ކެރިއަރުގެ އެންމެ މޮޅު ކުޅުމާ އެކު ޝާޒު ހޯދައިދިނީ އުއްމީދު!

ކެރިއަރުގެ އެންމެ މޮޅު ކުޅުމާ އެކު ޝާޒު ހޯދައިދިނީ އުއްމީދު!

މިދިޔަ ބުދަދުވަހު މާލޭގައި ނިމުނު މޯލްޑިވްސް އޯޕަން 10- ބޯލް ޗެމްޕިއަންޝިޕަކީ ރާއްޖެ އަށް ބިލިއާޑުގެ ގިނަ ފުރުސަތުތަކާއި އުއްމީދުތަކެއް ގެނެސްދިން މުބާރާތެކެވެ. އަލަށް ރާއްޖޭގައި ބައިނަލްއަގްވާމީ މުބާރާތެއް ބާއްވައި އެކަމުގެ ކާމިޔާބީ ފާހަގަކުރަމުން އަންނައިރު މިއީ ގައުމީ ފެންވަރުގައި ވާދަކުރަމުން އައި ދިވެހި ބިލިއާޑް ކުޅުންތެރިންނަށް އެ ކުޅުންތެރިންގެ ފިޔަގަނޑު މުޅި ދުނިޔެއަށް ހުޅުވާލަން ލިބުނު ފަހި ފުރުސަތެކެވެ. އެ ފުރުސަތުގެ ބޭނުން ހިފައި ދިވެހިންގެ އުއްމީދުތަކާއި ހުވަފެންތަކުގައި ކުލަޖައްސައިދިން ކުޅުންތެރިއަކީ ހަސަން ޝާޒު އަހުމަދު އެވެ.

ޝާޒް، 26، ވަނީ މިހާތަނަށް ބައިނަލްއަގްވާމީ މައިދާނުގައި ދިވެހި ބިލިއާޑް ކުޅުންތެރިއަކު ނުހޯދާ ވަރުގެ ކުރިއެރުމެއް ހޯދައިފަ އެވެ. އެ ގޮތުން، ރާއްޖެ ތަމްސީލްކުރި 16 ކުޅުންތެރިން ވާދަކުރި މޯލްޑިވްސް އޯޕަންގެ ގްރޫޕް ސްޓޭޖް ފަހަނައަޅައި ނޮކްއައުޓް ބުރުން ޖާގަ ހޯދި ހަމައެކަނި ދިވެހި ކުޅުންތެރިއަކީ ޝާޒް އެވެ. އޭނާ ވެފައި ވަނީ ދުނިޔޭގެ ރޭންކިންގައި ގުނާލެވޭ މުބާރާތެއްގެ ނޮކްއައުޓް ބުރުން ޖާގަ ހޯދި ހަމައެކަނި ދިވެހި ކުޅުންތެރިޔާ އަށެވެ.

"ގައުމީ ލެވެލްގައި ހޯދި އެވޯޑުތަކާ، ތަށިތަކަށް ހުރިހާ ވަނައަކަށްވުރެ މޯލްޑިވްސް އޯޕަންގެ ކާމިޔާބީ މާ ސްޕެޝަލް. ހުރިހާ ގޮތަކުންވެސް މިއީ އެންމެ ބޮޑު ކާމިޔާބީ ކެރިއަރުގައި. ގައުމީ ޓީމަށް އެރީސުރެ ދެކެމުން އައި ހުވަފެނަކީ މިއީ. ހެއްދެވި ފަރާތަށް ޝުކުރު ހަމަ މިފަދަ ކާމިޔާބީއެއް މިންވަރުކުރެއްވީތީ" ތާރީހީ ކާމިޔާބީ ހޯދުމަށްފަހު ޝާޒް ބުންޏެވެ.

Advertisement

މޯލްޑިވްސް އޯޕަންގެ މެޗެއްގެ ތެރެއިން ޝާޒް ބޯޅައެއް ފޮނުވާލަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ޝާޒް އަށް މޯލްޑިވްސް އޯޕަން ހާއްސަވަނީ ހަމައެކަނި އޭނާ ނޮކްއައުޓް ބުރަށް ދަތުރުކޮށްގެނެއް ނޫނެވެ. އެހެން ސަބަބުތައްވެސް އެބަހުއްޓެވެ. ފުރަތަމަ ކަމަކަށް މި މުބާރާތް އަމިއްލަ ގައުމުގައި ބޭއްވުމެވެ. މިއީ ޝާޒް އެކޭ އެއްގޮތަށް ރާއްޖޭގެ ހުރިހާ ބިލިއާޑް ކުޅުންތެރިން ހުވަފެނެކެވެ. އެ ހުވަފެން ހަގީގަތަކަށްވީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ މުބާރާތަކުންނެވެ.

ދެ ވަނަ ކަމަކަށް މި މުބާރާތަކީ ޝާޒް އަށް ބައިނަލްއަގްވާމީ ފުރަތަމަ މޮޅު ލިބުނު މުބާރާތެވެ. މީގެ ކުރިން އޯޕަން މުބާރާތްތަކާއި، ބިލިއާޑް ވޯލްޑް ޗެމްޕިއަންޝިޕް ކަހަލަ ބޮޑެތި މުބާރާތްތަކުގައި ޝާޒް ވަނީ ވާދަކޮށްފަ އެވެ.

ބައިނަލްއަގްވާމީ ފަސް މުބާރާތެއްގައި ޝާޒް ކުޅުނުއިރު އޭނާގެ ކެރިއަރުގެ ފުރަތަމަ ބައިނަލްއަގްވާމީ މޮޅަކީ މި މުބާރާތުގައި އިންޑިއާގެ ރަޔާން ރަމްޒީ އަތުން ޝާޒް ހޯދި މޮޅެވެ. އެ މެޗު ޝާޒް ކާމިޔާބުކުރީ އޭނާ ސިފަކުރާ ގޮތުންނަމަ ކެރިއަރުގެ "އެންމެ މޮޅު" ކުޅުން ކުޅެގެންނެވެ. ތެދެކެވެ. މެޗުގެ ފުރަތަމަ ހަތަރު ފްރޭމް ނިމުނުއިރު ޝާޒް އޮތީ 0-4 އިން ފަހަތުގަ އެވެ. ދެން ޖެހިގެން އައި ހަތް ފްރޭމް ޝާޒް ހޯދައި މެޗު ކާމިޔާބުކުރިއިރު ޝާޒް ވަނީ ކޮންމެ ބްރޭކެއްގައި "ބްރޭކް ރަން އައުޓެއް" ހަދައިފަ އެވެ.

ޝާޒް، މި ފަހަރުގެ މޯލްޑިވްސް އޯޕަންގައި ވަނީ މޮޅު ކުޅުމެއް ދައްކާފައި.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އިންޑިއާގެ ކުޅުންތެރިޔާ އަތުން މޮޅުވުމަށް ފަހު ޝާޒް ގްރޫޕް ސްޓޭޖުގައި ކުޅުނު ފަހު މެޗުގައި ވަނީ ބަންގްލަދޭޝްގެ ނިޒާމުއްދީން ބަލިކޮށްފަ އެވެ. ފޯރިގަދަ އަދި ވާދަވެރި މެޗު 7-6 އިން ކާމިޔާބުކޮށް އެއް މުބާރާތެއްގައި ދެ މެޗުން މޮޅުވުމުގެ ރެކޯޑުވެސް މިހާރު އޮތީ ޝާޒް އަތުގަ އެވެ.

ނޮކްއައުޓް ބުރުގައި ވިއެޓްނާމްގެ ޑުއޮން ކުއޮކް ހޮއަން އަތުން 8-4 އިން ބަލިވި ނަމަވެސް ޝާޒްގެ އެ މެޗާ އެކު ގިނަ ބަޔަކަށް ލިބުނީ އިތުބާރާއި އުއްމީދެވެ. އެއީ ބައިނަލްއަގްވާމީ މައިދާނުގައި ކާމިޔާބީ ހޯދޭނެކަމުގެ އިތުބާރެވެ. ދުނިޔޭގެ މަތީ ފަންތީގެ ޗެމްޕިއަނުން ފަހަތަށް ޖައްސާލެވޭނެކަމުގެ އުއްމީދެވެ.

ޝާޒް ގަބޫލުކުރާ ގޮތުގައި ދިވެހިރާއްޖޭގައި އެ ފެންވަރުގެ ކުޅުންތެރިން އެބަތިއްބެވެ. ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއް ލިބި ގިނަ މެޗުތައް ކުޅުނު ވަރަކަށް ދިވެހި ކުޅުންތެރިންގެ ފެންވަރު މަތިވާނެކަމަށް އޭނާ ގަބޫލުކުރެ އެވެ.

"އަހަރުމެން، ރާއްޖޭގައި މި ކުޅެނީ ދުނިޔޭގެ އެންމެ މޮޅެތި ބޯޑުތަކުގައި އަޅާފަ ހުންނަ ފޮތީގައި، ދުނިޔޭގެ އެންމެ މޮޅު ބޯޅަ ސެޓުގައި، ދުނިޔޭގެ އެންމެ މޮޅެތި ކިއުތަކުގައި. އެހެންވީމަ ކީއްވެ ވަކި ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިން ބަލި ނުވާންވީ. މިހާރު އެންމެންނަށްވެސް އިނގޭ މިކަން ކުރެވޭނެކަން. އެންމެންގެ ކުރިމަތީގައި ދުނިޔޭގެ ޗެމްޕިއަނުން މި ކުޅުނީ. އެންމެ ބޮޑު ތަފާތަކީ ތަޖުރިބާ އެ މީހުންގެ. އޭގެއިން ގިނަ މެޗުތައް އެ އަނބުރާލަނީ" ޝާޒް ބުންޏެވެ.

ބިލިއާޑް ކުޅުންތެރިން ޝާޒްގެ ކާމިޔާބީ ފާހަގަކުރަން އޭނާ އުފުލާލައިގެން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ދިވެހި ގިނަ ކުޅުންތެރިންނަކީ އެކި ތަންތާނގައި ވަޒީފާ އަދާކުރާ ކުޅުންތެރިންނެވެ. ނަމަވެސް ކުރާ ފަރިތަކުރުންތަކާއި ލެވެލްއަށް ބަލާއިރު މިހާރު ބޮޑު ތަފާތެއް އެބަ ފެނެ އެވެ. ގިނަ ކުޅުންތެރިންގެ އެ ކުރިއެރުންވެސް ފެނިއްޖެ އެވެ. އަދި ކުރިއަށް އޮތް ތާނގައި އިތުރު ތަފާތު ހުނަރުތަކެއް ދިވެހި ކުޅުންތެރިން ދައްކާނެކަން އޭނާ އަށް ޔަގީނެވެ.

މޯލްޑިވްސް އޯޕަންގެ ތެރެއިން ދުނިޔޭގެ ޗެމްޕިއަނުންގެ މެޗުތައް ބަލައި އެ ކުޅުންތެރިންނާ ވާހަކަދައްކާލެވުމަކީ ވެސް ކުޅުމަށް ގިނަ ކުރިއެރުން އަންނާނެ ކަމެއްގެ ގޮތުގައި ޝާޒް ގަބޫލުކުރެ އެވެ. މި މުބާރާތުން ލިބުނު ގިނަ ފިލާވަޅުތަކާ އެކު ޝާޒް ހުރީ އިހުނަށްވުރެ ވަރުގަދަ އަޒުމެއްގަ އެވެ.

މޯލްޑިވްސް އޯޕަންއާ އެކު އޭނާ ވަނީ ދިވެހި އެހެން ކުޅުންތެރިންނަށް ވެސް އިތުބާރު ހޯދައިދީފަ އެވެ. އެ ގޮތުން، 16 އަހަރުގައި ބިލިއާޑް ބޯޑެއް ކައިރިއަށް ފުރަތަމަ ނިކުތް ޒުވާނާގެ މިހާރުގެ އުއްމީދަކީ ދިވެހި ރާއްޖެ އަށް މި ކުޅިވަރުން ބޮޑެތި ކާމިޔާބީތައް ހޯދައިދީ މެޑަލްތައް ހޯދައިދިނުމެވެ. އެއީ ނުބަލަންވީވަރުގެ ހުވަފެނެއް ނޫންކަން މޯލްޑިވްސް އޯޕަން އިން ފެނި، ޔަގީންވެއްޖެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox