ވެލެންސިއާ ކޮޅަށް 13 ގޯލު ޖަހައި މާޒިޔާ އެއް ވަނަ އަށް

Apr 17, 2022, 6:50 PM
ވެލެންސިއާ ކޮޅަށް ގޯލު ޖެހުމަށް ފަހު ހަމްޕު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ވެލެންސިއާ ކޮޅަށް ގޯލު ޖެހުމަށް ފަހު ހަމްޕު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބް ވެލެންސިއާ އަތުން 13-0 އިން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަލުން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

މާޒިޔާގެ ގޯލުތައް ޖެހީ ހަމްޒާ މުހައްމަދު (ހަމްޕު) ހަތަރު ގޯލު، ސެއިން ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް ދެ ގޯލު، ނާއިޒު ހަަސަން (ދާދު) ހެޓްރިކް، ސްޕެއިންގެ މިޑްފީލްޑަރު ޓަނާ ޑޮމިންގޭޒް ދެ ގޯލު އަދި އިބްރާހިމް އައިސަމް ގޯލެކެވެ. އަނެއް ގޯލަކީ ވެެލެންސިއާގެ ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

މިރޭގެ މެޗަކީ 2019 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އިން ފ.ނިލަންދޫ ކޮޅަށް ލީގުގައި ހޯދި މޮޅާ އެއްވަރުގެ ސްކޯ އެކެވެ.

ލީގުގައި ރޭ ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް ކްލަބް އީގަލްސް ވަނީ ލީގުގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. އެކަމަކު، މިރޭ ވެލެންސިއާ އަތުން ހޯދި ތަފާތު ބޮޑު މޮޅާ އެކު މާޒިޔާ ވަނީ އަލުން އެއް ވަަނަ އަށް އަރައިފަ އެވެ. މާޒިޔާ އަށް ނުވަ މެޗުން ވަނީ 24 ޕޮއިންޓް ލިބިފަ އެވެ. އީގަލްސް ދެ ވަނައިގައި އޮތީ ނުވަ މެޗުން 22 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ވެލެންސިއާ އަށް ވަނީ ނުވަ މެޗުން 13 ޕޮއިންޓް ލިބިފަ އެވެ.

މިއީ ވެލެންސިއާ އިން ފުރަތަމަ ޑިވިޝަނުގައި ބަލިވި އެންމެ ތަފާތު ބޮޑު ނަތީޖާ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން ފުރަތަމަ މިނިޓުން ފެށިގެން މާޒިޔާ އިން ވަނީ ވެލެންސިއާ އަށް ޕްރެޝަރު ކުރަން ފަށައިފަ އެވެ. މެޗުގެ ދެ ވަނަ މިނިޓްގައި މާޒިޔާގެ ދާދު ޖެހި ބޯޅައެއް ވެެލެންސިއާ ކުޅުންތެރިއަކު ގައިގައި ޖެހިފައި ދިޔައީ ބޭރުންނެވެ. މެޗުގެ ހަ ވަނަ މިނިޓްގައި މާޒިޔާގެ ސްޕެއިން މިޑްފީލްޑަރު ޓަނާ ޑޮމިންގޭޒް ޖެހި ބޯޅަ ވެލެންސިއާ ކީޕަރު ތޮލާލް ހަސަން (ޓޮޕްލަކް) ވަނީ ފައިން މަތަކޮށްފަ އެވެ.

މާޒިޔާ އިން ލީޑުނެގީ މެޗުގެ 11 ވަނަ މިނިޓްގައި ކޯނޭ ޖެހި ގޯލުންނެވެ. މިއީ ވެލެންސިއާ ކުޅުންތެރިއަކު އަތުގައި ބޯޅަ ޖެހުމުން ދިން ޕެނަލްޓީއަކުން ކޯނޭ ވައްދާލި ގޯލެކެވެ. އޭގެ އެއް މިނިޓް ފަހުން ހަމްޕު ވަނީ މާޒިޔާގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ. މެޗުގެ 16 ވަނަ މިނިޓްގައި ހަމްޕު އޭރިއާތެރެއަށް ވަދެ ފޮނުވާލި ބޯޅަ ކީޕަރު ޓޮޕްލަކް އަތުގައި ޖެހިފައި އެ ޓީމުގެ ސަމްދޫހު މުހައްމަދު ގައިގައި ޖެހިފައި ވަނީ ބައިކޮޅަށެެވެ. އެކަމަކު،

ފުލުފުލުގައި މާޒިޔާގެ އެޓޭކްތައް ފެނުނުއިރު، މެޗުގެ 21 ވަނަ މިނިޓްގައި ދާދު ޖެހި ބޯޅައެއް ޓޮޕްލަކް ވަނީ މަތަކޮށްފަ އެވެ. އެކަމަކު، އޭގެ ތިން މިނިޓް ފަހުން ހަމްޕު އޭރިއާބޭރުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ހަމްޕު ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ފުރަތަަމަ ހާފުގައި ވެލެންސިއާ އިން ފޮނުވާލި ހަމަައެކަނި ހަމަލާ ފެނުނީ މެޗުގެ 28 ވަނަ މިނިޓްގަ އެވެ. ހިލޭޖެހުމަކުން އެ ޓީމުގެ ސްޕެއިން ފޯވާޑް ބޯހާސް މާޓިން ޖެހި ބޯޅަ މާޒިޔާ ކީޕަރު ނޭޕާލްގެ ކިރަން ކުމާރް ޝެމްޝޮން ވަނީ މަތަކޮށްފަ އެވެ. އެ ބޯޅަ ކުޅުމުގެ ތެރެއަށް އައިސް، ވެލެންސިއާގެ ސަމްދޫހު އަށް ލިބުމުން އޭރިއާބޭރުން ޖެހި ބޯޅަ އަމާޒުވީ އަރިމަތީ ދާގަނޑަށެވެ.

މެޗުގެ 29 ވަަނަ މިނިޓްގައި މާޒިޔާގެ ޓަނާ ޖެހި ބޯޅައެއް ވެލެންސިއާގެ ޑިފެންޑަރު އަމްދާން އަލީ (އެންޑީ) ވަނީ ގޯލު ރޮނގުމަތިން ސަލާމަތްކޮށްފަ އެވެ. އޭގެ ދެ މިނިޓް ފަހުން އޭރިއާތެރެއިން ލިބުނު ބޯޅައެއް ގޯލުގެ ދުރު ކަނަށް ފޮނުވާލައި، ހަމްޕު ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށް، މާޒިޔާގެ ފަސް ވަަނަ ގޯލު ޖަހައިފަ އެވެ.

މާޒިޔާ އިން ހަ ވަނަ ގޯލު ޖެހީ މެޗުގެ 39 ވަނަ މިނިޓްގަ އެވެ. މާޒިޔާގެ ފުލްބެކް، ހައިޝަމް ހަސަން (ބިޑި) ހުސްކޮށްލާފައި ދިން ބޯޅައަކުން އިބްރާހިމް އައިޝަމް ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާ އިން ވަނީ ހަތް ވަނަ ގޯލެއް ވެސް ޖަހައިފަ އެވެ. މިއީ ވެލެންސިއާ ޑިފެންސް ފަހަތަށް މަތިން އައި ބޯޅައެއް ކޮންޓްރޯލް ކޮށްލުމަށް ފަހު އޭރިއާތެެރެއަށް ވަދެ ހަމަޖެހިލާފައި ހަމްޕު ޖެހި ގޯލެކެވެ.

މާޒިޔާ އިން ދެ ވަނަ ހާފް ފެށީ ސާބިއާގެ ޑިފެންޑަރު ނަމާންޏާ ކާޓާލްގެ ބަދަލުގައި އަކުރަމް އަބްދުލް ގަނީ (އަކޫ) ކުޅެން އަރުވައިގެންނެވެ.

ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ދެ މިނިޓް ތެރޭ މާޒިޔާ އިން އަށް ވަނަ ގޯލެއް ޖެހި އެވެ. މުހައްމަދު އިރުފާން (އިރޭ) ނެގި ހުރަހަކުން ކޯނޭ ވަނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. މެޗުގެ 52 ވަނަ މިނިޓްގައި މާޒިޔާ އިން ވަނީ ނުވަ ވަނަ ގޯލެއް ޖަހައިފަ އެވެ. މިއީ އައިޝަމް ޖެހި ބޯޅައެއް ކީޕަރު ޓޮޕްލަކް އަތުގައި ޖެހިފައި ނުކުތް ރީބައުންސް ބޯޅައިން ޓަނާ ޖެހި ގޯލެކެވެ. އޭގެ ތިން މިނިޓް ފަހުން މާޒިޔާ އިން ވަނީ 10 ވަނަ ގޯލެއް ޖަހައިފަ އެވެ. މިއީ ކޯނޭ ނެގި ހުރަހަކުން ދާދު ޖެހި ގޯލެކެވެ.

އޭގެ ފަހުން ވެލެންސިއާ އިން ކޮންމެ ވެސް ވަރަކަށް ކުރިއަށް ޖެހިގެން ކުޅެން ފަށައިފަ އެވެ. އެކަމަކު، ދެން ވެސް ފުރުސަތެއް ތަނަވަސްކޮށް ގޯލު ޖެހީ މާޒިޔާ އިންނެވެ. މެޗުގެ 65 ވަނަ މިނިޓްގައި މާޒިޔާގެ 11 ވަނަ ގޯލު ޖެހީ ދާދު އެވެ. މިއީ ކޯނޭ ހުރަސްކޮށްލި ބޯޅައަކުން ދާދު ޖެހި ގޯލެކެވެ.

މާޒިޔާ އަށް 12 ވަނަ ގޯލެއް ޖަހައިދޭން ކޯނޭ އާއި ހައިޝަމް ފޮނުވާލި ދެ ބޯޅައެއް ޓޮޕްލަކް ވަނީ މަތަކޮށްފަ އެވެ. މާޒިޔާ އިން 12 ވަނަ ގޯލު ޖެހީ މެޗުގެ 81 ވަނަ މިނިޓްގަ އެވެ. މިއީ އޭރިއާތެރެއިން ޓަނާ ތިރިތިރިން ޖެހި ގޯލެކެވެ.

ކައުންޓަ އެޓޭކެއްގައި މެޗުގެ 88 ވަނަ މިނިޓްގައި ވެލެންސިއާ އިން ރަނގަޅު ފުރުސަތެއް ހޯދި އެވެ. ހުސެއިން ހަނާން (ޖޯ) ހުސްކޮށްލާފައި އޭރިއާތެރެއިން ބޯހާސް އަށް ދިން ބޯޅަ ފޮނުވާލުމުން ދިޔައީ ހުރަސްދަނޑިމަތިންނެވެ. އޭގެ މިނިޓެއް ފަހުން ދާދު ވަނީ ގޯލެއް ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށް، މާޒިޔާގެ 13 ވަނަ ގޯލު ޖަހައިފަ އެވެ.

މެޗުގެ އިތުރު ވަގުތުގައި ވެލެންސިއާ އަށް ލަނޑެއް ޖަހަން ލިބުނު ޕެނަލްޓީން ބޯހާސް ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox