ވަރުގަދަ ގައުމުތަކާ ދެކޮޅަށް ގައުމީ ފުޓްސަލް ޓީމަށް ފުރުސަތެއް

Oct 6, 2023, 12:48 PM
ސޯޝަލް ސެންޓަރުގައި ބޭއްވި ޕްރެކްޓިހުގެ ތެރެއިން ކޯޗު އަބޯ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސޯޝަލް ސެންޓަރުގައި ބޭއްވި ޕްރެކްޓިހުގެ ތެރެއިން ކޯޗު އަބޯ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މާދަމާ ކިރްގިސްތާންގައި ފަށާ އޭއެފްސީ އޭޝިއަން ފުޓްސަލް ކަޕްގެ ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕްގައި އޮތް ތިން ގައުމަކީ ވެސް ވަރުގަދަ ޓީމުތަކެއް ކަމަށާއި މިއީ ރާއްޖެ އަށް ރަނގަޅު ކުޅުމެއް ދައްކާލަން ލިބިގެންދިޔަ ފުރުސަތެއްގެ ގޮތުގައި ދެކޭ ކަމަށް ގައުމީ ފުޓްސަލް ޓީމުގެ ހެޑް ކޯޗު އަބްދުﷲ ނަސީރު (އަބޯ) ބުނެފި އެވެ.

ރާއްޖެ ހިމެނެނީ ކިރްގިސްތާން އާއި އިރާން އަދި ލެބަނަންއާ އެކު ގްރޫޕް ސީގަ އެވެ. ފުރަތަމަ މެޗުގައި ރާއްޖެ ކުޅޭނީ މާދަމާ އިރާންއާ އެވެ. އެ މެޗު ފަށާނީ ރާއްޖެ ގަނޑިން ތިނެއް ޖަހާއިރު އެވެ.

ކޮލިފައިންގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބޯ ބުނީ ރާއްޖޭގައި ރަސްމީ ފުޓްސަލް ކުޅޭނެ އިންޑޯއެއް ނެތް ކަމަށާއި އެހެން ކަމުން އާޓިފިޝަލް ޓާފެއްގައި ޕްރެކްޓިސް ކުރުމަށް ފަހު، 10 ވަރަކަށް ދުވަހު ސޯޝަލް ސެންޓަރު އިންޑޯގައި ފަރިތަކޮށްލަން ލިބުނު ކަމަށެވެ.

އެކަމަކު، އަބޯ ބުނީ މި މުއްދަތަކީ މި ލެވަލްގެ މުބާރާތަކަށް އެންމެ އެކަށީގެންވާ ތައްޔާރީތަކެކޭ ނުބުނެވޭނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމަށް ޖޯޒީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

"ފަރިތަކޮށްލަން ރަނގަޅު ފްރެންޑްލީ މެޗުތަކެއް، ނޫނީ އެންމެ ރަނގަޅު ޓްރެއިނިންތަކެއް ނުލިބޭ. ދެން އަހަރެމެން ގްރޫޕްގައި މި އޮތް ތިން ގައުމު ވެސް ވަރަށް ވަރުގަދަ، އެހެންވީމަ އަހަރެމެން ބޭނުމީ މި ފުރުސަތުގައި ކުޅެވުނު އެންމެ ރަނގަޅަކަށް ކުޅެން،" އަބޯ ބުންޏެވެ.

މިދިޔަ އަހަރުގެ ކޮލިފިކޭޝަންގައި ރާއްޖެ ފުރަތަމަ މެޗުގައި އިރާން އަތުން ބަލިވީ 17-0 އިންނެވެ. ދެ ވަނަ މެޗުން ކިރްގިސްތާން އަތުން 7-1 އިން ރާއްޖެ ބަލިވިއިރު، ތިން ވަނަ މެޗުން ވަނީ ތުރުކުމެނިސްތާން އަތުން 7-0 އިން ބަލިވެފަ އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަމާޒުވި ސުވާލަކަށް ދިން ޖަވާބުގައި އަބޯ ބުނީ މިދިޔަ އަހަރުގެ ކޮލިފައިންގައި ކުޅުނު ޓީމަށް ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އެ ގޮތުން ހަތަރު ވަރަކަށް ބަދަލު މި ފަހަރުގެ ޓީމަށް ވަނީ އަތުވެފަ އެވެ.

މިދިޔަ އަހަރުގެ އޭޝިއަން ކަޕް ކޮލިފިކޭޝަން އަށް ދިއުމުގެ ކުރިން ރާއްޖޭގެ ފުޓްސަލް ޓީމަށް ތައިލެންޑްގެ އިންވިޓޭޝަނަލް މުބާރާތެއް ކުޅެލަން ލިބުނެވެ. އެކަމަކު، މި ފަހަރު ޓީމުން ޓްރެއިނިން ކޭމްޕެއް ބޭނުން ކަމަށް ހާމަކުރި ނަމަވެސް އެ ފުރުސަތެއް ނުލިބުނެވެ އަދި މުބާރާތަށް ފުރަން ކަނޑައެޅި ތާރީހު ލަސްވެ، އެންމެ ފަހުން މެޗުތައް ކުޅެން ކިރްގިސްތާނަށް ދެވޭގޮތްވީ މުބާރާތް ފެށެން އެއް ދުވަހަށް ވެފައި ވަނިކޮށެވެ.

ސޯޝަލް އިންޑޯގައި ބޭއްވި ގައުމީ ފުޓްސަލް ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކޮލިފައިން ފުރަތަމަ މެޗުގައި އިރާނާ ދެކޮޅަށް ކުޅުމަށް ފަހު، ހޯމަ ދުވަހު ބައްދަލުކުރާނީ ލެބަނަންއާ އެވެ. އަދި ގްރޫޕްގެ ފަހު މެޗުގައި ބުދަ ދުވަހު ކިރްގިސްތާނާ ކުޅޭނެ އެވެ.

މި ފަހަރު ގައުމީ ފުޓްސަލް ސްކޮޑުގައި ހިމެނެނީ މުހައްމަދު އިމްރާން (އިންމި)، ސާމިން މުހައްމަދު ނަސީރު، އަލީ ހާފިޒް (ހާއްޕެ)، ހުޒައިފަތު ރަޝީދު (ހުޒޭ)، ހުސެއިން ޝަރީފް (އޮންލީ)، އަބްދުﷲ ޝާފިއު (ޝާއްޕެ)، އިޝާން އިބްރާހިމް (ސައްޓު)، ހުސެއިން ސުހައިލް (ސޮކޭ)، އިސްމާއިލް ވަޖީހު (ވައްޖެ)، ޔާމީން މުހައްމަދު (ޔާންޓެ)، އަލީ ޝިޔާހު (ޝިޔާ)، އަލީ މާއިސް (މައްޓު)، ޒައިދާން އަހުމަދު (އަސޫ) އަދި ފައްޔާޒް ފަޔާޒް (ފައިއްޓެ) އެވެ.

ޓީމުގެ ކެޕްޓަނުންނަކީ އިންމި، ހާއްޕެ އަދި އަސޫ އެވެ.

އެންމެ ފުރަތަމަ، މިދިިޔަ މަހު ކުރީކޮޅުގައި 40 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑެއް ނެގުމަށް ފަހު، ދެން ވަނީ 20 ކުޅުންތެރިންނަށް ސްކޮޑު ކުޑަކޮށްފަ އެވެ. އަދި އެ އަށް ފަހު، މުބާރާތަށް ދާ 14 ކުޅުންތެރިން ނަގައި، ސްކޮޑު ފައިނަލް ކުރީ އެވެ.

ގައުމީ ފުޓްސަލް ޓީމުގެ ސްކޮޑުގައި ހިމެނޭ ކުޅުންތެރިންނާއި އޮފިޝަލުން ފޮޓޯ އަކަށް ހުއްޓިލައިގެން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޕީއެސްއެމް ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި އަބޯ ބުނެފައިވަނީ މި ފަހަރު ނެގި ފުޓްސަލް ޓީމަށް ބަދަލުތަކެއް ގެންނަން ނިންމީ ކުރިއަށް ވުރެ ޓީމު ވަރުގަދަ ކުރަން ބޭނުންވާތީ ކަމަށެވެ. އަދި މިހާރު މި އޮތް ގައުމީ ފުޓްސަލް ޓީމަކީ ރާއްޖޭން ނެގޭނެ އެންމެ ވަރުގަދަ ޓީމު ކަމަށާއި އެ ޓީމު ބަލިކުރެވޭ ވަރުގެ ޓީމެއް ރާއްޖޭން ނުނެގޭނެ ކަމަށް އަބޯ ބުނެފައިވެ އެވެ.

"އެކަމަކު، އަޅުގަނޑުމެން މި ތައްޔާރުވަނީ ރާއްޖޭގެ ޓީމުތަކާ ދެކޮޅަށް ކުޅޭކަށް ނޫން. ބޭރު ގައުމުތަކާ ކުޅެން. އިންޝާﷲ ކުރިއަށް ވުރެ ރަނގަޅުވާނެ ކަމަށް މި ބަލަނީ،" އަބޯ ބުންޏެވެ.

(އަބޯ) އަށް އެހީތެރިވުމުގެ ގޮތުން އެސިސްޓަންޓް ކޯޗުންގެ ގޮތުގައި ތިބީ އަހުމަދު ވިޝާލް (އަންދު) އާއި އަހުމަދު ތޯހާ އެވެ. މީގެ އިތުރުން، ގޯލްކީޕަރު ޓްރެއިނަރަކީ އިބްރާހިމް އަހުމަދު އެވެ. އަދި ޓީމު އޮފިޝަލަކަށް އަހުމަދު ޝަހުމް މުހައްމަދު ހުރިއިރު، ޓީމުގެ މެނޭޖަރަކީ އަލީ ނަދީމް (ކޮކޯ) އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox