ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޓީސީ ސްޕޯޓްސް ކްލަބް 2-1 އިން ބަލިކޮށް ބިސް ބުރު ސްޕޯޓްސް ކްލަބުން ލީގުގެ ފަސް ވަނަ އަށް ޖެހިލައިފި އެވެ.
މާލެ ރީޖަން ލީގުގެ (ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ) ޗެމްޕިއަންކަން ހޯދައިގެން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި ބިސް ބުރުން މި ވަނީ ލީގުގެ ފުރަތަމަ ހަ މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ، ތިން މެޗުން ބަލިވެފަ އެވެ. ބިސް ބުރަށް ވަނީ ނުވަ ޕޮއިންޓް ލިބިފަ އެވެ. ބިސް ބުރުން ވަނީ މީގެ ކުރިން، ބުރު ސްޕޯޓްސް ކްލަބާއި ދިއްދޫ ފުޓްބޯޅަ ޓީމު އަތުން މޮޅުވެފަ އެވެ.
އަނެއްކޮޅުން، ޓީސީ ހަތް ވަނައިގައި އޮތީ ހަ މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. ކުޅުނު ހަަ މެޗުގެ ތެރެއިން، ޓީސީން ދެ މެޗުން މޮޅުވިއިރު، ހަތަރު މެޗުން ވަނީ ބަލިވެފަ އެވެ.
ގަލޮޅު ދަނޑުގައި ބޯ ވިއްސާރައިގެ ތެރޭގައި މިއަދުގެ މެޗު ވެސް ކުޅެން ޖެހުނުއިރު، ބިސް ބުރުން 10 ވަނަ މިނިޓްގައި ލީޑުނެގި އެވެ. އެ ޓީމަށް މި ލަނޑު ޖަހައިދިނީ ކުރިން ޓީސީ އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ކުޅުނު އިބްރާހިމް އަތީގް (އިއްބެ) އެވެ. އޭރިއާ ރޮނގުކައިރިން ލިބުނު ފުރުސަތުގައި އިއްބެ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.
މެޗުގެ 15 ވަނަ މިނިޓްގައި މުހައްމަދު ޒިދާން އީސާ ވަނީ ލިބުނު ފުރުސަތުގައި ގޯލަށް ބޯޅަ ވައްދާލައި، ބިސް ބުރަށް ލީޑުފުޅާކޮށްދީފަ އެވެ.
ވިއްސާރައިގެ ސަބަބުން ދަނޑުގައި ފެންހެދިގެން، 36 ވަނަ މިނިޓްގައި މެޗުގެ ކުޅުން މެދުކަނޑާލި އެވެ.
ޓީސީން ވަނީ މެޗުގެ 65 ވަނަ މިނިޓްގައި ލަނޑެއް ޖަހައިފަ އެވެ. އެ ގޮތުން، އަރިމަތިން ލިބުނު ހިލޭ ޖެހުމަކުން ނަގައިދިން ބޯޅައަށް އަރައި ހުރި މާޔިޒް ވަހީދު އާއި ހަސަން އީނާޒް ދެ ކުޅުންތެރިން ވެގެން ގޯލަށް ބޯޅަ ފޮނުވާލި އެވެ. އޭގެ ފަހުން، އިތުރު ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކުރަން ޓީސީން ކުރި މަސައްކަތް ކާމިޔާބުނުވެ މެޗުން ބަލިވީ އެވެ.
ލީގުގައި މިރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗަށް ފަހު، ލީގުގެ ކުޅުން މެދުކަނޑާލާނެ އެވެ. އެއީ، އަންނަ މަހު 4-17 އަށް ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށެވެ. އެ އަށް ފަހު، ދެން ލީގު ފަށާނީ އަންނަ މަހު 22 ވަނަ ދުވަހު އެވެ.












