ކޮވިޑަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދިނުމަށް ފަންނީ އިތުރު މުވައްޒަފުން ހޯދުމަށް ހެލްތު މިނިސްޓްރީން މިއަދު އިއުލާން ކޮށްފި އެވެ.
ހެލްތުން ބުނީ ކޮވިޑަށް ފަރުވާ ދޭން ވޮލަންޓިއާ ކުރަން ބޭނުންވާ ފަންނީ މީހުން ހެލްތު ޕްރޮފެޝަނަލުންގެ ވަނަވަރު(ސީވީ) އެ މިނިސްޓްރީގެ މެއިލް، hr.heoc@health.gov.mv އަށް ފޮނުވައި ދިނުން އެދޭ ކަމަށެވެ.
ހޯދަން އިއުލާން ކޮށްފައިވަނީ ކޮންކޮން ކޮލިފިކޭޝަނެއްގެ މީހުންނެއް ކަމެއް އަދި އިތުރު ތަފްސީލެއް އިއުލާނުގައި ނެތެވެ.
ރާއްޖޭން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފަށާފައިވާއިރު ހޮސްޕިޓަލްތައް ފުރި ހިދުމަތް ދޭނެ މީހުން މަދުވެދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ. ރެއާ ހަމައަށް ވެސް ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫ ވަނީ ފުރިފަ އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑް-19ގެ އާ ރާޅެއް އުފުލެމުންދާއިރު، އެ ހާލަތު ކޮންޓްރޯލްކޮށް ފިޔަވަޅުތައް އަޅަން އަވަސް ކުރަން ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ އޮޕަރޭޝަންތައް ވެސް މިއަދު ވަނީ ފުޅާކޮށްފަ އެވެ.
އެޗްއީއޯސީގެ އޮޕަރޭޝަންތައް ފުޅާކޮށްފައިމިވަނީ ކުރިން ނުވެއްޓޭހާ ގޯސް ހާލަތަކަށް ރާއްޖެ ވެއްޓިފައިވާ ދަނޑިވަޅެއްގަ އެވެ. ކޮންމެ ދުވަހަކު އަލަށް ބަލި ޖެހޭ މީހުން ރެކޯޑް އަދަދުތަކުން އިތުރުވަމުން އައިސް، އިއްޔެ ވަނީ ފުރަތަމަ ފަހަރަށް އެ ނަމްބަރު 600 ހުރަސްކޮށްފަ އެވެ.












