ވެލެންސިއާގެ މައްޗަށް ކުރިހޯދައި މާޒިޔާ ލީޑުފުޅާކޮށްފި

Jul 6, 2022, 5:53 PM
ވެލެންސިއާގެ އަސްހަދު (ކ) މާޒިޔާގެ އައިސަމް ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ/ ސިމާހު

ވެލެންސިއާގެ އަސްހަދު (ކ) މާޒިޔާގެ އައިސަމް ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ/ ސިމާހު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ކްލަބް ވެެލެންސިއާގެ މައްޗަށް 1-0 އިން ކުރިހޯދައި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ލީގުގެ އެއް ވަނައިގައި ލީޑުފުޅާކޮށްފި އެވެ.

މިރޭގެ މޮޅާ އެކު މާޒިޔާ އިން ވަނީ އެއް ވަނައިގައި އަށް ޕޮއިންޓަށް ލީޑުފުޅާކޮށްފަ އެވެ. އެއީ 16 މެޗުން 45 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އީގަލްސް އަށް 15 މެޗުން ލިބިފައިވަނީ 37 ޕޮއިންޓެވެ. އީގަލްސް އިން މާދަމާރޭ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިކޮށްފިނަމަ މާޒިޔާގެ ލީޑުކުޑަވާނެ އެވެ.

މިއީ ވެލެންސިއާ އަތުން މި ސީޒަނުގައި މާޒިޔާ އިން ހޯދި ތިން ވަނަ މޮޅެވެ. ޕްރެޒިޑެންޓްސް ކަޕް ދެ މެޗުގައި ވެލެންސިއާ އިން މާޒިޔާ ބަލިކުރި އެވެ. އެކަމަކު، ލީގުގައި ވެލެންސިއާ އަތުން ތިން މެޗުގައި ވެސް މާޒިޔާ ވަނީ މޮޅުވެފަ އެވެ. އޭގެތެރެއިން އެއް މެޗަކީ ދެ ވަނަ ބުރުގައި ވެލެންސިއާ އަތުން 13-0 އިން މާޒިޔާ މޮޅުވި މެޗެކެވެ.

މާޒިޔާ އިން މިރޭގެ މެޗަށް ނުކުތްއިރު، ފުރަތަމަ އެގާރަ އަށް ގެނައި ބަދަލަކީ، ނޭޕާލްގެ ކީޕަރު ކިރަން ކުމާރް އަށް ފުރުސަތު ދިިނުމެވެ. ލީގު ބްރޭކަށް ފަހު އަލުން ފެށި ފަހުން މާޒިޔާ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުގައި ގޯލު ބެލެހެއްޓީ، އިޔާން އަބްދުލް އަލީމް (ޗިކީ) އެވެ. އަނެއް މެޗުގައި މާޒިޔާ ގޯލަށް ކުޅުނީ ގައުމީ ޓީމުގެ ކީޕަރު، ހުސެއިން ޝަރީފް (ހުސެން) އެވެ.

މާޒިޔާގެ ހަމްޕު ބޯޅަ ހިފައިގެންދަނީ: މިރޭގެ މެޗުގައި ހަމްޕު އަށް ގޯލު ޖަހާނެ ރަނުގެ ފުރުސަތެއް ލިބިފައިވޭ.-- ފޮޓޯ: އިމޭޖަސް،އެމްވީ/ ސިމާހު

ސަސްޕެންޝަނަށް ފަހު މާޒިޔާގެ މިޑްފީލްޑަރު އިބްރާހިމް އައިސަމް ޓީމަށް އެނބުރިއައިއިރު، ހައިޝަމް ހަސަން (ބިޑި) ވަނީ ދެ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޑްވެފަ އެވެ. އަދި މާޒިޔާގެ ލޯން އެއްބަސްވުމުގެ ދަށުން ވެލެންސިއާ އަށް ކުޅެމުން އަންނަ މުހައްމަދު އުމެއިރަށް މި މެޗުގައި ނުކުޅެވެ އެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން މާޒިޔާ އިން ވެލެންސިއާ ހާފްގެ ތެރޭގައި ބޯޅަ ހިފަހައްޓައިގެން ކުޅެން ފެށިއިރު، ވެލެންސިއާ ޓީމު ރާވާފައި އޮތީ ކައުންޓަ އެޓޭކަށް ވިސްނައިގެންނެވެ.

މެޗުުގެ 10 ވަނަ މިނިޓްގައި މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) ނެގި ހުރަހަކުން އެ ޓީމުގެ ސްޕެއިން މިޑްފީލްޑަރު ޓަނާ ޑޮމިންގޭޒް ޖެހި ވޮލީ ވެލެންސިއާ ކީޕަރު މުހައްމަދު ފައިސަލް ވަނީ މަތަކޮށްފަ އެވެ. ޖެހިގެން އައި ދެ މިނިޓް ތެރޭ މާޒިޔާގެ ސެއިން ވިންސެންޓް، ފޯވާޑް ކޮނޭލިއަސް އެޒެކީލް ސްޓެވާޓް (ކޯނޭ) ދެ ބޯޅަ ފޮނުވާލި އެވެ. އޭރިއާބޭރުން ޖެހި ޝޮޓް އަރިމަތީ ދަނޑިއަށް އަމާޒުވިއިރު، އޭރިއާތެރެއަށް ވަދެ ޖެހި ބޯޅަ އަމާޒުވީ ކީޕަރު ފައިސަލް އަތަށެވެ.

މާޒިޔާ އިން ކުރަމުންދިޔަ އެޓޭކްތަކުގެ ނަތީޖާ ފެނުނީ މެޗުގެ 39 ވަނަ މިނިޓްގަ އެވެ. މާޒިޔާ އަށް ގޯލު ޖަހައިދިނީ ކޯނޭ އެވެ. މިއީ ހަމްޕު އަށް އަރިމަތިން ލިބުނު ފުރުސަތެއްގައި ނެގި ހުރަހަކުން ކޯނޭ ފުއްމައިގެން އަރައި ބޮލުން ޖެހި ގޯލެކެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ފަސް މިނިޓް ތެރޭ މާޒިޔާ އިން ރަނގަޅު އެޓޭކެއް ކުރި އެވެ. ޓަނާ ނެގި ކޯނަރެއްގައި ސަމޫހު އަލީ (ސަމުއްޓެ) ބޮލުން ޖައްސާލި ބޯޅަ އެ ޓީމުގެ ސާބިއާ ޑިފެންޑަރު، ނަމާންޏާ ކާޓާލް ބޮލުން ޖެހުމުން ކީޕަރު ފައިސަލް އަތުގައި ޖެހިފައި ދޫވި ބޯޅަ މާޒިޔާ ކުޅުންތެރިއަކަށް ލިބުމުގެ ކުރިން ވެލެންސިއާގެ ޑިފެންޑަރު އަބްދުﷲ ހަނީފް (ބެންޖޯ) ވަނީ ސަލާމަތްކޮށްފަ އެވެ.

މެޗުގެ 63 ވަނަ މިނިޓްގައި ކޯނޭ އޭރިއާތެރެއިން ހުސްކޮށްލާފައި ހަމްޕު އަށް ދިން ފުރުސަތުގައި އޭނާ ޖެހި ބޯޅަ ކީޕަރު ފައިސަލް ވަނީ އަތަށް ނަގައިފަ އެވެެ. އޭގެ ފަހުން މާޒިޔާ އިން ވަނީ ނާއިޒު ހަސަން (ދާދު)ގެ ބަދަލުގައި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ކުޅެން އަރުވައިފަ އެވެ. މެޗުގެ 70 ވަނަ މިނިޓްގައި ޓަނާ ދިން ބޯޅައެއް އޭރިއާތެރެއިން ހޯދައި، ފޭދޫ އިއްބެ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑި މަތިންނެވެ.

މާޒިޔާގެ އައިސަމް މެޗުގެ 77 ވަނަ މިނިޓްގައި، ވެލެންސިއާގެ އޭރިއާތެރެއިން ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. އޭގެ ތިން މިނިޓް ފަހުން ކޯނޭ އަށް އޭރިއާތެރެއިން މުޅިން ހުސްކޮށް ކަހަލަ ގޮތަކަށް ލިބުނު ފުރުސަތުން ޖެހި ޝޮޓް ދިޔައީ ހުރަސްދަނޑިމަތިންނެވެ. އަދި ބެންޖޯ އަތުން ގެއްލުނު ބޯޅައެއް ހަމްޕު އަށް ގޯލު ކުރިމަތިން ލިބުމުން ޖެހި ބޯޅަ ވެސް ދިޔައީ ހުރަސްދަނޑި މަތިންނެވެ.

ވެލެންސިއާ އިން މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ އިތުރު ވަގުތުގައި އެ ޓީމުގެ އަސްހަދު އަލީ (އަޑޭ) އަށް ރަތް ކާޑު ދެއްކުމުންނެވެ. އަޑޭ އަށް ރަތް ކާޑު ދެއްކީ މާޒިޔާގެ ހަސަން ޝިފާޒް (ޑުންގާ) އަށް ނުރައްކާތެރި ފައުލެއް ކުރުމުންނެވެ. މެޗުގެ ތެރެއިން މިރޭ އަޑޭ ކުރި ގިނަ ފައުލުތަކަކަށް ކާޑު ނުދައްކައި، ރެފްރީ ސިނާން ހުސެއިން ދޫކޮށްލި ނަމަވެސް ޑުންގާ އަށް ކުރި ފައުލަށް ވަނީ ސީދާ ރަތެއް ދައްކައިފަ އެވެ.

މިރޭގެ ނަތީޖާ އަށް ފަހު ވެލެންސިއާ، ލީގުގެ ތިން ވަނައިގައި އޮތީ 16 މެޗުން 22 ޕޮއިންޓާ އެކު އެވެ. އެކަމަކު، މާދަމާ ހަވީރު ޓީސީ ސްޕޯޓްސް ކްލަބުން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން މޮޅުވެއްޖެނަމަ ވެލެންސިއާ އަށް ތިން ވަނަ މަގާމު ގެއްލޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox