ޕެނަލްޓީ ޖަހައިގެން ޗެލްސީ ބަލިކޮށް ލިވަޕޫލުން އެފްއޭ ކަޕް ވެސް ކާމިޔާބުކޮށްފި

May 14, 2022, 7:21 PM
ލިވަޕޫލުން އެފްއޭ ކަޕް ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލިވަޕޫލުން އެފްއޭ ކަޕް ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (މެއި 14) - ޕެނަލްޓީ ޖަހައިގެން 5-6 އިން ޗެލްސީ ބަލިކޮށް ލިވަޕޫލުން އަށް ވަނަ ފަހަރަށް އިނގިރޭސި އެފްއޭ ކަޕްގެ ޗެމްޕިއަންކަން މިރޭ ހޯދައިފި އެވެ.

ލިވަޕޫލުން އެފްއޭ ކަޕް މި ހޯދީ 16 އަހަރު ފަހުންނެވެ. އެންމެ ފަހުން ހޯދީ 2006 ވަނަ އަހަރު އެވެ. އޭގެ ފަހުން 2012 ވަނަ އަހަރުގެ ފައިނަލުގައި ޗެލްސީ އަތުން ވީ ބައްޔެވެ.

މިދިޔަ ފެބްރުއަރީ މަހު ލިވަޕޫލުން އިނގިރޭސި ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 11-10 އިން ޗެލްސީ ބަލިކޮށްގެންނެވެ. ލިވަޕޫލުން ވަނީ 2019 ވަނަ އަހަރުގެ ޔުއެފާ ސުޕަ ކަޕް ފައިނަލުގައި ވެސް ޕެނަލްޓީ ޖަހައިގެން ޗެލްސީ ބަލިކޮށްފަ އެވެ. ލިވަޕޫލުން މި ވަނީ ޖެހިޖެހިގެން ތިން ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ޗެލްސީ ބަލިކޮށްފަ އެވެ. އަނެއްކޮޅުން ޗެލްސީ މި ވަނީ ޖެހިޖެހިގެން އެފްއޭ ކަޕްގެ ފައިނަލުން ތިން ފަހަރު ބަލިވެފަ އެެވެ. މިދިޔަ ދެ އަހަރު ބަލިވީ ލެސްޓާ ސިޓީ އާއި އާސެނަލް އަތުންނެވެ.

ލީގު ކަޕެކޭ އެއްގޮތަށް މިރޭ ވެސް 120 މިނިޓްގެ ކުޅުން ނިމުނުއިރު، އޮތީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ.

މެޗު ފަށައިގެން ފުރަތަމަ 20 ވަރަކަށް މިނިޓް ލިވަޕޫލުން މެޗުގެ ކޮންޓްރޯލް މުޅިން އެއްކޮށް ކަހަލަ ގޮތަކަށް ނަގައިގެން ގޯލެއް ޖެހުމާ ގާތަށް ޖެހިލި އެވެ. އެ ގޮތުން ލިވަޕޫލްގެ ލުއިޒް ޑިއާޒް ޖެހި ބޯޅައެއް ޗެލްސީ ކީޕަރު އެޑޮއާޑް މެންޑީ ވަނީ މަތަކޮށްފަ އެވެ. ނަބީ ކެއިޓާ ޖެހި ބޯޅަ އަރިމަތިން ބޭރުންދިޔައިރު، ތިއާގޯ އަލްކަންޓާރާ ޖެހި ޝޮޓެއް ވަނީ ބްލޮކްވެފަ އެވެ.

ޗެލްސީ މަޑުމަޑުން މެޗުގެ ތެރެއަށް ވަދެ ފުރަތަމަ ހާފުގައި ރަނގަޅު ދެ ހަމަލާއެއް ފޮނުވާލި އެވެ. އެ ގޮތުން މާކޯސް އަލޮންސޯ ޖެހި ބޯޅައެއް ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ މަތަކުރިއިރު، ކްރިސްޓިއަން ޕުލިސިޗް ޖެހި ބޯޅަދިޔައީ އަރިމަތިން ބޭރުންނެވެ. ކައި ހަވާޓްޒް އަނިޔާގެ ސަބަބުން ނުކުޅޭތީ ޗެލްސީގެ އެޓޭކް ލީޑުކުރީ ރޮމެލޫ ލުކާކޫ އެވެ. އޭނާ އަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ.

ޗެލްސީގެ ރީސް ޖޭމްސް (ވ) ކައިރިން ލިވަޕޫލްގެ ޑިއާޒް ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ

ލިވަޕޫލަށް މައްސަލަ ދިމާވީ ފުރަތަމަ ހާފުގައި އެ ޓީމުގެ މުހައްމަދު ސަލާހު އަނިޔާވެގެން ބަދަލުކުރަން ޖެހުމުންނެވެ. އަނިޔާގެ ސަބަބުން ފަބީނިއޯ ވެސް މި މެޗުގައި ނުކުޅެ އެވެ.

ދެ ވަނަ ހާފް ފަށައިގެން ޗެލްސީން ނުރައްކާ ކުރަމުންދިޔައިރު، އެ ޓީމުގެ އަލޮންސޯ ޖެހި ހިލޭ ޖެހުމެއް ގޯލުގެ ހުރަސްދަނޑިއަށް ވަނީ އަމާޒުވެފަ އެވެ. މެޗުގެ 90 މިނިޓް ތެރޭ ލިވަޕޫލް މޮޅުކޮށްދޭން ޑިއާޒް ޖެހި ބޯޅައެއް ދަނޑީގައި ޖެހުނުއިރު، އެންޑީ ރޮބަޓްސަން ހުސްކޮށް އަރައި ޖެހި ބޯޅަ ވެސް އަމާޒުވީ ދަނޑިއަށެވެ.

އިތުރު ވަގުތުގެ ދެ ހާފް ކުޅެން ލިވަޕޫލުން ނުކުތީ ވާޖިލް ވެން ޑައިކްގެ ބަދަލުގައި ޖޮއެލް މަޓިޕް ކުޅެން އަރުވައިގެންނެވެ. ދެ ޓީމުން ވެސް ރިސްކު ނުނަގައި، އިތުރު ވަގުތުގެ ދެ ހާފް ކުޅުނުއިރު، މެޗުގެ ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.

ޕެނަލްޓީގައި ފުރަތަމަ ޗެލްސީގެ އަލޮންސޯ ކާމިޔާބުކުރި އެވެ. ލިވަޕޫލްގެ ޖޭމްސް މިލްނާ ވަނީ ފުރަތަމަ ޕެނަލްޓީ ވައްދާލައިފަ އެވެ. ޗެލްސީ އަށް ދެ ވަނަ ޕެނަލްޓީ ފޮނުވާލަން ދިޔަ ސެޒާ އަޒްޕިލިކުއޭޓާ ޖެހި ޕެނަލްޓީ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އޭގެ ފަހުން ޗެލްސީގެ ރީސް ޖޭމްސް، ރޮސް ބާކްލޭ އަދި ޖޯޖީނިއޯ ޖެހި ޕެނަލްޓީ ކާމިޔާބުކުރިިއިރު، ލިވަޕޫލްގެ ތިއާގޯ، ރޮބާޓޯ ފިރްމީނޯ އަދި ޓްރެންޓް އަލެކްސަންޑާ އާނޯލްޑް ވަނީ ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ. ލިވަޕޫލް މޮޅުކޮށްދޭން ފަސް ވަނަ ޕެނަލްޓީ ޖަހަންދިޔަ ސަޑިއޯ މާނޭ ޖެހި ބޯޅަ ޗެލްސީ ކީޕަރު މެންޑީ މަތަކޮށް އެ ޓީމަށް އަލުން ފުރުސަތު ހޯދައިދިނެވެ. މާނޭ އާއި މެންޑީ އަކީ ސެނެގާލް ގައުމީ ޓީމު ދެ ކުޅުންތެރިންނެވެ.

މޮޅުވި ޕެނަލްޓީ ޖެހުމަށް ފަހު ލިވަޕޫލް ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ފުރަތަަމަ ފަސް ޕެނަލްޓީގައި ނަތީޖާއެއް ނުނިކުތުމުން ދެން ޗެލްސީން ޖެހި ޕެނަލްޓީ ހަކީމް ޒިޔެޗް ކާމިޔާބުކުރި އެވެ. ލިވަޕޫލްގެ ޑިއޯގޯ ޖޮޓާ ޕެނަލްޓީ ވައްދާލިއިރު، ދެން ޗެލްސީން ޖަހަން ދިޔަ މޭސަން މައުންޓް ޖެހި ޕެނަލްޓީ ކީޕަރު އެލިސަން މަތަކުރި އެވެ. ލިވަޕޫލް މޮޅުކޮށްދޭން ލިބުނު ފުރުސަތުގެ ބޭނުންހިފައި، ކޮސްޓާސް ސިމިކާސް ވަނީ ހަތް ވަނަ ޕެނަލްޓީ ވައްދާލައިފަ އެވެ. ސިމިކާސް ކުޅެން އެރީ އިތުރު ވަގުތުގެ ދެ ވަނަ ހާފުގައި ރޮބަޓްސަންގެ ބަދަލުގަ އެވެ.

ލިވަޕޫލްގެ ކޯޗުކަމާ 2015 ވަނަ އަހަރު ހަވާލުވި ޔާގަން ކްލޮޕް މި ވަނީ އެ ޓީމާ ހަވާލުވި ފަހުން ބޮޑު ހަ މުބާރާތް ކާމިޔާބުކޮށްފަ އެވެ. އެ ގޮތުން އިނގިރޭސި ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގާއި ކްލަބް ވޯލްޑް ކަޕާއި ޔުއެފާ ސުޕަ ކަޕް، އިނގިރޭސި ލީގު ކަޕް އަދި އެފްއޭ ކަޕް މި ވަނީ ހޯދައިފަ އެވެ. މި ސީޒަނުގައި ހަތަރު ތަށި ހޯދުމުގެ އަމާޒުގައި އޮތް ލިވަޕޫލް ލީގުގެ ދެ ވަނައިގައި އޮތްއިރު، މި މަހު 28 ވަނަ ދުވަހު ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރެއާލް މެޑްރިޑާ ކުޅޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox