ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި ލީޑުނަގާފައިވަނިކޮށް ދެކުނު ކޮރެއާ އިން ފަހަތުން އަރައި 5-1 އިން މޮޅުވެއްޖެ އެެވެ.
ރާއްޖޭން މި މެޗުގައި ލީޑުނެގީ ހަ ވަނަ މިނިޓްގައި މުހައްމަދު ސާދު ނިޒާރު ޖެހި ގޯލުންނެވެ. އަހުމަދު ރާހިލް ރަޝީދު (ރާއްކޮ) ދިން ބޯޅައެއް ރާއްކޮ ވަނީ ހަމަޖެހިލައިފައި ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިފަ އެވެ. މިއީ، ގައުމީ ފުޓްސަލް ޓީމުގައި ހިމެނިގެން ސާދު ކުޅުނު ފުރަތަމަ މެޗެވެ.
ކޮރެއާ އިން ފުރަތަމަ ގޯލު ޖެހީ ކޯނަރަކުން ތަނަވަސްކުރި ފުރުސަތެއްގަ އެވެ. އޭރިއާބޭރުން ކޮރެއާގެ ޝިން ހާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަަނަށެވެ. ކޮރެއާ އިން ލީޑުނެގި ގޯލަކީ އެ ޓީމުގެ ކުޅުންތެރިން ފޮނުވާލި ބޯޅައެއް ރާއްޖޭގެ ކުޅުންތެރިއަކު ގައިގައި ޖެހިފައި ވަން ގޯލެކެވެ. ރާއްޖެ އަށް ލަނޑެއް ޖަހައިދޭން އިޝާން އިބްރާހިމް (ސައްޓު) ފޮނުވާލި ޝޮޓެއް ކޮރެއާ ކީޕަރު ވަނީ މަތަކޮށްފަ އެވެ.
ފުރަތަމަ ހާފުގައި ކޮރެއާ އިން ތިން ވަނަ ގޯލު ޖެހީ ރަނގަޅު ކޮމްބިނޭޝަން ޕްލޭ އަކަށް ފަހު އެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅަ ޝިން ހާ ވަނީ ގޯލަށް ވައްދާލައިފަ އެވެ. އަދި، ދެ ވަނަ ހާފުގެ ހަތަރު ވަނަ މިނިޓްގައި ޝިން ހާ ވަނީ އެ ޓީމަށް ހަތަރު ވަނަ ލަަނޑެއް ޖަހައިދީފަ އެެވެ. ކޮރެއާގެ ފަހު ލަނޑު ޖެހީ އެ ޓީމުގެ ކެޕްޓަން އެވެ.
ރާއްޖެ އަށް ދެ ވަނަ ހާފުގައި ލަނޑެއް ޖަހައިދޭން، އަބްދުﷲ ޝާފިއު (ޝާއްޕެ) އަށް ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ ކޮރެއާ ކުޅުންތެރިއަކު ގައިގައި ޖެހިފައި ބޭރަށް ދިޔައިރު، ޕަވަޕްލޭގައި އަލީ ޝަމާލް އަބްދުﷲ (ޝަންމު) އަށް ލިބުނު ފުރުސަތުގައި ރަނގަޅު ވަގުތު ގޯލަށް ބޯޅަ ފޮނުވާނުލެވުނީ އެހެން ކުޅުންތެރިއަކަށް ދީގެން ޖަހަން އުޅުމުގެ ތެރޭގަ އެވެ.
އެންމެ ފަހުން ނެރުނު ފީފާ ފުޓްސަލް ރޭންކިންގައި ކޮރެއާ އަކީ ދުނިޔޭގެ 69 ވަނަ އެވެ. ރާއްޖެ އަކީ 99 ވަނަ އެވެ.
ރާއްޖޭން މުބާރާތުގައި ކުޅޭ ދެ ވަނަ މެޗުގައި ހޮނިހިރު ދުވަހު ބައްދަލުކުރާނީ ހޮންގް ކޮންގްއާ އެވެ. ހޮންގް ކޮންގް އަކީ ދުނިޔޭގެ 118 ވަނަ އެވެ. މުބާރާތުގައި ރާއްޖޭން ކުޅޭ ފަހު މެޗުގައި ހޯމަ ދުވަހު ޗައިނާއާ ކުޅޭނެ އެވެ. ޗައިނާ އަކީ ދުނިޔޭގެ 84 ވަނަ އެވެ.







