ބޮޑު ހިޔާނާތުގެ ލިސްޓު ފޮރުވާކަށް ކޮމިޓީން ނޫޅޭ

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. -ފޮޓޯ: މަޖިލިސް

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. -ފޮޓޯ: މަޖިލިސް

ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތުގައި ތުހުމަތުކުރޭ މީހުންގެ ތެރެއިން އޭރާއި މިހާރު ދައުލަތުގެ މަގާމުތަކުގައި ތިބި ފަރާތްތަކުގެ ނަންތައް މިހާރު ރައްޔިތުންގެ މަޖިލީހަށް ވަނީ ލިބިފަ އެވެ.

އެ ހިޔާނާތާ ގުޅިގެން ތަހުގީގު ނުނިމި ދައުވާކުރުން ދިގުލާތީ، މަޖިލީހުން އިސްވެ ކަމާބެހޭ އިދާރާތަކުގައި އެދުނީ އެމްއެމްޕީއާރުސީގެ ހިޔާނާތުން މަންފާވި ކަަމަށް ތުހުމަތު ކުރެވޭ ސަރުކާރުގެ އިސް މަގާމްތަކުގައި މިހާރާއި އަދި ކުރީގައި ތިއްބެވި ވަޒީރުންނާއި ސްޓޭޓް މިނިސްޓަރުންނާއި ޝަރުއީ ދާއިރާ އާއި ސަލާމަތީ ހިދުމަތްތަކާއި މިނިވަން މުއައްސަސާތަކާއި އަދި މަޖިލީހުގައި މިހާރު ތިއްބެވި މެމްބަރުންނާއި ކުރީގެ މެމްބަރުންގެ ލިސްޓާއި ތަހުގީގު ގޮސްފައިވާ ހިސާބު ހިއްސާކޮށް ދިނުމަށެވެ.

ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި އެސެޓް ރިކަވަރީ ކޮމިޝަނުން ކުރިން އާއްމުކޮށްފައިވާ ގޮތުގައި ލިސްޓުގައި 267 ނަން އޮތް ނަމަވެސް، މަޖިލީހާ މިހާރު ހިއްސާކޮށްފައިވާ ލިސްޓުގައި އަދަދު ވަނީ 281 އަށް އަރައިފަ އެވެ.

Advertisement

އެ ލިސްޓު ފޮނުވުމުގެ ކުރިން، ބޮޑު ހިޔާނާތުގެ މޭސްތިރި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރު އޭރު ގެންގުޅުއްވި ފޯނުތަކުން ހޯދާފައިވާ 70،000 ޓެކްސްޓު މެސެޖު ދިރާސާ ކުރަން އެކުލަވާލި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ އާއީ ޖުޑީޝިއަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން އައީ އެ މަސައްކަތް ކުރަމުންނެވެ. އަދި އޭގެ ފަހުން އެ ޖޮއިންޓް ކޮމިޓީގެ ސަބް ކޮމިޓީއެއް ނަގައިގެން އެ މަސައްކަތް ހަވާލުކުރެވުނެވެ.

ހިޔާނާތުގެ ތަހުގީގު ލަސްވާތީ އެކަމާ ކަންބޮޑުވެވަޑައިގެން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އެ މައުލޫމާތު ހޯދައިދެން އެދި މަޖިލީހުގެ ރައީސަށް ސިޓީއެއް ފޮނުވުމާއެކު، ހިޔާނާތުގެ ލިސްޓު އިދާރާތަކުން އެންމެ ފަހުން ހިއްސާކުރީ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެގޮތަށް އެދިވަޑައިގެންނެވުމުންނެވެ.

ސިއްރު ހިފެހެއްޓުން ބޮޑު ބަހުސެއް

ބޮޑު ހިޔާނާތުގައި ތުހުމަތުކުރޭ މީހުންގެ ތެރެއިން އޭރާއި މިހާރު ދައުލަތުގެ މަގާމުތަކުގައި ތިބި ފަރާތްތަކުގެ ތަފްސީލުތައް ތަހުގީގީ އިދާރާތަކުން ރައްޔިތުންގެ މަޖިލީހާ ހިއްސާކޮށްދީފައިވަނީ އިލްތިމާސްއަކާއެކު އެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން އިސްވެ އެދުނީ އެ ލިސްޓުގައި ހިމެނޭ ނަންތަކާ ގުޅިގެން ތަހުގީގުތައް ކުރިއަށްދާއިރު، ތަހުގީގުތަކަށް ހުރަސްއެޅިދާނެތީ އެ މައުލޫމާތުތަކުގެ ސިއްރު ހިފަހައްޓައި ދިނުމަށެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ޖޮއިންޓް ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޝަނުގެ އެ އެދުމާމެދު މަޝްވަރާ ކުރެވުނެވެ. އަދި އެ ދުވަހު ކޮމިޓީން ނިންމީ އެ ލިސްޓުގައި ހުރި މައުލޫމާތުތައް ކޮމިޓީއަށް ވަޒަން ކުރެވެންދެން ކޮމިޝަނުގެ އެދުމަށް އިހުތިރާމް ކުރުމަށެވެ.

އެއާއެކު އެވާހަކަ ގިނަ މީޑިއާތަކުގެ ސުރުހީތަކަށް އަރައި، މަޖިލީހުގެ އެހެން ބައެއް މެމްބަރުންނާއެކު އާއްމުންގެ ތެރެއިން ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވި އެވެ.

ނަމަވެސް، އެ ޖޮއިންޓް ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އޭރު ވެސް ވިދާޅުވަމުން ގެންދެވީ، ހިޔާނާތުގެ ތަހުގީގަކީ އަދިވެސް ކުރިއަށްދާ ތަހުގީގެއް ކަމަށްވެފައި، އެ މައުލޫމާތުތައް ހާމަވެގެން ތަހުގީގަށް ހުރަސްއެޅިދާނެ ކަމަށް އިދާރާތަކުން ބުނެފައިވާއިރު، އެ އެދުމަށް އިހުތިރާމްކޮށް މަޖިލީހުން ވެސް އަމަލުކުރަންޖެހޭނީ ޒިންމާދާރުކަމާއެކު ކަމަށެވެ.

އިންތި "އަދަދު"އަށް ވިދާޅުވީ އެ ރޭގެ ކޮމިޓީގެ ނިންމުން ވަރަށް ބޮޑަށް އޮޅިފައިވާ ކަމަށެވެ. އެގޮތުން، އެ ލިސްޓު ސިއްރުކުރަން އެ ރޭ ނިންމަންޖެހުނީ އޭގައި ހުރި މައުލޫމާތު ރަނގަޅަށް ވަޒަން ކުރަންޖެހޭތީ ކަމަށެވެ.

"އިދާރާތަކުން އެގޮތަށް އެދިފައި އޮއްވާ، މަޖިލީހުން ވެސް އަމަލު ކުރަންޖެހޭނީ ޒިންމާދާރުކޮށް. ހާމަވާ މައުލޫމާތެއްގެ ސަބަބުން ތަހުގީގަށް ހުރަސްއެޅި، ފަހުން ދައުވާ ކުރުމަށް ދައްޗެއް ކުރިމަތިވާ ގޮތަކަށް އަޅުގަނޑުމެންނަށް ވެސް މަސައްކަތެއް ނުކުރެވޭނެ،" މިވަގުތަށް ލިސްޓު ސިއްރު ކުރަން ނިންމި ނިންމުން ސާފުކޮށް ދެއްވަމުން އިންތި ވިދާޅުވި އެވެ.

ނަމަވެސް، އޭނާ ވިދާޅުވީ ގޮތުގައި، އެ ރޭގެ ބައްދަލުވުމަކީ އެ ލިސްޓު ލިބިގެން ބޭއްވި ފުރަތަމަ ބައްދަލުވުން ކަމަށާއި، ސިއްރު ހިފަހައްޓަން ނިންމި ނިންމުމަކީ ހަމައެކަނި އިދާރާތަކުގެ އެދުމުގެ މަތިން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

ހަސަން ލަތީފަށް ފާޑުކިޔުން

އެކަމުގެ ހިތްހަމަނުޖެހުންތައް ފިނިނުވެގެން އުޅެނިކޮށް، ޖޮއިންޓް ކޮމިޓީގެ ސަބް ކޮމިޓީން އެސެޓް ރިކަވަރީ ކޮމިޝަނާ ބައްދަލުކޮށް، އެ ލިސްޓާ މެދު މަޝްވަރާކުރުމަށް ރޭ ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީގައި ވެސް ހިމެނިވަޑައިގަންނަވާ ހަސަން ލަތީފު ވިދާޅުވި ވާހަކައަކާ ގުޅިގެން މައްސަލަ ވަނީ އިތުރަށް ހޫނުވެފަ އެވެ.

ރޭ ބައްދަލުވުން ސިއްރު ކުރުމުގެ ކުރިން، ލިސްޓު އާއްމުކުރުމަށް މަޖިލީހުގެ ބައެއް މެމްބަރުންގެ ގޮވާލުމަށް އިޝާރާތް ކުރައްވަމުން ހަސަން ލަތީފް ވިދާޅުވީ ރިޔާސީ ކޮމިޝަނަކުން އެދިފައިވާ އެދުމެއް ބޮލައިލާ ޖަހުމަކީ ޒިންމާދާރުކަން ކުޑަކަމެއް ކަމަށެވެ.

އަދި އެ ލިސްޓު އަދި ދިރާސާ ނުކުރެވޭތީ، އޭގައި ހުރި ނަންތައް މި ވަގުތު އާއްމުކުރުމަކީ ރަނގަޅުގޮތެއް ނޫން ކަމަށް އޭނާ ރޭ ވިދާޅުވި އެވެ.

ކުރިން ރޭ ވެސް ކަން ހިނގައިދިޔަ، ގޮތެއް ރޭ ހަސަން ލަތީފް ވިދާޅުވި ވާހަކައަށް ވެސް ދަނީ ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވަމުންނެވެ.

ސިއްރު ކުރާކަށް ނޫޅޭ

އެ ފާޑުކިޔުންތަކާ ގުޅިގެން ހަސަން ލަތީފް މިއަދު "އަދަދު"އަށް ވިދާޅުވި ގޮތުގައި ރޭ އޭނާ ދެއްކެވި ވާހަކަ ވަރަށް ބޮޑަށް އޮޅިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެ ލިސްޓުގައި "މައުލޫމާތު އެއްކުރަމުންދާ" އަދި "ތަހުގީގު ކުރިއަށްދާ" ކެޓެގަރީގައި ވެސް ނަންތައް ހިމެނިފައިވާއިރު، ނަމެއް ހާމަކޮށްގެން ތަހުގީގަށް ހުރަސްއެޅޭނެތޯ ކޮމިޓީން ފުރަތަމަ ބަލަންޖެހޭ ކަމަށެވެ.

"އެހެންވީމަ އަޅުގަނޑުމެން އެސެޓް ރިކަވަރީ ކޮމިޝަން ގެނައީ ވެސް. އެ ކަންކަން ސާފުކުރަން،" ހަސަން ލަތީފް ވިދާޅުވި އެވެ.

މިސާލެއް ނަންގަވަމުން ހަސަން ވިދާޅުވި ގޮތުގައި، ހަމައެކަނި މައުލޫމާތު އެއް ކުރަމުންދާ މީހެއްގެ ނަން ހާމަވެއްޖެނަމަ ތަހުގީގަށް ހުރަސްއެޅިދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ރރ
ރރ

އެސެޓް ރިކަވަރީ ކޮމިޝަނުގެ މެމްބަރުން ރޭ ޖޮއިންޓް ކޮމިޓީގެ ސަބް ކޮމިޓީއަށް މައުލޫމާތު ދެއްވަނީ. -ފޮޓޯ: މަޖިލިސް

ނަމަވެސް، ތަހުގީގު ކުރިއަށްދާ ފަރާތަކަށް އެ ތަހުގީގު ކުރިއަށްދާ ކަން މިހާރު ވެސް އެނގޭނެއިރު، އެ މީހެއްގެ ނަން ހާމަވެގެން ތަހުގީގަށް ހުރަސްއެޅޭނެކަމަކަށް ކޮމިޓީން ވެސް ގަބޫލެއް ނުކުރެ އެވެ.

"އަޅުގަނޑުމެން މި ބުނާ ވާހަކައަކީ އެކަންކަން ސާފު ނުވަނީސް ލިސްޓު ރޮލާ އެ އެއޮތް ގޮތަށް އާއްމެއް ނުކުރެވޭނެއޭ. އެއީ ޒިންމާދާރު ގޮތެއް ނޫނޭ،" ހަސަން ވިދާޅުވި އެވެ.

އެހެންކަމުން ތަހުގީގަށް ހުރަސްއެޅޭނީ ކޮން ނަންތަކެއް ހާމަވެގެންތޯ ސާފު ކޮށްދިނުމަށް ރޭ އެސެޓް ރިކަވަރީ ކޮމިޝަނުގެ ކިބައިން ސަބް ކޮމިޓީން އެދިފައިވާނެ ކަމަށް ހަސަން ވިދާޅުވި އެވެ.

"އޭގެ ފަހުން ދެން އަޅުގަނޑުމެން ގޮތެއް ނިންމާނީ. ވަރަށް ބޮޑަށް އޮޅިފައިއޮތް ކަމެއް މިއީ. އެއް އިރެއްގައި ވެސް ކޮމިޓީއަކުން އެ ލިސްޓު ފޮރުވާކަށް ނޫނީ ސިއްރުކުރާކަށް ނޫޅެ."

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox