ނަތީޖާ ނެރުނީ ވެލެންސިއާ، އެހެން ވާހަކައެއް މުހިންމެއް ނުވާނެ: ޕަރޯ ކޯޗު

Apr 6, 2022, 9:53 AM
ރޭގެ މެޗުގައި ޕަރޯ ކޮޅަށް ވެލެންސިއާގެ ބޯހާސް އެ ޓީމު މޮޅުކޮށްދިން ގޯލު ޖަހަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރޭގެ މެޗުގައި ޕަރޯ ކޮޅަށް ވެލެންސިއާގެ ބޯހާސް އެ ޓީމު މޮޅުކޮށްދިން ގޯލު ޖަހަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި ރޭ އިތުރު ވަގުތުގެ ދެ ހާފް ކުޅެގެން ކްލަބް ވެލެންސިއާ އިން ބޫޓާންގެ ޗެމްޕިއަން ޕަރޯ އެފްސީ ބަލިކުރި މެޗުގައި އެ ޓީމަށް ވެސް މޮޅުވާން ފުރުސަތު ލިބުނު ކަމަށާއި އެކަމަކު ނަތީޖާ ނެރުނީ ވެލެންސިއާ ކަމަށް ވާތީ އެހެން ވާހަކަތަކެއް މި ވަގުތު މުހިންމެއް ނުވާނެ ކަމަށް ޕަރޯގެ ކޯޗު ޕުޝްޕާލާލް ޝަރްމާ ބުނެފި އެވެ.

ރޭގެ މެޗުގެ 90 މިނިޓް ހަމަވިއިރު ވެލެންސިއާ އާއި ޕަރޯ އޮތީ 1-1 އިން އެއްވަރުވެފަ އެވެ. ވެލެންސިއާ މޮޅުވީ އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ވައްދާލި ގޯލުން 2-1 އިންނެވެ. މި މެޗުގައި ޕަރޯ އަށް ވެސް މޮޅުވާން ފުރުސަތު ލިބުނެވެ. އެކަމަކު، ދެ ވަނަ ގޯލެއް ނުޖެހި، ވެލެންސިއާ އިން ފުރުސަތުގެ ބޭނުންހިފައި ގޯލެއް ޖަހައި ކޮލިފައިން ދެ ވަނަ ބުރުން ފުރުސަތު ހޯދީ އެވެ.

މިހާތަނަށް ބޫޓާން ކްލަބްތަކުން ތިން ފަހަރެއްގެ މަތިން ވަނީ ރާއްޖޭގެ ކްލަބްތަކާ ދެކޮޅަށް އޭއެފްސީ ކަޕްގައި މާލޭގައި ކުޅެފަ އެވެ. އެ ގޮތުން 2017 ވަނަ އަހަރު ތިމްޕޫ ސިޓީ ވަނީ ގަލޮޅު ދަނޑުގައި ވެލެންސިއާ އަތުން 3-0 އިން ބަލިވެފަ އެވެ. އަދި މިދިޔަ އަހަރު ރާއްޖޭގެ ކްލަބް އީގަލްސް އަތުން ތިމްޕޫ ބަލިވީ 2-0 އިންނެވެ.

ރޭ ޕަރޯ އިން ވެލެންސިއާއާ 90 މިނިޓް އެއްވަރުކުރިއިރު، ދެއްކި ކުޅުމަކީ ބޫޓާނުގެ ކްލަބަކުން ގަލޮޅު ދަނޑުގައި ދެއްކި ކުޅުމެވެ. އެކަމަކު ޕަރޯގެ ކޯޗު ޕުޝްޕާލާލްގެ ފަރާތުން އެ ކަމަށް މާ ބޮޑު ސަމާލުކަމެއް ނެތެވެ.

ބޫޓާން ގައުމީ ޓީމުގެ ކުރީގެ ކީޕަރު އަދި ޕަރޯގެ ކޯޗު ޕުޝްޕާލާލް.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

"ފުޓްބޯޅައިގެ ލެވަލާ ބެހޭގޮތުން ސީދާ އެއްޗެއް ބުނަން އަހަންނަށް އުނދަގޫ. މި ވަގުތަށް ބަލާއިރު، މި މެޗުގެ ބައެއް ވަގުތުތަކުގައި އަހަރެމެން މޮޅަށް ކުޅެފައި ހުރެފާނެ. އެކަމަކު، ކޮންމެ ގޮތެއް ވިޔަސް ނިމޭއިރު އެންމެ މުހިންމު މި ވަނީ މޮޅުވާ ޓީމެއް. ނަތީޖާ މި ކަހަލަ މެޗުތަކުގައި އެންމެން ބަލާނީ ވެސް،" ރޭގެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޕުޝްޕާލާލް ބުންޏެވެ.

"އަހަންނަކަށް ނުބުނެވޭނެ ބޫޓާން ފުޓްބޯޅަ ކުރިއަރާނެއޭ. ރާއްޖޭގެ ފުޓްބޯޅަ ދަށަށް ދާނެއޭ. އަހަރެމެންނަށް މީގެ ކުރިން ވެސް ފެނިއްޖެ ރާއްޖޭގެ ފުޓްބޯޅައިގެ ވަރަށް ގިނަ ކާމިޔާބީތައް. މި ވަގުތު ރާއްޖޭގެ ފުޓްބޯޅަ އޮންނަން ޖެހޭ ލެވަލްގައި އެންމެ މަތީގައި ނެތް ކަމުގައި ވިޔަސް އުންމީދަކީ ރާއްޖޭގެ ފުޓްބޯޅަ އަލުން ކުރިއަރާނެ ކަމަށް،"

ރޭގެ މެޗުގައި ޕަރޯގެ ކުރިއަށް ކުޅުންތެރިންނަށް ދެ ވަނަ ހާފްގައި ގޯލު ޖަހަން ރަނގަޅު ފުރުސަތުތައް ލިބުނު ކަން ޕުޝްޕާލާލް ވަނީ ފާހަގަކޮށްފަ އެވެ. އެކަމަކު، ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ފުޓްބޯޅައިގައި މި ކަހަލަ ދުވަސްތައް ވެސް ދާނެކަން ކަމަށް ޕުޝްޕާލާލް ބުންޏެވެ.

"ފުރުސަތު ލިބި ބޭނުންވާ ކަންތައް ނުކުރެވުން ވެސް އެއީ ހިނގާ ކަމެއް. ނަތީޖާ މުހިންމީ، މީގެ އެކަމެއް އަހަރެމެންނަށް ނުކުރެވުނު،" ޕުޝްޕާލާލް ބުންޏެވެ.

ޕަރޯ އިން ރޭގެ މެޗަށް ނުކުތްއިރު، އެ ޓީމުގައި ބިދޭސީ ތިން ކުޅުންތެރިން ހިމެނެ އެވެ. އެއީ ފަހަތަށް ކުޅެމުން ދިޔަ ފްރަންކޮއިސް ބްލެކް އާއި މިޑްފީލްޑަރު ސްޓެފަން ޑޭންގްގެ އިތުރުން ރޭ ވެލެންސިއާ ކޮޅަށް ޕަރޯގެ ގޯލު ޖެހި މެކްސްވެލް އެލޮން އެވެ.

ޕުޝްޕާލާލް ބުނީ ބިދޭސީ ކުޅުންތެރިން ޓީމަށް ގުޅުނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން އިންޑިއާގެ ނިއު ދިއްލީގައި އެ ޓީމުން ޓްރެއިނިން ކޭމްޕްގައި ތިއްބައި ކަމަށެވެ. އެެހެންވެ، ރޭގެ މެޗުގައި އެ ޓީމުގެ ބިދޭސީ ކުޅުންތެރިންނަށް ރަނގަޅަށް ނުކުޅެވުނީ ފިޓްނަސް ލެވަލް ވެސް އެންމެ ބޭނުންވާ ފެންވަރަށް ނެތުން ކަމަށް ޕުޝްޕާލާލް ވަނީ ބުނެފަ އެވެ.

ޕްރިލިމިނަރީ ދެ ވަނަ ބުރުގައި ވެލެންސިއާ އިން މި މަހު 12 ވަނަ ދުވަހު ބަންގްލަދޭޝްގައި އެ ގައުމުގެ ޑާކާ އަބަހާނީއާ ބައްދަލުކުރާނެ އެވެ. އަބަހާނީއާ ކުޅޭ މެޗުން މޮޅުވެއްޖެނަމަ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވާން ކުޅޭ ޕްލޭއޮފް މެޗުގައި ނުކުންނާނީ އިންޑިއާގެ އޭޓީކޭ މޯހަން ބަގާން ނުވަތަ ބްލޫ ސްޓާ ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ޕުޝްޕާލާލް އެދެނީ ވެލެންސިއާ ކޮލިފައިންގައި ދެން އޮތް ދެ މެޗުން ވެސް މޮޅުވެ ގްރޫޕް ސްޓޭޖަށް ކޮލިފައިވުމެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕްގައި މި ވަގުތު އޮތީ ތިން ޓީމެކެވެ. އެއީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި އިންޑިއާގެ ގޯކުލަމް ކެރަލާ އަދި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް އެވެ. ދެން އެ ގްރޫޕަށް ވަންނާނީ ކޮލިފައިން ކާމިޔާބުުކުރާ ޓީމެކެވެ. އަންނަ މަހު 18-24 އަށް އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕްގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުޅޭނީ އިންޑިއާގެ ކޮލްކަތާގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox