ޗައިނާގައި ހުރި ބީބީސީގެ ނޫސްވެރިއެއްގެ މަސައްކަތަށް ހުރަސް އަޅާ، އިންޒާރު ދިނުމުގެ ސަބަބުން ޓައިވާނަށް ބަދަލުވި މައްސަލާގައި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ޗައިނާއަށް ފާޑުކިޔައިފި އެވެ.
ބީބީސީގެ ނޫސްވެރިޔާ ޖޯން ސުޑްވޯތް ބީބީސީ ރޭޑިއޯއަށް ބުނެފައި ވަނީ އޭނާ އާއި އޭނާގެ އާއިލާ ޗައިނާ ދޫކޮށް ކައިރީގައިވާ ޓައިވާނަށް ބަދަލުވާން ޖެހުނީ ލިބުނު އިންޒާރުތަކުގެ ސަބަބުން ކަމަށެވެ.
ނަމަވެސް އެއްވެސް އިންޒާރެއް ދީފައި ނުވާނެ ކަމަށް ޗައިނާ ސަރުކާރުން ބުނެ އެވެ.
އެ މައްސަލާގައި އީޔޫއިން ޗައިނާއަށް ފާޑުކިޔުމަށް ފަހު ގޮވާލާފައި ވަނީ އެ ގައުމުގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަން ކުރުމުގެ މިނިވަންކަން ދިނުމަށެވެ.
އީޔޫއިން ބުނީ މީގެ ކުރިން ވެސް އެތައް ނޫސްވެރިންނަކަށް ލިބުނު އިންޒާރުތަކާ ހެދި ޗައިނާ ދޫކޮށް ދާން ޖެހިފައިވާ ކަމަށާއި މިދިޔަ އަހަރު އެކަނިވެސް 18 ނޫސްވެރިއަކާ ދެކޮޅަށް ޗައިނާއިން ފިޔަވަޅު އަޅާ، ގައުމުން ބޭރުކުރި ކަމަށެވެ.
"ބައިނަލްއަގްވާމީ ނޫސްވެރިންނަކީ އެއް ގައުމުން އަނެއް ގައުމަށް މައުލޫމާތު ފޯރުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާ ކުރާ ބަޔަކަށް ވާއިރު، އީޔޫ އާއި ޗައިނާގެ ގުޅުން ވަރުގަދަ ކުރުމުގައި ވެސް މަސައްކަތް ކުރާ ބައެއް،" އީޔޫގެ ހާރިޖީ ސިޔާސަތާ ބެހޭ ވެރިޔާ ޖޮސެޕް ބޮރެލްގެ ތަރުޖަމާނު ނެރުނު ބަޔާނެއްގައިވެ އެވެ.
އޭގެ އިތުރުން ޗައިނާގެ އެތެރޭގެ ގާނޫނުތަކާއި ބައިނަލްއަގްވާމީ ގާނޫނުތަކަށް އަމަލު ކުރުމަށް ގޮވާލާ ކަމަށާއި ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ޗައިނާގެ ގާނޫނު އަސާސީ އާއި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ގަރާރުގައި ޔަގީންކޮށްދީފައިވާ ކަންކަން ކަމަށް އީޔޫއިން ބުންޏެވެ.










