FOLLOW ADHADHU

ނޭޕާލު ކޯޗު ސާފް ގޮވައިގެން ކޯޓަށްދާނެ ކަމުގެ އިންޒާރުދީފި

ޭނޭޕާލްގެ ކޯޗު އަބްދުﷲ އަލް މުތައިރީ.--- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


ނޭޕާލު ކޯޗު ސާފް ގޮވައިގެން ކޯޓަށްދާނެ ކަމުގެ އިންޒާރުދީފި

އުރީދޫ ސާފް ޗެމްޕިއަންޝިޕް ފައިނަލްގައި މިރޭ އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗުގައި ޓީމަށް އިރުޝާދުދޭން ބެންޗުގައި ނީނދެވޭ ގޮތަށް ނިންނި ނިންމުމާ ދެކޮޅަށް ކުޅިވަރުގެ ކަންތައްތަކުގެ އެންމެ މަތީ ކޯޓު، ކޯޓް އޮފް އާބިޓްރޭޝަން (ކާސް) އަށް ދާނެ ކަމަށް ނޭޕާލުގެ ކޯޗު އަބްދުﷲ އަލް މުތައިރީގެ ބުނެފި އެވެ.

ކުވެއިތަށް އުފަން މުތައިރީ އަށް ވަނީ މި ފަހަރުގެ ސާފްގައި ލަންކާ މެޗާއި އެންމެ ފަހުން ކުޅުނު ބަންގްލަދޭޝް މެޗުގައި ވެސް ރީނދޫ ކާޑު ދައްކައިފަ އެވެ. ދެ ރީނދޫ ކާޑު ހަމަވެގެން ސާފުން ވަނީ މުތައިރީ ފައިނަލަށް ސަސްޕެންޑްކޮށްފަ އެވެ.

އަދި ދުނިޔޭގެ އެހެން މުބާރަތްތަކާ ހިލާފަށް ފައިނަލް މެޗުގައި މުތައިރީއަށް ސްޓޭޑިއަމަށް ނުވަދެވޭނެ ކަމަށް ސާފުން ނޭޕާލްގެ ފުޓްބޯލް ފެޑެރޭޝަނަށް ފޮނުވި ސިޓީގައި ބުނެފައި ވެ އެވެ.

އެ ނިންމުމާމެދު ހިތްހަމަނުޖެހިގެން މުތައިރީ ބުނީ ސާފް ޗެމްޕިއަންޝިޕްގެ ގަވައިދުގައި ދެ ރީނދޫ ކާޑު ހަމަވެގެން ޖެހިގެން އަންނަ މެޗުން ކުޅުންތެރިން ސަސްޕެންޑުވާނެކަމަށް ބުނެފައިވީ ނަމަވެސް، އޮފިޝަލުންގެ ވާހަކައެއް އެ މާއްދާގައި ބުނެފައިނުވާ ކަމަށެވެ.

"އަހަރެން މިހުރީ ހަމަ ހައިރާންވެފަ ސާފްގެ ބޭއިންސާފުކަމާ މެދު. ސާފުން އަމިއްލައަށް ހެދި ގަވައިދަށް އަމަލުނުކުރާކަން ހާމަވެގެން މިދިޔައީ. ގަވައިދު މި ބަދަލުކުރީ ސީދާ އަހަރެންނާ ޒާތީކަމެއް އޮވެގެން،" މުތައިރީ ބުންޏެވެ.

ނަމަވެސް، މިކަމުގެ ސަބަބުން އަދަބު ލިބެނީ ހަމައެކަނި އޭނާއަށް ނޫން ކަމަށާއި މުޅި ނޭޕާލް ފުޓުބޯޅައަށް ކަމަށް އޭނާ ބުންޏެވެ.

މުތައިރީ ވަނީ ނޭޕާލާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ބަންގްލަދޭޝް ކުޅުންތެރިންނާއި އޮފިޝަލުން ދަނޑަށް އަރައި ރެފްރީ އަށް އިންޒާރުދީ ކަންކަން ކުރިއިރު އެ މީހުންނަށް އެއްވެސް އަދަބެއް ނުދޭތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އިންޑިއާ އިން ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގައި އިންޑިއާގެ ކޯޗު އީގޯ ސްޓިމަކް ތަކުރާރުކޮށް ރެފްރީގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރާތީ އޭނާ އަށް ވެސް ދެ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައި ވަނީ ބެންޗުން ފޮނުވާލައިފަ އެވެ.

ސްޓިމަކްއަށް ވެސް ފައިނަލުގައި ބެންޗުގައި ނީނދެވޭނެ އެވެ.

މުތައިރީ ތުހުމަތުކުރާ ގޮތުގައި، ސާފުން އޭނާއާ މެދު ބޭއިންސާފުން ފިޔަވަޅު އެޅީ ދެ ޓީމަށް ހަމަހަމަކުރުމުގެ ނިޔަތުގައި އެވެ.

އޭގެ އިތުރުން، މި މުބާރާތުގައި ނޭޕާލް ޓީމުން ހޯދަމުންދާ ކާމިޔާބީއާމެދު ކަންބޮޑުވެ، ނޭޕާލަށް ތަށި ލިބެން އޮތް ފުރުސަތު ހަނިކޮށްފައިވާ ކަމަށް ވެސް އޭނާ ތުހުމަތުކުރި އެވެ.

"އަހަރެން މަޑުން ނުހުންނާނަން. ކާސް އަށް ވެސް ދާނަން. ހުރިހާ އެތިކްސް ކޮމިޓީތަކަށް ސިޓީ ފޮނުވާނަން. އެ މީހުން އެ ކުރަނީ ވަރަށް ގޯސްކަމެއް. އަހަރެންނަށް ފައިނަލުގައި ބައިވެރިނުވެވުނަސް، ނޭޕާލް ފެޑެރޭޝަނަށް އިންސާފު ހޯދައިދޭނަން،" މުތައިރީ ބުންޏެވެ.

މުތައިރީ ވަނީ މި ފަހަރުގެ ސާފް އަށް ފަހު ނޭޕާލް ދޫކޮށްލާނެކަން އިއުލާނުކޮށްފަ އެވެ.

ނޭޕާލުން އެންމެ ފަހުން އިންޑިއާ ބަލިކުރީ 2013 ވަނަ އަހަރު އެ ގައުމުގައި ހޯސްޓް ކުރި ސާފް ޗެމްޕިއަންޝިޕްގަ އެވެ. މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ލީގު ބުރުގައި އިންޑިއާ ވަނީ ފަހު ވަގުތު ގޯލު ޖަހައި ނޭޕާލް ބަލިކޮށްފަ އެވެ.

މިއީ ހަތް ފަަހަރު ޗެމްޕިއަންކަން ހޯދާފައިވާ އިންޑިއާ އިން ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ކުޅޭ 12 ވަނަ ފަހަރެވެ.

އަނެއް ކޮޅުން ފަސް ފަހަރު ސެމީ ފައިނަލުން ބަލިވި ނޭޕާލުން މަސައްކަތް ކުރާނީ ފުރަތަމަ ފަހަރަށް ފައިނަލަށް ނުކުމެ ތަށި ހޯދުމަށެވެ. މިރޭގެ ފައިނަލް މެޗު ފަށާނީ 8 ޖަހާއިރު އެވެ