ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް އޮޅުން ބޮޅުމެއްގެ ތެރޭގައި

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޕްރެކްޓިހެއްގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޕްރެކްޓިހެއްގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރާއްޖޭގެ ފުޓްބޯޅަ ތާރީހުގައި ވެސް ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަކަށް ޓީމުތަކުން ތައްޔާރުނުވާ މިންވަރަށް މި ފަހަރުގެ މުބާރާތުގައި ވާދަކުރާ ކްލަބްތަކުން ވަނީ ހޭދަކޮށް، ތައްޔާރުވެފަ އެވެ. ތައްޔާރީތަކަށް ބަލާއިރު، ރާއްޖޭގެ ފުރަތަމަ ޑިވިޝަން (ދިވެހި ޕްރިމިއާ ލީގު)ގެ ގިނަ ކްލަބްތަކަށް ވުރެން ދެ ވަނަ ޑިވިޝަން ޓީމުތައް ފެނުނީ މާ ތަފާތުކޮށެވެ. އެކަމަކު، މި ހުރިހާ ކަމެއް މިހެން އޮތްއިރު، މިހާތަނަށް ވެސް އެނގިފައިނެތް ކަމަކީ، ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ގަވާއިދާއި ފަށާނެ ތާރީހެކެވެ. މި ކަންކަމާ ހެދި ޓީމުތަކުގެ ކަންބޮޑުވުންތައް ހުރީ އިންތިހާގަ އެވެ.

އެފްއޭއެމުން މިހާތަނަށް ވަނީ ތިން ފަހަރެއްގެ މަތިން ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ބާއްވަން ތާރީހު ދީފަ އެވެ. މިހާރު މުބާރާތް ފަސްވެފައި އޮތީ ފަށާނެ ވަކި މުއްދަތެއް ނެތެވެ.

ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ފަށާނެ އިރެއްގެ ޖަވާބެއް ހޯދަން ސުވާލުކޮށްލާ ކޮންމެ ފަހަރަކު، އެފްއޭއެމުން ބުނާ ވާހަކަ އަކީ، "ލަހެއް ނުވެ ފަށަން މަސައްކަތް ކުރަމުން" އަންނަ ކަމަށެވެ.

މި ހުރިހާ ކަމެއްގެ ކަންބޮޑުވުން ހިފައިގެން، ދެ ވަނަ ޑިވިޝަންގެ މެޖޯރިޓީ ޓީމުތަކުން ވަނީ ދާދި ފަހުން، ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ)އާ ބައްދަލުކޮށްފަ އެވެ. ދެ ވަނަ ޑިވިޝަން ޓީމުތަކުން މައިގަނޑު ގޮތެއްގައި، މިނިސްޓަރު ރާފިއު، އަރިހުން ކޮށްފައިވަނީ ދެ ޑިމާންޑެކެވެ. އެއީ އަވަހަށް، ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ފެއްޓުމަށް ސްޕޯޓްސް މިނިސްޓްރީން އެއްބާރުލުން ދިނުމާއި ދެ ވަނަ ޑިވިޝަން ޓީމުތަކަށް މާލީ އެހީތެރިކަމެއް ދިނުމަށެވެ.

ދެ ވަނަ ޑިިވިޝަންގެ ކްލަބްތަކުން ސްޕޯޓްސް މިނިސްޓަރު ރާފިއުއާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން.---- ފޮޓޯ: ރާއިފް ޔޫސުފް/ސްޕޯޓްސް މިިނިސްޓްރީ މީޑިއާ

ކްލަބްތަކުން އެދެނީ ލަސްވެގެން މި މަހު 20 ގައި ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ފަށަން

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ލީޑަޝިޕްގެ ދަށުން، އިދާރާ ނުހިނގައި، ދިވެހި ފުޓްބޯޅައިގެ ހާލަތު ބޮއްސުންލާފައި އޮތްއިރު، ދުވަހެއް ދުވަހަކަށް ރާއްޖޭގެ ފުޓްބޯޅައިގެ އަގުވެއްޓޭ ފަދަ ކަންކަން ދަނީ ފެންމަތިވަމުންނެވެ. ދެ ވަނަ ޑިިވިޝަން ޓީމުތަކުން ވަނީ މި ކަންބޮޑުވުން ވެސް ސްޕޯޓްސް މިިނިސްޓަރު، ރާފިއު އަށް ހިއްސާކޮށްފަ އެވެ.

ދެ ވަނަ ޑިވިޝަނުން މި ވަގުތު އެންމެ ބޮޑަށް ބޭނުންވެފައި އޮތީ ވީ އެންމެ އަވަހަކަށް މުބާރާތް ފެށުމަށެވެ. އެ ގޮތުން، ސްޕޯޓްސް މިނިސްޓަރު، ރާފިއު އަރިހުން ކްލަބްތަކުން އެދިފައިވަނީ ލަސްވެގެން މި މަހުގެ 20 ވަނަ ދުވަހު ދެ ވަނަ ޑިވިޝަން ފެށޭ ގޮތް ހަދައިދިނުމަށް މަސައްކަތް ކުރުމަށެވެ.

ދެ ވަނަ ޑިވިޝަން ކްލަބްތަކުން މި ގޮތަށް އެދޭ ސަބަބުތަކެއް އެބައޮތެވެ. މައިގަނޑު ކަންކަމަށް ބަލާއިރު، ބިދޭސީ ކުޅުންތެރިންނާއި ދިވެހި ކުޅުންތެރިންނާ (އަތޮޅުތަކުން ގެނައި ކުޅުންތެރިން ވެސް ހިމެނޭ ގޮތަށް) އެކު، ޓީމުތަކުން ކޮންޓްރެކްޓް ހަދާފައިވަނީ މި މަހުގެ ނިޔަލަށް ކަމަށްވާއިރު، މުބާރާތް ދިގުލައިދާނަމަ އިތުރަށް ކޮންޓްރެކްޓްގެ މުއްދަތު ދައްމާލަން ޖެހޭނެތީ އަވަހަށް މުބާރާތް ފަށަން ބޭނުންވާތީ އެވެ. އެފްއޭއެމުން މާލީ އެހީތެރިކަމެއް ދޭނެ ކަމަށް ބުނެ އެކަން ވެސް ނުކޮށްދޭއިރު، ކްލަބްތަކުން ވަނީ މި ކަމަށް މިނިސްޓްރީން އެހީ އަކަށް އެދިފަ އެވެ.

ދެން އޮތް ކަމަކީ، އަންނަ މަހުގެ 14 ވަނަ ދުވަހު މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖް ފުޓްސަލް މުބާރާތާ ފުށުއަރާތީ އޮތް ކަންބޮޑުވުމެވެ. ދެ ވަނަ ޑިވިޝަން ޓީމުތަކުގައި ތިބި ގިނަ ކުޅުންތެރިން ގޯލްޑަން ފުޓްސަލް ޗެލެންޖް މުބާރާތް ކުޅެން ޖެހޭއިރު، ދެ ވަނަ ޑިވިޝަނާ އެކު، ދެ މުބާރާތް އެއްކޮށް ކުޅެން ޖެހުމުން، މި ކަންކަމުން ކުޅުންތެރިންނަށް އަންނާނެ ބުރަ އިން ސަލާމަތް ވުމަށް އަވަސް ހައްލެއް ގެނައުމަށެވެ.

އެއް ޓީމު ޕްރޮމޯޓްވާ ގޮތަށް ހަދަން ހުރިހާ ޓީމެއް ވެސް ދެކޮޅު!

ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ލަސްވަމުން އަންނާތީވެ، އެކަމާ އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރި އެއް ޓީމަކީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އެވެ. އެ ކްލަބްގެ ޗެއާމަން، އަހުމަދު ވާސިފް، އެކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ޝުއޫރުފާޅުކުރަމުން ދަނިކޮށް، އޭނާއާ އެފްއޭއެމްގެ ރައީސް ބައްސާމް ވަނީ ބައްދަލުކުރައްވައިފަ އެވެ.

އެ ބައްދަލުވުމުގައި ބައްސާމް ވަނީ ދެ ވަނަ ޑިވިޝަނުން ތިން ޓީމެއް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވާނެ ކަމަށް ބުނެފަ އެވެ. އެ ކަން، އެފްއޭއެމުން ރަސްމީކޮށް، އިއުލާނުނުކުރި ނަމަވެސް، ވާސިފް ވަނީ އެ މައުލޫމާތު، އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.

މި ފަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަށް ޓީމުތަކުން ތައްޔާރުވިއިރު، ހުރިހާ ޓީމަކުން ވެސް ތައްޔާރުވެގެން ތިބީ މި ތިން ޖާގައިގެ ތެރެއިން ފުރުސަތެއް ހޯދައި، ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ވުމަށެވެ.

އެހެން ނަމަވެސް ގަވާއިދުގައި ސީދާ ބުނެފައި އޮތީ ކިތަން ޓީމު ޕްރޮމޯޓް ވާގޮތަށްތޯ އަދިވެސް ސާފެއްނުވެ އެވެ.

"ހަގީގަތަކީ އެއްވެސް ކަމެއް ލިޔުމަކުން ގަވާއިދަކުން ބުނާ ގޮތަކަށް ނޫން މި ކަންކަން ކުރަނީ. އެކި ފަހަރު އެކި ގޮތަށް، އަނގަބަހުން، މެސެޖަކުން މި އަންގާލަނީ، އެކަމަކު، މި ފަހަރު ދެ ވަނަ ޑިވިޝަނަށް ޓީމުތައް މި ވަރަށް ތައްޔާރުވީ ތިން ޓީމު ޕްރޮމޯޓްވާނެ ކަމަށް ބުނެފައި އޮތީމަ، އެހެން އޮއްވައި، އެއް ޓީމު ޕްރޮމޯޓްވާ ގޮތަށް ވިއްޔާ، މިއީ ޓީމުތަކަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް،" ދެ ވަނަ ޑިވިޝަން ޓީމެއްގެ އޮފިޝަލަކު، ސްޕޯޓްސް މިނިސްޓަރު ރާފިއުއާ އެކު ބޭއްވި ބައްދަލުވުމުގައި ޝުއޫރު ފާޅުކުރަމުން ބުނެފައިވެ އެވެ.

ދެ ވަނަ ޑިވިޝަނުގައި ވާދަކުރަން މި ފަަހަރު އެންމެ ވަރުގަދަ އަށް ތައްޔާރުވި ވިކްޓަރީން ބޭއްވި ފަރިތަކުރުމެއްގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ކުރިން އިއުލާނުކޮށްފައި އޮތް ގަވާއިދަށް ނަޒަރެއް

މީގެ އެއް އަހަރު ކުރިން، 2022 ވަނަ އަހަރު، އެފްއޭއެމުން ވަނީ 2023/24 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގު އޮންނާނީ މުޅި ރާއްޖެ އަށް ފުޅާކުރެވިގެންދާ ގޮތަށް ކަމަށް ބުނެ، އާ ފޯމެޓެއް އިއުލާނުކޮށްފަ އެވެ.

އެ ފަހަރު، އިއުލާނުކުރި ފޯމެޓްގައިވާ ގޮތުން، ރާއްޖެ ބެހިގެންދަނީ ހަަތަރު ޒޯން ލީގަކަށެވެ. ޒޯން އެކެއް ނުވަތަ ނޯތު ޒޯން ލީގުގައި ހިމެނެނީ ހއ، ހދ، ށ، ނ، ރ އެވެ. ޒޯން ދޭއް ނޫނީ ސެންޓްރަލް ޒޯން ލީގުގައި އޮތީ ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ އެވެ. ޒޯން ތިނެއް ނޫނީ ސައުތު ޒޯން ލީގުގައި އޮތީ ތ، ލ، ގއ، ގދ، ޏ، ސ އެވެ. އަދި ޒޯން ހަތަރަކީ މިހާރު މާލޭގައި ކުރިއަށްދާ ފުރަތަމަ ޑިވިޝަން ނޫނީ މާލޭ ލީގަށެވެ. މި ލީގުގައި ހިމެނޭނީ މާލެ، ހުޅުމާލެ، ވިލިމާލޭގެ ޓީމުތަކެވެ. މި ޒޯނުން އަންނާނެ ކަމަށް ކުރިން ބުނެފައި އޮތީ، މި ފަހަރުގެ ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަނުންނެވެ.

މި ހަތަރު ޒޯނުން އަންނަ ޗެމްޕިއަން ޓީމުތައް ހިމެނޭ ގޮތަށް، 2023/24 ވަނަ އަހަރު، ދިވެހި ޕްރިމިއާ ލީގު ކުރިއަށްދާނީ މިހާރު ފުރަތަމަ ޑިވިޝަންގައި ހިމެނޭ ޓީމުތަކާ (8 ޓީމާ) އެކު، ޖުމްލަ 12 ޓީމުގެ ލީގެއް ކަމަށް އޭރު އެފްއޭއެމުން ހާމަކުރި އެެވެ.

އެފްއޭއެމުން އޭރު އިއުލާނުކުރި ފޯމެޓްގައިވާ ގޮތަށް ބަލާއިރު، ރާއްޖޭގެ އަތޮޅުތައް ބެހޭ ތިން ޒޯނުން ޓީމުތަަކެއް، މިހާރު އޮތް ހިސާބުން، ދިވެހި ޕްރިމިއާ ލީގަށް ޕްރޮމޯޓްވާނެ ގޮތެއް ފެންނަން ނެތެވެ. ފައިސާ ނެތިގެން، އެ މުބާރާތްތައް ހުއްޓިފައި އޮތްއިރު، ސައުތު ޒޯން ކުޅޭނެ ކަމެއް ވެސް ނެނގެ އެވެ.

މި އަހަރުން ފެށިގެން، 12 ޓީމުގެ ޕްރިމިއާ ލީގެއް އޮންނާނެ ކަމަށް ބުނި ބުނުން ދާނެ މިސްރާބެއް ނޭނގެ އެވެ. މި ވަގުތު އޮތް، ފުރަތަމަ ޑިވިޝަންގެ މެޖޯރިޓީ ޓީމުތަކުން މި ފަހަރުގެ ދިވެހި ޕްރިމިއާ ލީގު ފެށީ ރެލިގޭޓްނުވާނެ ކަމުގެ ޔަގީންކަން އޮތުމުން، "ވީހާލެއްގައި އޮވެގެން" ސީޒަން ނިންމާލުމުގެ ވިސްނުން ސިކުނޑީގައި ބަހައްޓައިގެންނެވެ.

ދެ ވަނަ ޑިވިޝަނުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ލީޑުކުރުމާ ހަވާލުވެފައިވާ ކޯޗު ނިމާ: އެ ޓީމުން ވަނީ ދުރާލާ މުބާރާތަށް ޕްރެކްޓިސް ފަށައި ބިދޭސީ ކުޅުންތެރިން ވެސް ހޯދައިފައި.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޕްރިމިއާ ލީގު، 79 ދުވަހުގެ މެދުކެނޑުމަކަށް ފަހު ފެށިއިރު، ކްލަބް ވެލެންސިއާ އާއި ކްލަބް ގްރީން ސްޓްރީޓްސް އިން ވަނީ މާލީ ހާލަތު ތަށް ނުދޭތީ ލީގުން ވަކިވެފަ އެވެ. އަނެއްކޮޅުން، އެފްއޭއެމްގެ ހާލަތު އޮތްގޮތުން، އެފްއޭއެމުން ވަނީ ލީގުގެ ތިން ވަނަ ބުރު ކެންސަލްކޮށްފަ އެވެ.

ދެ ވަނަ ޑިވިޝަން ލަސްވަނީ ކީއްވެ؟

ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ލަސްވެފައި އޮތް އެންމެ ބޮޑު ސަބަބަކީ، އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ނުދޭތީ، އެ ތަނުގެ މަސައްކަތް ކުރަން ދާން އެ ފަރާތްތަކުން ބޭނުންނުވާތީ އެވެ. މުވައްޒަފުންގެ މުސާރަ ދޭން ޝަރުތުކޮށް، ފީފާ އިން ދިން އެއް ލައްކަ ޑޮލަރުން އެ ކަންކަން ހަަމަޖައްސަން އެފްއޭއެމުން ވަނީ މަސައްކަތް ފަށައިފަ އެވެ.

އެފްއޭއެމުން ވަނީ ސޮކަ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ހަވާލުކޮށްގެން ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ބާއްވަން މަސައްކަތްކޮށްފަ އެވެ. އެކަމަކު، އެކަން ކުރަން އެފްއޭއެމްގައި ބަޖެޓެއް ނެތުމުން، އެ މަގުން ވެސް ކަމެއް ކުރެވެން ނެތީ އެވެ.

އެހެން ހާލަތު އޮއްވައި، އަމިއްލަ އަށް ހިލޭ ސާބަހަށް ދެ ވަނަ ޑިވިޝަން ހިންގައިދޭން ނުކުތީ، ބުރު ސްޕޯޓްސް ކްލަބާއި އަންހެން ގައުމީ ޓީމުގެ ހެޑް ކޯޗުގެ ގޮތުގައި ހުރި މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ.

އެކަމަކު، ރެފްރީންގެ ހަރަދާއި އެހެނިހެން ކަންކަން ކުރަން ބަޖެޓެއް ނެތިގެން އަދި ނިޒާމްބެ އަށް ވެސް މި ކަމުގައި މަގެއް ފެނިފައިނުވެ އެވެ. ދެ ވަނަ ޑިވިޝަން ކްލަބްތަކުގެ އެދުމަށް، ސްޕޯޓްސް މިނިސްޓަރު ރާފިއު އާއި ނިޒާމްބެ ބައްދަލުކުރަން ހަމަޖެހިފައިވާ ކަމަށް ވަނީ އެނގިފަ އެވެ.

ދެ ވަނަ ޑިވިޝަން ބާއްވަން އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ، އެފްއޭއެމްގެ މުބާރާތެއް ބާއްވަން ސްޕޮންސަ ދޭނެ ފަރާތެއް ވެސް ނެތުމެވެ. އެފްއޭއެމްގައި މި ވަގުތު އޮތް ލީޑަޝިޕަށް އިތުބާރުކޮށް، ފައިސާ ހަވާލުކުރާނެ ބަޔަކު ހަމަ މިހާރު އެއްގޮތަކަށް ވެސް ނެތްފަދަ އެވެ.

ބައްސާމަށް ދެ ވަނަ ޑިވިޝަނުގެ ތާއީދެއް ނެތް!

ސްޕޯޓްސް މިނިސްޓަރު ރާފިއުއާ އެކު ބޭއްވި ބައްދަލުވުމުގައި، ޓީމުތަކުން ވަނީ އެފްއޭއެމްގެ ރައީސް، ބައްސާމް އަށް އިތުބާރު ނެތް ކަމަށް ހާމަކޮށްފަ އެވެ. އަދި އެފްއޭއެމްގެ ހިންގުމުގެ ކަންކަމަށް މިހާރަށް ވުރެން ހަރުދަނާ ބަދަލުތަކެއް އައިސްގެން ނޫނީ ދިވެހި ފުޓްބޯޅަ އަށް ކުރިއެރުމެއް ނެތް ކަމަށް ބުނެފަ އެވެ.

ރާއްޖޭގެ ފުޓްބޯޅަ އަށް ކިރިޔާވެސް ކުލުނެއް ހުރިނަމަ ރީތިގޮތަކީ، އެފްއޭއެމްގެ ރައީސް ކަމުން، ބައްސާމް، އިސްތިއުފާދިނުން ކަމަށް އެ މަގާމަށް ކުރިމަތިލައްވާނެ ކަމަށް އިއުލާނުކުރައްވާފައިވާ ކުރީގެ ކުޅުންތެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އދ. މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ވަނީ ވިދާޅުވެފަ އެވެ.

އެފްއޭއެމްގެ ރައީސްކަން ކުރިން ވެސް ކުރެއްވި، ތޯރިގު އަންނަނީ ބައްސާމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ކްލަބްތަކުގެ ސޮއި ހޯދަން މަސައްކަތް ކުރަމުންނެެވެ. މި ކަމަށް ހުރިހާ ގޮތަކުން ވެސް އެއްބާރުލުން ދޭން ދެ ވަނަ ޑިވިޝަންގެ ޓީމުތަކުން އޮތީ ތައްޔާރަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox