ޔޫރޮޕާ ލީގު: ސެމީގެ ފުރަތަމަ ލެގުގައި ލައިޕްޒިގާއި ފްރޭންކްފާޓް މޮޅުވެއްޖެ

Apr 28, 2022, 9:28 PM
ފްރޭންކްފާޓްގެ ޔަމާޑާ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ފްރޭންކްފާޓްގެ ޔަމާޑާ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (އޭޕްރީލް 29) - ޔޫރޮޕާ ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައި އާރްބީ ލައިޕްޒިގުން 1-0 އިން ރޭންޖާސް ބަލިކުރިއިރު، ރަށުންބޭރުގައި ވެސްޓް ހޭމް ޔުނައިޓެޑް އަތުން 2-1 އިން އައިންޓްރަކްޓް ފްރޭންކްފާޓް މޮޅުވެއްޖެ އެވެ.

އަންނަ ހަފްތާގައި ކުޅޭ ދެ ވަނަ ލެގުން އެއްވަރުކޮށްލައިގެން ވެސް ލައިޕްޒިގާއި ފްރޭންކްފާޓަށް ފައިނަލުން ފުރުސަތު ހޯދޭނެ އެވެ.

ބާސެލޯނާ ކަޓުވާލުމަށް ފަހު ސެމީ ފައިނަލުން ފުރުސަތު ހޯދި ފްރޭންކްފާޓް ވަނީ މިރޭ ލަންޑަން ސްޓޭޑިއަމްގައި ވެސްޓް ހޭމް ކައިރީގައި ވެސް މޮޅަށް ކުޅެފަ އެވެ. މެޗުގެ ފުރަތަމަ މިނިޓްގައި އަންސްގާ ކަނެއުފް ވަނީ ފްރޭންކްފާޓަށް ލީޑުނަގައިދީފަ އެވެ. އެކަމަކު، މެޗުގެ 21 ވަނަ މިނިޓްގައި ކާޓް ޒޫމާ ދިން ބޯޅައަކުން މިކޭލް އެންޓޯނިއޯ ވަނީ ވެސްޓް ހޭމަށް އެއްވަރުކޮށްދީފަ އެވެ.

ފްރޭންކްފާޓްގެ ޓޫރޭ (ވ) ކައިރިން ވެސްޓް ހޭމްގެ ބޮވެން ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އޭއެފްޕީ

ފްރޭންކްފާޓުން ރަނގަޅަށް ކުޅެގެން ދެ ވަނަ ހާފުގައި އަލުން ލީޑުނެގި އެވެ. އެ ޓީމުގެ ގޯލު ޖެހީ މެޗުގެ 54 ވަނަ މިނިޓްގައި ޖަޕާންގެ މިޑްފީލްޑަރު ޑައީޗީ ޔަމާޑާ އެވެ. އޭގެ ފަހުން އިތުރު ގޯލެއް ޖަހަން ޔަމާޑާ އަށް ފުރުސަތު ލިބުނު ނަމަވެސް ގޯލަކަށް ހަދައިލެވޭ ގޮތެއްނުވި އެވެ.

ވެސްޓް ހޭމަަށް ދެ ވަނަ ފަހަރަށް އެއްވަރުކޮށްދޭން އެ ޓީމުގެ ތަރި ޖެރޮޑް ބޮވެން ޖެހި އެކްރަބެޓިކް ކިކް އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. އޭގެ އިތުރުން ވެސް ގޯލު ކުރިމައްޗަށް ހުރަސްކޮށްގެން ވެސްޓް ހޭމް އިން ދެ ވަނަ ގޯލެއް ޖެހޭތޯ ގިނަ ގޮތްގޮތުން ބެލި ނަމަވެސް އޭގެއިން ފުރުސަތެއް ގޯލަކަށް ހަދައިނުލެވުނެވެ.

ސެމީގެ އަނެއް މެޗުގައި ލައިޕްޒިގުން އަމިއްލަ ދަނޑުގައި މޮޅެއް ހޯދަން ގިނަ އެޓޭކްތަކެއްކޮށް، ލަނޑެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުވީ މެޗު ނިމެން ފަސް މިނިޓަށް ވެފައި ހުއްޓަ އެވެ. މިއީ އެ ޓީމަށް ކުޅޭ ވާތު ފުލްބެކް، އެންޖެލީނިއޯ ޖެހި ގޯލެކެވެ.

ރޯމާ އާއި ލެސްޓާ އެއްވަރު، ފެޔަނޫޑަށް މާސޭ އަތުން މޮޅެއް

ޔުއެފާ ކޮންފަރެންސް ލީގުގެ ސެމީ ފައިނަލް ދެ މެޗު ވެސް މިރޭ ވަނީ ކުޅެފަ އެވެ. ފެޔަނޫޑުން އަމިއްލަ ދަނޑުގައި ފޯރިގަދަ މެޗަކަށް ފަހު 3-2 އިން ފްރާންސްގެ މާސޭ ބަލިކުރިއިރު، ހޯސޭ މޮރީނިއޯ ކޯޗުކޮށްދޭ ރޯމާ ވަނީ ރަށުންބޭރުގައި ލެސްޓާ ސިޓީއާ 1-1 އިން އެއްވަރުކޮށްފަ އެވެ.

ލެސްޓާގެ އެވާންސް (ކ) ކައިރިން ރޯމާގެ ޓެމީ އަބްރަހަމް ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ

ފެޔަނޫޑުން ވަނީ މިރޭ މާސޭއާ ދެކޮޅަށް 20 މިނިޓް ތެރޭ ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. އެ ޓީމުގެ ފުރަތަމަ ގޯލު މެޗުގެ 18 ވަނަ މިނިޓްގައި ޖެހީ ސީިރިއާލް ޑެސާސް އެވެ. އޭގެ ދެ މިނިޓް ފަހުން، ލުއިސް ސިނިސްޓޭރާ ވަނީ ފެޔަނޫޑްގެ ލީޑުފުޅާކޮށްދީފަ އެވެ.

އެކަމަކު، ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން މާސޭ އިން ވަނީ ދެ ގޯލު ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. މެޗުގެ 28 ވަނަ މިނިޓްގައި މާސޭގެ ފުރަތަމަ ގޯލު ޖެހީ އަހުމަދޫ ބަމްބާ ޑިއެންގް އެވެ. އަދި އޭގެ 12 މިނިޓް ފަހުން ޖާސަން ވަނީ ގޯލެއް ޖަހައި، މާސޭ އަށް އެއްވަރުކޮށްދީފަ އެވެ. މާސޭގެ ޑިމިޓްރީ ޕަޔެޓަށް ގޯލެއް ޖެހޭގޮތްނުވީ ފެޔަނޫޑް ކުޅުންތެރިން އޭނާ އަށް ހާއްސަ ސަމާލުކަމެއް ދީގެން ކުޅުމުންނެވެ.

މެޗުން ފެޔަނޫޑް މޮޅުވި ގޯލު ޖެހީ ދެ ވަނަ ހާފްގެ ފުރަތަމަ މިނިޓްގައި ޑެސާސް އެވެ. މާސޭ އަށް ދެ ވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަކުުރުމުގެ ފުރުސަތު ނުދީ ފެޔަނޫޑުން ރަނގަޅަށް ޑިފެންސްކުރި އެވެ.

ރޯމާ އިން ލެސްޓާ ދަނޑުގައި ރަނގަޅަށް ކުޅެ ފުރަތަމަ ލީޑުނެގި އެވެ. ރޯމާގެ ގޯލު ޖެހީ މެޗުގެ 15 ވަނަ މިނިޓްގައި ނިކޯލަ ޒަލޭސްކީ ދިން ބޯޅައަކުން ލޮރެންޒޯ ޕެލެގްރީނީ އެވެ. ޕެލެގްރީނީ ތިރިތިރިން ޖެހި ބޯޅަ ލެސްޓާގެ ކީޕަރު ކެސްޕާ ޝްމައިކަލް އަށް ނުހުއްޓުވުނެވެ.

ބްރެންޑަން ރޮޖާސްގެ ކޯޗުކަމުގައި މި ފަހަރު ކޮންފަރެންސް ލީގުގެ ނޮކައުޓް ބުރުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ލެސްޓާ އިން އެއްވަރުކުރީ މެޗުގެ 67 ވަނަ މިނިޓްގަ އެވެ. ލެސްޓާގެ ހާވީ ބާންސް ނެގި ހުރަހެއް އެ ޓީމުގެ އަޑެމޯލާ ލުކްމަން ޖެހިޔަނުދޭން ކުރި މަސައްކަތުގެ ތެރޭގައި ރޯމާގެ ޑިފެންޑަރު ޖިއަންލޫކާ މަންޗިނީ އަތުން ވަނީ ބައިކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox