އައިޝަތު ހަނާ، 34 (އަދާކުރާ ވަޒީފާގެ ގޮތުން އަސްލު ނަމެއް ނޫން) ތިން ވަނަ ދަރިފުޅު ދުނިޔެއަށް އުފަންވުމުގެ ވަގުތުކޮޅަށް ވަރަށް ބޮޑަށް ތައްޔާރުވި އެވެ. އަބަދުވެސް އެއީ އެ ދެމަފިރިން އާއިލާ އެކު ސެލެބްރޭޓްކުރާ އުފާވެރި ކަމެކެވެ. އެކަމަކު މިފަހަރު އެ ނަސީބެއް ނުލިބުނެވެ.
އައިޖީއެމްއެޗުގައި ދުވަސްވީ ތަޖުރިބާކާރު ނަރުހަކަށް ވާތީ، ބަލީގެ ނުރައްކާ މާބަނޑު މީހުންނަށް އޮތް ވަރު އޭނާ އަށް ރަނގަޅަށް އެނގެ އެވެ. އެހެންވެ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސިކުންތަކަށް ވެސް ފަރުވާކުޑައެއް ނުކުރެ އެވެ.
އެކަމަކު ކަން ދިމާވީ ހީކުރި ގޮތަކަށް ނޫނެވެ. ދަރިފުޅު ދުނިޔެއަށް އުފަންވުމުގެ އުފާވެރިކަން "ގެއްލުނީ" އެވެ. ކޮވިޑަށް ޕޮޒިޓިވްވެ ކުރިމަތިވި އުނދަގޫތަކުގައި ދުވަސްނުފުރާ ސިޒޭރިއަނަކަށް ދާން ޖެހުމުންނެވެ. ނަފްސާނީ ގޮތުން ވެސް މީހާއަށް ވަރަށް ބޮޑަށް އަސަރުކުރީ އެވެ.
މިއީ، ކޮވިޑަށް ޕޮޒިޓިވްވެ އައިޖީއެމްއެޗުގައި ފަރުވާ ހޯދަމުން އަންނަ މާބަނޑު މީހުންނާއި އެތަނުގައި ތިބެ ވިހެއި އަދި ސިޒޭރިއަން ހަދަން ޖެހުން ބައެއް މީހުންނަށް ކުރެވުނު ހިތްދަތި ތަޖުރިބާ އެވެ. ކޮވިޑު ބަލީގައި 50 އަށް ވުރެން ގިނަ މީހުންނަށް އެތަނުގައި އަންނަނީ ފަރުވާ ދެމުންނެވެ.
ދުނިޔެއަށް އުފަންވުމާ އެކު ދަރިފުޅު އުރާލަައި އާއިލާއާ އެކު އެ ވަގުތުކޮޅު ހޭދަކުރަން ބޭނުންވިޔަސް އެ ފުރުސަތެއް ނެތެވެ. ބައެއް މީހުންނަށް ދަރިފުޅު ލޮލަށް ފެނުނީ އެންމެ ފަހަރަކު އެވެ. އަނެއް ބަޔަކު ވިހެއުމުގެ އުނދަގޫ ދުވަސްތައް ގުނަން ޖެހިފައި ވަނީ އެކަނިމާ އެކަންޏެވެ. އެހީގެ އަތެއް އެންމެ ބޭނުންވާ ވަގުތު އެކަމަށް އޮތް ހުރަހަކީ ބާރު މިނުގައި ފެތުރެމުންދާ ކޮރޯނާ ވައިރަހެވެ. މި ހުރިހާ ކަމެއްގެ ތެރޭގައި، ވިހާ ދުވަސް ގާތްވި ވަރަކަށް ކޮވިޑުގެ ބިރުގައި ނަފްސާނީ އުނދަގޫ ތަހައްމަލް ކުރަން ޖެހިފައި ތިބި މީހުން ވެސް މަދެއް ނޫނެވެ.
މި ހާލަތުގައި، ޑޮކްޓަރުންގެ ކަންބޮޑުވުމަކީ ދުވަސް ނުފުރައި ވިހެއުން ރާއްޖޭގައި އިތުރުވެދާނެ ކަމުގެ ބިރެވެ.
ހަނާގެ ތަޖުރިބާ ވަރަށް ހިތްދަތި
ހަނާ، ކުއްލި ގޮތަކަށް ސިޒޭރިއަން ހެދިތާ މިއަދަށް ހަތަރު ވަނަ ދުވަހެވެ. އެކަމަކު ދަރިފުޅު ފެނުމުގެ ނަސީބު އަދި ލިބުނީ އެންމެ ފަހަރަކު އެވެ. ކޮވިޑު ޖެހިފައި އޮތުމުންނާއި ބަލީގައި ކުއްލިއަކަށް ހާލަތުު ގޯސްވެ ދުވަސް ނުފުރައި ސިޒޭރިއަނަކަށް ދާން ޖެހުމުން، ދަރިފުޅު އޭނާގެ ގާތުގައި ބޭއްވުން ރައްކާތެރި ނޫނީ އެވެ. ދަރިފުޅު އުރާލަން ލިބޭނީ އަދި ކޮން ދުވަހަކު ކަމެއް އޭނާއަކަށް އަދި ނޭނގެ އެވެ.
މި އިންޓަވިއުއަށް އޭނާއަށް ގުޅުނުއިރު ހޮސްޕިޓަލުގައި އޮތީ އެކަންޏެވެ. މިގޮތަށް ފޯނުން ނޫން ގޮތަކަށް އާއިލާ މީހަކާ ދިމައެއް ނުވެ އެވެ. ކޮވިޑު ޖެހިފައި ތިބޭ މާބަނޑު މީހުން އެޑްމިޓްކުރާ އެ ވޯޑަށް އާއްމުން ވަނުން މަނަލެވެ.
ހަޔާތުގައި އަލަށް ހެދި ސިޒޭރިއަނާ އެކު އަޅާ ވޭނާއި އެކަނިވެރިކަން އިހްސާސްވާ މިންވަރު ވާހަކައިގެ ތެރެއިން އޭނާއަށް ބުނެދެވުނީ ބޭއިހްތިޔާރުގަ އެވެ. އިހްސާސްތައް ތަފްސީލުކޮށް ކިޔައިދެވޭވަރަށް ވުރެން އޭނާއަށް ދިމާވި ގޮތް ހިތްދައްޗެވެ.
ކޮވިޑުގެ އެންމެ ގޯސް ހާލަތު ކުރިމަތިވެ، އެކުގައި މަސައްކަތް ކުރާ ނަރުހުންނާއި ޑޮކްޓަރުންނަށް ބުރަ ބޮޑުވެފައިވާ ތަން ފެނި ޑިއުޓީއަށް ނުކުތުން ހުއްޓާނުލާން ވަރަށް ހިތްވަރު ކުރި އެވެ. އެކަމަކު، އެން95 މާސްކަކާއި އިތުރު މާސްކެއް އަދި ފޭސް ޝީލްޑު އަޅައި ޕީޕީއީ ފުރިހަމަކޮށްގެން އެތައް ގަޑިއިރެއް ހޭދަކުރަން ޖެހުމުގެ އުނދަގުލެވެ. ބޯއަނބުރައި ނޭވާ ކުރުވެ، ހާސްވެ ވެއްޓޭ ގޮތް ވެ އެވެ.
އެހެންވެ ވިހެއުމުގެ މަހެއްހާ ދުވަސްކުރިން ބެޑް ރެސްޓަށް ދާން ކޮންމެހެން ވެސް ޖެހުނީ އެވެ. ހަނާގެ ތިން ވަނަ ދަރިފުޅު އުފަންވާނެ ތާރީހަކަށް ޑޮކްޓަރު ދީފައި އޮތީ އަންނަ މަހުގެ 19 އެވެ. އޭނާ ނިންމީ ބެޑް ރެސްޓުގައި އޮންނަ މުއްދަތުގައި، ކުރިން ނުވެ ހުރި ތައްޔާރީތައް ވެސް ނިންމާލާށެވެ.
އެކަމަކު، ޗުއްޓީ ނެގިތާ މާގިނަ ދުވަހެއް ނުވެ މި މަހުގެ 7 ގައި ރޯގާގެ އަލާމާތްތައް ފެންނަން ފެށީ އެވެ. ތިން ދުވަސް ކޮށްފައި ސެނަހިޔާއިން ޑޮކްޓަރަށް ދައްކައި ޓެސްޓްކުރި އިރު އެނގުނީ ކޮވިޑަށް ޕޮޒިޓިވް ކަމެވެ. ޑޮކްޓަރުގެ އިރުޝާދާ އެކު އެ ހިސާބުން ވެސް އުޅުނީ ވަރަށް ބަލައިގެންނެވެ.
ހާލަތު ގޯސްވާން ފެށީ މި މަހުގެ 14 ގަ އެވެ. ބަނޑުގައި ރިއްސަން ފެށީމާ ގުޅަން އޮތް ހަމައެކަނި ތަނަކީ އެޗްޕީއޭގެ ހޮޓްލައިނެވެ. ޕޮޒިޓިވްވެފައި ތިބޭ މާބަނޑު މީހުންނަކަށް އޭޑީކޭ އިން ފަރުވާއެއް ނުދެ އެވެ. ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސާފައި އޮންނަނީ އައިޖީއެމްއެޗުގަ އެވެ. ބަލީގެ ހާސްކަމާއި ކުރިމަތިވެދާނެ ކަމެއްގެ ބިރުގައި ތިބެ އެހީއަށް އެދުނަސް އެޗްޕީއޭއަށް ބުރަބޮޑުވެފައި އޮތުމުން އެދޭހާ އަވަސް މިނުގައި ބަލިމީހާއާ ހަމައަކަށް ނާދެވެ އެވެ.
އާއިލާ އަށް ކެތްނުކުރެވިގެން ޓުވިޓާގައި ރުޅިގަނޑު ބޭލުމުން، އެޗްޕީއޭ އިން އެމްބިއުލަންސް ފޮނުވައިގެން ހަނާ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ. އެކަމަކު މާބޮޑު ގޯސްކަމަށް ޑޮކްޓަރަށް ގަބޫލުނުކުރެވުމުން، ޗެކަޕެއް ހަދާފައި ބޭހާ އެކު އެ ރޭ ދަންވަރު ގެއަށް ފޮނުވާލީ އެވެ.
"އޭރު ވެސް ރިހުން ހުރި. ދެން ބޭސްދީފައި އުނދަގުލެއް ވަންޏާ އަންގަން ބުނެފައި ފޮނުވާލީ. ގެއަށް ދިޔައީ ދަންވަރު 3:30 ހާއިރު. އިރުކޮޅެއް ވީތަނާ، ގާތްގަނޑަކަށް ފަހެއް ޖެހިއިރު ހޭލިއިރު ވަރަށް ގަދައަށް ބްލީޑްވަނީ. ދެން އިމަޖެންސީގައި އައިޖީއެމްއެޗަށް ދިޔައީ،" ހަނާ ކިޔައިދިނެވެ.
ހާލަތު ވަަރަށް ބޮޑަށް ގޯސްވެއްޖެކަން ހަނާއަށް އޭރު އެނގެ އެވެ. ވިހަން ބާކީ މަހެއްހާ ދުވަސް އޮއްވައި އެހާ ވަރަށް ލޭ ފޭބުމަކީ ނުރައްކަލެކެވެ.
"ހޮސްޕިޓަލަށް ދެވުނުއިރު ހެވީ ބްލީޑިން، 3 ސެންޓިމީޓަރަށް ހުޅުވިފައި. އެވަަރަށް ރިއްސަމުން ދިޔައީ. އެކަމަކު އެކަނި އޮންނަން ޖެހުނީ. ފިރިމީހާއަކަށް ވެސް ގާތުގައި ނުހުރެވުނު،" ހަނާ ބުންޏެވެ.
"ކުއްލިއަކަށް ސިރޭޒިއަން ހަދަން ޖެހި އެހާ އުނދަގޫ ވަގުތުގައި، ކޮންސެންޓުގައި ވެސް ސޮއިކުރަން ޖެހުނީ އަމިއްލައަށް."
ހަނާ ކުރިން ދެ ފަހަރު ވިހެއީ އެވެ. އެކަމަކު މި ފަހަރު ދުވަސް ނުފުރާ ސިޒޭރިއަނަކަށް ދާން ޖެހުނީ ކޮވިޑުގައި ދިމާވި ކަންކަމާ ހެދި އެވެ.
"ސިޒޭރިއަނަށް ފަހު ދަރިފުޅު ފެނުނީ އެންމެ ފަހަރަކު. ގެންދިޔައީ ހިޔަލަ ވިންގަށް. ފީޑްކުރަންވީމަ ނަރުހުން އައިސް ޕްރެސްކޮށްގެން ގެންދަނީ ބޭބީއަށް،" އޭނާ ކިޔައިދިނެވެ.
"ނޭނގެ އަދި ބޭބީ ގެންނާނެ ދުވަހެއް."
ސިޒޭރިއަންގެ ވޭނުގައި، އޮތް ތަނުން އަމިއްލަ އަށް ގުޑުވާނުލެވޭއިރު ގާތުގައި މީހަކުު ނެތުމަކީ އެ ވޭން އިތުރުވާ ކަމެކެވެ. އެ ވޯޑުގައި އެހާ ގިނަ ބަޔަކު އެޑްމިޓްކޮށްފައި ތިބުމުން ނަރުހުން ވެސް އުޅެން ޖެހޭލެއް ބިޒީ އެވެ. ކަމެއް ބޭނުންވެގެން ގޮވާލާ ފަހަރަކު ނާދެވޭ ކަން ހަނާއަށް އެނގެނީ އޭނާއަކީ ނަރުހަކަށް ވީމަ އެވެ. އެހެންވެ މާބޮޑު މައްސަލައަކަށް ނުހަދައި، ކުދިކުދި ކަންކަން ތަދާއި ވޭނުގައި ވެސް އަމިއްލައަށް ކޮށްލަނީ އެވެ. އެކަމަކު އެކަން އެހެން މީހުންނަށް ފަސޭހަނުވެ، ކުރިމަތިވާނީ އިތުރު ހިތްދަތި ކަމެކެވެ. ޝަކުވާތައް ފުނިޖެހޭނީ އެވެ.
"އުއްމީދެއް ވެސް ނުކުރަން، އަދި މިހާ އުނދަގޫ ތަޖުރިބާއެއް ވެސް ނުކުރެވޭ،" ކިތަންމެ ބަލައިގެން އުޅުނަސް ހާލަތު މިއޮތީ ކޮންޓްރޯލުން ނެއްޓިފައި ކަން ހަނދާންކޮށްދެމުން އޭނާ ބުންޏެވެ.
މުޅި އާއިލާ ކޮވިޑަށް ޕޮޒިޓިވްވެ އުނދަގޫ ދުވަސްތަކެއް!
ބަލިވެ އިނުމަކީ ހުރިހާ ގޮތަކުން ވެސް އާދަޔާހިލާފު ހިތްހަމަޖެހުމެކެވެ. އުފާވެރި އިހްސާސްތަކެކެވެ. އެކަމަކު މާލޭގައި ގިނަ މީހުންގެ ދިރިއުޅުން އާއިލާތަކާ އެކު ހަމަޖެހިފައިވާ އިރު، ވައިރަސް ގޭތެރޭގައި ފެތުރިގަންނާނީ ކޮން އިރަކު ކަމެއް ބުނެދޭކަށް ނޭނގެ އެވެ.
މި ހަފުތާގައި ވިހެއި ރީމް ޒާހިރު (ބަލި ޖެހުނު ބައެއް މީހުންގެ މައުލޫމާތު ހާމަވެދާނެތީ އަސްލު ނަމެއް ނޫން) އާއިލާއަށް ވެސް ވީ ހަމަ އެފަދަ ގޮތަކަށެވެ. ދެ ވަނަ ދަރިފުޅަށް މަރުހަބާ ކިޔަން، ދެ ފަރާތު އާއިލާ ތިބީ އުފަލުން ފޮޅިފަ އެވެ. އާއިލާއަށް އިތުރުވާ މެމްބަރު ދެކޭ ހިތުން ކެތް މަދުވެފަ އެވެ. އެ އުއްމީދު ފަނޑުކޮށްލައި މުޅި އާއިލާގެ އުފާވެރިކަމަށް ވެރިވެގަތީ ވައިރަހެވެ.
މަންމަ އާއި ބައްޕަ އާއި ކޮއްކޮމެން އަދި ބޮޑުދައިތަ ހިމެނޭހެން މަންމަ ފަރާތު، އެހީވާން ތިބި އެންމެން ބަލިކޮށްލީ އެވެ. ސިޒޭރިއަން ހެދިތާ ދެ ވަނަ ދުވަހު، ރީމްގެ ހަށިގަނޑުން ވެސް ކޮވިޑުގެ އަލާމާތްތައް ފެންނަން ފެށީ އެވެ. އަދި ޓެސްޓް ނުކުރިއަސް ކޮންޓެކްޓްވެފައި ހުރުމުންނާއި ފެންނަ އަލާމާތްތަކުން ބެލެވެނީ ޕޮޒިޓިވްވާނެ ކަމަށެވެ.
އޭނާ ސިފަކުރި ގޮތުގައި، މާބަނޑު ދުވަސްވަރު ކޮވިޑު ޖެހުމަކީ ވަރަށް ބޮޑު ވޭނެކެވެ. ހާއްސަކޮށް މާބަނޑު މީހުންނަށެވެ. އުފާތަކުން މަހްރޫމްކޮށްލަ އެވެ.
ރީމްގެ ދެމަފިރިން ކުރިން ރާވާފައި އޮތީ ސިޒޭރިއަނަށް ފަހު ދެ ފަރާތު އާއިލާ އިން އޭނާ އާއި ބޭބީގެ ކަންކަމުގައި އެހީވެދޭ ގޮތަށެވެ. އެކަމަކު ދިމާވި ގޮތުން ހުރިހާ ކަމެއްގައި އުޅެން ޖެހުނީ ފިރިމީހާގެ އާއިލާ އިންނެވެ.
ރީމްގެ މަންމަ ކިތަންމެ ބޭނުންވިޔަސް މާމަ ދަރިފުޅު އުރާލާނެ ފުރުސަތެއް އަދި ނުލިބުނެވެ. ކޮވިޑާ ހެދި ބައްޕަ ކަރަންޓީންގައި ހުރުމުން، ހަމަ ލޮލުން ކާފަ ދަރިފުޅު ފެނުމުގެ ނަސީބެއް އަދި ނުލިބެ އެވެ.
"ބައްޕަ އަބަދުވެސް ވަރަށް ގާތްކޮށް އުޅޭނީ. ވީޑިއޯ ކޯލް ކުރާއިރު އެނގޭ ދިމާވި ގޮތުން ވަރަށް ދެރަވެފައިކަން އިންނަނީ،" ރީމް ކިޔައިދިނެވެ.
ބަނޑުބޮޑުކަން އެނގުނު ހިސާބުން ރީމް ވެސް އުޅުނީ ވަރަށް ބަލައިގެންނެވެ. އެކަމަކު ރީމްއާ ހަމައަށް ވައިރަސް އައީ އޭނާ ލަފާކުރާ ގޮތުގައި މަންމަގެ ފަރާތުންނެވެ. އެކަމަކު، ރީމްއާ މަންމަ ބައްދަލުކުރީ، ޓެސްޓްކޮށްފައި މަންމަ ނެގެޓިވްކަން އެނގުނުތާ ވެސް ހަފުތާއެއްހާ ދުވަސް ފަހުންނެވެ. މަންމަ ޓެސްޓްކުރަން ޖެހުނީ ސްކޫލްގައި އެކުގައި އުޅުނު ގިނަ ޓީޗަރުންތަކެއް ކަރަންޓީންވާން ޖެހުމުންނެވެ.
"ޓެސްޓްކޮށް ނެގެޓިވް ރިޒަލްޓް ލިބުނުތާ ހަފުތާއެއްހާ ދުވަސް ފަހުން މަންމައާ ދިމާވީ، އެވެސް ރައްކާތެރި މާސްކް އަޅައިގެން ރައްކާތެރި ކަމުގެ ފިޔަވަޅުތަކާ އެކުގައި. މަންމަ އައިސްދިނީ ބޭބީގެ ހެދުންތައް އިސްތިރިކޮށްދޭން. ވަރަށް ބަލައިގެން އުޅުނީ،"
އޭޑީކޭގައި ސިޒޭރިއަން ޝެޑިއުލްކޮށްފައި އޮތް ތާރީހްގެ ކުރިން ވެސް ތިބެން ޖެހުނީ ހާސްކަމެއްގަ އެވެ. ފިރިމީހާގެ އާއިލާ މެމްބަރަކު ޑައިރެކްޓް ކޮންޓެކްޓަކަށް ވެ އެންމެން ޓެސްޓްކުރަން ޖެހުނީ އެވެ.
"އެވެސް ދެން ވަރަށް ހާސްވި ވަގުތުކޮޅެއް. ވިހަން ގާތްވި އިރު ދެ ގޭގައި ކޮވިޑުގެ ޝައްކު އުޅުން. އެކަމަކު ނަތީޖާ ލިބުނުއިރު [ފިރިމީހާ ފެމިލީގެ] އެންމެން ނަސީބަކުން ނެގެޓިވް،" ރީމް ކިޔައިދިނެވެ.
އެކަމަކު އޭނާގެ އާއިލާގެ މެމްބަރުންގެ ނަތީޖާ ވީ ޕޮޒިޓިވެވެ.
"ދެން އެކަން ވީ ވަރަށް އުނދަގޫ، ދަރަވި ވަގުތުކޮޅަކަށް. އެންމެން ޕޮޒިޓިވްވީ."
ސިކުނޑި ތެރޭގައި މި ހުރިހާ ހިތާމަވެރި ކަންތައްތަކެއް ދައުރުވަނިކޮށް ތިއޭޓަރަށް ރީމް ވެއްދީ ހެނދުނު ދިހައެއް ޖެހިއިރެވެ. އެއް ގަޑިއިރު ތެރޭގައި ސިޒޭރިއަން ފަށާނެ ކަމަށް އުއްމީދުކޮށްގެން އޮތް ނަމަވެސް މެންދުރު ފަހު 2 ޖަހަންދެން އޭނާ އެކަނި އާއިލާއާ ވަކިން ބާއްވާފައި އޮތުންވީ ވަރަށް ހިތްދަތި ކަމަކަށެވެ. ސިޒޭރިއަނަށް ފަހު ރިކަވަރީގައި އޮތް އިރު ވެސް އޭޑީކޭގައި ނަރުހުން މަދުވެ ބޭނުމެއް ޖެހޭ ވަގުތު އެޓެންޑް ނުވެ ލަސްވުމުގެ ކަންބޮޑުވުމާ ވެސް ކުރިމަތިލާން ޖެހުނު ކަމަށް ރީމް ބުންޏެވެ.
"ސްޓޫޑަންޓް ނާސް ތިބީ. ބޭބީ ކައިރީގައި ބާއްވާފައި އޮތީ، ދެން ވަރަށް ގަދައަށް ރޮއެ ހެދިއިރު ވެސް ފީޑެއް ވެސް ނުކުރެވުނު. ނުވެސް ހުއްޓުވުނު. އެ ގަޑީގައި ވަަރަށް އާދޭސްކުރިން ބޭބީ ނެރެންވީ ނޫންހޭ ބޭރުގައި ތިބި ފެމިލީ މީހުން ކައިރިއަށް،" އޭނާ ކިޔައިދިނެވެ.
"އަންޑަސްޓޭންޑް ވެސް ވޭ ކީއްވެކަން ނަރުހުން މަދީ. މި ދުވަސްކޮޅު ދިމާވެފައި އޮތް ހާލަތުން ބޭނުންވާ ކޮންމެ ހިނދެއްގައި އެޓެންޑް ނުވެވިދާނެ ކަން ވެސް."
ހޮސްޕިޓަލުން ގެއަށް ދޫކޮށްލުމުން ވެސް ތަކުލީފެއް ކުރިމަތިވި އެވެ. ވަރަށް ފަހުން ބަދަލުވި އެޕާޓްމެންޓުގައި ލިފްޓެއް ނެތުމުން އޭނާގެ ބަލި ހާލަތުގައި އެތަނަށް އެރޭނެ ގޮތެއް ނެތުމެވެ. ސިރޭރިއަނަކަށް ފަހު ހަ ބުރިއަށް އެރުން އުނދަގޫވާނެތީ އެހީ ހޯދަން ގުޅަން ޖެހުނީ އެމްއެންޑީއެފް ރެސްކިއު ސާވިސްއަށެވެ. އެކަމަކު ވަރަށް އިމަޖެންސީ ހާލަތެއްގައި ނޫނީ މި ދުވަސްކޮޅު އެހީއެއް ނުވެ އެވެ. އެކަމަކު އާއިލާ އިން ވަރަށް ވާހަކަ ދައްކައިގެން އެ ނޫން ގޮތެއް ނެތް ކަން ވިސްނައިދިނުމުން ފަހުން އެއްބަސްވީ އެވެ.
ދެ އާއިލާގެ މަންމަ އާއި ދައްތަ އަދި ކޮއްކޮމެންގެ އެހީ ލިބޭނެ ކަަމަށް އުއްމީދުކުރިއަަސް ދިމާވި ގޮތުން، ރީމްއަށް ހުރިހާ ކަމެއް މިހާރު ކޮށްދެނީ ފިރިމީހާ އެވެ. އޭނާ ބުނިގޮތުގައި ކޮވިޑު ތެރޭގައި ވިހެއުމުގެ އުނދަގުލާ ކުރިމަތިވުމަށް ފަހު ފިރިމީހާ ގާތުގައި ހުރުން އެއީ ބޮޑު ހިތްވަރެކެވެ.
އެކަމަކު މިހާރު ކަންބޮޑުވުމަކީ، ރީމް ޕޮޒިޓިވްވެއްޖެ ނަމަ ފިރިމީހާ ވެސް ކަރަންޓީން ވާން ޖެހުމުގެ ބިރެވެ. ބޭހާއި ނެޕީ އަދި ޒަރޫރީ އެހެން ސާމާނުތައް ޖެހޭނީ އޮންލައިންކޮށްއޯޑަރުކުރާށެވެ. އެކަމަކު ރާއްޖޭގައި ކޮވިޑުގެ ހާލަތު އެންމެ އުނދަގޫވެފައި އޮތްއިރު ވެސް އޮންލައިންކޮށް އޯޑަރުކޮށްގެން އެގޮތަށް ގެނައުމުގެ ކަންކަން ހަމަޖެހިފައި އޮތީ އެހާ ފަސޭހަ ނިޒާމަކަށެއް ނޫނެވެ. މި ހުރިހާ ކަމެއް އަދިވެސް ރީމްގެ ސިކުނޑި ތެރޭގައި އެނބުރެނީ އެވެ. ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ ދެން ވާނެ ގޮތެކެވެ. ބޭބީއަށް ކުރިމަތިވެދާނެ ނުރައްކަލެކެވެ.
ފަހު ވަގުތު، ހުރިހާ ކަމެއް ދިމާވީ ޕްލޭންކުރި ގޮތާ މުޅިން އިދިކޮޅަށެވެ.
"އެންމެ ބޭނުންވި ވަގުތުކޮޅު ހުރިހާ އުފާވެރިކަމެއް ގެއްލުނީ،" ދިމާވި ހާލަތު ރީމް ސިފަކުރި އެވެ.
ޑައެޓީޝަން އާސިޔާގެ ތަޖުރިބާ އާއި ހިތްވަރު
އައިޖީއެމްއެޗުގެ ޑައެޓީޝަން އާސިޔާ އަބްދުއްރަހުމާން ވެސް ތިން ވަނަ ދަރިފުޅަށް ބަލިވެއިނީއްސުރެން ޕްލޭންތަކެއް ކުރެއްވި އެވެ. ކެއުން ބަހައްޓަވާނެ ގޮތަކާއި ކުރިން ދެ ފަހަރުގެ ތަޖުރިބާ އިން މި ފަހަރު ރަނގަޅު ކުރަން ޖެހޭ ކަންކަމަށް ވިސްނުން ބަހައްޓަވަން ވެސް އަޒުމް ކަނޑައެޅުއްވި އެވެ.
ދެ ވަނަ ދަރިފުޅަށް ބަލިވެ އިން ފުރަތަމަ ތިން މަހުގެ ތެރޭގައި އާސިޔާގެ ބަރުދަން ވަރަށް ބޮޑަށް ލުއިވި އެވެ. މި ފަހަރު އެކަން ތަކުރާރުވިޔަ ނުދޭން މަސައްކަތް ކުރައްވަނިކޮށް އެނގިވަޑައިގަތީ ކޮވިޑަށް ޕޮޒިޓިވް ކަމެވެ. ބަލިވެ އިނުމުން، ފުރަތަމަ ތިން މަހު އާއްމުކޮށް ކުރިމަތިވާ މޭނުބައި ކުރުމާއި އަނބުރައިގަތުމާއި ހޮޑުލެވުން އަދި ކާހިތްނުވުން ފަދަ ކަންކަން ކޮވިޑާ އެކު މާބޮޑަށް ތަަހައްމަލް ކުރައްވަން ޖެހިވަޑައިގަތް ކަމަށް އާސިޔާ ވިދާޅުވި އެވެ. ބައެއް މީހުންނަށް ވަސް ނުދުވުމާއި ރަހައެއް ނުލުން ފަދަ އަލާމާތްތައް ވެސް ފެނެ އެވެ.
"އެޑްމިޓް ނުވެ ހިފަހައްޓާލެވޭނީ ކިހިނެއްތޯ ބަލައިގެން ކިތަންމެ އުނދަގުލުން ނަމަވެސް އެނާޖީ ހިފަހައްޓަން މަސައްކަތް ކުރީ. ކާން ވަރަށް އުނދަގޫ. އެކަމަކު ވެސް ވަރަށް ހިތްވަރުކުރީ،" އާސިޔާ ވިދާޅުވި އެވެ.
"މާބަނޑު އިރު އާއްމުކޮށް ވެސް ވަރަށް ވަރުބަލިވާނެ، އަދި ކޮވިޑް ޖެހިއްޖިއްޔާ އެކަން އެބަ ބޮޑުވޭ. ވަރަށް ބޮޑު އިސްކަމެއް ދިނިން ފޮލިކް އެސިޑް ގަވާއިދުން ކާން."

އާސިޔާ: ކޮވިޑުން ފަސޭހަވެ މިހާރު ހުންނެވީ ބަލި މީހުންނަށް ފަރުވާ ދެއްވުމުގައި.
ބަލީގައި އެކަހެރިވެ ހުންނަވައިގެން ހިތްވަރާ އެކު އާސިޔާ ބަލިން އަރައިގަތުމަށް ފަހު މިހާރު ގަވާއިދުން ޑިއުޓީއަށް ނުކުންނަވަ އެވެ. ހޮސްޕިޓަލަކީ ކޮވިޑުގެ ރިސްކް ބޮޑު ތަނެއްކަން އޭނާއަށް އެނގިވަޑައިގަންނަވަ އެވެ. އެކަމަކު ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ޑިއުޓީއަށް ނުކުންނަވަނީ ރާއްޖޭގެ ބަލީގެ ހާލަތު އޮތް ގޮތުން، ދެއަތް އުރާލައިގެން ގޭގައި އިނދެވެން ނެތުމުންނެވެ.
ކުރީގެ އާދަތައް ދޫކޮށްލައި، ކޮވިޑާ އެކު އާ އާދަތަކަކަށް އުޅެން ޖެހުމަކީ އައިޖީއެމްއެޗުގައި 20 އަހަރު ހޭދަކުރައްވާފައިވާ އާސިޔާއަށް ވެސް އުނދަގޫ ކަމެކެވެ. އެކަމަކު އެންމެންގެ ރައްކާތެރިކަމަށްޓަކައި ކޮންމެހެން ކުރަން މަޖުބޫރެވެ.
"ކުރިން ނަމަ އަޅުގަނޑު ހޮސްޕިޓަލުން ގެއަށް ދާއިރަށް ދަރިން އައިސް ބައްދާލާނެ. އެކަމަކު، މިހާރު ފުރަތަމަ ޖެހެނީ ގެއަށް ވަދެފައި ލައިގެން ހުންނަ ހުރިހާ އެއްޗެއް ބާލައި މެޝިނަށް ލާފައި ފެންވަރައިގެން ދަރިން ކައިރިއަށް ނުކުންނަން. ކިތަންމެ އިމަޖެންސީ ކަމެއް ވިޔަސް އެ ރޫޓިން ބަދަލުކުރެވޭކަށް މިހާރަކު ނޯވޭ،" އޭނާ ވިދާޅުވި އެވެ.
ވިހަން ގާތްވެފައި އިން އާސިޔާގެ ނަސޭހަތަކީ، ފުރަތަމަ ކަމަކަށް ރައްކާތެރިވެ ތިބުމެވެ. ފުރަތަމަ ތިން މަހު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ މޭވާ ކަހަލަ އެއްޗެހިން ހަށިގަނޑުގައި ހަކަތަ ހިފަހައްޓައި ގިނައިން ދިޔާ އެއްޗެހި ބޯން އޭނާ އިރުޝާދު ދެއްވަ އެވެ. ފުރަތަމަ ތިން މަހަށް ފަހު، ކެލޮރީ ލިބޭ ބާވަތްތައް އިތުރުކޮށް، ބައްޔަށް ކުރި ހޯދުނަ ނުދޭން މަސައްކަތް ކުރަން އެދިވަޑައިގަތެވެ.
ދުވަސް ނުފުރާ ވިހާ ރޭޓު ކޮވިޑާ ހެދި މަތިވެދާނެ!
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މާބަނޑު މީހުންގެ އަދަދު އިތުރުވަމުންދާއިރު ޑޮކްޓަރުން ކަންބޮޑުވާ ކަންތައްތަކެއް އެބަހުއްޓެވެ. އެއް ކަމަކީ މާބަނޑު މީހާއި ދަރިފުޅަށް ކުރިމަތިވެދާނެ ނުރައްކަލެވެ.
އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޑޮކްޓަރު އަދި އިމިއުނައިޒޭޝަން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ޗެއާޕާސަން، ޑރ. މުހައްމަދު ފައިސަލް ރޭ ވިދާޅުވީ މާބަނޑު މީހުން ގިނަ އަދަދަކަށް ޕޮޒިޓިވްވުމުގެ އިތުރުން ބަލީގައި ބޮޑުވަރުވާ މިންވަރު ނުވަތަ އައިސީޔޫއަށް ނުވަތަ ވެންޓިލޭޓަރަށްލާން ޖެހުން ވެސް ދަނީ އިތުރުވަމުން ކަމަށެވެ. ބަނޑަށް ދަރިފުޅު ނިޔާވުމާއި އެބޯޝަނަކަށް ދާން ޖެހުމުގެ އިތުރުން ދުވަސްނުފުރައި އުފަންވުން ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.
"މިހާރު ވެސް އަޅުގަނޑުމެންގެ ތެރޭގައި އެބައުޅޭ ދެ ކުއްޖަކު ވަރު، އެންއައިސީޔޫގައި ވެސް ދުވަސް ނުފުރައި ވިހައިގެން. މި ދެންނެވީ ކޮވިޑަށް ޕޮޒިޓިވްވެ ދުވަސް ނުފުރާ ވިހަން ޖެހުނު ވާހަކަ،" ފައިސަލް ވިދާޅުވި އެވެ.
"ރާއްޖޭގައި އާއްމު ގޮތެއްގައި ދުވަސްނުފުރާ އުފަންވާ ރޭޓު އުޅެނީ ގާތްގަނޑަކަށް 13 ޕަސެންޓުގައި. ކޮވިޑުގެ ސަބަބުން މި ރޭޓު، 1-4 ޕަސެންޓް އިތުރުވާނެ ކަމަށް ބެލެވޭ ކޮވިޑާ ގުޅިގެން."

މާބަނޑު މީހަަކަށް ވެކްސިން ދެނީ: ބަލީގައި ބޮޑުވަރުން ކުޑަކުރަން ޑޮކްޓަރުން އިރުޝާދު ދެއްވަނީ ވެކްސިން ޖަހަން.
އޭނާ ވިދާޅުވި ގޮތުގައި ކޮވިޑް ޖެހޭ މާބަނޑު މީހުންނަށް، އެ ބައްޔަށް ޕޮޒިޓިވް ނުވާ މީހުންނާ އަޅާބަލާއިރު ރިސްކް ވަރަށް ބޮޑުވާނެ އެވެ. އަދި އެ މީހަކީ 35 އަހަރަށް ވުރެން މަތި އަދި ނޭވާ ހިއްލުން ފަދަ ނުވަތަ މާބަނޑުވުމުގެ ކުރިން ލޭމައްޗަށް ދިއުން، ހަކުރު ބަލި، ހިތުގެ ބަލި ހުންނަ ނަމަ އެ މީހެއްގެ ރިސްކް ވެސް ބޮޑުވާނެ އެވެ.
އެހެންވެ ރާއްޖޭގައި ވެސް މިހާރު ވަނީ މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ޖަހަން ހުޅުވާލައިފަ އެވެ. ތަފާސްހިސާބަށް ބަލާއިރު ފައިޒާ ވެކްސިން އެމެރިކާގެ 100،000 އަށް ވުރެން ގިނަ މީހުންނަށް އެމެރިކާގައި ދީފައިވެ އެވެ.
"ޑޭޓާތަކަށް ބަލާއިރު މާބަނޑު މިހާ އަށް އަދި ބަނޑުގައި އޮންނަ ދަރިފުޅަށް ވެސް ނުރައްކާތެރި ކަމުގެ އަލާމާތެއް ނުފެނޭ،" ފައިސަލް ވިދާޅުވި އެވެ.
ވެކްސިން ނުޖަހައިފި ނަމަ ކޮރޯނާގެ ސަބަބުން މާބަނޑު މީހުންނާއި ބަނޑުގައި އޮންނަ ދަރިފުޅަށް ގެއްލުންތަކެއް ލިބެމުންދާ ކަން ފައިސަލް ފާހަގަކުރައްވައި ވިދާޅުވީ ފައިދާ ބޮޑު ގޮތަކީ ވެކްސިން ޖެހުމެވެ. ފައިޒާ ވެކްސިންގެ 3،000 ޑޯޒު ރާއްޖޭގައި ހުރިއިރު 2،500 މީހުންނަށް ޖެހޭނެކަން ފައިސަލް ފާހަގަކުރެއްވި އެވެ. މި ވެކްސިން ކެޓަގަރައިޒްކުރަނީ ރިސްކު ބޮޑު މާބަނޑު މީހުންނަށް ވެސް ލިބޭނެ ގޮތަށް ބަލައިގެންނެވެ.
ޑޮކްޓަރުން އިރުޝާދު ދެއްވަނީ ގިނަ މީހުންނާ ކޮންޓެކްޓްވުން މަދުކުރަން މާބަނޑު މީހުން ހާއްސަ ސަމާލުކަމެއް ދިނުމަށެވެ. އަދި މާބަނޑު މީހުން ވަށައިގެން ތިބޭ މީހުންގެ އަމަލުތައް އެ މީހުން ނުރައްކަލަކަށް ހުށަނޭޅޭ ގޮތަށް ނުބެހެއްޓުމަށެވެ. ބޭރުތެރެއިން ކޮވިޑު ހިފައިގެން އައިސް ގޭތެރެއަށް ނުވެއްދުމަށެވެ. ޑޮކްޓަރަށް ދައްކަން ހޮސްޕިޓްލަތަކަށް ކޮންމެހެން ދާން ޖެހިއްޖެ ހާލެއްގައި ނޫނީ ނުގޮސް އޮންލައިންކޮށް ޑޮކްޓަރުގެ އެހީ ހޯދަން ވެސް އިރުޝާދު ދެ އެވެ.
ކިތަންމެ ބަލައިގެން އުޅުނަސް ބަލީގައި ރާއްޖެ މިހާރު އޮތް ހާލަތުން ކޮވިޑަށް ޕޮޒިިޓިވްވެދާނެ އެވެ. ހަނާ އާއި ރީމް އަދި އާސިޔާ ވެސް އުޅުނީ ވަރަށް ބަލައިގެންނެވެ. އެކަމަކު އުފުލަން ޖެހުނު ތަކުލީފު ބޮޑެވެ. އެހެންވިޔަސް ދޫކޮށްނުލީ ހިތްވަރެވެ. އެމީހުން ތަހައްމަލްކުރަން ޖެހުނު ކަންކަމާ ހެދި އެދެނީ، ކޮވިޑުގެ ނުރައްކާ މާބަނޑު މީހުންނަށް ކުރިމަތިވިޔަ ނުދޭން އެންމެން މަސައްކަތް ކޮށްދިނުމަށެވެ.












