އެމެރިކާއިން ހޯދަމުން ދިޔަ މީހަކު ޕާކިސްތާނުން ހައްޔަރުކޮށްފި
އޮޅުވާލައިގެން ވަގު ސްޓޭމްޕާއި ލޭބަލް ވިއްކައިގެން އެމެރިކާގެ ޕޯސްޓަލް ސާވިސްއަށް 126 މިލިއަން ޑޮލަރުގެ ގެއްލުންދިން ޕާކިސްތާނު މީހަކު އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ހައްޔަރުކޮށްފިއެވެ. ފަހީމް އަކްރަމް ނަމަކަށް ކިޔާ މި މީހާ ވެބްސައިޓެއް މެދުވެރިކޮށް ފަސް މިލިއަނަށް ވުރެ ގިނަ ވަގު ލޭބަލް ވިއްކާފައިވާތީ، އެމެރިކާގެ ކޯޓަކުން މިދިޔަ މަހު ވަނީ އޭނާގެ މައްޗަށް ދައުވާ އުފުލާފައެވެ. އޭނާ ހޯދުމަށް އެހީތެރިވާ ފަރާތަކަށް އެމެރިކާއިން ބޮޑު އިނާމެއް ހުށަހަޅާފައިވާއިރު، މިހާރު ވަނީ އޭނާ ހިންގި ވެބްސައިޓް ބަންދުކޮށްފައެވެ.