ޗެލްސީ ވިއްކާލަން ނިންމާފައިވާ ކަމަށް އަބްރަމޮވިޗް ބުނެފި

Mar 2, 2022, 6:51 PM
ޗެލްސީ ވިއްކާލަން ނިންމާފައިވާ ކަމަށް އަބްރަމޮވިޗް ބުނެފި

ލަންޑަން (މާޗް 2) - ރަޝިއާ އާއި ޔޫކްރެއިން މައްސަލައިގައި ކުރިމަތިވަމުން އަންނަ ފިއްތުންތަކާ ހެދި ޗެލްސީގެ ވެރިޔަކަށް ހުރި ރަޝިއާގެ މަހުޖަނު ރޯމަން އަބްރަމޮވިޗް އެ ކްލަބް ވިއްކާލަން ނިންމާފައިވާކަން ރަސްމީކޮށް އިއުލާނުކޮށްފި އެވެ.

ޔޫކްރެއިނާއި ރަޝިއާ ހަނގުރާމައިގެ ސަބަބުން އިނގިރޭސިވިލާތުން ރަޝިއާ އަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފަ އެވެ. އޭގެއިން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ޗެލްސީގެ ވެރިޔާ، އަބްރަމޮވިޗް އަތުން އެ ކްލަބް އަތުލަން ގިނަ ސިޔާސީ ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ. އެއީ އަބްރަމޮވިޗަކީ ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިންގެ އަރިސް މީހަކަށް ވާތީ އެވެ.

އަބްރަމޮވިޗަށް ކުރިމަތިވަމުން އަންނަ ޕްރެޝަރުތަކާ ހެދި އޭނާ އެންމެ ފުރަތަމަ ބަޔާނެއް ނެރެ ބުނެފައިވަނީ ކްލަބް ހިންގުމުގެ ކަންކަން އެ ކްލަބްގެ ފައުންޑޭޝަނާ ހަވާލުކޮށްފައި ކަމަށެވެ. އެކަމަކު، މިރޭ އަބްރަމޮވިޗް ވަނީ އޭނާ އެ ކްލަބް ވިއްކާލަން ނިންމާފައިވާކަން އިއުލާނުކޮށްފަ އެވެ.

ޗެލްސީ ރަސްމީ ވެބްސައިޓް މެދުވެރިކޮށް އަބްރަމޮވިޗް މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކްލަބް ވިއްކާލަން އުޅޭ ވާހަކަތަކަކީ ހަގީގަތެއް ކަމަށާއި އެއީ އުނދަގޫ ނިންމުމެއް ނަމަވެސް އެކަން ކުރަން ޖެހިފައިވަނީ ކްލަބަށް ރަނގަޅު ގޮތް އެދޭތީ ކަމަށެވެ.

ޗެލްސީ އަށް އަބްރަމޮވިޗްގެ އެކި ވިޔަފާރިތައް މެދުވެރިކޮށް ދީފައިވާ އެއްވެސް ލޯނެއް އަނބުރާ އޭނާ އަށް ދޭން ނުޖެހޭނެ ކަމަށް ވަނީ ބުނެފަ އެވެ. ސަބަބަކީ ޗެލްސީގެ ކަންކަން ކޮށްފައިވަނީ ވިޔަފާރީގެ ފައިދާ އަށް ބެލުމަށް ވުރެ ބޮޑަށް ފުޓްބޯޅަ އަށް ހުރި ޝައުގުވެެރިކަމަކާ ހެދި ކަމަށް އަބްރަމޮވިޗް ބުންޏެވެ.

"އަހަރެން ވާނީ ޓީމު ކައިރީގައި ކްލަބް ވިއްކާލައިގެން ލިބޭ ފައިސާގެ ވަކި އިންސައްތައެއް ފައުންޑޭޝަން މެދުވެރިކޮށް ޔޫކްރެއިންގައި މިހާރު ހަނގުރާމައިގެ ސަބަބުން ދަތި ހާލުގައި އުޅޭ މީހުންނަށް ހަދިޔާކުރަން ނިންމާފައި. މި އެހީގެ ތެރޭގައި މި ވަގުތު ފައިސާ ބޭނުންވާ މީހުންނާއި ދުރު މުސްތަގުބަލަކަށް ވިސްނައި އެހީތެރިކަން ބޭނުންވާ މީހުންނަށް އެހީތެރިވުން ވެސް ހިމެނޭ،" އަބްރަމޮވިޗް ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އަބްރަމޮވިޗް ޗެލްސީ ގަތީ 2003 ވަނަ އަހަރު 140 މިލިއަން ޕައުންޑް (186 މިލިއަން ޑޮލަރު) އަށެވެ. ރިޕޯޓްތައް ބުނާގޮތުން އަބްރަމޮވިޗް ޗެލްސީ ވިއްކާލަން ކިޔާ އަގު އުޅެނީ ހަތަރު ބިިލިއަން ޑޮލަރުގަ އެވެ.

ރަޝިޔާގެ ކުރީގެ ޖާސޫސަކަށް އިނގިރޭސި ވިލާތުގައި ވިހަ ދިން މައްސަލައިގައި އުފެދުނު ހިޔާލުތަފާތުވުންތަކުގެ ތެރެއިން 2018 ވަނަ އަހަރު އިނގިރޭސި ސަރުކާރުން ނިންމީ އަބްރަމޮވިޗް ހިމެނޭ ގޮތަށް ރަޝިއާގެ ގިނަ މަހުޖަނުންގެ އިންވެސްޓްމަންޓް ވިސާ އާ ނުކޮށްދޭށެވެ. އެހެންވެ، އަބްރަމޮވިޗް ވަނީ އިޒްރޭލުގެ ރަށްވެހިކަން ހޯދައިފަ އެވެ.

އިޒްރޭލުގެ ޓެލް އަވީވްގައި ދިރިއުޅެމުން އަންނަ އަބްރަމޮވިޗަށް ޔަހޫދީންނަށް ދޭ ހާއްސަ ކްރައިޓީރިއާ އަކުން ޕޯޗުގީސް ރަށްވެހިކަން ވެސް ދީފައިވާއިރު، އަބްރަމޮވިޗް ތިން އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޗެލްސީ މެޗަކަށް ލަންޑަނަށް ދިޔައީ މިދިޔަ ނޮވެމްބަރު މަހު އިޒްރޭލް ރަށްވެއްސެއްގެ ގޮތުގަ އެވެ. ރަޝިއާ-ޔޫކްރެއިން މައްސަލައިގައި އިނގިރޭސި ސަރުކާރުން ވަނީ އެއްވެސް ސިފައެއްގައި އަބްރަމޮވިޗަށް އިންގްލެންޑްގައި ނޫޅެވޭނެ ކަމަށް ނިންމައިފަ އެވެ.

އަބްރަމޮވިޗް މިރޭގެ ބަޔާން ނިންމާލަމުން ބުނެފައިވަނީ އުންމީދަކީ ޗެލްސީގެ ދަނޑަށް އައިސް ސަޕޯޓަރުންނާ އެކު ވަދާއީ ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުސަތު ލިބުން ކަމަށެވެ. މުޅި އުމުރުގައި ވެސް ހަނދާން ހުންނާނެ އެއް ކަންތައްތަކަކީ ޗެލްސީއާ އެކު މިހޭދަވި 20 ވަރަކަށް އަހަރު ކަމަށް އަބްރަމޮވިޗް ވަނީ ބުނެފަ އެވެ.

ޗެލްސީއާ އެކު ހޭދަކުރި މުއްދަތުގައި އަބްރަމޮވިޗް ވަނީ އެ ޓީމަށް ގިނަ ކާމިޔާބީތަކެއް ހޯދަން ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފަ އެވެ. އެ ގޮތުން ޗެލްސީން އަބްރަމޮވިޗް އެ ކްލަބް ގަތްތާ ދެ އަހަރު ނުވަނިސް 50 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ލީގު ކާމިޔާބުކުރި އެވެ.

ޖުމްލަ އެއްކޮށް އަބްރަމޮވިޗްގެ ދައުރުގައި ފަސް ފަހަރު ލީގު ހޯދައި، ދެ ފަހަރު ޗެމްޕިއަންސް ލީގު ހޯދައި، ދެ ފަހަރު ޔޫރޮޕާ ލީގު ހޯދައި، ފަސް ފަހަރު އެފްއޭ ކަޕް ހޯދުމުގެ އިތުރުން ތިން ފަހަރު ލީގު ކަޕާއި އެއް ފަހަރު ޔުއެފާ ސުޕަކާއި ކްލަބް ވޯލްޑް ކަޕް ކާމިޔާބުކުރި އެވެ. މިދިޔަ 20 އަކަށް އަހަރަށް ބަލާނަމަ އިނގިރޭސި އެންމެ ކާމިޔާބު ޓީމަކީ ޗެލްސީ އެވެ.

އަބްރަމޮވިޗް އަތުން ޗެލްސީ ގަންނަން ޝައުގުވެރިވާ ފަރާތްތަކުގެ ތެރޭގައި ސްވިޒަލެންޑްގެ ބިލިއަނަރު ހަންސްޔޯގް ވީސް، އިނގިރޭސި އެންމެ މުއްސަނދި ވިޔަފާރިވެރިޔާ، މަހުޖަނު ޖިމް ރެޓްކްލިފް އަދި އެމެރިކާގެ ވިޔަފާރިވެރިޔާ ޓޮޑް ބޮއޭލީ ހިމެނެ އެވެ. މީގެ ތެރެއިން ޓޮޑް އާއި ރެޓްކްލިފް ވަނީ މިދިޔަ ތިން އަހަރު ތެރޭ ދެ ފަހަރު ޗެލްސީ ގަންނަން ބިޑް ކޮށްފަ އެވެ. އަބްރަމޮވިޗް ވަނީ އެ ދެ ބިޑް ވެސް އަނބުރާ ފޮނުވާލައިފަ އެެވެ.

މީގެ އިތުރުން ބޮކްސިން ތެޅުންތެރިޔާ، ކޮނާ މެގްގްރެގާ ވެސް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ޗެލްސީ ގަންނަން ޝައުގުވެރިކަން ހުރިކަމުގެ އިޝާރާތެއް ދީފަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox