކައުންސިލުގެ ނައިބް ރައީސަކަށް އިންތިހާބުވެފަ އެވެ. ހުރާ ކައުންސިލުގެ ރައީސަކީ، ފުޓްބޯޅަ ޓީމުގައި ވެސް ކުރިން އިސްކޮށް ހަރަކާތްތެރިވި އަހުމަދު އީސާ (ހުރާ އީސަ) އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox