ގްރީން ސްޓްރީޓްސް އަށް 50،000 ރުފިޔާގެ ޖޫރިމަނާ އަކާ އެކު ޓްރާންސްފާ ބޭން އެއް، ވެލެންސިއާ ރެލިގޭޓް!

Feb 8, 2026, 8:05 AM
ގްރީން ސްޓްރީޓްސް އަށް 50،000 ރުފިޔާގެ ޖޫރިމަނާ އަކާ އެކު ޓްރާންސްފާ ބޭން އެއް، ވެލެންސިއާ ރެލިގޭޓް!

ކްލަބް ގްރީން ސްޓްރީޓްސް އިން ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗަށް ހާޒިރުނުވި މައްސަލައިގައި އެ ޓީމު 50،000 ރުފިޔާގެ ޖޫރިމަނާއެއް ދައްކަން އަންގައި، ކުޅުންތެރިން ރަޖިސްޓްރީ ނުކުރެވޭ ގޮތަށް ޓްރާންސްފާ ބޭން އެއް ދީފި އެވެ.

އެފްއޭއެމް ޑިސިޕްލިނަރީ ކޮމިޓީގެ މި ނިންމުމާ އެކު، ގްރީން ސްޓްރީޓްސްގެ ޕޮއިންޓެއް އުނިކުރަން ނެތުމުން، ކްލަބް ވެލެންސިއާ ވަނީ ރެލިގޭޓްވެފަ އެވެ.

މީޑިއާތަކަށް އެފްއޭއެމް އިން ހިއްސާކުރި މައުލޫމާތުގައި ބުނެފައިވަނީ، ދިވެހި ޕްރިމިއާ ލީގު 25/26 ގެ ގަވާއިދުގެ 12 ވަނަ މާއްދާގެ ދަށުން ގްރީން ސްޓްރީޓްސް 50،000 ރ. އިން ޖޫރިމަނާކޮށް، އެ ފައިސާ 15 ދުވަސް ތެރޭ ދައްކަން އަންގާފައިވާ ކަމަށެވެ.

އަދި، އެފްއޭއެމް ޑިސިޕްލިނަރީ ކޯޓުގެ ނުވަ ވަނަ މާއްދާގެ ދަށުން އެންމެ އަވަހަށް އަންނަ ޓްރާންސްފާ މާކެޓެއްގައި ގްރީން ސްޓްރީޓްސް އަށް އެއްވެސް ގޮތަކަށް ހަރަކާތްތެރިނުވެވޭ ގޮތަށް އަދަބު ދިނުމަށް ފަހު، ކުރިއަށް އޮތް ތަނުގައި މި ފަދަ ކަމެއް ތަކުރާރުކޮށްފިނަމަ އެންމެ ހަރުކަށި ފިޔަަވަޅެއް އަޅާނެ ކަމަށް އެފްއޭއެމް އިން ވަނީ ގްރީން ސްޓްރީޓްސް އަށް އަންގައިފަ އެވެ.

މީގެ އިތުރުން، މި މައްސަލައާ މެދު ހިތްހަމަނުޖެހުމެއް އޮތްނަމަ، އެޕީލްކުރަން ގްރީން ސްޓްރީޓްސް އަށް ހަތް ދުވަހުގެ މުހުލަތެއް ވަނީ ދީފަ އެވެ.

ގްރީން އާއި ވެލެންސިއާގެ މައްސަލަ

މި ފަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ފޯމެޓް ރޭވިފައި އޮތްގޮތުން، 10 ޓީމު ވާދަކުރާ މި ފަހަރުގެ މުބާރާތުގެ ދެ ބުރުގެ ކުޅުން ނިމޭއިރު ފުލަށް ދާ ދެ ޓީމެއް އޮޓޮމެޓިކުން ރެލިގޭޓްވާނެ އެވެ. އަދި، ހަތް ވަނަ އަށް ދާ ޓީމާއި އަށް ވަނައިގައި ނިންމާ ޓީމުން ރެލިގޭޝަން ޕްލޭއޮފްގައި ކުޅެން ޖެހޭނެ އެވެ.

ވެލެންސިއާ އަށް އޮޓޮމެޓިކް ރެލިގޭޝަނުން ސަލާމަތްވުމަށްޓަކައި، ކުޅުނު ފަހު މެޗުން، 2-0 އިން އީގަލްސް ބަލިކުރި އެވެ. ވެލެންސިއާ އަށް ސަލާމަތްވެވެން އޮތް ގޮތަކީ، ލީގުގައި ނިއު އިން ފަސް ގޯލުގެ ތަފާތުން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށްފިނަމަ އެވެ. އެއީ، ވެލެންސިއާ އަށް ގެއްލުން 28 ގޯލު އޮތްއިރު، ގްރީން ސްޓްރީޓްސް އަށް ގެއްލުން އޮތީ 24 ގޯލެވެ. އެ ޓީމަށް 18 މެޗުން 12 ޕޮއިންޓް ލިބިފައިވެ އެވެ. ގްރީން ސްޓްރީޓްސް އިން ފަހު މެޗަށް ހާޒިރުނުވުމުން، ގަވާއިދުގައިވާ ގޮތުގެ މަތިން ނިއު އަށް މެޗު ލިބުނީ 2-0 އިންނެވެ. މާނަ އަކީ، ވެެލެންސިއާ ރެލިގޭޓްވުމެވެ.

ގްރީން ސްޓްރީޓްސް އިން ގަސްދުގައި މެޗަށް ހާޒިރުނުވި ކަމަށް ވާހަކަ ދެކެވޭއިރު، އޭގެ ގެއްލުން ވެލެންސިއާ އަށް ކުރިމަތިވެފައިވާއިރު، މީގެ ކުރިން، ލީގުގެ މެޗަކަށް ހާޒިރުނުވާ ޓީމުތަކަށް ގަވާއިދުގެ ތެރެއިން ޑިސިޕްލިނަރީ ފިޔަވަޅެއްގެ ގޮތުން އަޅާފައިވަނީ 25،000 ރުފިޔާގެ ޖޫރިމަނާއެއް ދައްކަން ޖެހޭ ގޮތަށެވެ. އެކަމަކު، މި ފަހަރު ގްރީން ސްޓްރީޓްސް 50،000 ރުފިޔާ އިން ވަނީ ޖޫރިމަނާކޮށްފަ އެވެ.

ވެލެންސިއާ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެ ކްލަބުން ކުޅެން ޖެހިފައި އޮތް މެޗުތައް ނިމިފައިވަނިކޮށް ގްރީން ސްޓްރީޓްސް އިން އެ ޓީމުގެ ފަހު މެޗަށް ހާޒިރުނުވުމަކީ ގަސްދުގައި ކުރި "މެޗު ފިކްސިން" ގެ އަމަލެއް ކަމަށެވެ. އަދި، މިއީ، ވެލެންސިއާގެ ހައްގަކަށް އަރައިގަތުމަށް ހިންގި އަމަލެއް ކަމަށާއި، މިއީ އިއްޔެ މެޗުގައި ގްރީން ސްޓްރީޓްސް އިން ވާދަކުރަން އޮތް ނިއު އާއި އެހެން ކްލަބްތަކާއި އެ ޓީމުގެ ކުޅުންތެރިންގެ ހައްގުތަކެއް ވެސް ގެއްލިގެންދާ ކަމެއް ކަމަށް ވެލެންސިއާ އިން ވަނީ ބުނެފަ އެވެ. އަދި، އެ ކަން ވެލެންސިއާ އިން ފީފާ/އޭއެފްސީ އަށް ހުށަހަޅާނެ ކަމަށް ވެސް ވަނީ ބުނެފަ އެެވެ.

ވެލެންސިއާ އިން އެފްއޭއެމަށް ހުށަހެޅި މައްސަލައިގެ ޖަވާބުގައި، އެފްއޭއެމް އިން އެ މައްސަލަ ބަލަމުން އަންނަ ކަމަށް އެ ކްލަބަށް އަންގާފައިވާ ކަމަށް ވެލެންސިއާ އިން ވަނީ ބުނެފަ އެވެ. އަދި، މިއަދުގެ ނިންމުމާ އެކު، ވެލެންސިއާ މި ވަނީ ރެލިގޭޓްވެފަ އެވެ.

ގްރީން ސްޓްރީޓްސް އިން އަންނަނީ 2017 ވަނަ އަހަރު ޕްރޮމޯޓްވި ފަހުން ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުންނެވެ.

ވެލެންސިއާ ރެލިގޭޓްވުމާ އެކު، މިއީ، އަށް ވަރަކަށް އަހަރު ތެރޭ އެ ޓީމު ރެލިގޭޓްވެ، ދެ ވަނަ ޑިވިޝަނަށް ވެއްޓުނު ދެ ވަނަ ފަހަރެެވެ. މީގެ ކުރިން، 2018 ވަނަ އަހަރު ވެސް އެ ޓީމު ރެލިގޭޓްވެފައިވާއިރު، އަލުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވީ، 2020 ވަނަ އަހަރު ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox