އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގައި މަސައްކަތް ކުރަމުން އަންނަ ބައޯމެޑިކަލް އިންޖިނިއަރަކަށް މުސާރަ ނުދޭތާ ތިން މަސްވެއްޖެ އެވެ.
ސިއްހީ ހިދުމަތްތެރިންގެ ހައްގުގައި ވަކާލާތުކުރާ ޖަމިއްޔާ (އެމްއެޗްޕީޔޫ) އިން ވަނީ އެ މައްސަލައިގައި ކަންބޮޑުވުންފާޅުކޮށްފަ އެވެ.
އެ މުވައްޒަފު އައްޑޫ ހޮސްޕިޓަލުގައި މަސައްކަތް ކުރަން ފެށީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. މަސައްކަތް ކުރަން ފެށި ފަހުން އެންމެ މަހަކު ވެސް އޭނާއަށް މުސާރަ ދީފައެއް ނުވެ އެވެ.
އެމްއެޗްޕީޔޫން ބުނިގޮތުގައި މުސާރައިގެ އިތުރުން ކާނާ އާއި އެކޮމޮޑޭޝަން އެލަވަންސް ވެސް އެ މުވައްޒަފަށް މިހާތަނަށް ހަމަޖައްސައިދީފައެއް ނުވެ އެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް މިއަދު ބުނީ އެތަނުގައި މަސައްކަތްކުރާ ބައޯމެޑިކަލް އިންޖިނިއަރަކީ އެ ހޮސްޕިޓަލުގެ މުވައްޒަފެއް ނޫން ކަމަށެވެ. އެއީ ހެލްތު މިނިސްޓްރީން ހަމަޖައްސައިދީފައިވާ ވަގުތީ މުވައްޒަފެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ މުވައްޒަފަށް މުސާރަ ދިނުމުގެ ކަންކަން ކުރިއަށް ގެންދާނީ ފިނޭންސް މިނިސްޓްރީންނެވެ. އެ ހޮސްޕިޓަލުގެ މުވައްޒަފުންނަށް ބަރާބަރަށް މުސާރަ ދެމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.













