ކަރަންޓީނު ވާންޖެހޭ މުއްދަތު މިއަދުން ފެށިގެން 14 ދުވަހަށް ބަދަލުކޮށް, އެގޮތަށް އަމަލުކުރަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އަންގައިފި އެވެ.
އެންމެ ފުރަތަމަ ކަރަންޓީނު މުއްދަތެއްގެ ގޮތުގައި ގުނަމުން ދިޔައީ 14 ދުވަހެވެ. ނަމަވެސް، ލުޔެއްގެ ގޮތުން ކަރަންޓީނުގެ މުއްދަތު 10 ދުވަހަށް ބަދަލުކުރީ އެވެ.
ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު، މައުމޫނާ އަބޫބަކުރު ސޮއިކުރައްވައި އެ އިދާރާއިން މިއަދު އާންމުކުރި އިއުލާނުގައި އަންގާފައިވަނީ މިއަދުން ފެށިގެން ކަރަންޓީނު ވާންޖެހޭ މުއްދަތު 14 ދުވަހަށް ދަންމާފައިވާތީ މި ވަގުތުން ފެށިގެން އެގޮތަށް އަމަލުކުރަން އަންގާ ކަމަށެވެ.
ކޮވިޑާ ގުޅިގެން ލުއި ދީފައި ހުރި ލޮކްޑައުންގެ ބައެއް އެހެން އުސޫލުތަކަށް ވެސް އެޗްޕީއޭން މިއަދު ވަނީ ބަދަލު ގެނެސްފަ އެވެ. އެގޮތުން މާލެ ސަރަހައްދުގެ ކިޔަވައިދޭ ތަންތަނާއި ޑޭކެއާތައް ބަންދުކޮށް، ކޮލެޖްތަކާއި ޔުނިވަސިޓީތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ވެސް ވަނީ އަންގާފަ އެވެ.
ކޮވިޑް ކޭސްތައް މުޅި ރާއްޖޭގައި ރިކޯޑު އަދަދަކަށް އިތުރުވެ އިއްޔެ އާއި މިއަދުގެ މިހާތަނަށް، ކޮވިޑް ބަލީގައި އަށް މީހަކު ވަނީ މަރުވެފައިވެ އެވެ.













